(ބުދަ ދުވަހާ ގުޅޭ)
"ކީކޭހޭ ބުނީ؟" ކުރިޔަށް ވުރެ ބާރަށް ހަމީދު ވިދާޅުވިއެވެ.
ހަމީދަކީ ރުންކުރު މިޒާޖެއްގެ ބޭފުޅެކެވެ. ވަރަށް ހަމަޖެހިގެން އިންނަވާފައި ވެސް ނިންމަވާ ބައެއް ނިންމެވުންތަކާ މެދު ފަހުން ހަމީދު ހިތާމަފުޅުކުރައްވާ މަންޒަރު ވެސް މަނިކަށް ފެނިފައިވެއެވެ. ވީމާ، އަމުދުން ކޯފާވެފައި އިންނަވާ ވަގުތެއްގައި ނިންމެވުމެއް ނިންމަވާކަށް މަނިކު ބޭނުމެއް ނޫނެވެ.
"އޭނަ ބުނި ގޮތަށް، ހަމަ އެ ރާގުގަ، އަކުރަކަށް ފިއްޔަކަށް ވެސް ބަދަލުނުގެނެސް ބުނޭ!" ހަމީދު އަމުރުކުރެއްވިއެވެ.
"އެހެން އޮވެ މަރުވީމަ، އެ ތާ ފާރުގަ މޮހޮރެއް ޖަހާފަ އޭނަގެ ކަށިގަނޑު އަޅުވާލަދެއްވާށޭ! އަޅުވާލާފަ ތިރީގަ ލިޔެލަދެއްވާށޭ މުޙައްމަދު ހަމީދު އަވަހާރަކޮށްލަން އުޅެނިކޮށް ހައްޔަރުވެގެން އަށިގޭގަ އޮވެ މަރުވި މީހާގެ ކަށިގަނޑު،" މުހައްމަދު މަނިކު ބުންޏެވެ. "އެހެން އޭނަ ބުނީ. އަޅުގަނޑަށް ޔަގީން އެއީ ސަމާސާ.."
ހަމީދު އަތްޕުޅުން އިޝާރާތް ކުރައްވައި މުހައްމަދު މަނިކުގެ ވާހަކަ ހުއްޓުވިއެވެ.
"އޭނަ ބުނާ ގޮތަށް އެއް ކަމެއް ނަމަވެސް ކޮށްދޭން ވާނެ." ހަމީދު ވިދާޅުވިއެވެ.
އާދަނު އިށީނދެގެން އިނީ ދުންބައްތެއްޔެއްގެ ތައްޓުމަތީގައެވެ. އެ ބައްތެލީގައިފަނޑިޔާރު މަނިކުފާނާއި ސިފައިންގެ ދެ މީހުން ތިއްބެވެ. އެކަކު އަތުގައި ބަޑިއެއް އޮތެވެ. ބައްތެލީގެ ހުންގާނުގައި އިންނެވީ ހަމީދެވެ. ދަހަނގުވެފައި އޮތުމުގެ ސަބަބުން ކަނޑުގެ ބައެއް ތަންތަން އޮތީ ފާންވެފައެވެ. ވައިރޯޅިއެއް ނުޖެހެއެވެ. ވަރަށް އަވިގަދައެވެ. އެކަކު ވެސް އަނެކަކާ އަނގައިންނެއް ނުބުނެއެވެ. މެންދުރުފަހުގެ ވަގުތެއްގައި، ނަލަކޮށް ދުވެފައި ގޮސް މާލޭ ކަނޑިންމައިން ބައްތެލި ނުކުތެވެ. ހުޅުލެއާ ދިމާއަށް މިސްރާބު ޖެހިއެވެ. އާދަނު މަޑުމަޑުން ތެދުވިއެވެ. ވާން އުޅެނީ ކިހިނެއްކަން އާދަނަށް އެނގޭ ކަހަލައެވެ. އާދަނު ފަހު ފަހަރަށް މާލެއާ ދިމާއަށް ބަލައިލިއެވެ. ހީވާ ކަހަލައެވެ. އާދަނަކަށް ދެނެއް މާލެއެއް ނުފެންނާނެއެވެ. ފަނޑިޔާރު މަނިކުފާނު އާދަނު ގާތަށް ދުރުވިއެވެ.
"ގޮސް މާފަށް އެދޭ!" އާދަނު ކަންފަތް ކައިރީގައި، ސިއްރުސިއްރުން ފަނޑިޔާރު މަނިކުފާނު ބުނުއްވިއެވެ. "ތިހާ ޒުވާން އުމުރުގަ ބޭކާރު މަރަކުން މަރުވާނެ ކަމެއް ނެތެއްނު."
"ކޮން ކަމަކާތޯ އަޅުގަނޑު މާފަށް އެދެންވީ؟" އާދަނު ބުންޏެވެ.
"ކީއްކުރަން ކަމެއް ބަލަނީ؟" ފަނޑިޔާރު މަނިކުފާނު ބުނުއްވިއެވެ. "ބުނީމަ ބުނާ ގޮތް ހަދާބަލަ އާދަނާ! ގޮސް ހަމީދަށް ދަންނަވާ ތިމަންނާއަށް މާފުކޮށްދެއްވާށޭ!"
އާދަނު އަޅައެއްނުލިއެވެ. އިވޭ ކަމަށް ވެސް ނެހެދިއެވެ. ފަނޑިޔާރު މަނިކުފާނު އެކި ގޮތްގޮތަށް އާދަނަށް ނަސޭހަތްދީދީ ހުއްޓައި ބައްތެލި ހުޅުލެއަށް ލެފިއެވެ. އެންމެން ބައްތެލިން ފޭބިއެވެ. އެ މީހުން މިސްރާބުޖެހީ ވަލަށެވެ. ކުރީގައި ހުންނެވީ ހަމީދެވެ. އަރިހުގައި ފަނޑިޔާރު މަނިކުފާނެވެ. ސިފައިން ތިބީ އާދަނުގެ ދެ ފަރާތުގައެވެ. އާދަނު ދެ ފަޔަށް ބާރު ލައިފައި، ސިފައިންނާ އެއް ހަމައެއްގައި ހިނގިއެވެ. ސުވާލެއް ކުރުމެއް ނެތި އެ ގެންދިޔަ ގޮތަށް ގެންގޮސް އާދަނު ރުކެއްގައި ބަނެވެ. ފަނޑިޔާރު މަނިކުފާނު އާދަނަށް ޝަހާދަތްލައިދިނެވެ. ފެން ފޮދެއް ދިނެވެ. އެންމެން ދުރަށް ޖެހިލިއެވެ. ސިފައިންގެމީހާ ބަޑި އަމާޒުކުރީ އާދަނުގެ ހިތަށެވެ.
"ޖަހާ!" ހަމީދު އޯޑަރުދެއްވިއެވެ.
ބަޑިޖެހި އަޑާ އެކު ސިއްސައިގެން ގޮސްފައި ހަފީޒާއަށް ހޭލެވުނެވެ. ކޮޓަރީގައި ހުރި ފަނޑު ބޮތްކަށް ބަލަހައްޓައިގެން އިރުކޮޅަކު އޮވެވުނެވެ. ދުރުދުރުން ކުއްތާއެއް ހޭރިގަތް އަޑާއި ކާރެއްގެ ބަރުގޮނުގެ އަޑުއިވުނެވެ. ހަފީޒާ ހިތަށްއެރިއެވެ. އެ ފެނުނީ ހާދަހައި ބިރުވެރި ހުވަފެނެކެވެ. ނޫނެކެވެ. އަށިގޭގައި އާދަނު މަރުވިޔަކަ ނުދޭނަމެވެ. އެ ކަމަށް ޓަކައި ހަފީޒާގެ އަމިއްލަ ނަފުސު ގުރުބާން ކުރަން ޖެހުނަސްވެހެވެ.
އާދަނު ވެސް އޮތީ ހޭލައެވެ. ކަނިވަމުން ދިޔަ ފާނޫޒަށް ބަލަހައްޓައިގެންނެވެ. އާދަނަށް ހުވަފެނުން ފެނުނީ ހަފީޒާއެވެ. އެއީ ބައެއް ފަހަރު ވާ ގޮތެކެވެ. މީހަކަށް ހުވަފެނުން ގާތް މީހަކު ފެންނަ އިރު އެ މީހާއަށް ވެސް ހުވަފެނުން އަނެކާ ފެނެއެވެ. އާދަނަށް ފެނުނީ ހަފީޒާއަށް ބަލަމުން އާދަނު ދާ ތަނެވެ. ހަފީޒާ ހުރީ ވަރަށް ދެރަވެފައެވެ. ހުވަފެނުގައި ވެސް އާދަނު ހިތަށްއެރިއެވެ. ހަފީޒާޔާ ދުރަށް މި ދެވެނީ ކީއްވެގެންބާއެވެ؟ އެ ވަރުން ވެސް އާދަނު ނުއެއް ހުއްޓުނެވެ. ހުވަފެނުގެ މާނަޔާ މެދު އާދަނު ވަރަށް ގިނަ ގޮތްގޮތަށް ވިސްނިއެވެ.
ހެނދުނު ހަތެއްޖަހައި އިރުކޮޅެއް ވެއްޖެއެވެ. ފަޑައްކު ފުށުގައި ފިހެފައިވާ ރޮށިތަކާއި ފުއްލޮނު ބާލިދީ ހިފައިގެން އައި މީހާ އަށިގޭގެ ތަޅު ހުޅުވައިލިއެވެ. އެތެރެއަށް ވަދެ، ފަހަރަކު މީހަކަށް ފުއްލޮނު މުށަކާއި ރޮށްޓެއް ދިނެވެ. އާދަނު އަތަށް ވެސް ރޮށި ދިއްކޮށްލާފައި، ރޮށީގެ މެދަށް ލޮނުކޮޅު އޮއްސައިލައިފައި އޭނާ ހިނގައިގަތެވެ.
"އޭ އައިސްބަލަ!" އާދަނު ބުންޏެވެ.
އެ މީހާ އައެވެ.
"އިތުރަކަށް ރޮށްޓެއް ނުލިބޭނެ އިނގޭ!" އޭނަ ބުންޏެވެ.
"ބޭނުމެއް ވެސް ނޫން!" އާދަނު ބުންޏެވެ. "މަނާކަމެއް ނޫނިއްޔާ ތަންކޮޅެއް ވަރު ހުރި ކުރެދިގަނޑެއް ގެނެސްދީބަލަ!"
އޭނަ ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓެވެ.
"އެއީ ކީއްކުރަން؟" އޭނަ ސުވާލުކުރިއެވެ. "ކާކުގެ މެންކަފާޅައިގަ ޖަހަން؟"
"އަނދަގޮނޑިނުޖަހާ ދުވަސްދުވަހު މި ތާ އެތެރޭގަ ހިނގޭތޯ ބަލާލަން،" އާދަނު ބުންޏެވެ. "މިހެން އޮވެއޮވެ ފައިކޮޅުން ވާގިދާ ހެން އެބަ ހީވޭ!"
"އެންމެ ފަހުން ކަލޭގެ ފައި ބިންމަތީގަ ޖެހިއްޖެ ދޯ؟" މަލާމާތުގެ ރާގެއްގައި އޭނަ ބުންޏެވެ. "ދުވަސްކޮޅަކުން ބަނޑު ވެސް ޖެހޭނެ. ލޫދެމުން ދެމެމުން ގޮސް މާފަށް އެދޭނެ. މިހާރު ވެސް ތި އޮތީ އަނދަގޮނޑި ނުޖަހައެއްނު! ބަލާބަލަ ހިނގޭތޯ! ބުނާތީ އިވޭ ތީ ދާރާސިންގޭ! ދާރާސިންގަކަށް އަސައެއް ބޭނުމެއް ނުވާނެ."
އޭނަ ނުކުމެގެން ދިޔައީއެވެ. އެއީ ކާކުކަން އާދަނަށް ނޭނގުނަސް، އޭނައަށް އާދަނު ޝުކުރުވެރިވިއެވެ. ތެދުވަން މަސައްކަތް ކުރާނެ ހިތްވަރު އާދަނަށް ލިބުނީ އޭނަ ދިން މަލާމާތީ ޖަވާބެއްގެ ސަބަބުންނެވެ. ކުއްލިއަކަށް އާދަނުގެ ލޭގައި ޖޯޝް ބޮކި ޖަހައި ކެކިގަތެވެ.
"އަހަރެން އެބަޖެހޭ މި ތަނުން ނުކުންނަން." ހިތާހިތުން އާދަނު ބުނެލިއެވެ.
ވަޅޯމަހާއި ތާޒާ ކާށިން މޮޑެލައިފައިވާ މަސްހުނިގަނޑަކުން މަސްހުނި ނަގައިގެން ކާ ހެން އާދަނު ރޮށްޓާއި ފުއްލޮނު ކާން ފެށިއެވެ. ދުވަހަކު ވެސް ނުކާ ހައި މީރުކޮށެވެ. ކައި ނިމިގެން ތަޅުންގަނޑުގައި ދެމެމުން ގޮސް ފާރު ކައިރިއަށް މަޑުކޮށްފައި، ފާރުގައި ހިފާއްޓައިގެން ތެދުވަން ހިފައިލިއެވެ. އެންމެން ބަލަހައްޓައިގެން ތިއްބެވެ. އާދަނު މަޑުމަޑުން ތެދުވަން ފެށިއެވެ. ކުއްލިއަކަށް ފަޔަށް އެރި ތޫނު ތަދު، ވިދުވަރެއް ހެން ސިކުނޑިއަށް ހެރިފައި އާދަނު ގުޅައަކަށް ޖެހުނެވެ.
"ތި އުޅެނީ މަރުވާން ނޭނގިގެންތަ ރަންކޮޅާ!" ދޮހޮއްކޮ ބުންޏެވެ.
"ތެދުވޭ އާދަނާ!" ދޮންމަނިކު ބުންޏެވެ. "ކަލެއަށް ތެދުވެވޭނެ! ހިތްވަރުކުރޭ!"
އާދަނު އަނެއްކާ ވެސް ތެދުވަން ހިފައިލިއެވެ. އެ ފަހަރު ވެސް ވެއްޓުނެވެ. ދޮންމަނިކު އައިސް އާދަނުގެ އަތުގައި ހިފަން އުޅުމުން އާދަނު އެ ކަން މަނާކުރިއެވެ.
"ކަލޭ ތިރިވޭ!" އާދަނު އެދުނެވެ.
ދޮންމަނިކު ތިރިވިއެވެ. އާދަނު ފުން ނޭވައެއްލައިފައި، ދޮންމަނިކުގެ ކޮނޑުގައި އަތްއެޅިއެވެ.
"މަޑުމަޑުން ތެދުވޭ!" އާދަނު އެދުނެވެ.
ދޮންމަނިކު ތެދުވަން ފެށިއެވެ. އާދަނު ބާރުލީ ހުޅުން ނުނެއްޓި ހުރި ފަޔަށެވެ. އަނެއް ފަޔަކީ ނެތް އެއްޗަކަށް ހެދިއެވެ. އެ ވަރުން ވެސް އެ ފައިގައި ފިސާރި ރިއްސައިލިއެވެ. އާދަނުގެ ފައި ތުރުތުރުއެޅި ވަރުން ދޮންމަނިކަށް ހީވީ ދެންމެދެންމެ އާދަނު އަރިއަޅައިލަނީ ހެންނެވެ.
"މަޑުމަޑުން ތެދުވެ ހިންދަމާލާ!" އާދަނު އެދުނެވެ.
ދޮންމަނިކާއި އާދަނު ތެދުވަން ފެށިއެވެ. ހީވީ އަށިގެއަށް އީދެއް އައި ހެންނެވެ. ތަރުހީބުގެ އަތްތިލަބަޑިން އަށިގެ ގުގުމައިލިއެވެ. ދޮންމަނިކާއި ފާރުގެ އެހީގައި އާދަނު ކުރިޔަށް ފިޔަވަޅެއް އެޅިއެވެ. ފުން ނޭވައެއްލިއެވެ. އަނެއް ފިޔަވަޅު އެޅިއެވެ.
"ސާބަހޭ އާދަނާ ސާބަހޭ!" ނެތް ހިތްވަރުލައި މީހުން ހަޅޭއްލަވައިގަތެވެ.
އަށިގޭގައި އަޑުގަދަވެގެން މީހަކު ބޯދިއްކޮށްލިއެވެ. އާދަނުގެ ސާބިތުކަމަކަށް ބަދަލެއް ނާދެއެވެ. ދޮންމަނިކު އަސައަކަށް ހަދައިގެން، ވަރަށް ލަސްލަހުން އާދަނު ހިނގިއެވެ. ހައެއްކަ ފިޔަވަޅު އެޅުމަށް ފަހު ވަރުބަލިވެގެން ފާރު ބުޑުގައި އިށީނެވެ.
"ދެން އަރާމުކޮށްލާ!" ދޮންމަނިކު ބުންޏެވެ.
އާދަނަށް ނިދުނު އިރެއް ނޭނގެއެވެ. ހޭލެވުނީ އަތަށް ކުރަތްޕެއް އަރާތީއެވެ. އަވަސްއަވަހަށް ކުރަފި ފޮޅައިލިއެވެ. އަށިގޭގައި ހިންޏާއި ކަނޑަ އާއި ފައިދިގުމަކުނު ވެސް އުޅެއެވެ. އެއިން އެއްޗެއްގެ އުނދަގުލެއް ފޯރައިފިއްޔާ އާދަނު ކުރާ ކަމަކީ ފޮޅައިލުމެވެ. މަރައެއް ނުލައެވެ. ކުށެއް ނުކުރާ ފުރާނައަކަށް ނުހައްގުން އަދަބު ދިނުމަކީ އާދަނު ގަބޫލުކުރާ ފަލްސަފާއެއް ނޫނެވެ. އާދަނަށް ހޭލެވުނު އިރު، އާދަނު ލެނގިގެން އިން ފާރުގައި ކުރެދިގަނޑެއް ލައްކޮށްފައި ހުއްޓެވެ. އެ ކަން ކުރީ ކާކު ކަމެއް އެކަކަށް ވެސް ނޭނގުނެވެ. ކޮންމެ މީހަކު ވެސް ބުނަނީ، މީހަކު ވަދެ އެ ކަން ކުރި ތަން ފެނުނު ކަމުގައެވެ.
ކުރެދިގަނޑު ލިބުނު ފަހުން އާދަނަށް ހިނގަން ތަންކޮޅެއް ފަސޭހަވިއެވެ. ހިނގަން އޮންނަ ޖާގަ ދަތިވެފައި ކުޑަޔަސް، އަނދަގޮޑިނުޖަހާ ނަމަ އާދަނު ހުންނަނީ ހިނގައިލަހިނގައިލައެވެ. އިށީންނަނީ ވަރުބަލިފިލުވައިލަން އެކަންޏެވެ. އާދަނު ނިދަނީ ދިހަފުޅިއަށް ޖެހީމައެވެ. ލޯގަނޑުގައި ދިހަ ފަހަރު ޖަހާ އަޑުއިވުނީމައެވެ. އޭރު ހުންނަނީ ހާންތިވެގެން މަރުވާ ވަރު ވެފައެވެ. ހައިހޫނުކަން ނިންޖަށް ހުރަސްއަޅައެވެ. އާދަނު ބަހައްޓަނީ ފުއްލޮނު ރައްކާކޮށްފައެވެ. ލޮނަކީ އިތުރަށް ދޭން ބުނުމުން ލިބޭ އެއްޗެކެވެ. ގެރިކިރު ހުސްކުރި ދަޅެއްގެ މެދަށް ހުންނަ ލޮނު ކައިލައިފައި ފެން ދަޅެއް ބޮއިލުމުން ނިދިއާދެއެވެ. ރީތި ހުވަފެން ފެނެއެވެ. ހުވަފެނުގައި ހަފީޒާއާ ދިމާވެއެވެ. ދެން ފެންނަނީ މީރު ކާއެއްޗިއްސެވެ.
ހިތިފުށް ކައްކައިގެން އަށިގެއަށް ގެންނަނީ ބޯތަށްޓެއްގައެވެ. އެ ބޯތަށްޓަކީ ބަނޑޭރިގޭ ގޯތިތެރޭގައި ވަޅުލާފައި ހުރި، އިހުޒަމާނުގެ ތަށިތަކެކެވެ. ތަށިތަކުގެ އޮފުކެނޑިފައި ހުންނާތީ ހީވަނީ ހިރިގަލުން ހަދާފައި ހުންނަ އެއްޗެއް ހެންނެވެ. އެއަށް ހިތިފުށް އެޅީމައި ލަނީ ފަރުހަކި ރަހައެކެވެ. އެ ކެއުމުން މޭނުބައިކޮށް، ބައެއް މީހުންނަށް ހޮޑުލެވެން ފެށިއެވެ. ކޮންމެ މީހަކު ވެސް ޝަކުވާ ހިފައިގެން އަންނަނީ އާދަނު ގާތަށެވެ. ހީވަނީ އެންމެންގެ ވެރިޔަކީ އާދަނު ހެންނެވެ.
"އެޔެއް ނުކެވޭނެ،" ދޮންމަނިކު ބުންޏެވެ. "އެހެން އެއްޗެއް ލިބޭތޯ ބަލަމާ އުޅޭ!"
އާދަނު އުންމީދުކުރި ކަހަލަ ފުރުސަތެއް ތަނަވަސްވިއެވެ.
"ތި ކަންޏާ ތި ލިބޭނީ،" އާދަނު ބުންޏެވެ. "މިއަދުން ފެށިގެން ހިތިފުށް ކެއުން ހުއްޓާލަން ކެރޭނެ؟"
"އާނ ކެރޭނެ!" އެންމެން ގޮވައިލިއެވެ.
އަށިގޭގެ ފުރަތަމަ މުޒާހަރާ އެ ދުވަހު ފެށުނެވެ. (ނުނިމޭ)