(އާދިއްތަ ދުވަހާ ގުޅޭ)
ދުއްރަ ހިފައިގެން ހުރި އިބްރާހިމްފުޅުގެ ދެ ލޮލުން އޯގާތެރިކަމުގެ އަސަރު ފާޅުވެފައިވާ ތަން އާދަނަށް ފެނުނެވެ. އާދަނު ހިތަށް އެރިއެވެ. މީހެއްގެ ނިޔަތެއް ނޭނގޭނެއެވެ. އެކަމަކު، ކޮންމެވެސް ސަބަބަކާ ހުރެ، އާދަނު ގައިގަ ޖަހާކަށް އިބްރާހިމްފުޅު ބޭނުމެއް ނޫނެވެ.
"ޖަހާ!" ހަސަން ކަލޭފާނު ހަޅޭއްލައިގަތެވެ. "ކީއްވެފަ ތި ހުންނަނީ؟"
ދެން ވެސް އިބްރާހިމްފުޅުގެ އަތް ހަރަކާތެއް ނުކުރިއެވެ. އާދަނާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ.
"އިބްރާހިމްފުޅާ ކަލޭ އަޅެ ފަހެ ބީރީތަ؟" ހަސަން ކަލޭފާނުގެ އަޑުއިވުނެވެ. "އަހަރެންގެ އަމުރަކަށް ނުކިޔަމަންތެރިވުމަކީ އަދަބު ލިބޭ ކަމެއް. ދެން ތި ދުއްރައިން ކަލޭ ގައިގަ ތަޅާނީ."
އެހެން ވާކަށް އާދަނު ބޭނުމެއް ނޫނެވެ. އަދަބު ދޭން ފަސްޖެހޭކަން އިބްރާހިމްފުޅު ފާޅުކުރުމުން އާދަނަށް ފުދިއްޖެއެވެ.
"ޖަހާ!" އާދަނު މަޑުމަޑުން ބުންޏެވެ. "ކަލޭގެ ޒިންމާ އަދާކުރޭ! ތި ދުއްރަޔަކުން އަހަރެން މަރެއް ނުވާނެ. މަރަކީ ﷲގެ އަމާނާތެއް. އަޖަލުގައި ސަތޭކަ އަހަރު އޮތިއްޔާ އެހާ ތަނަށް ވެސް އަހަރެން ބަހައްޓަވާނެ. އެއް ސިކުންތު އޮތިއްޔާ، ކަލޭ ނުޖެހިޔަސް އަހަރެން މި ހުރި ތަނަށް މަރުވެގެން ވެއްޓޭނެ. ޖަހާ!"
"އިހަށް މަޑުކޮށްބަލަ!" މީހަކު ބުނި އަޑުއިވުނެވެ.
އާދަނު އެ ދިމާއަށް ބަލައިލިއެވެ. އެއީ ދޮށީ މަނިއްޕުޅާއި އާދަނު ހަތަރުކަޅި ހަމަވި ފުރަތަމަ ފަހަރެވެ. މަނިއްޕުޅު ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅާއި ހިންގެވުމުގައި ހުރި އަބުއިކަމުން އެއީ އާދައިގެ މީހެއް ނޫން ކަން އާދަނަށް އެނގުނެވެ. އެހެނަސް އޭނައަކީ ސަރުކާރުގެ ކޮން ފެންވަރެއްގެ ބޭފުޅެއް ކަމެއް ނޭނގުނެވެ. މަނިއްޕުޅަށް އަދަބު އަދާކުރުމުގެ ގޮތުން ހަސަން ކަލޭފާނާއި އިބްރާހިމްފުޅު އަދަބުވެރިވިއެވެ.
"ލައްކަ އަދަބު ދެވިއްޖެ ނޫންތޯ؟" މަނިއްޕުޅު ވިދާޅުވިއެވެ.
"ވިދާޅުވީ އަދިވެސް ދުއްރައިން ތަޅާށޭ!" ހަސަން ކަލޭފާނު ބުންޏެވެ.
"ނުތަޅާށެކޭ އަޅުގަނޑު ނުބުނަމެއް ނޫންތޯ؟" އާދަނު ގާތަށް ހުއްޓިވަޑައިގެންފައި، މުންޑު ރީތިކޮށްލަ ދެއްވަމުން މަނިއްޕުޅު ވިދާޅުވިއެވެ. "އެކަމަކު ފުރަތަމަ އިހަށް ފާރުތައް ފަސޭހަވިޔަދީ!"
"ވިދާޅުވީ ބޭސްނާޅާށޭ!" ހަސަން ކަލޭފާނު ބުންޏެވެ.
"އެހެންވިއްޔާ ވަގުތުދީ!" މަނިއްޕުޅު ވިދާޅުވިއެވެ.
އާދަނު ހިތަށް އެރިއެވެ. އެއީ ކޮންމެ މީހަކަށް ވި ނަމަވެސް ބާރުގަދަ މީހެކެވެ. ރަހުމު ހުރި، ހިތްހެޔޮ މީހެކެވެ. އިންސާފު ބޮއްސުންލައި، އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާ ވަގުތު ވެސް ލަފާ މީހުން ހުހެއްނުވެއެވެ.
"ޖަހާ!" ހަމީދުގެ އަޑުފުޅު އިވުނެވެ.
އެ ހިސާބުން މަނިއްޕުޅަށް ވެސް ޖެހިވަޑައިގަތީ އަދަބުވެރިކަމާ އެކުގައި ފަހަތަށް ފިޔަވަޅެއް އަޅުއްވާށެވެ. ހަމީދުގެ މައްޗަކަށް އެކަކަށް ވެސް ބަހެއް ނުކިޔޭނެއެވެ. ހަމީދު ކޯފާވެފައި ވަޑައިގެން، އިބްރާހިމްފުޅު އަތުން ދުއްރަ އަތުލައްވައިފައި، ދުއްރައިގެ މުއްގަނޑުގައި ފިސާރި ބާރަށް ހިއްޕެވިއެވެ.
"މިހެން ހިފާނީ!" ހަމީދު ވިދާޅުވިއެވެ. އަދި އެހެން ގޮތަކަށް މުއްގަނޑުގައި ހިއްޕެވިއެވެ. "މިހެނެއް ނޫން. ދެން މިހެން އަތް އުފުލާނީ! މިހާ މައްޗަށް އަތްނަގަން ޖެހޭނެ. ކުށްވެރިޔަކަށް އަދަބުދޭން ފަސްނުޖެހޭތި! ކުށްވެރިޔާއަށް ރަހުމުކޮށްގެން ވެސް ނުވާނެ. ޖަހާ!"
ހަމީދު ހަމަ ވިދާޅުވި ގޮތަށް އިބްރާހިމްފުޅު އަތްދަމާފައި، ދުއްރައިން އާދަނު ގައިގައި އެތިފަހަރެއް އެޅިއެވެ. ވީ ތަދުން އާދަނުގެ ލޯމައްޗަށް އަނދިރިވެގެންދިޔައެވެ. އެ ދިލައާއި ތަދު އާދަނު ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެއެވެ.
"ތިޔަށް ވުރެ ބާރަށް ޖަހާބަލަ!" ހަމީދު އަމުރު ކުރެއްވިއެވެ. "ޖެހިޖެހީނުން ވައްޓާލާ!"
މަންޒަރު ބައްލަވާކަށް މަނިއްޕުޅު އެ ތާކު ނުހުންނަވައެވެ. ވަޑައިގަތް ތާކަށް ވަޑައިގަތީއެވެ. ހަސަން ކަލޭފާނުގެ މޫނުމަތިން ފާޅުވީ ބޮޑާކަމެވެ. ފަހުރުވެރިކަމާއި އުފާވެރިކަމެވެ. ހަމީދު ވަޑައިގެން، ގޮނޑިކޮޅުގައި ހަމަޖެހިވަޑައިގަތް ގޮތުން ހީވަނީ ކުޅިވަރެއް ބައްލަވަން އިންނެވި ހެންނެވެ. ރަހުމުގެ ޒައްރެއްގެ މިންވަރު ވެސް މޫނުފުޅަކުން ނުފެނެއެވެ. ފެންކަޅިވެފައިވާ އިބްރާހިމްފުޅު، އެތިފަހަރަކަށް ފަހު އެތިފަހަރެއް އަޅަމުން ގެންދިޔައެވެ. އާދަނެއް ނުވެއްޓުނެވެ. ފިޔަވަޅު މަތިން ގުޑުވައެއް ވެސް ނުލެވުނެވެ. ކޫސް ވެސް ކިޔައިނުލައެވެ. އާދަނު ކޮޅަށް ހުންނަނީ ކިހިނެއް ކަމެއް ހަމީދަކަށް ވިސްނިވަޑައެއްނުގަތެވެ. އަންތަރީސްކަމާ އެކު ބައްލަވަން އިންނެވިއެވެ. ދެން ހެވޭ، ހުއްޓައިލާށެކޭ ވެސް ވިދާޅެއް ނުވެއެވެ.
އާދަނުގެ ސާބިތުކަމުގެ ފުރަތަމަ ސިއްރަކީ ހަމީދު ދެކެ އައިސްފައިވާ އަލިފާން ކަހަލަ ރުޅިއެވެ. ތަދުގެ މައްޗަށް ރުޅި ގަދަވެގަތީއެވެ. އޭރު ވެސް އާދަނު ހިތަށް އެރިއެވެ. ދާ ގޮތަށް ގޮސް، އާދަނު އަތުގައި އަޅުވާފައިވާ ދަގަނޑު ބިޑިން ހަމީދުގެ އިސްތަށިފުޅުގައި ޖަހައި އިސްތަށިފުޅު ފަޅައިލަންވީއެވެ.
ދެވަނަ ސިއްރަކީ ހަފީޒާއަށް ޓަކައި އާދަނުގެ ހިތުގައި އޮތް ލޯތްބެވެ. އާދަނު ހިތަށް ގެންނަނީ ހަފީޒާގެ ލޯބިލޯބި މޫނެވެ. ހަފީޒާގެ ރީތި އަޑެވެ. މާސޫމުކަމާއި އޯގާތެރިކަމެވެ. ހަފީޒާ ހަނދާން ކުރުމުން އާދަނުގެ ތަދު ލުއިވެއެވެ.
"ތަދު އިހުސާސް ނުކުރެވޭ ކަހަލަ ބައްޔެއް އޭނަ ގައިގަ ހުރީބާ؟" ހަސަން ކަލޭފާނު ކަންފަތް ކައިރީގައި ހަމީދު ވިދާޅުވިއެވެ. "ޑޮކްޓަރަށް ދައްކަމާ!"
"ޑޮކްޓަރަށް ނުދެއްކެވިޔަސް އަޅުގަނޑަށް ވެސް ތި ކަން ކޮށްލެވިދާނެ." ހަސަން ކަލޭފާނު ބުންޏެވެ.
ތަޅުންގަނޑުން ކޮންމެވެސް އެއްޗެއް ނަގައިގެން ހަސަން ކަލޭފާނު ތެދުވިއެވެ.
"އިހަށް ހުއްޓާލާ!" ހަސަން ކަލޭފާނު އެދުނެވެ.
އާދަނު އިސްޖަހާލައިގެން ހުއްޓެވެ. ހަސަން ކަލޭފާނު އައީ އިލޮށިކޮޅެއް ހިފައިގެންނެވެ.
"ކަލޭގެ ހިއްސުތައް ހަމަތަ؟" ހަސަން ކަލޭފާނު އެހިއެވެ.
އާދަނު ޖަވާބެއް ނުދިނެވެ. ހަސަން ކަލޭފާނު ގެނައި އިލޮށިކޮޅު އާދަނު ގައިގެ އެތައްމިތަނަށް ހެރިއެވެ. ދެން ވެސް އާދަނު އެއްޗެއް ނުބުނެ ހުއްޓެވެ. ތަދުވެގެން ހަޅޭއްލަވައި ރޮއި ހެދިޔަސް ތަދަށް ބަދަލު ނާންނާނެތީއެވެ. ހަނުހުރުމަށް ވުރެ ހަޅޭއްލަވަން މާ ހަކަތަ ބޭނުންވާނެތީއެވެ. ހަޅޭކުގެ އަޑުއިވުމުން އަނިޔާކުރާ މީހާއަށް ހިތްވަރާއި ޖޯޝް ލިބޭނެތީއެވެ. އެންމެ މޮޅު ގޮތަކަށް އާދަނަށް ފެނުނީ ކެތްކުރުމެވެ. އޭރުން ތަދު ނުވާ މީހަކަށް އަނިޔާކުރާ ހިތް ނުވާނެތީއެވެ. ވީ ވެސް އެހެންނެވެ. ފޫހިވެގެން ހަސަން ކަލޭފާނު ގޮސް އިށީނެވެ.
"ހަމީދު ވިދާޅުވީ ތެދުފުޅެއް،" މަޑުމަޑުން ހަސަން ކަލޭފާނު ބުންޏެވެ. "ހިއްސުކެނޑިފަ ހުރީ."
އާދަނު ދުރަށް ޖައްސައިލާފައި ޔޫސުބު ގެނައެވެ. ގެނައި އިރު ވެސް އޭނަ ރޮއެވެ. އިބްރާހިމްފުޅު ގާތަށް ނާންނަން ގަދަ ހެދިއެވެ. އެއީ ހަސަން ކަލޭފާނާއި ހަމީދަށް ލިބިވަޑައިގަތް އުފަލެކެވެ. ދުއްރައިން ފުރަތަމަ އެތިފަހަރު ޖެހުމާ އެކު ޔޫސުބު ހޭކެނޑިގެން ވެއްޓުނެވެ. އެ ހިސާބުން ތެޅުން ހުއްޓާލައިފައި ޔޫސުބު ހޭއެރުވުމުގެ މަސައްކަތް ފެށިއެވެ. ދިގުގޮނޑީގައި ބާއްވައިގެން މޫނުގައި ފެން އުނގުޅިއެވެ. އިރުކޮޅަކުން ޔޫސުބު ހޭއެރިއެވެ. އަނެއްކާ ގެންގޮސް ކޮޅަށް ބަހައްޓާފައި ދުއްރައިން ތަޅަން ފެށިއެވެ. ޖަހާ ކޮންމެ ފަހަރަކު ޔޫސުބު ރޮއިހޭރިގަނެއެވެ. ތިން ފަހަރު ނުޖެހެނީސް، އަނެއްކާ ހޭކެނޑިގެން ވެއްޓުނެވެ. އެ ކަން ދިޔައީ އެ ކަހަލަ ގޮތަކަށެވެ. ދޮހޮއްކޮ އާއި ދޮންމަނިކަށް ވެސް ވީ އެހެންނެވެ. ގިނަ ވަގުތު ދަނީ އެ މީހުން ހޭއެރުވުމުގައެވެ. ހަމީދުގެ ހިތްޕުޅަށް ފިނިކަން ލިބިވަޑައިގަންނަވަންދެން ތެޅުން ކުރިޔަށް ދިޔައެވެ.
ދަންވަރުގެ ވަގުތެވެ. ތަނަށް ވެރިވެފައިވަނީ ހީރިގޮވާ އަޑެވެ. އާދަނުގެ ލޮލަކު ނިދީގެ ކުޑަ ވެސް އަސަރެއް ނެތެވެ. ގައިގަ އަޅާ ވޭނަށް ލުޔެއް ނުލިބެއެވެ. މަދިރީގެ ނާނާ މެދުނުކެނޑޭ އަނދިރި އަށިގެއިން ދެން އިވެނީ ގުގުރިދަމާ އަޑާއި ކުކުރުމުގެ އަޑެވެ. ރޯއަޑާއި ޝަކުވާގެ އަޑެވެ. އެންމެ ބޮޑަށް އަނިޔާކުރި އާދަނު ކޫސް ވެސް ކިޔައިނުލައި އޮށޯވެލައިގެން އޮތެވެ.
"ތި ބޮނޑި ތި ލިބެނީ ކަލޭމެން އަނބުރައިގަންނާތީ! ހޭނެތޭތީ!" އާދަނު ބުނި އަޑުއިވުނެވެ.
"އަނބުރައިގަންނަކަމަށް ހެދެނީއޭ! ހޭނެތޭކަމަށް ވެސް ހެދެނީ!" ވޭނީ އަޑަކުން ޔޫސުބު ބުންޏެވެ. "އޭރުން އެ ވަގުތަށް ލުޔެއް ލިބޭ!"
"އެކަމަކު މާ ނުބައެއްނު،" އާދަނު ބުންޏެވެ. "ގޮނޑިމަތީ ބާއްވައިގެން މޫނަށް ފެންޖަހާ ކަލޭ ހަމަ ކިރިޔާ ވެސް ލޯހުޅުވާލާ އިރަށް، އަނެއްކާ ވެސް ކޮޅަށް ބަހައްޓާފަ ތަޅައި ވިއްޔަ ގަންނަނީ. އަހަރެން ގައިގަ ތަޅާތަޅާ ފޫހިވީމަ ޖެހޭނީ ހުއްޓާލަން. އަނބުރައެއް ވެސް ނުގަންނާނެ. އެއް ގޮތެއް ވެސް ނުވާނެ. ކަލޭމެން މާ ފިނޑީ!"
"ކަލޭ ތީ ހިއްސުކެނޑިފަ ހުންނަ މީހެއް." ނުރުހިފައި ދޮންމަނިކު ބުނި އަޑުއިވުނެވެ.
"ހަސަން ކަލޭފާނު ވެސް ހަމަ ތިހެނޭ ބުނީ. އެކަމަކު މަގޭ ހިއްސުތައް ހަމައަށް އެބަ ހުރި،" އާދަނު ޖަވާބުދިނެވެ. "އެހެންވެތާ މަގޭ ރުޅިގަނޑު ސަތޭކައަށް އަރަނީ. ހިތަށް އަރާ ޖެހިޖެހީނުން ހަމީދުގެ އިސްތަށިފުޅު ފަޅައިލަފާނަމޭ! އަތުގަ އަޅުވާފަ މި އޮތީ ވަރުގަދަ، ދަގަނޑު ބިޑިއެއް. ހަމީދަކީ އިސްތަށިފުޅުގައި އިސްތަށިކޮޅެއް ވެސް ހުންނަ ބޭފުޅެއް ނޫން. ބައެއް ފަހަރު ނުލާހިކު ގާތް ވެސް ވެވޭ! ހަމަ ކުއްލިއަކަށް އިސްތަށިފުޅުގަ އެތިފަހަރެއް ޖެހުނީސް. އެހާ ވަރަށް އަހަރެންގެ ބޮލަށް އިބިލީސް ސަވާރުވެފަ ހުންނަނީ. ނަސީބެއް ކެތްކުރެވޭކަން. އެތިފަހަރެއް އަޅައިވިހެލި ނަމަ ދެން އަހަންނަށް ވާނެ ގޮތެއް ވެސް ނޭނގޭ. މި ވާހަކަ ކަލޭމެންނަށް ކިޔައިދޭން ދުނިޔޭގަ ނުވެސް ހުރީސް ތޯއްޗެއް."
"މިހާރު ހިތަށްއަރާ މި ގަނޑެއް ނުގަނެވުނު ނަމައޭ!" ދޮހޮއްކޮގެ އަޑު އިވުނެވެ. "އަހަރުމެން ހަމަ މޮޔައީ!"
"މާ ބޮޑަށް ވެސް،" އާދަނު އެއްބަސްވިއެވެ. "ވިސްނާލަބަލަ! މީހަކު މަރާލަން ދަރޭތި ވަރުގެ ދިގު ކަތިވަޅިއެއް ބޭނުންވާނެތަ؟ ވައްކަން ކުރުމާ، މީހުން މެރުމަކީ ދިވެހިން ދަންނަ ކަމެއް ނޫން. ރަނގަޅު ދޮރެއް ނުހުންނަތާ ބަކަރިފުޅަލިގަނޑެއް ގޭގަ މި ހުންނަނީ. ތަޅެއް ނުލާ! ވަނިއްޔާ ވަންނާނީ ބަކައްޓެއް. ހަގީގަތުގަ ކުޑަ ވަޅިއަކުން ވެސް އަހަރުމެންނަށް ފުދުނީސް. ލަކުޑިބުރިއަކުން ވެސް، ޖަހަންވާ ތަނުގަ ޖެހިއްޖެއްޔާ ނިމުނީ. އަހަރުމެން ހަމަ މޮޔައީ!"
ކުއްލިއަކަށް އަށިގޭގެ ދޮރު ހުޅުވައިލިއެވެ. އެންމެން ހަމަހިމޭންވިއެވެ. އާދަނު ހިތަށްއެރިއެވެ. އަނެއްކާ ވެސް ދުއްރައިން ތަޅަން ނެރެނީ ހެއްޔެވެ؟ ދޮރާ ދިމާއަށް ބަލައިލި އިރު، ހިޔަންޏެއް ކަހަލަ ދެ މީހުން ވަދެގެން އަންނަ ތަން އާދަނަށް ފެނުނެވެ. ހިންގަވާ ގޮތުން އާދަނަށް އެކަކު ވަކިވިއެވެ. އެއީ އާދަނަށް ހަމުދަރުދީވި މާތް މީހާއެވެ. ކުރިޔަށް ހުރި މީހާގެ އަތުގައި އޮތް ފާނޫޒުން އަލިކޮށްގެން އާދަނާ ދިމާއަށް އަންނަން ފެށުމުން އާދަނު ލޯމެރިއެވެ. ދެ މީހުން އައިސް އާދަނު ގާތަށް ތިރިވިއެވެ. އާދަނު އަތުގައި އަޅުވާފައި އޮތް ބިޑި ނައްޓައިލިއެވެ. އެއީ އާދަނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ.
"ބޭރަށް ނެރުމުގެ ކުރިން ހަނދާންކޮށް ބިޑިއަޅުވާތި!" ވައިއަޑުން ބުނި އަޑުއިވުނެވެ. "ހެޔޮނުވާނެ މީހަކަށް މިހާ އަނިޔާދޭން." (ނުނިމޭ)