ސާފް ޗެމްޕިއަންޝިޕް ފޯރި އިތުރު ކުރުމުގެ ގޮތުން މިރޭ ލޯންޗު ކުރާ ހާއްސަ އިވެންޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އަންނަ މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފޯރި މުޅި ރާއްޖެ އަށް ފުޅާކުރުމުގެ ގޮތުން ބާއްވާ އިވެންޓް މިރޭ އޮންނާނީ ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ. މިރޭގެ އިވެންޓް ފަށާނީ 9 ޖަހާއިރު އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒު، ވިދާޅުވީ މިރޭގެ އިވެންޓުގައި ރައީސްގެ އިތުރުން ސަރުކާރުގެ އެހެން އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕް ބިޑު ރާއްޖެއިން ކާމިޔާބު ކުރުމުން، އެކަމުގެ މުހިންމުކަން ރައީސް ވަނީ މީގެ ކުރިން ފާހަގަ ކުރައްވައިފަ އެވެ. ބިޑު ކާމިޔާބުވުމުން ރައީސް ވަނީ އެފްއޭއެމުން ކުރި މަސައްކަތަށް މަރުހަބާ ވިދާޅުވެފަ އެވެ.

ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބުވީ، ނޭޕާލާ ވާދަކޮށެވެ. ކުރިން ބަންގްލަދޭޝްގައި ބާއްވަން އޮތް މުބާރާތް އަލުން ބިޑަށް ހުޅުވާލަން ސާފް އިން ނިންމީ، ބަންގްލަދޭޝްގައި ކޮވިޑް-19 ގެ ހާލަތު އޮތް ގޮތުން އެ ގައުމުގައި މުބާރާތް ބޭއްވޭނެ ހާލަތެއް ނެތުމުންނެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 1 ވަނަ ދުވަހު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ރާއްޖޭގެ ދެ ވަނަ މެޗު އޮންނާނީ އޭގެ ހަ ދުވަސް ފަހުން އޮކްޓޯބަރު 7 ގަ އެވެ. އެ ދުވަހު ރާއްޖެ ނުކުންނާނީ ބަންގަލަދޭޝްއާ ދެކޮޅަށެވެ. ރާއްޖޭގެ ތިން ވަނަ މެޗުގައި އޮކްޓޯބަރު 10 ގައި ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އޭގެ ދެ ދުވަސް ފަހުން އޮކްޓޯބަރު 13 ގައި ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.

ލީގު އުސޫލުން ކުޅުމަށް ފަހު ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މި ފަހަރުގެ މުބާރާތުގައި ބޫޓާން އާއި ޕާކިސްތާން ވާދައެއް ނުކުރާނެ އެވެ. މުބާރާތުގައި ވާދަނުކުރަން ބޫޓާން ނިންމީ އެ ގައުމުގައި ކޮވިޑުގެ ހާލަތު އޮތް ގޮތުން ގައުމުން ބޭރަށް ފުރައިގެންދާން ފުޓުބޯޅަ ޓީމަށް ހުއްދަ ނެތުމުންނެވެ. ޕާކިސްތާން އޮތީ ފީފާ ސަސްޕެންޝަނުގަ އެވެ.

ރާއްޖެއިން ވަނީ ޓްރޭނިން އަށް ގަތަރުގައި ކޭމްޕްކޮށްފަ އެވެ. ޓީމު އެނބުރި މާލެ އަންނާނީ މިމަހު 28 ގަ އެވެ.