ރާއްޖެއަކީ ޓޫރިޒަމްގެ މަންޒިލެއް ކަމަށްވިޔަސް ރާއްޖޭގެ ފުޓްބޯޅައިގައި ސުޕަ ޕްރޮފެޝަނަލް ކުޅުންތެރިން ނޫޅޭ ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ކަމުގައި އޭނާގެ ފުރަތަމަ މެޗަށް ނުކުންނަ މާޓިން ކޫޕްމަން ބުނެފި އެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ސީރިއާ އާ ދެކޮޅަށް ރާއްޖެ މިއަދު ކުޅޭ މެޗުގެ ޕްރީ މެޗު ޕްރެސްގައި ސީރިއާގެ ނޫސްވެރިން ކުރި އެއް ސުވާލަކީ ރާއްޖެއަކީ ޓޫރިސްޓް މަންޒިލަކަށް ވާއިރު ރާއްޖޭގެ ފުޓްބޯޅައިގެ ލެވަލް އޮތީ ކިހިނެއްތޯ އެވެ.
"ރާއްޖޭގައި ޓޫރިޒަމް ވެސް އެބައޮތް އަދި ރާއްޖޭގައި ފުޓްބޯޅަ ކުޅުންތެރިން ވެސް އެބަތިބި،" ޕްރެސްގައި ކޫޕްމަން ބުންޏެވެ. "އެ ކުޅުންތެރިންނަކީ ސުޕަ ޕްރޮފެޝަނަލް ކުޅުންތެރިންނެއް ނޫން. އެކަމަކު އަހަރެމެން ބޭނުން އެ ކުޅުންތެރިންނަކީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންނަށް ވާން."
އޭނާ ބުނީ، ކުޅުންތެރިންގެ ފަރާތުން ގަޑިއަށް ހާޒިރުވުމާއި ޓްރޭނިންތަކުގައި ފެންނަން ޖެހޭ ލެވަލްގައި އެ ކުޅުންތެރިންގެ މަސައްކަތް ފެނިގެންދާ ކަމަށެވެ. އެހެންވެ ރާއްޖޭގެ ކުޅުންތެރިންނަކީ އޭނާގެ ދަރިންތަކެއް ފަދަ ބައެއް ކަމަށް ކޫޕްމަން ސިފަކުރި އެވެ.
"އެ ކުޅުންތެރިންގެ ފަރާތުން 100 ޕަސެންޓް ނުދޭނަމަ އަހަރެން ނުހުންނާނަން. އަހަރެން ހުންނާނީ އެހެން ގައުމެއްގައި. މި ކުޅުންތެރިންނަކީ އަހަރެންގެ ދަރިންތަކެއް. އެހެންވެ ރާއްޖޭގައި އަހަރެން މިހުރީ އުފަލުން."
ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ގުރޫޕް އޭގެ ބާކީ މެޗުތައް ޗައިނާގައި ކުޅެން ހަމަޖައްސާފައި ވަނިކޮށް، ރާއްޖެ އާއި ސީރިއާ އަދި ފިލިޕީންސަށް ޗައިނާ އަށް ދަތުރު ކުރުމުގެ ހުއްދަ ނުލިބުމުން އޭއެފްސީން ނިންމީ، މެޗުތައް ޔޫއޭއީ އަށް ބަދަލު ކުރުމަށެވެ.
ކުރިން އޮތް ގޮތުން ރާއްޖޭގެ ފުރަތަމަ މެޗުގައި ނުކުންނަން އޮތީ ޗައިނާއާ ދެކޮޅަށެވެ. އެހެންނަމަވެސް ޔޫއޭއީ އަށް މެޗުތައް ބަދަލު ކުރުމުން، ރާއްޖޭގެ ފުރަތަމަ މެޗު ސީރިއާއާ ދެކޮޅަށް ކުޅޭ ގޮތަށް އޭއެފްސީން ވަނީ ހަމަޖައްސައިފަ އެވެ.
މިހާރު ކުރިމަތިވެފައި އޮތް ހާލަތުގައި މެޗުތައް ކުޅުން އެންމެ އިންސާފުވެރި ނޫން ކަމަށް ކޫޕްމަން ބުންޏެވެ. މުބާރާތަށް ރާއްޖެ އަށް ތައްޔާރުވާން ހޮޓެލެއްގެ ބޯލްރޫމްގައި ޓްރޭނިން ހަދަން ޖެހުނު ވާހަކަ އާއި ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ހަތް ކުޅުންތެރިޔަކު ސްކޮޑުން އެކަހެރި ކުރަން ޖެހުނުކަން ފާހަގަކުރަމުން ކޫޕްމަން ބުނީ މި ހާލަތުގައި މި މެޗުތައް ކުޅުމަކީ ރާއްޖެއާ މެދު ވެވޭ ބޭއިންސާފެއް ކަމަށެވެ.
"މިހާ ހިސާބަށް އަހަރެމެން މި އައީ ވަރަށް ގިނަ އުނދަގޫތަކެއް ކަޑަތު ކުރުމަށް ފަހު. ވަރަށް ގިނަ ކަންތައްތަކެއް ހައްލު ކުރަން ޖެހުނު. މި ހާލަތުގެ ގޮތުން މި ވަގުތު މި މެޗުތައް ކުޅެވިގެން ނުވާނެ،" ސީރިއާ އާއި ޔޫއޭއީގެ މީޑީއާއާ ބައްދަލުކޮށް އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޫޕްމަން ބުންޏެވެ.
"މިިދިޔަ އަހަރު އަހަރެމެން މި މެޗުތައް ކުޅެން ތައްޔާރުވިން. ނަމަވެސް އެފަހަރު ނިންމީ މެޗުތައް ފަސް ކުރުމަށް. މި ހާލަތުގައި އަހަރެމެންނަށް އެކަށީގެންވާ ވަރަށް ޓްރޭނިންގެ ފުރުސަތެއް ނުލިބުނު. އެފްއޭއެމުން މި ހާލަތުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރި... މެޗުތައް މި ވަގުތު ކުޅުމަކީ އަހަރެމެންނާ މެދު ވެވޭ ބޭއިންސާފެއް."
ކޫޕްމަންގެ ވިސްނުން ހުރީ ސީރިއާއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރު ކޮށްލުމެވެ. ސީރިއާ މެޗުތައް އެނަލައިޒް ކުރުމަށް ފަހު ރާއްޖެ އިން މެޗު ކުޅެން ޖެހޭނެ ގޮތުގެ ވިސްނުމެއް ޕްރެކްޓިސްތަކުގައި ބޭނުން ކޮށްފައިވާނެ ކަމަށް އޭނާ ބުންޏެވެ.
ރާއްޖެ އާއި ސީރިއާ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ ނުވައެއް ޖަހާއިރު އެވެ. އެ މެޗު ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ދައްކާނެ އެވެ.