ގައުމީ ޓީމު ގަތަރުގެ ކޭމްޕުގައި --- ފޮޓޯ: އެފްއޭއެމް
15 ސެޕްޓެމްބަރ 2021 - 11:40
ސާފް ޗެމްޕިއަންޝިޕަށް ފަހު ގައުމީ ޓީމާ ހަވާލުވާ ކޯޗު، މި މަހު މާލެ އައިސް ގަތަރުގައި ގައުމީ ޓީމުގެ ޓްރޭނިން ކޭމްޕަށް ވެސް ޒިޔާރަތް ކުރާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ސާފް ޗެމްޕިއަންޝިޕުގައި ޓީމަށް އިރުޝާދު ދޭނީ، ވަގުތީ ކޯޗް އަލީ ސުޒޭން އެވެ. "މިހާރު" އަށް ދެއްވި އިންޓަވިއުގައި ބައްސާމް ވިދާޅުވީ އަލަށް ހަވާލުވާ ކޯޗު އެ މުއްދަތުގައި މަސައްކަތް ކުރާނީ ގައުމީ ޓީމު އޮބްޒާވް ކުރުމުގައި ކަމަށެވެ.
ރާއްޖޭގެ ޓީމު ހަވާލު ކުރާނެ ކޯޗާ ބެހޭ އިތުރު މައުލޫމާތު ބައްސާމް ނުދެއްވަ އެވެ. ނަމަވެސް ކޯޗާ އިންޓަވިއުކޮށް ފައިނަލުކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މާގިނަ ދުވަސްތަކެއް ނުވެ ކޯޗު މާލެ އައިސް ޓީމާ ޖޮއިން ކުރަން ގަތަރަށް ވެސް ދާނެ. އެހެންނަމަވެސް ސާފް ޗެމްޕިއަންޝިޕް ނިމެންދެން ކޯޗުގެ މަސައްކަތަކަށް ވެގެން ދާނީ ކުޅުންތެރިން ދެނެގަތުމާއި ޓީމު ކުޅޭ ގޮތް ދެނެގަތުން،" ބައްސާމް ވިދާޅުވި އެވެ.
"މުޅި މުބާރަތަށް ތައްޔާރުވުމަށާއި މުބާރާތުގައި ޓީމުގެ ކޯޗުކަން ކުރާނީ އަލީ ސުޒޭން އާއި މި ދިވެހި ކޯޗިން ޓީމު. އާ ކޯޗު ޓީމާ ހަވާލު ވާނީ މުބާރާތް ނިމުމުން."
ނޮވެމްބަރުގައި ސްރީ ލަންކާގައި ބާއްވަން ހަމަޖެހފައިވާ އިންޓަނޭޝަނަލް މުބާރާތެއްގައި ގައުމީ ޓީމު ބައިވެރި ކުރުމަށް ވަނީ ނިންމައިފަ އެވެ. ލަންކާގެ ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސް ނުވާ ކަމަށްވަންޏާ އެ މުބާރާތުގައި ރާއްޖެއިން ވާދަކުރާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. އެ މުބާރާތަށް ސީީނިއާ ޓީމު ތައްޔާރު ކުރާނީ އަލަށް ހަވާލުވާ ކޯޗެވެ.
ސާފް ޗެމްޕިއަންޝިޕަށް ސުޒޭންގެ އެސިސްޓެންޓް ކޯޗުކަށް ހަމަޖައްސާފައި ވަނީ މީގެ ކުރިން ވެސް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ކުރި އިސްމާއީލް މަހްފޫޒް (އިންމަ) އެވެ. ސުޒޭން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ޓީމާއެކު ދަތުރު ނުކުރެވުމުން ގަތަރުގެ ޓްރޭނިންތައް ލީޑު ކުރަނީ އިންމަ އެވެ. ސުޒޭން މި ވަގުތު ހުރީ ހޯމް ކަރަންޓީންގަ އެވެ.
ސާފް ޗެމްޕިއަންޝިޕަށް ފަހު އަލުން 23 އަހަރުން ދަށުގެ ގައުމީ ޓީމާއެކު ސުޒޭން މަސައްކަތް ކުރާނެ އެވެ. އޯގަސްޓް މަހު އެފްއޭއެމުން ވަނީ ސުޒޭން 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗު ކަމަށް ހަމަޖައްސައިފަ އެވެ. ނަމަވެސް ގައުމީ ސީނިއާ ޓީމުގެ ވަގުތީ ކޯޗަކަށް އޭނާ ހަމަޖެއްސުމުން، ޒުވާން ޓީމުު ލީޑުކުރަނީ އެ ޓީމުގެ އެސިސްޓެންޓް ކޯޗުން ކަމަށްވާ ސޮބާހު މުހައްމަދު އިބްރާހިމް އަދި މުހައްމަދު ޝާހިދެވެ.
އަންނަ އަހަރު އެޒްބެކިސްތާންގައި ބާއްވާ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި އަންނަ މަހު ޒުވާން ޓީމު ވާދަކުރާނެ އެވެ. އެ މުބާރާތުގެ ކޮލިފައިގައި ރާއްޖެ ލައްވާލީ އިރާގު، ބަހްރެއިން އަދި އަފްގާނިސްތާނާ އެކު ގުރޫޕް ސީގަ އެވެ. އެ ގުރޫޕުގެ ކޮލިފައިން މެޗުތައް ކުރިއަށް ދާނީ އަންނަ މަހު 27-31 ބަހްރެއިންގަ އެވެ. ކޮލިފިކޭޝަން އަށް ތައްޔާރުވުމަށް ޒުވާން ޓީމު ވަނީ އުތުރުގެ އަތޮޅުތަކުގެ ޒުވާން ޓީމުތަކާ އެކު ޓްރޭނިން މެޗުތަކެއް ކުޅެފަ އެވެ.
- އޮކްޓޯބަރު 1: (ހަވީރު) ރާއްޖެ - ނޭޕާލް - އޮކްޓޯބަރު 7: (ރޭގަނޑު) ރާއްޖެ - ބަންގްލަދޭޝް - އޮކްޓޯބަރު 10: (ހަވީރު) ރާއްޖެ - ސްރީ ލަންކާ - އޮކްޓޯބަރު 13: (ރޭގަނޑު) ރާއްޖެ- އިންޑިއާ
ސާފް ޗެމްޕިއަންޝޕުގައި ވާދަކުރަނީ ފަސް ޓީމެވެ. މުބާރާތް ލީގު އުސޫލުން ކުޅުމަށް ފަހު ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މި ފަހަރުގެ މުބާރާތުގައި ބޫޓާން އާއި ޕާކިސްތާން ވާދައެއް ނުކުރާނެ އެވެ. މުބާރާތުގައި ވާދަނުކުރަން ބޫޓާން ނިންމީ އެ ގައުމުގައި ކޮވިޑުގެ ހާލަތު އޮތް ގޮތުން ގައުމުން ބޭރަށް ފުރައިގެންދާން ފުޓުބޯޅަ ޓީމަށް ހުއްދަ ނެތުމުންނެވެ. ޕާކިސްތާން އޮތީ ފީފާ ސަސްޕެންޝަނުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރޫނޯ
15 September 2021
އޮސްކާ ޕްލީޒް
އަހައްމަދު - އައްޑޫ
15 September 2021
ޤައުމީ ޓީމޭ ނުކިޔާށޭ. ތިއީ ހަމަ މާލޭ ޓީމެއް. ތިޓީމަށް އެެހެން ރަށްރަށު ކުޅުންތެރިން ކުލޭނަމަ އެކުޅެނީ ފުރާންސް ފަދަ ޓީމް ތަކަށް އެހެން ޤައުމު ތަކުގެ މީހުން ކުޅޭގޮތަށް. އެއަކު ތަފާތެއްނެތް. ހަމަ ތިޔަ ޓީމަކީ ބުނެވޭނީ މާލޭ ޓީމެކޭ.
ޑެބީ
15 September 2021
ކިތަންމެ މޮޅު ކޯޗެއް ގެނެޔަސް ދިވެހިންގެ ފެންވަރާއި ޑިސިޕްލިން ނެތިއްޔާ ވާނެ ކަމެއް އޮންނާނެތަ؟ ދުވަސް ކޮޅަކުން އިވޭނެ ކާމިޔާބީއެއް ނުލިބިގެން ކޯޗު ވަކިކުރި ހަބަރު. މީކޯޗުންގެ މައްސަލައެއް ނޫންކަމާ ހަގީގީ މައްސަލަ ހައްލުކުރަން ނޫޅެވޭކަން އެބަ ޖެހޭ ގަބޫލު ކުރަން.