ކޮލަމްބޯ (ފެބްރުއަރީ 15) - ސްރީ ލަންކާ ސިފައިންގެ ތެރޭން ފިލާފައިވާ މީހުން ހޯދުމަށް މިލިޓަރީ ޕޮލިހުން ހިންގާ އޮޕަރޭޝަނުގައި މި އަހަރު ފެށުނު ފަހުން މިހާތަނަށް 12،00 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ލަންކާ ސިފައިންގެ ތަރުޖަމާން ބްރިގޭޑިއާ ރޯޝަން ސެނެވިރަތުނަ ވިދާޅުވީ ސިފައިންގެ ޚިދުމަތުގައި ތިބި މީހުންގެ ތެރޭން ވަޒީފާ އަށް ރިޕޯޓް ނުކުރާ 12،00 މީހުން ހައްޔަރުކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ 13 ވަނަ ދުވަހާ ހަމައަށް ކަމަށެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ސިފައިންގެ 984 މީހުންނާއި ކަނޑުގެ ސިފައިންގެ 236 އަދި ވައިގެ ސިފައިންގެ 14 މީހުން ހިމެނޭ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ސެނެވިރަތުނަ ވިދާޅުވީ ސިފައިންގެ ޚިދުމަތަށް 42،800 މީހުން ފިލާފައިވާ ކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ. މީގެ ތެރޭގައި އޮފިސަރުން ވެސް ހިމެނެ އެވެ. ސިފައިންގެ ޚިދުމަތަށް ފިލާފައިވާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

ލަންކާ ސިފައިންގެ ތެރޭން ފިލި މީހުން އަމިއްލަ އަށް ހަވާލުވެއްޖެ ނަމަ މައާފު ދިނުމަށް ޑިފެންސް މިނިސްޓްރީން ވަނީ ދެ ފަހަރެއްގެ މަތިން ފުރުސަތު ދީފަ އެވެ. އެންމެ ފަހުން ދިން ފުރުސަތު ހަމަވެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށެވެ. އެ މުއްދަތުގައި ވަނީ 34 އޮފިސަރުންނާއި އެހެން ރޭންކުތަކުގެ 8،843 މީހުން ރިޕޯޓްކޮށްފަ އެވެ.