މެޑްރިޑް (ފެބްރުއަރީ 16) – ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާނު އެ ޓީމަށް ހޯދައިދީފައިވާ ޓްރޮފީތަކަށް އިޝާރާތްކޮށް އޭނާގެ ދިފާއުގައި އެ ޓީމުގެ ޓޯނީ ކްރޫސްވާހަކަދައްކައިފި އެވެ.
މެޑްރިޑުގެ ކުރީގެ ކުޅުންތެރިޔާ އެ ޓީމާ ހަވާލުވެ ޖެހިޖެހިގެން ދެ ސީޒަނުގައި ޗެމްޕިއަންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްދީ އަދި ސްޕެނިޝް ލީގު އެއް ފަހަރު ކާމިޔާބުކޮށްދިނެވެ. އެކަމަކު މި ސީޒަނުގައި މެޑްރިޑުގެ ނަތީޖާތައް ވަނީ ދަށްވެފަ އެވެ. އޭނާ އަށް ލިބޭނެ ފަހު ފުރުސަތުތަކީ ރިޕޯޓްތައް ބުނާ ގޮތުގައި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރެވެ. އޭނާ ވަނީ އެ ބުރުގެ ފުރަތަމަ ލެގުގައި ފްރާންސުގެ ގަދަބާރު ޕީއެސްޖީ އަތުން 3-1 އިން މޮޅުވެފަ އެވެ.
"ރެއާލް މެޑްރިޑް ކަހަލަ ޓީމެއްގައި އަބަދުވެސް، ވާހަކަތައް ފެންމަތިވާނެ ކަންކަން ރަނގަޅަށް ނުދަންޏާ. ޒިދާން އެ ވަނީ ދެ އަހަރުގެ ތެރޭ އަށް ތަށި ހޯދައިދީފައި. އެއީ ފުދިފައި ވެސް އިތުރުވާ ވަރެއް،" ކްރޫސް ބުންޏެވެ.
ޖަރުމަން ގައުމީ ޓީމުގެ މިޑްފީލްޑަރު ބުނީ ވަރަށް އުނދަގޫ ހާލަތެއްގައި ދަތުރުކޮށްފައިވާ ކަމަށާއި އެކަމަކު މިދިޔަ ހަފުތާތަކުގައި ޓީމުން ފެންވަރު މަތިކޮށްފައިވާ ކަމަށެވެ.
"އަދި އަހަންނަށް އިތުބާރު އެބައޮތް ކުރިއަށްދާ ދިއުމުގައި ކާމިޔާބުވާނެ ކަމުގެ،" ކްރޫސް ބުންޏެވެ. "މި މޮޅު (ޕީއެސްޖީ) ވަރަށް މުހިއްމު ސަބަބަކީ މިވަގުތު އަހަރެމެންނަށް ކާމިޔާބުކުރެވެން އޮތް ހަމައެކަނި މުބާރާތަކީ ޗެމްޕިއަންސް ލީގު ކަމަށްވާތީ."