(އާދިއްތަ ދުވަހާ ގުޅޭ)
"ފެންބަތް ކާން ތައްޔާރުވޭ!" އާދަނު ބުންޏެވެ.
ދެ ޖިންސުގެ ކުދިން ފީނަން ތައްޔާރުވީ އެއް ވަގުތެއްގައެވެ. އާދަނު ހިތަށް އެރިއެވެ. އަހަރެން އަޑިއަށްދާ ވަގުތު ހަފީޒާ ވެސް އޮންނާނީ އަޑީގައެވެ. އެއީ އާދަނަށް ލިބުނު ހިތްވަރެކެވެ. ކަށިގަނޑު ހިއްޕަވައިގެން ތައްޔާރަށް ހުންނެވީ މުޙައްމަދު ހަމީދެވެ.
"ކަށިގަނޑު ފުމެލީމާ ހުރިހާ ކުދިން ފީނަން ފަށާ!" ހަމީދު ވިދާޅުވިއެވެ. "ތައްޔާރު! އެކެއް. ދޭއް."
ކުއްލިއަކަށް ހަފީޒާ އަކުނިވަޔަށް ދަމައިގަތެވެ. ދެ ކުއްޖަކު ވެގެން ހަފީޒާ އަތުލަފި ކޮށްގެން ނަގައި ކަނދުފަތީގައި ބޭއްވިއެވެ. އެ ކަނދުފައްޗަކީ އެ ފަދަ ކަންކަމަށް ހާއްސަ ކޮށްފައިވާ އެއްޗެކެވެ. ކަނާއަތު ފައިގެ ބޮޑުވައިއިނގިލީގައި ހިފަހައްޓައިލައިގެން ހަފީޒާ އިނެވެ. އެހީތެރިއަކު ލުނބޯހުތުފަނިތަށްޓެއް ގެނެސްދިނެވެ.
"އަލުން ފަށާ!" ހަމީދު ވިދާޅުވިއެވެ.
ދެން ހަމީދު އެއްޗެއް ވިދާޅުވި އަޑެއް އާދަނަކަށް ނީވެއެވެ. ހަފީޒާ އުޅެނީ ފަޔަށް ތަދުވާތީއެވެ. ހަދަންވީ ގޮތް އާދަނަށް އެނގެއެވެ. މޫދުން ލޮނު ކޯވަރެއް ބޮއިލުމުން ވަގުތުން ރަނގަޅުވާނެއެވެ. އެހެނަސް ހަފީޒާ ގާތުގައި އެ ވާހަކަ ބުނާނީ ކާކު ހެއްޔެވެ؟ އަންހެންކުދިން ފީނާ ތަނަށް ފިރިހެނަކު ވައި އެޅުން ވެސް މަނައެވެ. ހަގީގަތުގައި އޭރު މުބާރާތް ފެށިއްޖެއެވެ. ފީނުންތެރިން ފީނަނީއެވެ. އާދަނު މަޑުމަޑުން އަޑިއަށް ގޮސްފައި ހަފީޒާއާ ދިމާއަށް ފީނައިގަތެވެ. އާދަނަކީ ބާރަށް ފީނާ، ނޭވާ ދިގު ޒުވާނެކެވެ. އާދަނަށް ނަޒަރު ހުއްޓައިލައިގެން ތިބި އެކުވެރިންނަށް އާދަނު ގެއްލުނެވެ. އާދަނު ބޯހިއްލައިލީ ކަނދުފަތި ކައިރިންނެވެ. ހަފީޒާ ސިއްސައިގެން ގޮސްފައި ހަޅޭއްލަވައިގަތެވެ. އާދަނު ވަގުތުން އަޑިއަށް ދިޔައެވެ. ކަންތައް ހިނގައިދިޔަލެއް އަވަސްކަމުން، ކަނދުފަތި ކައިރިއަށް އައީ ކާކު ކަމެއް ހަފީޒާއަކަށް ނޭނގުނެވެ.
ފީނުމުގައި ތަށި ދިފާއު ކުރަމުން އައި ފަރީދިއްޔާއަށް ލިބުނީ ދެވަނައެވެ. ވަރަށް ހޫނުކޮށް އެ ކަމާ ސައްލާ ކުރެވުނެވެ. އާދަނުގެ އެކުވެރިން ތިބީ އަތިރިމަތީގައި ހުރި ހިޔާކޮޅެއްގައެވެ. ލޮނުޖަހައިގެން އަނބު ކާށެވެ. އެންމެންގެ ވެސް ސުވާލަކީ، އާދަނަށް ވީ ކިހިނެއް ހެއްޔެވެ؟ އާދަނުގެ ޖަވާބެއް ނެތެވެ.
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ހީރި ގޮވާ އަޑު ނޫން އަޑެއް ނީވެއެވެ. މޭޒު ކައިރީގައި ހުރި އަދަރާދަގޮނޑީގައި އިށީނދެލައިގެން އާދަނު ހިޔާލަކަށް ގެއްލިފައި އިނެވެ. ކައިރީގައި ފުޅިބައްތިއެއް ހުއްޓެވެ. ފަންވަތެއް އޮތެވެ. ބައްތީގެ ހުޅުކޮޅު ވަށައިގެން ޕަރުވާނާއެއް އެނބުރެއެވެ. ޖެހި، ފިހި، ހަނާވުމަށް ޓަކައެވެ. ލޯތްބަކީ އެ ކަހަލަ އެއްޗެއްކަން އާދަނަށް އެނގެއެވެ. ޕަރުވާނާ ފަދައިން އާދަނު ވެސް ބޭނުންވަނީ ލޯބީގެ އަލިފާނުގައި ހިތް ޖައްސާށެވެ. އާދަނުގެ ނިކަމެތި ހިތަށް ހަފީޒާ ހަދާނެ ގޮތެއް ހަދަންވީއެވެ. ތޮރުފަންޏާ ތޮރުފަންވީއެވެ. ފޮރުވަންޏާ ފޮރުވަންވީއެވެ. ލޯބިވާ ވާހަކަ ނުބުނެއެއް ދެނެއް އާދަނަކަށް ނުހުރެވޭނެއެވެ. މޭޒުމަތީގައި އޮތް އިލޮށިކޮޅު ނަގައި ފަންވަތުގައި ޖައްސައިލިއެވެ. އާދަނު ބޭނުންވަނީ އިހުޒަމާނުގައި ލިޔެއުޅުނު ކަހަލަ ލޯބީގެ ފަންވަތެއް ލިޔާށެވެ. ލިޔާނެ އެއްޗެއް ނޭނގުނެވެ.
ނިދިނިދިފައި ހޭލެވެއެވެ. ހޭލައި އިންދައި ނިދެއެވެ. ލޯބީގެ އަސަރުގަދަ އިބާރާތްކޮޅެއް އާދަނަކަށް ނުވިސްނުނެވެ. ބައްތީގެ ތެޔޮފޮދު ހުސްވި އިރު އާދަނަށް ލިޔެވުނީ އެންމެ ފަސް ލަފުޒެވެ.
"ހަފީޒާއަށް މި ދިނީ އާދަނުގެ ހިތް." އެ ނިމުނީއެވެ.
ހެޔޮވަރު ސައިޒަކަށް ފަންވަތް ބުރިކޮށްލައި، ފަތްޖަހައިލުމަށް ފަހު އަނގޮޓި ތެރެއަށް ކޮއްޕައިލުމުން، ނުނިއުޅުވި ނިކަން ރީތިކޮށް އޮތެވެ. އަންބޮޑިއަށް ފަންވަތް ޖަހައިގެން އާދަނު ނުކުތެވެ. ހިތުގައި އޮތެވެ. މަގުމަތިން ފެނުނަސް ދިއްކޮށްލާނަމެވެ. ހިފިއްޔާ ހިފީއެވެ.
އަތިރިމައްޗަށް ނުކުމެވުނު އިރު ދޮންމަނިކު ދެކޮޅަށް ދުވާ ތަން ފެނުނެވެ. އޭނަ ހޭވައްޓާލައިފައި ދުވުމުގެ ރޭހަށް ފަރިތަކުރަނީއެވެ. މުބާރާތް އޮތީ ބޯމަތިވެފައެވެ. އާދަނު ފެންނަ އިރަށް ރޭސްޖަހަން ދޮންމަނިކު ބޭނުންވިއެވެ. އާދަނު ފޫގަޅައިލިއެވެ. އެ ހިސާބުން ރޭސް ފެށުނީއެވެ. ދުވެދުވެ ވަރުބަލިވެގެން ދެ މީހުން ބިންމައްޗަށް ދެމުނެވެ. އާދަނު މައިނޭވާލާން އޮތީއެވެ. އިރުކޮޅަކު އޮވެފައި ބަލައިލި އިރު ދޮންމަނިކު ކައިރީގައި ހުއްޓިގެން ހުއްޓެވެ. އޭނަގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ.
"ކިހިނެއްވީ؟" އާދަނު އެހިއެވެ.
ދޮންމަނިކު ދައްކައިލީ އާދަނު އަންބޮނޑީގައި ފޮރުވި ފަންވަތާއި އަނގޮޓިއެވެ. އާދަނު ވަގުތުން އަންބޮނޑި ހާވައިލިއެވެ. ފުންމައިގެން ތެދުވިއެވެ.
"ކޯޗެއް މީ؟" ދޮންމަނިކު އެހިއެވެ. "އަހަރެން ދުށީމޭ އަންބޮނޑިން ވެއްޓުނު ތަން."
"ތީ ރައްޓެއްސަކު ބުނެގެން އޭނައަށް..." އާދަނަށް ބުނެވުނީ އެ ހިސާބަށެވެ.
"ތި ހީކުރީ އަހަންނަށް ނޭނގޭ ކަމަށް؟" ދޮންމަނިކު ބުންޏެވެ. "އެ ކަން ހުއްޓާލާ! އެއީ ކާކު ތީ ކާކު؟ ބޮނޑިއެއް ލިބިދާނެ."
ދޮންމަނިކު ފަންވަތް ވީދައިލިއެވެ. އަނގޮޓި މޫދަށް ހޫރައިލިއެވެ. އާދަނު އެއްޗެއް ނުބުނެއެވެ. ހިތަށް އެރިއެވެ. ދޮންމަނިކު ބުނީ ތެދެކެވެ. ހަފީޒާއަކީ އާދައިގެ މީހެއްގެ ދަރިއެއް ނޫނެވެ.
ހެންވޭރު ބޮޑުމަދުގަހަށް ހޫރައިލި ގަޅިގަނޑާ އެކު ދޮންމަދުތައް އެކި ދިމަދިމާއަށް ވިއްސައިގެންދިޔައެވެ. މަދު ހޮވަން އާދަނު ދުއްވައިގަތެވެ.
"ބަލަބަލަ!" މީހަކު ގޮވައިލި އަޑުއިވުނެވެ.
އާދަނު ބަލައިލި އިރު، އުކުޅުގައި އަތްވިއްދައިގެން އައްބާސް ބަލަހައްޓައިގެން ހުއްޓެވެ. އައްބާހަކީ އާދަނު ދަންނަ މީހެކެވެ. އޭނަ އުޅެނީ ރަޒިއްޔާއާ އަޅައިގަނެގެންނެވެ. ރަޒިއްޔާއަކީ އާދަނުގެ ދުރުތާ ތިމާގެ ދައްތައެކެވެ.
"ގަޅިއުކުމޭ މަނައީ،" ދޮންމަދު ކަމުން އާދަނު ބުންޏެވެ. "މަދުކެއުން ހުއްދަ."
"ގަޅި ވެސް އުކަންވީ. މަދު ވެސް ކާންވީ،" ގާތަށް އަންނަމުން އައްބާސް ބުންޏެވެ. "އެކަމަކު ކައި ނިންމާފަ ވާނެ ކަމެއް ކޮށްދޭން. މި ސިޓީ ގެންގޮސް ރަޒިއްޔާއަށް ދީބަލަ! މި އޮތީ ހަދިޔާ."
އައްބާސް ދިއްކޮށްލި ހަތަރުއަނާ އާދަނު އަންބޮޑިއަށް ލައި ފޮރުވިއެވެ. މަދުތައް މުންޑަށް އަޅައިފައި، މުންޑު ތެރެއަށް ސިޓީ ވައްޓައިލައިގެން އަޅައި އިތިކޮށް ދުއްވައިގަތެވެ.
"އަތުންއަތަށް އިނގޭ!" އައްބާސް ގޮވައިލިއެވެ.
ރަޒިއްޔާގެ ގެއަށް ވަދެ، ދޮރުމަތީ ހުރި ވަޅުން ފައިދޮވެލައިގެން އާދަނު ފެންޑާއަށް އެރިއެވެ. އެއީ އާދަނު އަލަށް ކުރާ ކަމެއް ނޫނެވެ. ދައްތަ އާއި އައްބާހުގެ ގުޅުން ދެމިއޮންނަން އާދަނު ވަރަށް ބޭނުމެއެވެ. ލިބޭ ފައިދާގެ ބޮޑުކަމުންނެވެ. އެކަމަކު ރަޒިއްޔާއަކީ، އެތައް ފިރިހެނުންނެއްގެ ލޮލަށް ހެރެމުންދިޔަ ކަށްޓެކެވެ. އޭގެ ތެރޭގައި މުޙައްމަދު ހަމީދު ވެސް ހިމެނިވަޑައިގަންނަވައެވެ. ހަމީދުގެ ހިތްޕުޅުގެ އެކަހެރި ކަނެއްގައި ރަޒިއްޔާ ރަނިކަން ކުރާތާ ކިތަންމެ ދުވަހެކެވެ. ހަމީދުގެ އަނބިކަނބަލުންނަށް ވެސް އެއީ ސިއްރެއް ނޫނެވެ. ފެންނަ ތަން ނުފެންނަ ކަމަށް ހައްދަވައިގެން އިންނަވަނީއެވެ. އެހެން ގޮތެއް ނެތަތީއެވެ. އައްބާސްގެ ގުޅުމާ މެދު ޝައްކުގެ ނަޒަރަކުން ބަލާ މީހަކު ވެސް އުޅެއެވެ. އެއީ ރަޒިއްޔާގެ ބައްޕަ ކުޑަހުއްތުއެވެ. އޭނަ ބޭނުންވަނީ، ދެ އަންބަށް ވިޔަސް ހަމީދުގެ އަންބަކަށް ރަޒިއްޔާ ހަދާށެވެ. ލިބޭނެ ޖާހާއި ނުފޫޒަށް ޓަކައެވެ.
"ރަޒިއްޔާ ދައްތާ!" އާދަނު އެހެން ގޮވަމުން ރަޒިއްޔާގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ.
އައްބާސް ދޭ ސިޓީއަކީ އާދަނު އަތުން ރަޒިއްޔާގެ އަތަށް ރައްދުވާ އެއްޗެކެވެ. އެ ދުވަހު ރަޒިއްޔާ ގެޔަކު ނެތެވެ. ރަޒިއްޔާގެ ކޮޓަރިއަށް އާދަނު ބޯދިއްކޮށްލި ވަގުތު ކުޑަހުއްތު ކޮޓަރިން ބޯދިއްކޮށްލިއެވެ. އާދަނު ފެނުމާ އެކު ކުޑަހުއްތު ދޮރާ ނިވާވެލިއެވެ. އާދަނުގެ ހަރަކާތްތަކާ މެދު ކުޑަހުއްތުއަށް ޝައްކުވީއެވެ. ދެކޮޅު ހޯދައިލާފައި އާދަނު ކޮޓަރިއަށް ވަނެވެ. ކުޑަހުއްތު ހުސްފައިގައި ގޮސް ރަޒިއްޔާގެ ކޮޓަރި ތެރެ ބަލައިލި ވަގުތު، އެނދުގެ ބާލީސް ދަށަށް އާދަނު ސިޓީ ކޮއްޕައިލިއެވެ. މީހެއްގެ ހިޔަނިވި ހެން އާދަނަށް ހީވިއެވެ. އާދަނު ކޮޓަރިން ނުކުތް އިރު މީހަކު ފެންނާކަށް ނެތެވެ.
ކަސްޓަމަކީ މާލޭގެ ވަރަށް ހައިބަތުހުރި އިމާރާތެކެވެ. ބޮޑެތި އެތައް ނިންމުންތަކެއް އެ ތަނުގައި ނިމެއެވެ. ބޮޑުގަޑި ބަހައްޓާފައި ހުންނަ ދޮރޯށިން އުތުރަށް ތަންކޮޅަކަށް ދާ އިރު ހުންނަ ކަސްޓަމުގެ އުތުރުން ހުންނަނީ ބަންޑާރަ ނައިބު އޮފީހެވެ. އެ އޮފީހުގައި ދެ ކޮޓަރި ހުރެއެވެ. ކަސްޓަމުގެ މަތީބުރިއަކީ ދާޚިލިއްޔާއެވެ. އެ ތިން ތަނަކީ ވެސް މުޙައްމަދު ހަމީދު އިންނަވާ ތަންތަނެވެ. އެ ފަހަރަކު ހިތްޕުޅާވާ ތަނަކު އިންނަވައިގެން އަމުރު ނެރުއްވައި ހައްދަވައެވެ. މަޝްވަރާތައް ކުރައްވައި، ބޮޑެތި ނިންމުންތައް ނިންމަވައެވެ.
ދުވަހަކީ އުޑުމަތި ބަނަ ދުވަހެކެވެ. ދެންމެދެންމެ ވެހިގެންފާނެ ކަހަލައެވެ. ހުޅުވާފައި ހުރި ދޮރުތަކުން ވައި ވަންނަމުން ދިޔަ އިރު ވެސް ހަމީދުގެ ހިތްޕުޅަކަށް ފިނިކަމެއް ލިބިވަޑައެއްނުގަތެވެ. އަތްޕުޅުގައި އޮތް ސިޓީއަށް ބަލަހައްޓަވައިގެން އިންނެވި އިރު ދެބުމަފުޅު ކައިރިވެފައި، ނިތްޕުޅުގައި ރޫ ގިނައެވެ.
"ކަލޭފާނު!" ހަމީދު ނިކަން ބާރަށް ވިދާޅުވިއެވެ.
ޖެހިގެން ހުރި ކޮޓަރީގައި އިން ދޮންކަލޭފާނު ދުވެފައި ކަހަލަ ގޮތަކަށް އައެވެ.
"އައްބާސް ގޮވައިގެން އާދޭ!" ދޮންކަލޭފާނަށް ހަމީދު އަމުރުކުރެއްވިއެވެ.
ދޮންކަލޭފާނު ހަރުކޮށް ހިނގާފައި ފުރަތަމަ ދިޔައީ އައްބާސްގެ ގެއަށެވެ. ނަސީބަކުން ގޭގެ ފެންޑާގައި ހުރި ސަރަންފީގައި އައްބާސް އިށީނދެގެން އިނެވެ.
"މުޙައްމަދު ހަމީދު ވިދާޅުވީމަ މި އައީ، ހިނގާ!" ހަސަންކަލޭފާނު ބުންޏެވެ.
ވީ ގޮތް އައްބާހަށް ވަގުތުން އެނގުނެވެ. އެހެނަސް އައްބާހަކީ ވެސް ގޮތެއްގައި ހުންނަ މީހެކެވެ.
"އޭނަ މަ ބަލާ ފޮނުވާނެ ކަމެއް ނޯންނާނެ،" އައްބާސް ޖަވާބު ދީފައި ސަރަންފީގައި އޮށޯތެވެ. "ބުނޭ އަހަންނަށް ދާން ފެނުނު އިރަކުން ދާނަމޭ!"
އައްބާހަށް ވިސްނައިދޭން ހަސަންކަލޭފާނު ވަރަށް މަސައްކަތް ކުރިއެވެ. އައްބާސް އިވޭ ކަމަކަށް ނެހެދިއެވެ. ލޯމަރާލައިގެން އޮތީއެވެ. އެ ވަގުތު އާދަނަށް އެ ތަނަށް ވަދެވުނެވެ. ހަސަންކަލޭފާނު ދިޔުމުން އައްބާސް ލޯ ހުޅުވައިލިއެވެ.
"ދައްތަ އަތަށްތަ ސިޓީ ދިނީ؟" އައްބާސް އެހިއެވެ.
"ދައްތަ ގޭގަ ނެތީމަ ދައްތަ ނިދާ އެނދުގެ ބާލީސް ދަށަށް ލީ!" އާދަނު ބުންޏެވެ.
"އެއްވެސް މީހަކަށް ފެނުނުތަ؟" އައްބާސް ސުވާލުކުރިއެވެ.
އެ ވަގުތު އާދަނު ބަލި ހަނދާނެއްވިއެވެ. ދައްތަގެ ކޮޓަރީގައި އާދަނު ހުއްޓައި، މީހަކު ދޮރުން ބަލައިލި ހެން އާދަނަށް ހީވިއެވެ.
"ހީވި އެހެން." އާދަނު ބުންޏެވެ.
ކަންތައް ހިނގައިދިޔަ ގޮތް މުޙައްމަދު ހަމީދު އަރިހުގައި ހަސަންކަލޭފާނު ދެންނެވިއެވެ.
"ނައި،" ކަލޭފާނު ބުންޏެވެ. "ވަރަށް އާދޭސްކުރިން."
"އާދޭސްކުރާކަށް ނުޖެހޭނެ. އޭނަ އޮތް ތަނަކާ އެކީގަ ނަގައިގަނެގެން ގެނެވޭނެއްނު!" ކޯފާވެފައި ހަމީދު ވިދާޅުވިއެވެ. "ގެނެވޭ ވަރަށް މީހުން ގޮވައިގެން ގޮސް ގެނޭ!"
މީހުން އައިސް ސަރަންފީއާ އެކު އައްބާސް އުފުއްލާލައިގެން ގެނެސް ބަންޑާރަ ނައިބު އޮފީހަށް ވެއްދިއެވެ. އޮފީސް ދޮރުމައްޗާ ހަމައަށް އާދަނު ދިޔައެވެ. އެ ހިސާބުން އާދަނުގެ ލޯމަތިން އައްބާސް ގެއްލުނީއެވެ. ދެން އިވެން ފެށީ ބިރުވެރި އަޑެކެވެ. (ނުނިމޭ)