އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިއީ މިއަހަރަށް ކަނޑައަޅާފައިވާ 64.2 ބިލިއަން ރުފިޔާއަށް ވުރެ 4.5 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާއަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ހުށަހެޅުއްވި ބަޖެޓްގެ ޖުމްލަ އަކީ 59.7 ބިލިއަން ރުފިޔާ އެވެ. މިއީ ގައުމުގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން 46.1 ޕަސެންޓެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ އަހަރު ނުލައި، ދައުލަތުގެ ބަޖެޓް މިދިޔަ 10 އަހަރު ވެސް އަހަރުން އަހަރަށް ދިޔައީ ބޮޑުވަމުންނެވެ.  

ބަޖެޓްގެ ޖުމްލަ އަދަދު މިއަހަރަށް ވުރެ ކުޑަ ނަމަވެސް، ބަޖެޓް ޑެފިސިޓް މިއަހަރަށް ވުރެ 1.9 ބިލިއަން ރުފިޔާ ބޮޑެވެ. އަންނަ އަހަރުގެ ބަޖެޓްގެ އޯވަރޯލް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރަނީ 9.4 ބިލިއަން ރުފިޔާގަ އެވެ. މިއަހަރު އެ އަދަދު ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 7.5 ބިލިއަން ރުފިޔާގަ އެވެ.

އަންނަ އަހަރުގެ ބަޖެޓުން 52.6 ބިލިއަން ރުފިޔާ ހަރަދުކުރަން ކަނޑައަޅާފައި އޮތް އިރު އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާ އަކީ ރިކަރެންޓް ހަރަދެވެ. އެއީ މުޅި ބަޖެޓްގެ ގާތްގަނޑަކަށް 71.5 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ހިނގާނެކަމަށް ބަޖެޓްގައި ލަފާކޮށްފައި އޮތީ ކެޕިޓަލް ހަރަދުގެ ގޮތުގަ އެވެ. އެއީ 9.8 ބިލިއަން ރުފިޔާ އެވެ. 

ފިނޭންސް މިނިސްޓަރު ހަސަން ރަޒީރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ހުށަހެޅުއްވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ފިނޭންސް މިނިސްޓަރު ހަސަން ރަޒީރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ހުށަހެޅުއްވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ދައުލަތުގެ ދަރަނި 161.3 ބިލިއަން ރުފިޔާ (ޖީޑީޕީގެ 124.5 ޕަސެންޓް) ގައި ހުރި އިރު އަންނަ އަހަރު ވެސް ދަރަނިއަދާކުރަން 4.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބަޖެޓްގައި ލަފާކޮށްފައިވެ އެވެ. 

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި، އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވެ އެވެ. މިއީ މިއަހަރުގެ އާމްދަނީއަށް ވުރެ 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 77 ޕަސެންޓަކީ ޓެކްސް އިން ލިބޭ އާމްދަނީ އެވެ. ޓެކްސް އިން ލިބޭނެ ކަމަށް ލަފާކުރަނީ 33.6 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރުގެ އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުން މިހާރު ނަގާ އެއްވެސް ޓެކްސްއެއް މަތިނުކުރުމަށް ނިންމާފައިވާ ކަމަށް ޒަރީރު ވިދާޅުވި އެވެ.

ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް ޒަރީރު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމާއެކުވެސް ގައުމުގެ މާލީ ހަމަޖެހުން ދެމެހެއްޓުން ކަށަވަރު ކުރުމަކީ  ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށާއި މި ބަޖެޓުގެ އެންމެ މުހިންމު ބަޔަކީ ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒުތައް ކަަމަށެވެ.

"މިގޮތުން ދައުލަތުގެ އާމްދަނީ، ޖީޑީޕީގެ 32 އިންސައްތައަށްވުރެ ދަށްނުވާނެ މިންވަރެއްގައި ހިފެހެއްޓުމަކީ އަންނަ އަހަރުގެ ބަޖެޓުގެ އެއް އަމާޒު. ހަމައެއާއެކު، ދައުލަތުގެ ރިކަރަންޓް ހަރަދުތައް ލިބޭ އާމްދަނީއިން ފޫބެއްދުމަކީވެސް އަންނަ އަހަރުގެ ބަޖެޓުން ހާސިލުކުރަން އަމާޒުހިފާފައިވާ ކަމެއް،" ޒަރީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަންނަ އަހަރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ސީދާ ދަރަނި ހުންނާނެކަމަށް އަންދާޒާކުރެވެނީ 117 ޕަސެންޓްގަ އެވެ. ޖެހިގެން އަންނަ 2028 ވަނަ އަހަރު އެ އަދަދު 116.3 ޕަސެންޓަށް ތިރިވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި  2029 ވަނަ އަހަރަށް ދަރަނި 107.9 ޕަސެންޓަށް ތިރިކުރުމުގެ އަމާޒުވެސް މި ބަޖެޓުގައި ކަނޑައަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަޖެޓުގެ މުހިއްމު އަދަދުތައް:

  • ޖުމްލަ ބަޖެޓު: 59.7 ބިލިއަން ރުފިޔާ
  • ޖުމްލަ ހަރަދު:52.6 ބިލިއަން ރުފިޔާ
  • ޖުމްލަ އާމްދަނީ: 43.2 ބިލިއަން ރުފިޔާ
  • ރިކަރަންޓް ހަރަދު: 42.7 ބިލިއަން ރުފިޔާ
  • ކެޕިޓަލް ހަރަދު: 9.8 ބިލިއަން ރުފިޔާ
  • ޕީއެސްއައިޕީ: 8.2 ބިލިއަން ރުފިޔާ
  • ޑެފިސިޓް: 9.4 ބިލިއަން ރުފިޔާ
  • ދަރަނި:161.3 ބިލިއަން ރުފިޔާ
  • ޖީޑީޕީ: 129.5 ބިލިއަން ރުފިޔާ

އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީގެ ހަރަދުގެ ޖުމްލަ ކަނޑައެޅުމުގައި ޑޮމެސްޓިކް ބަޖެޓުން ފަންޑުކުރާ މިންވަރު 70 ޕަސެންޓަށް ވުރެ ބޮޑުނުވާނެ މިންވަރެއްގައި ހިފަހައްޓަން އަމާޒު ހިފާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ބޭރުގެ ފަރާތްތަކުން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓް ހަރަދު، ގައުމަށް ލިބޭ ޖުމްލަ އާމްދަނީގެ ނިސްބަތުން 12 ޕަސެންޓްގައި ހިފަހައްޓަން އަންނަ އަހަރުގެ ބަޖެޓުގައި އަމާޒު ހިފާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ހުރިހާ މަސައްކަތެއްގެ މައިގަނޑު މަގުސަދަކީ، 2028 ވަނަ އަހަރު ނިމެންވާއިރަށް، ދައުލަތުގެ އޯވަރޯލް ބެލެންސް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް އިންސައްތައަށް ދަށްކުރުން. ހަމައެޔާއެކު 2028 ވަނަ އަހަރު ޕީއެސްއައިޕީގެ ހަރަދުވެސް ޖީޑީޕީގެ ނިސްބަތުން ހަތް އިންސައްތައަށް ދަށްކުރެވޭނެ ކަމަށް އަންދާޒާކުރެވޭ،" ޒަރީރު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވިގޮތުގައި މި އަހަރު ނިމޭއިރު ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރެވެނީ 7.6 ބިލިއަން ރުފިޔާގައެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 6.2 ޕަސެންޓެވެ.

"ދެހާސްހަތާވީސް ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކުރެވޭއިރު، މިއީ ޖީޑީޕީގެ ނިސްބަތުން 7.3 އިންސައްތައިގެ އަދަދެއް. ޑެފިސިޓުގެ މި އަދަދުތަކާއެކު، 2026 ވަނަ އަހަރު ޖީޑީޕީގެ ނިސްބަތުން ޕްރައިމަރީ ބެލެންސް 2.5 އިންސައްތައިގައި އަދި 2027 ވަނަ އަހަރު 3.4 އިންސައްތައިގައި ހުންނާނެ ކަމަށް އަންދާޒާކުރެވޭ،" ޒަރީރު ވިދާޅުވި އެވެ.

މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓް ދިރާސާކުރާނީ މާލިއްޔަތު ކޮމިޓީ އާއި އިގުތިސާދީ ކޮމިޓީ ގުޅިގެންނެވެ. އެ ކޮމިޓީގެ މަސައްކަތްތައް ފަށަން މަޖިލީހުގެ ރިޔާސަތު އެންގިއިރު، މެންބަރުން ބަޖެޓަށް ބަހުސް ކުރަން ފަށާނީ ހަތް ދުވަސް ފަހުންނެވެ.