(އާދިއްތަ ދުވަހާ ގުޅޭ)
އާންމުކޮށް މީހުން މިނިވަންކުރަނީ އެ ގަޑީގައެވެ. އަށިގޭގެ ތަޅު ހަރުކޮށްފައި ހުންނަނީ ތަޅުފަތްގަނޑެއްގައެވެ. ތަޅު ހުޅުވަން ތަޅުފަތްގަނޑުގައި ހިފާލާ އަޑަށް އެންމެން ތިބެނީ ދޮރަށް ބަލަހައްޓައިގެންނެވެ. އެ ދުވަހު ދެ މީހުން އެތެރެއަށް ވަނެވެ. އޭރު އާދަނު އޮތީ އަނދަގޮނޑިޖަހައި ބިޑި އަޅުވައިފައެވެ. އެ ދުވަހުގެ އަދަބަކީ އެއީއެވެ. އެ މީހުން އައިސް އާދަނުގެ އަނދަގޮނޑި އާއި ބިޑި ވެސް ނައްޓައިލިއެވެ. އާދަނު ކޮޅަށް ނެގިއެވެ.
"އަހަންނެއް މިނިވަނެއް ނުކުރާނެ،" އާދަނު ބުންޏެވެ. "އެކަމަކު މީ ދުއްރައިން ތަޅާ ގަޑިއެއް ވެސް ނޫން. ކަލޭމެން ކީއްކުރަން ތި އުޅެނީ؟"
"އަހަރެން ހަމަ އަޖައިބުވެއްޖެ އާދަނާ!" އެކަކު ބުންޏެވެ. "ކަލެއަށް ކީއްނުކުރަނީ؟ އެކަމަކު ކަލޭގެ ޖޯޝް އަދިވެސް ތިހިރީ މީގެ ތިން މަސް ކުރިން ހުރި ވަރަށް. ނޫނޭ ވާ ސާބަސް. އާދަނު މިނިވަންކުރަން އޯޑަރު އަތުވެއްޖެ!"
އެހެން ބުނުމުން އާދަނު ގެއަށް ދާން ތެޅިފޮޅިގަތީކީ ނޫނެވެ. ގައިގަ ވަރު ހުރި ނަމަވެސް އާދަނު އެހެނެއް ނެހެދީހެވެ.
"އަހަރެންގެ ރައްޓެހިންނޯ؟" އާދަނު އެހިއެވެ. "އެ މީހުން ބައިތިއްބަންޏާ މަ ވެސް އޮންނާނީ މި ތާ!"
"ކަލޭމެން ތިން މީހުން މިނިވަންވީ!" އޭނަ ބުންޏެވެ. "އެކަމަކު ފަހަރަކު މީހަކު ގެއަށް ފޮނުވާނީ."
"ތިހެން ވިއްޔާ މަ ދާނީ އެންމެ ފަހުން." އާދަނު ބުންޏެވެ.
އާދަނު ބަލައި އައި މީހުން އެ ކަމަކަށް އިޖާބައެއް ނުދިނެވެ. އާދަނު ގޮވައިގެން ނުކުންނަން އުޅުނެވެ. އެހެނަސް، ރަނގަޅަށް ނުހިނގޭތީ، ފަތްޖެހިއެނދަކަށް އާދަނު ލައިގެން ހިނގައިގަތެވެ. އޭރު އާދަނު ގަޔަކު މަހެއް ނެތެވެ. ހުރީ ކަށިތަކާއި ބަދަތަކެވެ. ކޮލާއި ދެލޯ ހުރީ ވަޅުވަދެފައެވެ. ހީވަނީ ކަށްބޮލެއް ހެންނެވެ. ބުނެވޭނީ އެހެންނެވެ. އެނދުގައި ޖެހިފައި އޮތީ އާދަނުގެ ކަންކާލެވެ. އާދަނުގެ ނަޒަރުގައި އެ އަދަބު ލިބުނީ އާދަނު ކުށެއް ކުރީމައެވެ. އަދަބު ވެސް ހައްގެވެ. އެކަމަކު އަދަބު ދިނީ އަދުލުވެރިކޮށެއް ނޫނެވެ.
ބަނޑޭރިގެއިން އާދަނު ނެރުނީ ހެނދުނުއެވެ. އާދަނު ގެންދަނީ ގެއަށޭ ބުނި ނަމަވެސް، އެ ބަހަކަށް އާދަނު މާ ބޮޑު އިތުބާރެއް ނުކުރެއެވެ. ހީކޮށްގެން އޮތީ ރަށަކަށް އަރުވައިލަނީކަމުގައެވެ. އެހެނަސް މޫދާ ދިމާއަށް ދިޔުމުގެ ބަދަލުގައި އެއްގަމަށް ހިނގައިގަތުމުން ދެން ހީކުރީ އެހެން ތަނެއްގައި ބަންދުކުރަން ގެންދަނީ ކަމަށެވެ. ވަރުދެރަވެފައި ހުރި ވަރުން، އަނގަތަޅާނެ މާ ބޮޑު ހިތްވަރެއް އާދަނަކަށް ނުލިބުނެވެ. ކޮންމެ ތަނަކަށް ގެންދިޔަސް ހެޔޮކަމަށް ނިންމައިލައިގެން އޮތީއެވެ. އިރުގެ އަތްވާއި ނަލަ ވައިރޯޅި އާއި މާގަސްތަކުން ދުވި މީރު ވަހާއި މަގުތަކުގެ އާންމު އަޑުތަކުން އާދަނުގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ. އުފަލުން ފެންކަޅިވިއެވެ. އެކަމަކު ހަމީދުއަށް އޮތް ނަފުރަތުން ޒައްރެއްގެ މިންވަރު ވެސް އުންޏެއް ނުވެއެވެ. އާދަނުގެ އަޒުމަކަށް ބަދަލެއް ނުމެއާދޭމެއެވެ.
އާދަނު ފުރަތަމަ ގެންދިޔައީ ދާޚިލިއްޔާއަށެވެ. ގެންގޮސްފައި، ދުވަހަކު ވެސް އެ ކަހަލަ ކަމެއް ނުކުރަން ނަސޭހަތްދީފައި، ފޮތެއްގައި ސޮއިކުރުވާފައި ގެއަށް ގެނައެވެ. ގެ ފެނުމުން އާދަނު ވަރަށް އުފާވިއެވެ. އާއިލާ މީހުން ދެކިލަން ބޭނުންވިއެވެ. ހަފީޒާގެ ހާލު ކިހިނެއްބާއޭ ހިތަށްއެރިއެވެ. އާދަނު ފެނުމުން އާއިލާ މީހުން އައިސް އާދަނު ގައިގަ އޮޅުލައިގަތެވެ. އެއް ބަޔަކު ރޯން ފެށިއެވެ. އަނެއް ބަޔަކު ސުވާލުކުރަން ފެށިއެވެ.
"އަހަންނަށް ގަރުދިބަ ބަތްކޮޅެއް ދީބަލަ!" އާދަނަށް ފުރަތަމަ ބުނެވުނު އެއްޗަކީ އެއީއެވެ.
އެ ވަގުތު ގެޔަކު ގަރުދިޔައެއް ނެތެވެ. ހިންމަފުށީ އިބްރާހީމުގެ ގެއަކީ މަސްކައްކާ ގެއެކެވެ. ބޯތަށްޓެއް ހިފައިގެން ދައްތަ އެ ގެއަށް ދުއްވައިގަތެވެ. ގަރުދިޔަ ބޯތަށި ގެނެސް އާދަނު ކައިރީގައި ބަހައްޓާފައި ދައްތަ ދިޔައީ ބަތް ބަލައެވެ. ބަތް ހިފައިގެން އައި އިރު އާދަނު ގަރުދިޔަ ތަށި ބޯލައިފިއެވެ. ބަނޑުހައިވެފައި އޮތުމާއި ގަރުދިޔައިގެ ވަސްޖެހުމުން ކެތްނުވީއެވެ.
އަނެއްކާ ގަރުދިޔަ ބޯތަށްޓެއް ގެނުވައިގެން ރަނގަޅަށް ބަތް ކައިލުމުން އާދަނު ގައިގައި ވަރުޖެހުނެވެ. އާދަނު ހިތަށްއެރިއެވެ. ކިތައް މިނެޓު ވަންދެން އާދަނު ގޭގައި އޮންނާނެބާއެވެ؟ ހަމީދު ބޭނުންފުޅުވީ މަރުވަންދެން އާދަނު އަށިގޭގައި ބާއްވާށެވެ. ލިބުނު ހިތްވަރުގެ ބޭނުންހިފައި، ގިފިއްޔަށް ވަދެ ފެންވަރައިގެން ނުކުމެ، ސާފު ގަމީހަކާއި މުންޑެއް ލިއެވެ. އާދަނު ބޭނުންވީ ރަށު ތެރެއަށް ނުކުމެ، މީސްމީހުންނާ ބައްދަލުކުރާށެވެ. ބައްޕަ އާއި ކާފަ އެ ކަމަކަށް ހުއްދައެއް ނުދިނެވެ. ވީމާ، ގޯތީގައި ހުރި ފަތްޖެހިއެނދުގައި އޮށޯވެލިއެވެ.
"އައްސަލާމް އަލައިކުމް!" އިވިފަރިތަ އަޑެއް އާދަނުގެ ކަންފަތުގައި ޖެހުނެވެ.
އާދަނު ބަލައިލި އިރު ދޮރުމަތީގައި އިބްރާހީމްފުޅު ހުއްޓެވެ. އޭނައަކީ ކުށްވެރިން ގައިގަ ދުއްރައިން ތަޅާ މީހާއެވެ. އާދަނު ގައިގަ ވެސް ތެޅީ އޭނައެވެ. އާދަނުގެ ހިތް ބުންޏެވެ. އެ އައީ އާދަނު ބަލައެވެ.
"ވައަލައިކުމް ސަލާމް!" އާދަނު އެނދުގައި އިށީނދެލަމުން ބުންޏެވެ. "ވަދޭވަދޭ!"
އިބްރާހީމްފުޅު މަޑުމަޑުން ހިނގާފައި އައިސް އެނދުގައި އިށީނެވެ. އާދަނު ގައިގަ ފިރުމައިލިއެވެ. ރޯން ފެށިއެވެ. އެ ހިސާބުން އާދަނަށް ވެސް ރޮވުނެވެ.
"ބަލާބަލަ ތި ކުރި ކަމެއް،" އާދަނު ބުންޏެވެ. "އެންމެ ފަހުން އަހަރެން ވެސް ތި ރޮއްވާލީއޭ! ހުއްޓާލާ!"
"އަހަރެން އާދަނަށް ބޭސް ކޮށްދޭނަން،" އިބްރާހިމްފުޅު ބުންޏެވެ. "އަހަންނަށް ހިތްބަރު ނުކުރާތި!"
"އަހަރެން ކީއްކުރަން ކަލެއަށް ހިތްބަރު ކުރަންވީ؟" ޗޮކެއް ކަނޑާފައި އާދަނު ބުންޏެވެ. "ކަލެއަށް ހިތްބަރު ކުރަންޏާ ދުއްރައަށް ވެސް ހިތްބަރު ކުރަންވީނު. ދުއްރައިން ވިއްޔަ ތެޅީ. އަހަންނަށް އިވެޔޭ ކަލޭ ގާތުގަ ހަމީދު ވިދާޅުވާ އަޑު، ޖެހިޖެހީނުން ވައްޓާލަބަލާށޭ! ކަލެއަށް ހާދަ ނުޖެހުނޭ! ވައްޓައެއް ނުލެވުނޭ! އެކަމަކު އަހަންނަށް އެނގޭ އެ ކަން ކުރަން އިބްރާހިމްފުޅު ކިހާ ބޭނުން ނުވާކަން. ކަލޭ އަދާކުރީ ކަލޭގެ ވާޖިބު. އަހަރެންގެ އެއްވެސް ހިތްބަރުކަމެއް ނެތް."
އިބްރާހިމްފުޅު ރުއިން ނޫން ކަމެއް ނުކުރިއެވެ. އެ ދުވަހު އާދަނާ ބައްދަލުކުރާކަށް އެހެން މީހަކު ނާދެއެވެ. ދެރަވެގެން ކަމެއް ނުވަތަ ބިރުން ކަމެއް އާދަނަކަށް ނޭނގެއެވެ. ހަމީދަކީ ތަފާތު މިޒާޖެއްގެ ބޭފުޅެކެވެ. އާދަނާ ބައްދަލުކުރަން އަންނަ މީހުން އަށިގެއަށްވެސް ލައްވައިފާނެއެވެ.
އަށިގެއިން ބޭރު ފުރަތަމަ ރޭ ވަރަށް އަރާމުގައި ނިދައިލަން ހިތަށް އެރި ނަމަވެސް، އެ ކަން ދިމާވީ ދިމާ އިދިކޮޅަށެވެ. ނިދަން އުޅެއުޅެ އާދަނަކަށް ނުނިދުނެވެ. ސިއްސަސިއްސައިގެން ގޮސްފައި ހޭލެވެއެވެ. އެއް ފަހަރަކު ވަރަށް ދެރަވާ ކަހަލަ ހުވަފެނެއް ވެސް ފެނުނެވެ. ހުވަފެނުގައި ފެންނަނީ އާދަނަށް ހޭލެވޭ ތަނެވެ. ހޭލެވޭ އިރު އާދަނު އޮތީ އަށިގޭގައެވެ. އަނދަގޮނޑި ޖަހައި، އަތުގައި ބިޑި އަޅުވައިފައެވެ. އާދަނު ހީކުރީ، އަށިގެއިން ނެރުން އެއީ ހުވަފެނެއް ކަމަށެވެ. އެ ކަމާ ދެރަވެގެން ރޮނިކޮށް ހޭލެވުނު އިރު، ހަގީގަތުގައި ވެސް އާދަނަށް ރޮވެނީއެވެ. އާދަނަށް ނިދަން އޮވެވުނީ އަށިގޭގައި އޮންނަ ހެންނެވެ. އަތާއި ފަޔެއް ހަރަކާތެއް ނުކުރެވެއެވެ. ހީކުރެވެނީ ފައިގައި އަނދަގޮނޑި ޖަހާފައިވާ ހެންނެވެ. އަތުގައި ބިޑި އޮންނަ ހެންނެވެ. ގަޔަށް ހިނި އަރާ ހެން ހީވެއެވެ. ކުރަފި އަރާ ހެން ހީވެއެވެ. ފަޑުއްކަފުށުން ދުވާ ވަސް ދުވާ ކަހަލައެވެ. އެ ވަހަކުން ސަލާމަތެއް ނުވިއެވެ. ފުޅިބައްތި އަލީގައި އޮވެފައި ރައްޓެހިންނަށް ގޮވައިލެވެއެވެ. އޮވެވޭ ތަން ހަނދާން ނެތެނީއެވެ.
ދެވަނަ ދުވަސް ވަރަށް ތަފާތެވެ. އާދަނަށް ކޮށްފައިވާ އަނިޔާ ބަލަން ވަރަށް ގިނަ މީހުން ގެއަށް އައެވެ. އަތުގައި ރޯނު އޮޅައިގެން ލިބުނު އަނިޔާއިން ފަސޭހަވެފައި ހުއްޓަސް، ބޮޑެތި ލަކުނުތައް ހުއްޓެވެ. ގެއަށް އައި މީހުން ވަރަށް ހިތްވަރު ދިނެވެ. ސަރުކާރު ދެކެ އެންމެން ވެސް ތިބީ ރުޅި އައިސްފައެވެ. ދަންވަރު އެކި ގޭގޭގައި ސިއްރު ސައްލާކުރުންތައް ބޭއްވޭކަމާއި ދުވަސް ކައިރިވަމުން އަންނަކަން ވެސް އާދަނަށް އެނގުނެވެ.
އާދަނުގެ ފައި ރަނގަޅު ކުރުމަށް ޓަކައި ދިވެހިބޭސް ފެށިއެވެ. ފައިގައި ބޭސް ބަނދެ، މޫދަށް އެރުވައި އޮއްޓު އަޅައި ހެދިއެވެ. ހުއިފިލަނޑާ ނެރޭ "ވާތައް" ގައިގައި އޮޅައިގެން ވެސް އާދަނަށް ފަރުވާއެއް ކުރިއެވެ. ފުރަތަމަކޮޅު އާދަނަށް ހިނގުނީ އޮނުގަނޑެއް ޖައްސައިގެންނެވެ. ފައި އެއްކޮށް ރަނގަޅެއް ނުވެއެވެ. އަށިގޭގައި ބަންދުކޮށްފައި ހުރި ގާއުނގޫދޫ މުދިންކަލޭގެ މިނިވަންވެގެން އޭނަ ވެސް އާދަނާ ބައްދަލުކުރަން އައެވެ. އޭނައަކީ އަށިގެއިން އެއް ފަހަރަކު އާދަނާ ދިމާވި މީހެކެވެ.
"އަދި ނާދޭ ދޯ އާދަނު ބަލައެއް؟" ސަމާސާ ރާގެއްގައި މުދިންކަލޭގެ ބުންޏެވެ.
"ތި ކަމަކާ ހެދި ލޮލަށް ނިދި ވެސް ނާދޭ!" ހީނގެންފައި އާދަނު ބުންޏެވެ. "އަށިގޭގަ އަންނަ ކަހަލަ ނިންޖެއް ގޭގަ އޮތީމަކާ ނާދެޔޭ! ފަޑުއްކަފުށާ، ފުއްލޮނަށް ވެސް ލޯބި ޖެހިއްޖެ!"
"ލޯތްބޭ ބުނީމަ މި ހަނދާންވީ،" މުދިންކަލޭގެ ބުންޏެވެ. "އަށިގެއިން ދިމާވި މީހަކު ބުނި ހަފީޒާ މީހަކާ ދެވައިފިޔޯ! ދޮގެއް އުތަ؟"
އާދަނަކަށް ނޭނގެއެވެ. އެ ކަހަލަ ވަހެއް ދުވިއެވެ. ޔަގީނެއް ނުކުރެވެއެވެ.
"ކާކާ އިނީ؟" އާދަނު ސުވާލުކުރިއެވެ.
"ދޮށީމަނިއްޕުޅާއޭ ކިޔަނީ،" މުދިންކަލޭގެ ބުންޏެވެ. "އާދަނާ ބައްދަލުކުރަން އޭނާ ވަޑައިގެންނެވި ވާހަކަ ބުނީމެއްނު."
މާޒީގެ ފުން ކަނޑުގެ ތެރެއަށް އާދަނު ފީނައިގަތެވެ. ދޮށީމަނިއްޕުޅުގެ ހިތްޕުޅުގައި އާދަނަށް އެކަނި ޖެހިވަޑައިގަތް ކުލުނާއި ހޯއްދަވައިދިން ލުޔެވެ. ވިދާޅުވި ވާހަކަތަކެވެ. އާދަނު ޝުކުރު އަދާކުރުމުން މަނިއްޕުޅު ދެއްވި ޖަވާބެވެ.
"އަހަންނަކީ ހަމަ އެކަނި މެދުވެރިއެއް،" މަނިއްޕުޅު ވިދާޅުވިއެވެ. "ޝުކުރު ހައްގުވަނީ އަހަންނަކަށް ނޫން."
"ޖުމުހޫރީ ފޯރިގަނޑު ނިމުނީމާ ހިނގާ އަހަންނާ އެއްކޮށް ރަށަށް ޖައްސާލަން،" މުދިންކަލޭގެ ބުންޏެވެ. "ފަޔަށް ބޭސްކޮށްލާ، މޫދަށް އެރިލާ، ވެލިމޮޑެލާ ހަދާލަން."
މުދިންކަލޭގެ ދެއްކި ވާހަކައަށް އާދަނަކަށް ސަމާލުކަމެއް ނުދެވުނެވެ. މަތިމަތިން ބޯޖަހައިލުން ފިޔަވައެވެ. މުދިންކަލޭގެ ދިޔުމުން ވެސް އާދަނަށް ވިސްނުނީ ހަފީޒާއަށެވެ. އަމިއްލަ އަނަރޫފަކަމާއި ފައިގެ ފަރުވާ، ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނައްތައިލިއެވެ. ހަފީޒާ އެހެން މީހަކާ ކައިވެނިކުރި ނަމަ، އަށިގެއިން ލިބުނު މިނިވަންކަން އާދަނަކަށް މުހިންމެއް ނޫނެވެ.
އޮނުގަނޑު ޖައްސަމުން އާދަނު ގެއިން ނުކުތެވެ. ހަފީޒާގެ ގެއަށް މިސްރާބު ޖެހިއެވެ. އާދަނު ފެންނަ ބައެއް މީހުން ހައިރާންކަމާ އެކު އާދަނަށް ބެލިއެވެ. އާދަނު އަނަރޫފަކަމުންނެވެ. ކަންދިމާކުރި ގޮތުން ހަފީޒާގެ ބައްޕަޔާ މަގުމަތިން ދިމާވިއެވެ. އާދަން ކަލޭފާނަށް ވެސް އާދަނު އެނގުނީ އާދަނު އައިސް ގާތަށް ހުއްޓުނީމައެވެ.
"ތީ އާދަނުތަ؟" އާދަން ކަލޭފާނު އެއްސެވިއެވެ.
އެ ސުވާލުގެ ޖަވާބަށް ވުރެ އާދަނަށް މުހިންމުވީ ސުވާލެކެވެ.
"ދޮށީމަނިއްޕުޅާ ހަފީޒާ ދެވީތޯ؟" އާދަނު ސުވާލުކުރިއެވެ. (ނުނިމޭ)