(އާދިއްތަ ދުވަހާ ގުޅޭ)
އާދަނު ކުއްލިއަކަށް ލަންޓަނުން ފުންމާލައިގެން އައިސް، ހަސަން ކަލޭފާނުގެ ބަނޑުގައި ބާރު އެތިފަހަރެއް އަޅައިވިހެލިއެވެ. ހަސަން ކަލޭފާނު އަރިއަޅައިލިއެވެ. އެހެނަސް ނުއެއް ވެއްޓެއެވެ. އޭނައަކީ ވަރަށް ބިޔަ މީހެކެވެ. އާދަނަށް އެންމެ ސޯޅަ އަހަރެވެ. ވީމާ، އާދަނަށް ވަރަށް އަނިޔާކޮށްލާނެކަން އާދަނަށް އެނގެއެވެ.
"މިއަދަކީ ހިކަނދީގެ ދުވަސް." އާދަނު ބުންޏެވެ.
ހަސަން ކަލޭފާނު ކުރިޔަށް ޖެހިލާފައި އާދަނުގެ މޭމަތިން ގަމީސް އަތަށް ބޮނޑިކޮށްލިއެވެ.
"ހިކަނދީގެ ދުވަސްދިޔައީ!" ހަސަން ކަލޭފާނު ބުނެލިއެވެ.
ގާތުގައި ތިބި އެންމެން ކުއްލިއަކަށް ހަސަން ކަލޭފާނުގެ ގަޔަށް އަރައިގަތެވެ. އިރުކޮޅެއްވީ އިރު އޭނަ އެންމެ އަޑިން ލައިގެން ހުރި އެއްޗެއް ފިޔަވައި އެހެން އަންނައުނެއް ނެތެވެ. އެއީ އެ ދުވަހުގެ ރޫހު ހުރި ގޮތެވެ. ހަމީދުއާ އެއްކޮޅަށް އެއްޗެއް ބުނާ މީހުނަށް އެ ދުވަހު އޮތީ އެ ހުކުމެވެ. ހަމީދުގެ ތައްޕާހުންނާއި މޯހިރުން އުޅުނު ގިނަ މީހުން ބިރުން ތިބީ ގޭގައެވެ. ގުޅަކުޅޭ ފަސްގަނޑަށް އައި، ހަމީދަށް ތާއީދުކުރާ މަދު މީހުން ޖެހުނީ ކުޅިބަލަން ތިބޭށެވެ. އެ މީހުންގެ މީސްކޮޅު މަދުކަމުންނެވެ. އިދިކޮޅު އެންމެން މުންޑުތައް އަރުވައިޖަހައި، ގަމީހުގެ އަތުކުރި އޮޅައިލިއެވެ. އިދިކޮޅު ސަފުތައް ބަދަހިވާ ތަން ފެނި އެ ޚަބަރު ފެތުރެން ފެށުމުން، ހިކަނދިތައް މީދަލަށް ވާކަށް މާ ގިނަ އިރެއް ނުނެގިއެވެ.
"ޔޯތް! ޔޯތް! ހަވަރު އެއްވެއްޖެޔޯ! އަވަހަށް ގުޅަކުޅޭ ފަސްގަނޑަށް އެއްވާށޭ ޔޯތް!" މާފަންނުކޮޅުން އަދި މީހުންތަކެއް ގޮވިއެވެ. "އެންމެނޭ! ގުޅަކުޅޭ ފަސްގަނޑަށް އެއްވާށޯ!"
ފަރީދީމަގާއި އޯކިޑުމަގުން ހިރަފުސް އަރުވަމުން މީހުންތައް ދުއްވައިގަތެވެ. ކާން ތިބި މީހުން އަތްދޮވެލާކަށް ވެސް ހަނދާނެއް ނެތެވެ. ގޭގެޔަށް ގޮވަމުން، އަޑުގަދަކުރަމުން ދުވެނަގަނީއެވެ. އަންހެންވެރިން ގޭގައި ތިބެގެން ބިރުން ރޮނީއެވެ. އާއިލާ މީހުންނަށް ދެން ވާނެ ގޮތަކާ މެދު ކަންބޮޑުވާތީއެވެ. ހަމީދުގެ އަނިޔާވެރި ހުކުންތަކުން ގޭބަންދުވެފައި ތިބި އެއްބަޔަކު އަމިއްލައަށް ބަންދުން ވީއްލުނެވެ. އަނެއްބަޔަކު އަދިވެސް ވާނުވާ ބަލަން މަޑުކޮށްލީއެވެ. ގޭގައި ރޮއި، އަނބުރައިގަންނަ އަންހެނުންނަށް އެހީތެރިވަނީއެވެ. ދުވަހަކީ މާލޭގައި ބާއްވާ އެންމެ ބޮޑު ކަސްރަތު މުބާރާތް ފެށުނު ދުވަހެވެ. މުބާރާތް ފެށި ފަހުން ކެންސަލު ކޮށްފައި އެއްބަޔަކު ދުވީ ގެއަށެވެ. އަނެއް ބަޔަކު ގުޅަކުޅޭ ފަސްގަނޑަށެވެ.
ގަޑިން މެންދުރު އެކެއް ޖެހިތާ އިރުކޮޅެއް ވެއްޖެއެވެ. މޫސުމުގެ ހޫނާއި ރައްޔިތުންގެ ހޫނު ވެސް ދިޔައީ ގަދަވަމުންނެވެ. މާލޭގެ އިއްޒަތްތެރި ބޭފުޅުން ބަނޑޭރިގޭ ދޮރުމަތީގައި ގޮތް ހުސްވެގެން ކުޅި ބައްލަވަން ތިއްބެވިއެވެ. ގިނައީ ގޭބަންދުގައި ތިއްބެވި ބޭފުޅުންނެވެ. ހަމީދުގެ އަރިހު ބޭފުޅުން ވެސް ތިއްބެވިއެވެ. ކުރެއްވޭނެ ކަމެއް ނެތިފައެވެ. ދުވަހުގެ ބާރު އޮތީ ނުފޫޒަކަށް ނުވަތަ ގާނޫނަކަށް ނޫނެވެ. އަދަދަށެވެ. އިދިކޮޅުން ނުކުތް މީހުންގެ އަދަދު މާ ގިނައީއެވެ.
"ރައްޔިތުންނޭވޭ!" އިބްރާހީމްދީދީ އިސްނަންގަވައި ވިދާޅުވިއެވެ. "ތިޔަ ބޭކަލުން އެދިލައްވަނީ ކޮން ކަމެއްތޯ؟"
ރައްޔިތުންގެ ތެރެއިން މީހަކު ޖަވާބު ދިނުމަށް ކުރިޔަށް ނެރުނެވެ.
"އަޅުގަނޑުމެންގެ އަނބިދަރީން ރާއްޖޭގެ ރަށްރަށުގަ ފަތްޕިލާވެލި ކައިގެން، ބަނޑަށް ޖެހިގެން މަރުވަނީ،" ލިޔާކޮއި ޅަހުއްތު ގޮވައިލިއެވެ. "އުނުއޮރިޔާން ނިވައެއް ނުކުރެވޭ! އެހެންވެ ހަމަ ކެތްނުވެގެން މި އައީ."
އާދަނަކީ ވަރަށް ޒުވާން ކުއްޖެކެވެ. ވީމާ، އާދަނު މަންޒަރު ބަލަން މަޑުކޮށްލިއެވެ.
"އަޅުގަނޑުމެންގެ ރައީސަކަށް މިހާރު އިތުބާރެއް ނެތް!" ގުޅީ އީސާ ކަލޭފާނު ބުންޏެވެ. "އަޅުގަނޑުމެންގެ މާތް އިސްލާންދީން މިހާރު ވެއްޔާ މޮޑެލައިފި. އަޅުގަނޑުމެން ފަނޑިޔާރު މަނިކުފާނެއް ވެސް މިހާރަކު ގަބޫލެއް ނުކުރަން."
އެ ހިސާބުން ދެން ތިބި މީހުންތައް، އެ މީހަކަށް ފެންނަ އެއްޗެއް އެ މީހަކު ގޮވަން ފެށިއެވެ. އާދަނު ވެސް ހަޅޭއްލެވޭހައި ބާރަކަށް ހަޅޭއްލެވިއެވެ. ގިނަ މީހުން ގޮވީ ހަމީދުގެ އަނިޔާވެރިކަމުގެ ވާހަކައެވެ. ކޮންމެ ވާހަކައަކަށް، ދެން ތިބި މީހުން އަތްތިލަބަޑިތަޅައިގަނެވެ.
"އާދެ! އާދެ! އެ ބުނީ ހަމަ ތެދެއް!" އެހެން ކިޔައި މުޅި ތަން ގުގުމައިލައެވެ. "އަޅުގަނޑުމެން ރައީސްއަކަށް ބޭނުމީ ކިލެގެފާނާ، އިބްރާހީމް ދީދީ!"
ތަނުގައި ތިއްބެވި ނަގައިކިޔާ ވެރިންގެ މެދުގައި މަޝްވަރާ ކުރެވުނެވެ. ދެން ހަދާނެ ގޮތަކާ މެދުގައެވެ. އޭގެ ތެރޭގައި ކާސިމް ކަލޭފާނާއި ޅަހުއްތު އާއި ޒަކީ އާއި ނާސިރާއި ޝިހާބާއި އަހަންމައިދީ އާއި އިބްރާހީމްދީ އާއި އާދަން ތައްހާނާއި ހަބީބު އާއި ދޮންސީދީއާ އަދި ވެސް އެތައް ބަޔެކެވެ. ރައްޔިތުންގެ ލޭހޮޅިތަކުގައި ލޭތައް ބޮކިޖަހައި، ހަޅޭކުގެ އަޑު ކެނޑޭ ވަގުތެއް ނާދެއެވެ.
"ބޭކަލުންނޭ! އަޑު މަޑުކުރައްވާ!" ވަރަށް އިހުތިރާމާ އެކު ޝިހާބު ގޮވައިލެއްވިއެވެ. "ފަހަރަކު މީހަކު ވާހަކަ ދައްކާ! އޭރުން ތިޔަ ދައްކާ ވާހަކައެއް އިވޭނީ. އޭރުން އެދިލައްވާ ގޮތްތައް ނޯޓުކޮށް، އެ ކަންކަން ހަމަޖައްސަން އެނގޭނީ ވެސް. އަޅުގަނޑުމެންގެ ވެސް ގާނޫނަކާއި ގަވާއިދެއް އެބަ އޮތް. އެޔާ ވެސް ޚިލާފު ނުވާ ގޮތަކަށް ކަންކަން ހަމަޖެއްސޭނީ. ހަމަ މި ތާ ތިބެލާފަ، ބޭނުން ގޮތަކަށް، އެއްވެސް ވިސްނުމަކާ ނުލާ ކަންކަން ކޮށްދޭން އަޅުގަނޑުމެން އެއްބަސްވެއްޖެއްޔާ ދެން ވާނީ ކިހިނެއްތޯ؟"
މީހުންތައް ހަޅޭއްލަވައިގަތެވެ. ކިޔާނުކިޔާ އެއްޗެއް ނޭނގެއެވެ. އާދަނުގެ އަޑު ހުރީ ފަޅައިގެން ގޮސްފައެވެ.
"ބޭކަލުންނޭ އިށީންނަވާ! ތިޔަހެން ނުހައްދަވާ!" އިބްރާހީމްދީ ބުނުއްވިއެވެ. "އިރާދަކުރެއްވިއްޔާ ތިޔަ އެދޭ ހުރިހާ ކަމެއް ވެސް ހަމަޖެހޭނެ."
މީހުންގެ އަޑު މަޑުވިއެވެ. ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އައެވެ.
"އަޅުގަނޑުމެންގެ ރައީސަކަށް އިތުބާރެއް ނެތޭ! ފަނޑިޔާރު މަނިކުފާނަކަށް އިތުބާރެއް ނެތޭ!" އާދަނު ހަޅޭއްލަވައިގަތެވެ.
"އާދެ! އާދެ! އާދެ!" އަނެއްކާ އެންމެން ހަޅޭއްލަވައިގެންފައި އަޑުގަދަކޮށްލިއެވެ.
"މި ދަންނަވާ އެންމެން، ހަމަ މިހާރު އަށިގެއަށް ލައްވާ!" ގުޅީ އީސާ ކަލޭފާނު ގޮވައިލިއެވެ.
ދިހަ ވަރަކަށް މީހުންގެ ލިސްޓެއް އީސާ ކަލޭފާނު ކިޔެވެ. އެ މީހުން އޭރު ވެސް ތިބީ ބަނޑޭރިގޭ ދޮރުމަތީގައެވެ. އިރުކޮޅަކުން އެންމެން ގެއްލުނެވެ. އެއިން ކޮންމެ މީހަކީ ހަމީދުގެ ފިސާރި އަރިސް، ސަރުކާރުގެ އިސް ސަފުގައި ހަރަކާތްތެރިވި ވެރީންނެވެ. އެންމެން ހައްޔަރުކޮށްގެން ގެންގޮސް އަށިގެއަށް ލީކަމަށް ރައްޔިތުންނަށް އެންގިއެވެ. އެއީ ތެދެއް ކަމެއް ދޮގެއް ކަމެއް ނޭނގެއެވެ. ގުޅަކުޅޭ ފަސްގަނޑުގައި އަޑުގަދަވަމުން، ކަންކަން ނިމެމުންދިޔަ އިރު، މީހުން ފަސްގަނޑަށް ފޮނުވަން މަސައްކަތްކުރާ މީހުން ކެނޑިނޭޅި އެ މަސައްކަތުގައި ދެމިތިއްބެވެ. ބައެއް ފިނޑި މީހުން ތިބީ ހުންއައިސްގެން ގޭގައި ރަޖާއަޅައިގެންނެވެ.
"ދެން ދުންފަތް ދޫކޮށްލާ!" ރައްޔިތުންގެ ވަރުގަދަ އެދުމެއް ހުށައެޅިއެވެ.
"ދޫކޮށްލައިފިން." ސަރުކާރުގެ ފަރާތުން، ޝިހާބު ޖަވާބު ދެއްވިއެވެ.
މީހުންތައް އަތްތިލަބަޑިތަޅައިގަތެވެ. އުފަލާއި ފޯރީގެ ހަޅޭކުގެ އަޑުން މާހައުލު ގުގުމައިލިއެވެ. ބައެއް މީހުން ވަގުތުން ބިޑި ރޯކޮށްލިއެވެ. މާލެއިން ހުސްވެފައިވާ ކަމަށް އަޑު އަރާފައިވާ ދުންފަތްތައް އައިނައި ދިމާއެއް ވެސް ނޭނގެއެވެ.
"ދުންފަތް މަނާކޮށްފަ ތި އޮތީ ގާނޫނީ ހަމަތަކުގެ މަތިން، އެތައް ގަވާއިދެއްގެ ދަށުން ފާސްވެގެން،" ޝިހާބު ގާތުގައި ހުރި، ހަމީދަށް ވަފާތެރި މީހަކު މަޑުމަޑުން ބުނެލިއެވެ. "ހަމަ ޓަސްލާފަ ތިޔަހެނެއް ގާނޫނު މުގުރައެއް ނުލެވޭނެ."
އެހެން ބުނި މީހަކު ހީކުރީ، އެހެން މީހަކަށް އެ އަޑު ނީވޭނެ ކަމަށެވެ. ކުއްލިއަކަށް ފެނުނީ އޭނަގެ ގަޔަށްބޮލަށް މީހުން އަރައިގަތް ތަނެވެ. ދެނެއް އޭނައަކަށް ކޮޅަކަށް ނުހުރެވުނެވެ. އަޑިން ލައިގެން ހުރި ފޭރާން ނޫން ފޭރާމެއް ނެތެވެ. އަވަހަށް އޭނަ ނަގައިގަނެގެން ގެންގޮސް ބަނޑޭރިގޭ ތެރެއަށް ނުވެއްދި ނަމަ ކަށިފުކެއް ވެސް ސަލާމަތްނުވީހެވެ. ރައްޔިތުންނަށް އަނިޔާ އާއި ދުއްތުރާދިން މީހުންގެ ލިސްޓެއް ވެސް އިއްވިއެވެ. އެ ހިސާބުން، ހަބީބު މަތިން މީހުން ހަނދާންވިއެވެ. އޭނައަކީ ފަރީދުގެ ބޭބެއެކެވެ. ހަބީބުގެ ގޭގެ ކޮޓަރިއެއްގައި ބޮޑުބަޑިއެއް ބާއްވާފައި ހަބީބު އޮންނަނީ އެ ބަޑީގައި ހިލިހިލާޖަހައިފައެވެ. ތިން ފޫޓެއް ހައި ކުޑަ އެކަމަކު ބަރު ބަޑިއެކެވެ. އޭނަގެ ކުށަކީ، ނާއިންސާފުން އޭނާ ގޭބަންދުކުރުމުން، ތިމަންނާ ދޫކޮށްލާ ދުވަހަކުން ހަމީދު މަރައިލާނަމޭ ބުނުމެވެ.
"އޭ ރައްޔިތުންނޭވޭ! ހިނގާ ހަބީބު ގެންނަން!" އާދަނު ގޮވައިލިއެވެ. "ކޮން ބައެއް އަހަންނާ އެކީގަ ދާނީ؟"
އެ ގޮތަށް އެ ކަން ނުކުރަން، ސަރުކާރުގެ ފަރާތުން އެދުނު ނަމަވެސް އެ އަޑެއް އެކަކު ވެސް ނޭހިއެވެ. އެންމެން އެއް އަޑަކުން އިޖާބަދިނެވެ.
"ހޭވައްލާ ތައްޔާރު!" ގުޅަކުޅޭ ފަސްގަނޑު ގުގުމައިލިއެވެ.
ބޮޑު ފައުޖެއް އެ ކަމަށް ދުއްވައިގަތެވެ. ދުވި ގިނަ މީހުންނަކީ، ބާޒާރުމަތީގައި ބިޑި ވިއްކަން އުޅޭ، ނޫކަށި ފުރައިގެ ޒުވާނުންނެވެ. ދިޔަ ގޮތަށް ގޮސް އެ ގެއަށް ވަދެ، އާދަނު ފުރަތަމަ މަސައްކަތްކުރީ ހިލިހިލާގަނޑު ކަނޑައިލާށެވެ. އެ ކަމެއް ނުވިއެވެ. ވީމާ، ބަޑިޔާ އެކުގައި ހަބީބު އުފުއްލައިލައިގެން، ޖޯޝްގައި އަންބާ ކިޔަމުން ބަނޑޭރިގެއާ ދިމާއަށް ހިނގައިގަތެވެ. އަންބާގެ ބައެއް ހާއްސަކުރީ ހަމީދަށް "ހެއްދެވިނެހެއްދެވިއަށް" ގޮވުމަށެވެ. ގޭގޭގެ ފާރުމަތިން ބޯއަރުވައިގެން ކުޅިބަލަން ތިބި އަންހެންވެރިންގެ ލޯ ކުރިމަތިން ހަބީބު ގެންގޮސް ބަނޑޭރިގޭ ކުރިމަތީގައި ބެހެއްޓިއެވެ. ފަސްގަނޑަށް އެއްވެފައިވާ އެންމެން ތަރުހީބުގެ އަތްތިލަބަޑިއަކުން ހަބީބަށް މަރުހަބާކިއެވެ.
"ހަމަ މިހާރު ހިލިހިލާގަނޑު ކަނޑައިލާ!" އާދަނު އަމުރުކުރިއެވެ.
"ކަނޑާލާ ކަނޑާލާ ކަނޑާލާ!" ރައްޔިތުން ހަޅޭއްލައިގަތެވެ.
ސިފައިންގެ ބަޔަކު ނުކުމެ ހަބީބު މިނިވަންކުރިއެވެ.
"އަހަރެން މިނިވަންވެއްޖެ!" ފެންކަޅިވެފައިވާ ހަބީބު ބުނުއްވިއެވެ. "ހުރިހާ ރައްޔިތުންނަށް ޝުކުރިއްޔާ! ދެން އެންމެން އަޑުމަޑުކޮށް، ހަމަހިމޭންވޭ! އަޅުގަނޑުމެންގެ މި ތިބަ ވެރީންނަށް ކިޔަމަންތެރިކަން އަދާކުރޭ! އެ ބޭފުޅުންނަށް އިތުބާރު ކުރައްވާ! އޭރުން މި މަސައްކަތް ކާމިޔާބުވާނީ."
ދެން ފެނުނީ ސިފައިންގެ ތެރެއިން މޭޒެއް ނެރުނު ތަނެވެ. އެ މޭޒަށް ޝިހާބު އެރުއްވިއެވެ.
"އަޅުގަނޑު މިހާރު މި އިއްވަނީ، ގައުމުގެ ކަންކަން ހަމަޖައްސަން، ވަގުތީ ގޮތުން ހަމަޖެހުނު މީހުންގެ ލިސްޓެއް." ޝިހާބު ބުނުއްވިއެވެ.
ލިސްޓުގައި ކޮންމެ އަވަށަކުން ހަތަރު މީހުން ހިމެނުނެވެ.
"ރުހުން ދީފިން." ކޮންމެ މީހެއްގެ ނަން ކިޔުއްވާ އިރަށް ރައްޔިތުން ގޮވައިލައެވެ.
ބައެއް މީހުންނަކަށް ރުހުމެއް ނުލިބުނެވެ. އެ ފަދަ މީހުން ބަދަލުކުރީއެވެ.
"ހަމީދު ވެރިކަމުން ދުރުކޮށްފިން،" ޝިހާބު ބުނުއްވިއެވެ. "ކިލެގެފާނާއި އިބްރާހީމްދީދީއަށް ވެރިކަން ހަވާލުކޮށްފިން. އެ ބޭފުޅުންނަށް އިތުބާރު ކުރައްވައި، ބޭކަލުން އަވަހަށް ގެއަށް ދުރުވޭ!"
ގިނަ މީހުން ގެއާ ދިމާއަށް ހިނގައިގަތެވެ. އާދަނަކަށް އެ ވަރަކުން ނުފުދުނެވެ.
"ތިލަދުންމަތިން އައި މީހުންނަށް ހެދި ގޮތް އަޅުގަނޑުމެންނަށް ނަހަދާނެ ކަމުގެ ޔަގީންކަން ދެއްވާ!" އާދަނު ގޮވައިލިއެވެ. (ނުނިމޭ)