އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖް މެޗުތައް ހޯސްޓް ކުރަން ލިބުމުގައި މިފަހަރު ވެސް ރާއްޖެ އަށް ފުރުސަތު ބޮޑު ކަމަށް ބެލެވެން ފަށައިފި އެވެ.

އޭއެފްސީ ކަޕުގެ ދެކުނު ޒޯން ނުވަތަ ގުރޫޕް ޑީ ހޯސްޓު ކުރުމަށް ރާއްޖެއިން އަނެއްކާވެސް ވަނީ ބިޑުކޮށްފަ އެވެ. ބަންގުލަދޭޝްގެ ސެލެޓުގައި، ގުރޫޕު ސްޓޭޖު ހޯސްޓު ކުރުމަށް، އެ ގައުމުން ވެސް ވަނީ ބިޑު ހުށަހަޅައިފަ އެވެ.

ކޮވިޑް-19 ގެ ހާލަތު ބަންގުލަދޭޝްގައި އަދިވެސް އޮތީ ގޯސްކޮށެވެ. އެ ގައުމުގައި އޮތީ ލޮކުޑައުންގެ ފިޔަވަޅުތައް އަޅައިފަ އެވެ. މިދިޔަ ހޯމަ ދުވަހު ބަންގްލަދޭޝް ސަރުކާރުން ވަނީ ލޮކުޑައުން އަންނަ ބުދަ ދުވަހާ ހަމައަށް އިތުރު ކުރުމަށް ނިންމައިފަ އެވެ. އަދި ސިލްސިލާކޮށް ލޮކްޑައުންގެ މުއްދަތު ދަނީ އިތުރު ކުރަމުންނެވެ.

ރާއްޖޭގައި، މިހާރު ވަނީ ކޮވިޑާ ގުޅިގެން ދެ މަސް ދުވަސް ވަންދެން އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދީފަ އެވެ. އަދި ޓީމު ޕްރެކްޓިސްތައް ފެށުމުގެ ހުއްދަ ވެސް އެޗްޕީއޭ އިން ވަނީ ދީފަ އެވެ.

މުބާރާތް ހޯސްޓް ކުރުމަށް އިންޑިއާގެ ޝައުގުވެރި ކަމެއް ނެތެވެ. ގުރޫޕް ސްޓޭޖް ބާއްވަން އެކަށީގެންވާ މާހައުލެއް ނެތް ނަމަ އެ ސަރަހައްދެއްގެ ގުރޫޕް ކެންސަލް ކުރާނެ އެވެ. އޭއެފްސީ މިހާރު ވަނީ އާސިއާން ސަރަހައްދުގެ ގުރޫޕް ސްޓޭޖު ކެންސަލް ކޮށްފަ އެެވެ.

އިންޑިއާގެ އެންމެ ބޮޑު ނޫސް، "ޓައިމްސް އޮފް އިންޑިއާ" އާ ވާހަކަ ދެއްކި އޮފިޝަލް ބުނީ، ދެކުނު އޭޝިއާގެ މެޗުތައް ކުރިއަށް ގެންދެވޭނެ ހާލަތެއް ނެތް ނަމަ މި ސަރަހައްދުގެ ގުރޫޕް ސްޓޭޖު ވެސް ކެންސަލް ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ނަމަވެސް، ދެކުނު އޭޝިއާގެ ޒޯންގެ ގުރޫޕް ސްޓޭޖް ބޭއްވުމަށް ދެ ގައުމަކުން ޝައުގުވެރިކަން ފާޅުކޮށްފައި ވުމުން މި ސަރަހައްދުގެ ގުރޫޕް ސްޓޭޖު ކެންސަލް ކުރާނެ ކަމަކަށް ނުބެލެވެ އެވެ.

ކުރިން މެއި މަހު ރާއްޖޭގައި ބާއްވަން މަސައްކަތް ކުރި ގުރޫޕް ސްޓޭޖު ފަސް ކުރުމަށް އޭއެފްސީން ނިންމީ، ރާއްޖޭގެ ކޮވިޑްގެ ޕްރޮޓޮކޯލްއާ އިންޑިއާގެ ބެންގަލޫރު އެފްސީގެ ކުޅުންތެރިން ހިލާފުވުމުގެ އިތުރަށް ރާއްޖޭގައި ކޮވިޑުގެ ހާލަތު އޭރު އޮތް ގޮތުންނެވެ.

"ބަންގުލަދޭޝް އިން ދަނީ ސެލެޓުގައި މުބާރާތް ހޯސްޓު ކުރުމަށް މަސައްކަތް ކުރަމުން. އޭއެފްސީން އަމަލު ކުރާނެ ގޮތެއް ދެން އަހަރެމެން ބަލަން ޖެހޭނީ. މެއި މަހު ދިވެހި ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަމުން ވީގޮތުން އެ ގައުމުގައި މުބާރާތް ބާއްވާނެ ކަމަށް ބުނަން އުނދަގޫ،" އޭއެފްސީ ކަޕުގެ ބިޑިން ޕްރޮސަސް ގާތުން ބަލަމުންދާ އޮފިޝަލްއާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓް ކޮށްފައިވެ އެވެ.

ނަމަވެސް ބަންގުލަދޭޝްގައި އޮތް ހާލަތަށް ރިއާޔަތްކޮށް މިފަހަރު ވެސް ރާއްޖެއަށް ބިޑު ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވެ އެވެ.

އޭއެފްސީން ވަނީ އަންނަ މަހު 15-24 ދެކުނު ޒޯންގެ މެޗުތައް ފެށުމަށް ތާވަލުކޮށްފަ އެވެ. އަންނަ މަހު 15 ވަނަ ދުވަހު ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ ޕްލޭއޮފް މެޗު އޮންނާނެ އެވެ. ގުރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ. ގުރޫޕް ސްޓޭޖުން އޮޓަމެންޓިކް ޖާގަ ލިބިފައި ވަނީ މާޒިޔާގެ އިތުރުން އިންޑިއާގެ އޭޓީކޭ މޯހަން ބަގާން، އަދި ބޮޝުންދަރާ އަށެވެ. ގުރޫޕް ސްޓޭޖް ފަށާނީ އަންނަ މަހު 18 ގަ އެވެ.

އޭއެފްސީ ކަޕަށް ތައްޔާރު ވާން މާޒިޔާގެ ޕްރީ ސީޒަން ޕްރެކްޓިސް މިހާރު ވަނީ ފަށައިފަ އެވެ.