ސާފް ޗެމްޕިއަންޝިޕް ކަވަރޭޖަށް ރާއްޖެ އައި ބަންގްލަދޭޝްގެ ނޫސްވެރިޔާ އަށް ހުރަސް އެޅި އެފްއޭއެމްގެ މުވައްޒަފްއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި ބަންގްލަދޭޝް މާދަމާ ރޭ ކުޅޭ މެޗުގެ ޓިކެޓް ވިއްކާ ގޮތް ކަވަރު ކުރަމުން ދިޔަ ބަންގްލަދޭޝްގެ "ޝޮމައި ޓީވީ" ގެ ނޫސްވެރިޔާގެ ކަރުގައި އޮތް މީޑިއާ ފާސް ނަގަން، އެފްއޭއެމްގެ މުވައްޒަފް އަހްމަދު ޒާމިލް (ޒެކް) މަސައްކަތްކުރާ މަންޒަރު ވީޑިއޯ އިން ފެނެ އެވެ.

ބަންގްލަދޭޝް ޝޮމޮއީ ޓީވީން ބްރޮޑްކާސްޓް ކުރި ވީޑިއޯ ރިޕޯޓުގެ ބައެއް އާންމުންގެ މީހަކު ޓްވިޓާގައި ހިއްސާ ކޮށްފައިވެ އެވެ. އެ ޕޯސްޓް ރީ ޓްވިޓް ކުރުމަށް ފަހު ބައްސާމް ލިޔުއްވާފައި ވަނީ އެފްއޭއެމްގެ މުވައްޒަފްގެ އަމަލު ބަލައިނުގަނެވޭނެ ކަމަށާއި އެކަމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ބައްސާމް ވަނީ އެފްއޭއެމްގެ ފަރާތުން އެކަމަށް މާފަށް އެދިވަޑައިގެންފަ އެވެ.

ސާފް އިން މިއަދު މާލޭގައި ބޭއްވި ބައްދަލުވުމުގައި ވަނީ ބޭރުގެ މީޑިއާތަކަށް ހުރި ދަތިތަކާ ކަންބޮޑުވުންތައް އެފްއޭއެމްއާ ހިއްސާކޮށްފަ އެވެ. ސާފްގެ ތިން ގައުމަކުން ނޫސްވެރިން ވަނީ މުބާރާތް ކަވަރުކުރަން މާލެ އައިސްފަ އެވެ.

މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުރިއަށް ގެންދިޔަ ގައުމީ ޓީމުގެ ޕްރެކްޓިސް ބަލަން ދިޔަ ބޭރުގެ ނޫސްވެރިންނާ މެދު އެފްއޭއެމްގެ ބައެއް މުވައްޒަފުން އަމަލުކުރި ގޮތާ މެދު ވެސް ބަންގްލަދޭޝްގެ ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.