ރޯމް (ޖުލައި 14) - ޔޫރޯގެ ފައިނަލުގައި މުހިންމު ޕެނަލްޓީ މަތަކޮށްފައި ވެސް މަޑުމަޑުން ހުރީ، އިޓަލީ އަށް މެޗު ކާމިޔާބު ކުރެވުނުކަން އޭނާ އަށް ނޭނގި ހުރުމުން ކަމަށް، އިޓަލީގެ ކީޕަރު ޖިއާންލުއީޖީ ޑޮނަރުންމާ ބުނެފި އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ޑޮނަރުއްމާ ވަނީ، ޕެނަލްޓީ ޝޫޓް އައުޓްގައި ދެ ޕެނަލްޓީ ދިފާއު ކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކަށްވީ އިންގްލެންޑުގެ ބުކަޔޯ ސަކާ ޖެހި ޕެނަލްޓީ ޑޮނަރުއްމާ ދިފާއުކޮށް ޔޫރަޕުގެ ޗެމްޕިއަންކަން އިޓާލީ އަށް ހޯދަދިދިނުމެވެ.

އެ ޕެނަލްޓީ މަތަކޮށްފައި ވެސް ޑޮނަރުންމާ ގޯލުން ފައިބައިގެން ދިޔައީ ވަރަށް މަޑުމަޑުންނެވެ. އުފާފާޅު ކުރުމުގެ އެއްވެސް ހަރަކާތެއް އޭނާ ކިބަޔަކުން ނުފެނެ އެވެ. ނަމަވެސް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ އެ ޓީމުގެ އެހެން ކުޅުންތެރިން އުފާފާޅު ކުރުމުގެ ގޮތުން އޭނާއާ ދިމާލަށް އަންނަން ފެށުމުން މޮޅުވި ކަމުގެ އިހްސާސް އޭނާ އަށް ކުރެވުނެވެ.

"އަހަންނަކަށް ފުރަތަމަ ނޭނގުނު އަހަރެމެން މޮޅުވި ކަމެއް. އަހަރެން ރެފްރީއާ ދިމާލަށް ބަލާލިން ހުރިހާ ކަމެއް ވެސް ނިމުނީ ރަނގަޅަށްކަން ޔަގީން ކޮށްލަން ވެގެން،" ސަކާ ޖެހި ޕެނަލްޓީ މަތަކޮށްފައި ވެސް މަޑުމަޑުން ހުރީ ކީއްވެގެންތޯ ސްކައި ސްޕޯޓްސް އިޓާލީއާ އިން ސުވާލު ކުރުމުން ޑޮނަރުއްމާ ބުންޏެވެ.

"ދެން އަހަރެން އަނެއް ފަރާތަށް ބަލާލިއރު އަހަރެންގެ ޓީމުގެ އެހެން ކުޅުންތެރިން އަހަންނާ ދިމާލަށް ދުވެފައި އާދޭ. އެހާހިސާބުން ހުރިހާ ކަމެއް ފެށުނީ. އަހަންނަކަށް ފުރަތަމަ އެއްވެސް ކަމެއް ނޭނގުނު."

އިންގްލެންޑުގެ ޖާޑަން ސަންޗޯ ޖެހި ޕެނަލްޓީ ވެސް ޑޮނަރުއްމާ ދިފާއު ކުރި އެވެ. މާކޯސް ރަޝްފާޑް ޖެހި ޕެނަލްޓީ އަމާޒުވީ ގޯލް ދަނޑިއަށެވެ.

ޑޮނަރުއްމާ ވަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް ހުރިހާ ޕެނަލްޓީ ޝޫޓް އައުޓެއް ކާމިޔާބުކޮށްފަ އެވެ. އެއީ އޭސީ މިލާންއާ އެކު ތިން ފަހަރު އަދި އިޓަލީއާ އެކު ދެ ފަހަރު އެވެ.

މިލާންއާ އެކު ޑޮނަރުއްމާ ހެދި ކޮންޓްރެކްޓް މިހާރު ވަނީ ހަމަވެފަ އެވެ. ހިލޭ ޓްރާންސްފާއެއްގައި އޭނާ ބަދަލު ވާނީ ޕީއެސްޖީ އަށެވެ.