(ބުދަ ދުވަހާ ގުޅޭ)

ދެން އިވެން ފެށީ ބިރުވެރި އަޑެކެވެ. ދުއްރައިން ތަޅާ އަޑާއި އައްބާސް ހަޅޭއްލަވާ އަޑެވެ. އާދަނު ވަރަށް ދެރަވިއެވެ. އެހައިމެ ރުޅި ވެސް އައެވެ. އާދަނަށް ހެދުނު ގޯހެއްގެ ސަބަބުން އައްބާސް އަށް އެ ވަރުގެ ބޮޑު އަނިޔާއެއްވީތީއެވެ. ހަމީދަކީ ނާއިންސާފުން ކަންތައްކުރައްވާ، އަނިޔާވެރި ވެރިއެކެވެ. އެ ކަމާ މެދަކު އާދަނަކަށް ޝައްކެއް ނެތެވެ. ހަކުރުބަސްތާއަކާއި ހަނޑޫބަސްތާއެއް ހިފައިގެން ދިޔަ ދެ މީހުންނާ މެދު ކަންތައް ވީ ގޮތާއި އެކުވެރި ދޮންމަނިކުގެ ބައްޕައާ މެދު ކަންތައް ހިނގައިދިޔަ ގޮތަށް ފަހު އައްބާސްއަށް ލިބުނު ނުހައްގު އަދަބަކީ، ހަމީދުގެ އަނިޔާވެރިކަމަށް އާދަނު އަމުނައިލި އިތުރު ބޮޅެކެވެ. 

އެހެނަސް ދެން ވެސް އާދަނުގެ ހިތަކު ހަމީދުއާ މެދަކު އެއްވެސް ދެކޮޅުވެރިކަމެއް ނެތެވެ. އާދަނު ހިތަށްއެރިއެވެ. ކޮންމެ މީހެއްގެ ވެސް ރަނގަޅު ސިފައާއި ނުރަނގަޅު ސިފަ ހުންނާނެއެވެ. އިންސާނަކަށް ވީތީއެވެ. 

އާދަނާ އަރާއަރަފޯދިގެން ނުވާތީ ހަފީޒާއާ ފެޔަށް ޖެހިގެން ހުންނަން ހިތްއެދުނަސް، ހުވަފެން ބެލުމަކީ ކުށެއްކަމަކަށް އާދަނު ނުދެކެއެވެ. އުންމީދުކުރުމަކީ ފާފައެއްކަމަކަށް ވެސް ނުމެ ދެކޭމެއެވެ. ކޮންމެ ރެޔަކު ވެސް އާދަނު ނިދަން އޮށޯންނަނީ ރީތި ހުވަފެނަކަށް އުންމީދުކުރަމުންނެވެ. ހުވަފެނުން ހަފީޒާ ނުފެންނަ އެންމެ ރެޔެއް ވެސް ނުދެއެވެ. ހެނދުނު ހޭލާ އިރު އާދަނުގެ ހިތް އޮންނަނީ އުފަލުން ފޮޅިފައެވެ. 

ހަފީޒާ މީހަކާ އިންނަންއުޅޭ ވާހަކަ އާދަނަށް އިވުނު ދުވަހުގެ ރޭ އާދަނަކަށް ނުނިދުނެވެ. ދަންވަރު އެތައް ދަމެއްވީ އިރު ވެސް ފުރޮޅިފުރޮޅި އޮތީއެވެ. އެހެން އުޅެއުޅެފައި ނިދުނު ވަގުތު އާދަޔާ ހިލާފު ހުވަފެނެއް އާދަނަށް ފެނުނެވެ. ހުވަފެން ފެށެނީ މެންދުރެއްގައެވެ. ވަރަށް އާދައިގެ، އެހެންޏާ ވެސް ކުރިމަތިވާ ކަހަލަ މެންދުރެކެވެ. ތަފާތުވާން ފެށީ މެންދުރުން އިރު ތިރިވި ފަހުންނެވެ. އަސުރާ ހަމައަށް އިރު ތިރިވެފައި އެ ހިސާބުގައި އިރު ހުއްޓުނީއެވެ. ގަޑިތަކުން ހަތަރެއްޖަހައި، ފަހެއްޖެހި އިރު ވެސް އިރު ހުރީ ހުއްޓިފައެވެ. އިރު އޮއްސޭ ވަގުތު ޖެހުނު އިރު އަނދިރިއެއްނުވިއެވެ. މީހުންތައް ބިރުގަންނަން ފެށިއެވެ. ބަންގިގޮވައި، ޝަހާދަތްކިޔައި، މިސްކިތްތައް ތޮއްޖެހެން ފެށިއެވެ. އާދަނަކީ ވަރަށް ހިތްވަރުގަދަ މީހެކެވެ. އެކަމަކު އާދަނު ވެސް ބިރުން މިސްކިތަށް އެރިއެވެ. ރަށުތެރޭގައި އިވެނީ މީހުން ރޯއަޑާއި ތަކުބީރުގެ އަޑެވެ. ގިޔާމަތްވަނީކަމަށް ހީކޮށެވެ. މިސްކިތުން ފައިބައިގެން އާދަނު ދިޔައީ ގެއަށެވެ. ހަދާނެ ގޮތެއް ނޭނގިގެން ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލިއެވެ. މީ ހުވަފެނަކަށް ވާނެ ނަމައޭ ހިތަށްއަރުވައި، ލޯމަރާފައި ލޯ ހުޅުވައިލިއެވެ. ކުޑަދޮރުން ބޭރު ބަލައިލިއެވެ. ދުނިޔެ ހަމަ އޮތީ އަލިކޮށެވެ. 

"މިއަދު ވެސް މަދަރުސާއަކަށް ނުދަން؟" އާދަނުގެ ބައްޕަ އީސާފުޅު ކޮޓަރީގެދޮރުން ބޯދިއްކޮށްލާފައި ބުންޏެވެ. 

"ބައްޕައަށް އަދި ވެސް ބޮޑުވެގެން ތި އުޅެނީ އެ ކަން؟" އާދަނު ބުންޏެވެ. 

"ދެން އެ ކަންތާ ބޮޑުވާނީ،" އީސާފުޅު ބުންޏެވެ. "ވަޒީފާއެއް ހޯދައިދިނީމަ އެ ތާކަށް ވެސް ދިޔައީކީ ނޫން. ދޭބަލަ އެ ތަނަށް. މިހާރު ހެނދުނު ނުވައެއްޖަހާ ދިޔައީއޭ."

އާދަނަށް ލިބުނީ ސިހުމެކެވެ. ރޭގަނޑުކަމަށް ހީކޮށްގެން އޮއްވައި ބައްޕަ ހެނދުނޭ ބުނީމައެވެ. ފެނުނީ ހުވަފެނެއްކަމާއި ހުވަފެނުން ހޭލެވުނުކަން ވިސްނުނީ ދެނެވެ. ޗޮކެއްކަނޑާފައި އާދަނު ފުންމައިގެން ތެދުވިއެވެ. 

މާލޭގައި ވަރަށް ގިނަ ފަޅުގެ ހުރެއެވެ. ބިންބިމަކީ ހިލޭ ދިނަސް އޭގައި ހިފަން ދިވެހިން ބިރުގަންނަ އެއްޗެކެވެ. ގޯތީގައި ވާހެދި ގަސް ގިނަވާތީއެވެ. ފިނިހަކުގެ އުނދަގޫ އެހައި ބޮޑެވެ. ވިއްސާރަމޫސުމުގައި މަގުހިނގާ އިރު، ފައިދަށުވެ ފިނިހައްތައް މުގުރޭ އަޑަކީ އާންމު އަޑެކެވެ. އެ ހިސާބުން ނިމުނީކީ ނޫނެވެ. އަވަށުވެރިގެއިން ގޭގެއަށް އައިސް ފިނިހައް ހޮވާނެއެވެ. ކޮންމެ ފިނިހަކަކަށް އެއް ލާރި އަތުލާނެއެވެ. 

ފަންސިނަމާއާ ޖެހިގެން ބޮޑު ފަޅުގެއެއް ހުރެއެވެ. އެ ފަޅުގެއާ ޖެހިގެން، ޒަމާންވެ ބާވެފައި ހުރި ގެއެއް ހުރެއެވެ. އެ ގެގަނޑުގައި ދިރިއުޅެނީ އައިމިނަ ނަކަމަށް ކިޔާ މުސްކުޅި އަންހެނެކެވެ. އައިމިނަ ހީކުރި ގޮތުގައި، އަބަހައްދަވެފައިވުމުން އައިމިނައަށް އެ ގޭގައި ސަލާމަތުން އިނދެވޭނެއެވެ. ގެއިން ނެރޭނީ އައިމިނަގެ ސަންދޯކެވެ. ކަންތައްވީކީ އެހެނެއް ނޫނެވެ. ބަދަލުގައި އެހެން ގޯއްޗެއް އައިމިނައަށް ދީފައި އައިމިނަގެ ގެއިން އައިމިނަ ނެރުނެވެ. ޖެހިގެން ހުރި ފަޅުގެއާއި އައިމިނަގެ ގޯތި ގުޅުވައިލައި، ބޮޑު އެއް ގޯއްޗަށް ބަދަލުކޮށްލިއެވެ. 

ރާއްޖެ ބަނޑަށްޖެހިފައި އޮއްވައި، އެ ފަޅުގޭގައި ހަމީދު ގެއެއް އަޅުއްވަން ބޭނުންފުޅުވިއެވެ. އެ ގޭގައި ދެ ކޮޓަރިއާއި ދެ ގިފިލި ހެއްދެވިއެވެ. ގެއަށް ކިއީ ފެންފަރުދާގެއެވެ. ފެންފަރުދާގެ އަސްލު މާނައަކީ، ފެންގަނޑާއި އޮޅުއޮޅުގެ ފެންގަނޑު މަތީ ހެދޭ ވިނަ ނަމަވެސް، ހަމީދުގެ ބަނޑުފުޅުގައި އޮތް މާނަ ތަފާތެވެ. ހަމީދުގެ ނަޒަރުގައި އެއީ ފަރުބަދަ މަތިން ފެން އޮހޭ އިރު، ފެނުގެ ފަށަލައަކުން އުފެދިފައި ހުންނަ ފަރުދާއެވެ. އާދަނަށް އެ ކަން އެނގުނީ ދައްތަ ރަޒިއްޔާގެ ފަރާތުންނެވެ. އާދަނު ހިތަށްއެރިއެވެ. އެ ފަދަ ފަރުދާއަކަށް އެ ގެ ވާންޖެހޭ ސަބަބަކީ ކޮބައިހެއްޔެވެ؟ ފަރުދާގެ ފުރަގަހުގައި ކަމެއް ހިނގަނީބާއެވެ؟ ޖަވާބުލިބުނީ ފަހުންނެވެ.

ފެންފަރުދާގޭގެ ފެންޑާގައި ދެ ޕިންޕޮން މޭޒު ބެހެއްޓިއެވެ. ޕިންޕޮންއަކީ، މޭޒުގެ މެދުގައި ހުރަހަށް ހަނި ދާގަނޑެއް ދަމާފައި، ދެ ކޮޅުގައި ދެ މީހުން ފިލާގަނޑެއް ހިފައިގެން، ޕިންޕޮންބޯޅައަކުން ކުޅޭ ކުޅިވަރެކެވެ. މާލެއަށް ވަރަށް އާ ކުޅިވަރެކެވެ. ދުނިޔޭގައި މަޝްހޫރު ކުޅިވަރެކެވެ. ބޭރުގެ ސަގާފަތާއި ކުޅިވަރުތައް ރާއްޖެ ގެންނަވަނީ ހަމީދެވެ. ބަޔަކު ތިބީ އެ ކަމާ ތުންފިއްތައިގެންނެވެ. ދިވެހިންގެ ސަގާފަތާ ބީރައްޓެހި ކުލަތައް ދިވެހި ވެށްޓަށް ހަމީދު ފާއްދަވާތީއެވެ. މަޣްރިބުނަމާދު ވަގުތަށް ނުހުއްޓައި ޒުވާނުން ފައިބޯޅަ ކުޅޭތީއެވެ. ބައެއް މީހުންގެ ނަޒަރުގައި އެއީ ފަރަންޖީ ސަގާފަތްތަކަށް ދިވެހީން ދެވިހިއްޕުވަން ހަމީދު ކުރައްވާ ނުރައްކާތެރި ކަމެކެވެ. 

ހަމީދަކީ ރާއްޖެއިން ބޭރަށް ދަތުރުތައް ކުރައްވާ ވެރިއެކެވެ. ވިލާތާއި އެތައްމިތަނުން ގެންނަ ސަގާފަތުގެ އިތުރަށް، ސާމާނުތަކާއި ވައްޓަފާޅި ވެސް ހަލުވި ދުވެއްޔެއްގައި ރާއްޖެއަށް އެތެރެވިއެވެ. ޕިންޕޮންގެ އިތުރަށް، ހޮކީއާއި ބޮކްސިން ތައާރަފުވިއެވެ. ފޮޓޯނެގުމަށް ދިވެހިން އަހުލުވެރިވާން ފެށިއެވެ. ފޮޓޯނަގަން އެންމެ ކުޅަދާނަ މީހަކީ ނަޖީބެވެ. ފެންފަރުދާގެއަށް ވެސް ދޭތެރެއަކުން ނަޖީބު ގެނެސްފޮޓޯނަގުވައެވެ. ކިތަންމެ ފަހަރަކު އާދަނު ހިތަށްއަރައެވެ. އޭގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ނަޖީބު ލައްވައި ވަކި މީހަކަށް ޖާސޫސްކުރުވަނީބާއެވެ؟

ހަފީޒާގެ ފޮޓޯގަނޑެއް ހޯދަން އާދަނު ބޭނުންވިއެވެ. އެހެނަސް، ނަޖީބު ގާތުގައި އެ ވާހަކަ ބުނާކަށް އާދަނަކަށް ނުކެރެއެވެ. ބުނެފިއްޔާ ހީވާނީ ހިކި ބޯކެޔޮވަލަކު ހުޅުލާ ހެންނެވެ. ހަމީދުގެ ކަންފަތްޕުޅަށް އެ ވާހަކަ އޮންނާނީ ގޮސްފައެވެ. ނަޖީބާއި ހަމީދަކީ، ވަރަށް ގާތް ގުޅުމެއްއޮންނަ ދެ އެކުވެރިންނެވެ.  

މަދަރުސަތުއް ސަނިއްޔާއަކީ މާލޭގެ އެންމެ މަޝްހޫރު މަދަރުސާއެވެ. އެ މަދަރުސާގެ "ޗޭނު" ޖަމިއްޔާގެ ހާއްސަ ދުވަސްދުވަހު، ސަނިއްޔާގެ ބޮޑެތި އަންހެންކުދިންނަށް ހާއްސަ ދައުވަތެއްލިބެއެވެ. ފެންފަރުދާގެއަށް އައުމެވެ. ފަރުކޮޅުފުށި ނުވަތަ ސޯސަންފުށްޓަށް އައުމެވެ. ފެންފަރުދާގެއަށް އާދަނު ދާން ފެށީދައުވަތުލިބިގެނެއް ނޫނެވެ. ރަޒިއްޔާއާ އޮންނަ ގާތްކަމެއްގެ ސަބަބުންނެވެ. އައިޝަތު ހަސަނާއި، ދޮންގޮމައާއި، ރަޒިއްޔާއަކީ، ހަމީދު އަރިއަހުގައި ވަރަށް ނުފޫޒުގަދަ ތިން ކަނބަލުންނެވެ. އެއިން ކަނބަލަކު ކުރާ އެއްވެސް ކަމަކަށް ދެކޮޅުހެއްދެވުމަކީ ހަމީދަށް ކެރިކުޅަދާނަވެގެންވާ ކަމެއް ނޫނެވެ. ކުޑަމިނުން ސުވާލެއް ވެސް ނުކުރައްވާނެއެވެ.  

ފެންފަރުދާގެއަށް ދައުވަތުއެއް ލިބިއްޖެ ނަމަ، އެކަކު ވެސް އެއަކަށްއިންކާރެއްނުކުރާނެއެވެ. އޭގެ ފަހަތުގައި ވަރަށް ބޮޑު ސިއްރެއް އޮވެއެވެ. އެ ގޭގައި އުޅޭ އިރު، ކޮންމެ ގަޑިއެއްގައި ވެސް ކާންބޯން ލިބެއެވެ. ބަނޑަށްހުންނާކަށް ނުޖެހެއެވެ. ބަނޑަށްޖެހިފައިވާ މާލޭގެ ގިނަ ކުދިން އެ ގެއަށް ދަނީ، ލިބޭ ކާއެތިކޮޅަށް ޓަކައެވެ. މެންދުރާއި ރޭގަނޑުގެ ކެއުމަށް ރާއްޖޭގައި ޒުވާރިބަތް އާންމުވެފައިވީ ނަމަވެސް، ފެންފަރުދާގޭގައި ހަނޑޫ، ހަކުރު، ފުށް ހުރެއެވެ. މެންދުރާއި ރޭގަނޑަށް ބަތް ލިބެއެވެ. ހަވީރު ސަޔަށް ހުންނަނީ ބަނަސް ނުވަތަ ހަރުފާރޮށްޓެވެ. އާންމުކޮށް ކަޅުސަޔެވެ. ބައެއް ފަހަރު ކިރުސަޔެވެ. އެއީ އާންމުކޮށް ގޭގޭގައި ހުންނަ އެއްޗިއްސެއް ނޫނެވެ. ވީމާ، ކާއެތިކޮޅަށް ޓަކައި އެ ގެއަށް ދިއުން އޮންނަނީ ފާޑަކަށް ލާޒިމުވެފައެވެ.

އެއްދުވަހަކު ފެންފަރުދާގެއަށް ހަފީޒާ އައެވެ. ހަފީޒާއަކީ ޗޭނު ޖަމިއްޔާގެ ދަރިވަރެކެވެ.އޭނަ ހަމަ ފެނުމާ އެކު އާދަނަށް އާދަނުގެ ހައިސިއްޔަތު ހަނދާންނެތެއެވެ. އެހެން ނުވާނީ ކީއްވެހެއްޔެވެ؟ ހަފީޒާގެ ތޫނު ކަޅިރަވައާއި، ޖާދުވީ ހިނިތުންވުމާއި، ދަންފުޅި ބައްޓަމަށް ނުދަމާނީ ކާކުހެއްޔެވެ؟ އެހެނަސް، ހަފީޒާއަކީ ކޮންމެކޮންމެ މީހެއްގެ ލޮލުގައި އަޅައިގަތުން ހުއްދަ ކުއްޖެއް ނޫނެވެ. ހަފީޒާ އާއިލާގެ ހައިބަތާއި ގަދަރަށް ޓަކައެވެ. އާދަން ކަލޭފާނަކީ ހަފީޒާގެ ބައްޕަކަން ނޭނގޭ އެކަކު ވެސް ނޫޅެއެވެ. އެއީ ސަރުކާރު ހުރިހައި ނަވެއްގެ ބޮޑުމާލިމީއެވެ. ހެންވޭރު އަވަށުވެރިޔާއެވެ. މާލެއަކީ ހަތަރު އަވަށުން ބަލަހައްޓާ ތަނެކެވެ. ކޮންމެ އަވަށުވެރިޔަކަށް އެތައްއެތައް ބާރެއްދީފައި އޮވެއެވެ. ފަނޑިޔާރުގެއަށް މައްސަލައެއް ފޮނުވާނީ އަވަށުވެރިގެއިން އެ މައްސަލަ ބަލައިފައެވެ. މަޝްހޫރު ޢުމަރުމަނިކު ފިޔަވައި، މާލޭގެ އެންމެ މުއްސަނދި މީހަކީ އާދަން ކަލޭފާނެވެ. އޭނަގެ ދަރިއަކަށް، ލޮލުގެ ކުޑަކޮޅުން ވެސް ބަލައިލަން ކެރޭނީ ކާކަށްހެއްޔެވެ؟ އެ ކަން ކުރެވޭނީ ވަރަށް ހިތްވަރުގަދަ މީހަކަށެވެ. 

ފެންފަރުދާގެއަށް ޕިންޕޮންކުޅެން އަންނަ އަންހެންކުދިންނާ އެއްކޮށް އާދަނު ވެސް ޕިންޕޮންކުޅެން ފެށިއެވެ. ކުޅެން މާ މޮޅުވެގެނެއް ނޫނެވެ. އާދަނުގެ ބޭނުމަކީ ޖެހުނު ކުއްޖަކާ އެއްކޮށް ޕިންޕޮންކުޅުމެއް ނޫނެވެ. އާދަނު ކުޅެން ޝައުގުވެރިވަނީ ވަކި ހާއްސަ ކުއްޖަކާ އެކުގައެވެ. އެއީ ހަފީޒާއެވެ. އާދަނުގެ ނިދިނަގައިލައި، ކާން ހަނދާންނައްތައިލިހޫރުޕަރީއެވެ. 

ފެންފަރުދާގޭގައި އާދަނު އުޅެނީ ގެންގުޅޭކުއްޖެއްގެ ހައިސިއްޔަތަކުންނެއް ނޫނެވެ. ރަޒިއްޔާގެ ކޮއްކޮގެ ހައިސިއްޔަތުންނެވެ. ކޮންމެ ސިފައެއްގައި ނަމަވެސް ފަރީދިއްޔާގައި އުޅޭތީ، މަދަރުސާ ކުއްޖަކަށް ވެސް އާދަނު އެބަވޭމެއެވެ. އާދަނާ ދޭތެރޭގައި އެންމެން ވެސް ބަލާނީ ތަންކޮޅެއް ގަދަރުވެރިކޮށެވެ. ފިރިހެނުން ވަނުން މަނާ ފެންފަރުދާގޭގައި އާދަނަކީ، ތަހުތާއި ބާރު ނެތް ރަސްކަލެކެވެ. އެކަމަކު ވެސް، ހަފީޒާއާ އެކުގައި ޕިންޕޮންކުޅޭނެ ފުރުސަތެއް އާދަނަކަށް ނުލިބެއެވެ. ހަފީޒާގެ ލޮލުގައި އާދަނު އަޅައިނުގަންނާތީއެވެ. އާދަނު ހިތަށްއެރިއެވެ. ހަފީޒާއަށް އާދަނު ފެންނަން އެބަ ޖެހެއެވެ. އާދަނަށް ވިސްނެނީ އެންމެ ގޮތެކެވެ. (ނުނިމޭ)