އަހަރެމެން ހަނދާން ހުންނަނީ އެންމެ ފުރަތަމަ ފްލޮޕީ ޑިސްކުގައި ފޮޓޯ އާއި ވޯޑް ޑޮކިއުމަންޓްތައް ސޭވްކުރި ޒަމާނެވެ. އެންމެ މެގަބައިޓެއް ރައްކާކުރެވޭ ފްލޮޕީ އަކީ މިހާރު ބޭނުން ކުރެވޭ އެއްޗެއް ނޫނެވެ. ސީޑީ އާއި އެކްސްޓާނަލް ހާޑް ޑިސްކާއި ފްލޭޝް މެމަރީ ފަދަ ތަކެއްޗާ އެކު ހުރިހާ ކަމެއް ބަދަލުވެއްޖެ އެވެ. ދެން އަންނަން އުޅެނީ ސްޓޮރޭޖްގެ އިންގިލާބެކެވެ.

ޔުނިވަސިޓީ އޮފް ވޮޝިންޓަންގެ އިންޖިނިއަރެއް ކަމަށްވާ ޖޯޖް ސީލިގް އާއި އޭނާގެ ޓީމުން ވަނީ އިންސާނުންގެ ޖީނޯމްގެ ބަޔޮލޮޖިކަލް ކޯޑް ނުވަތަ ޑީއެންއޭގެ ސްޓޭންޑަޑަށް ޑޭޓާ ރައްކާކުރުމަށް ފަހު އެ ޑޭޓާ އަލުން ނެގޭނެ ގޮތް ހޯދައިފަ އެވެ. އެގޮތުން ޑީއެންއޭ ސްޓޭންޑަޑްގައި ފޮޓޯއެއް ރައްކާކޮށް އަލުން އެ ފޮޓޯ ބެލޭނެ ގޮތް ހޯދި އެވެ.

މިއީ އާދަޔާ ހިލާފު ބޮޑު ކާމިޔާބީއެއް ކަމަށް ބަލަންޖެހެ އެވެ. އެއީ އިންސާނާގެ ހަށިގަނޑާ ބެހޭ ހުރިހާ މައުލޫމާތެއް ހިމެނޭ ޑީއެންއޭ އަކީ، ވަރަށް ކުޑަ ޖާގައެއްގެ ތެރޭގައި އެތައް ހާސް އަހަރެއް ވަންދެން މައުލޫމާތު ހިފަހައްޓައިދޭ ނިޒާމަކަށް ވުމެވެ.

އެއީ ވަރަށް ކުޑަ، ވަރަށް ގިނަ މައުލޫމާތު ހުންނަ އެއްޗެއް - ވަރަށް ކުޑަކުޑަ ޖާގައެއްގެ ތެރޭގައި ވަރަށް ބައިވަރު މައުލޫމާތު ރައްކާކުރެވޭނެ. -- ސީލިގް

ސީލިގް ބުނެފައި ވަނީ އެތައް ސަތޭކަ އަހަރެއް ވެފައި ހުންނަ ތަކެތިން ވެސް ޑީއެންއޭ ލިބޭ ކަމަށާއި އޭގައި އެތައް ބައިވަރު މައުލޫމާތުތަކެއް ހުންނަ ކަމަށެވެ. އެހެންވެ ޑީއެންއޭ ސްޓޭންޑަޑްގެ ސްޓޮރޭޖަކީ ފްލޮޕީ ޑިސްކް ގޮތަށް 10 ވަރަކަށް އަހަރު ފަހުން ބޭނުން ނުކުރެވޭ އެއްޗަކަށް ވެގެން ނުދާނެ ކަމަށް އޭނާ ބުންޏެވެ.

ސީލިގް އާއި އޭނާގެ ޓީމުން ޑީއެންއޭ ސްޓޭންޑަޑްގައި ސްޓޯކޮށްފައި ވަނީ 150 ކިލޯބައިޓްގެ ފޮޓޯއެކެވެ. އެކަމަކު ސީލިގް ބުނީ މި ޓެކްނޮލޮޖީ ވަރަށް އަވަހަށް ކުރިއަރައިގެން ދާނެ ކަމަށާއި ހަކުރު ކިއުބެއްގެ ޖާގައަށް އަދަދު ނުކުރެވޭހާ ގިނަ މައުލޫމާތު އެޅޭނެ ދުވަސް އެހާ ދުރު ނޫން ކަމަށެވެ. އަދި މި ޓެކްނޮލޮޖީ ވެގެން ދާނީ އެތައް މިލިއަން ގުނައެއް އަަގު ހެޔޮ ގޮތަކަށް ކަމަށާއި މިކަން ހަގީގަތަކަށް ހެދޭނެ ކަމަށް ވެސް ޕީއާރްއައި ސައިންސް ފްރައިޑޭ އަށް ދިން އިންޓަވިއުއެއްގައި ސީލިގް ބުނެފައިވެ އެވެ.