(އާދިއްތަ ދުވަހާ ގުޅޭ)

"ކިހިނެއް؟" ހަފީޒާ ދުލުން ފުރަތަމަ ލަފުޒު ބޭރުވިއެވެ. 

އާދަނަށް ލުޔެއް ހޯދައިދޭން ކެތްތެރިކަން ކުޑަވެފައިވާލެއް ބޮޑުކަމުން ތަންކޮޅެއް އަދަބުކުޑަކޮށް އަހައިލެވުމުން ހަފީޒާ އެ ކުށް އިސްލާހުކުރިއެވެ. 

"ކިހިނެއްތޯއޭ މި ދެންނެވީ؟" ހަފީޒާ ބުންޏެވެ. 

"ހަފީޒާ ރީތިކޮށް ބަސްއަހައިގެން މި ތާ ހުރެ، ކިޔަވައި ނިންމާލާ! އެހެން ކަންކަމާ ނުވިސްނާ!" މަނިއްޕުޅު ވިދާޅުވިއެވެ. "އާދަނުގެ އަދަބު ލުއިކޮށް، ވެގެން ވަންޏާ މިނިވަންކުރެވޭތޯ ވެސް އަހަރެން މަސައްކަތް ކުރާނަން. ކީކޭ މި ބުނަނީ؟ މަސައްކަތް ކޮށްދޭނަމޭ! މީ ވައުދެއް. އެކަމަކު ހިލެއަކު ނޫން."

މަނިއްޕުޅު އެހެން ވިދާޅުވުމުން ހަފީޒާއަށް ބަލައިލެވުނެވެ. ކޮންމެކޮންމެ އަގެއް ހަފީޒާއަކަށް ނުދެވޭނެއެވެ.  

"ހާސްނުވޭ! ރަން ހަންދަރެއް ދޭކަށް ނުބުނާނަމޭ!" ސަމާސާ ރާގެއްގައި މަނިއްޕުޅު ވިދާޅުވިއެވެ. "ހަފީޒާ ޖެހޭނެ އަހަރެންގެ ވަރަށް ގާތް ރައްޓެއްސަކަށް ވާން."

"އެންގޭޖުވީމަ ގާތްކަން ބާއްވަން އަޅުގަނޑަށް މަޖުބޫރުވާނެ ނޫންތޯ!" ހަފީޒާ ބުންޏެވެ. 

"އެކަމަކު އަހަރެން އޭގެ ނާޖާއިޒު ފައިދާއެއް ނުނަގާނަން. މަޖުބޫރެއް ވެސް ނުކުރާނަން،" އޯގާތެރިކަމާ އެކުގައި މަނިއްޕުޅު ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ ހަފީޒާގެ ހިތް ފަތަހަކޮށްގެން ކައިވެނި ކުރާނީ."

"ނެތް އެއްޗެއް ކިހިނެއްތޯ ފަތަހަ ކުރައްވާނީ؟" ހަފީޒާ ސުވާލުކުރިއެވެ. "މި ކައިވެންޏަށް އަޅުގަނޑު އެއްބަސްވީ ބައްޕައަށް ޓަކާ. ކިޔަވަން މި އައީ އާދަނަށް ޓަކާ. ކައިވެނި ކުރާނަން. ހިތެއް ނުދެވޭނެ. އަންބަކަށް ވާނަން. ލޯތްބެއް ނުދެވޭނެ."

މާނައިން ފުރިގެންވާ ނަޒަރަކުން ހަފީޒާގެ މޫނަށް މަނިއްޕުޅު ބައްލަވައިލެއްވިއެވެ. އެ މޫނުން މަނިއްޕުޅަށް ފެނިވަޑައިގަތީ މާސޫމުކަމެވެ. ނިއަނެތި ކަމާއި ކިޔަމަންތެރިކަމެވެ. ބާރުގެ ބޭނުންކޮށްފި ނަމަ ތެޅި ފުނޑުފުނޑުވެދާ ކަހަލަ ކުރިކީލަ ލޯތްބެކެވެ. 

"ދެވޭނެ. ހަފީޒާއަށް އެ ކަން އަދި ނޭނގެނީ." މަނިއްޕުޅު ވިދާޅުވިއެވެ. 

ދުވަސްކޮޅެއް ތެރޭގައި އަށިގޭގައި ތިބި މީހުން އާދަނުގެ ގާތް އެކުވެރިންނަށް ވެއްޖެއެވެ. އެކި މީސްމީހުން އަށިގެއަށް ގެނައި ސަބަބާއި ތަނުގައި ހޭދަވި މުއްދަތާއި ކަން ހިނގާ އުސޫލު ވެސް އާދަނު އޮޅުންފިލުވިއެވެ. ހަގީގަތުގައި، ތާކުންތާކު ޖެހޭ މައްސަލައެއްގައި ގެނައި އެކަކު ވެސް ނެތެވެ. އެ ކަމާ އާދަނު ހައިރާނެއް ނުވެއެވެ. ހަރުދަނާ އުސޫލެއް އޮތް ޒަމާނެއް ނޫނެވެ. ހިތަށް އެރީމާ ގެނެސްފައި، ހިތަށް އެރި އަނިޔާއެއް ކޮށްފައި، ހައެއްކަ ދުވަހު އަނދަގޮނޑިޖަހާފައި ދޫކޮށްލީމާ އެ ނިމުނީއެވެ. ހޭ ވެސް އަހާލާނެ މީހަކު ނުހުރެއެވެ. ދެތިން ސަފުހާގެ ގާނޫނެއް އޮވެއެވެ. އެކަމަކު އަމުރު ނެރެނީ ގަނޑުވަރުންނެވެ. 

އުނގޫފާރު ކެޔޮޅުބޭ އަށިގޭގައި އޮންނަތާ ތިން މަސް ވެއްޖެއެވެ. އާދަނު ހިތަށް އެރިއެވެ. އޭނަ އަމިއްލައަށް އޭނައަށް ފަންޑިތައެއް ނަހަދަނީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ ކުށަކީ ނަގަރިޔާ ފިހާރައިން ދުންފަތް ކެއްޓެއް ވަގަށް ނެގުމެވެ. ކެއްޓަކީ ބަންޑެލި ތެރޭގައި ހުންނަ ކުދި ބޮނޑިބޮނޑިއެވެ. ބަޔަކު އައިސް ކެޔޮޅުބޭ ހިފޭއްޓުމުން އެ މީހުން ގައިގައި ކެޔޮޅުބޭ ތަޅައިގަތީއެވެ. އެކަކަށް ވަރަށް އަނިޔާވިއެވެ. ކެޔޮޅުބޭ ބުނާ ގޮތުގައި ވައްކަން ކުރުމަކީ ބަޔަކު އެޅުވި ދޮގު ތުހުމަތެކެވެ. ދުންފަތް ކެއްޓު ހިފައިގެން ކެޔޮޅުބޭ ހިނގައިގަތީ އޭގެ ބަރުދަން ބަލައިލުމަށް ޓަކައެވެ. ތަނެއްދޮރެއް ނުބަލައި ބަޔަކު އައިސް ކެޔޮޅުބޭގެ ގަޔަށްބޮލަށް އަރައިގަތީއެވެ. ކެޔޮޅުބޭ ދެއްކި ވާހަކަ ގަބޫލެއް ނުކުރިއެވެ. ބަސް ވިކެނީ ބުންބާ މީހުންގެއެވެ. 

އަށިގޭގައި މީހުން ހައްޔަރު ކުރަނީ އަވަށުވެރިގެއިންނެވެ. ކެޔޮޅުބޭ ހައްޔަރުކުރީ ކޮން އަވަށުވެރިގެއަކުން ކަމެއް އެނގޭކަށް ނެތެވެ. ކޮންމެ އަވަށުވެރިގެއަކާ ސުވާލުކުރާ އިރަށް އެ ތަނަކުން ބުނަނީ އެ ތަނުން ކެޔޮޅުބޭ ކިޔާ މީހަކު ހައްޔަރު ނުކުރާކަމަށެވެ. އެހެންވީމާ އެ މައްސަލަ ގަލު އަޅާފައި އޮތީއެވެ. ކުޑަމިނުން އޭނަ ހައްޔަރުކޮށްފައި ހުރިކަން ވެސް ލިޔެކިއުމުން އެނގޭކަށެއް ނެތެވެ. އެއީ ވެސް ގޮތެކެވެ.

އާދަނުގެ ސާބިތުކަމާއި ބިރުކުޑަކަމުގެ ވާހަކަ އަށިގެއިން ބޭރަށް ނުކުތެވެ. ހަވީރުފިނީގެ ހޮޅުއަށިތަކުގައި އާދަނު ބަތޮލަކަށް ހަދައި، ތާރީފު އޮއްސަން ފެށިއެވެ. ހަމީދުގެ ކަންފަތްޕުޅާ ހަމައަށް އެ ވާހަކަ ދިޔައެވެ. ވަރަށް ކޯފާވިއެވެ. އާދަނު މަރައިނުލަން ހަމީދު ނިންމެވީ ރައްޔިތުންގެ މަގުބޫލުކަން އިތުރު ކުރާކަށް ނޫނެވެ. އާދަނު ކުރަން އުޅުނު ކުށް ދެކެ މީހުން ބިރުގަންނަވައި، އިބުރަތް ހާސިލުކުރުމަށް ޓަކައެވެ. 

އަނެއްކާ ވެސް އާދަނުގެ ޝަރީއަތް ފެށުނެވެ. އާދަނު ބިޑި އަޅުވައިގެން ހަމީދުގެ ކުރިފުޅިމައްޗަށް ގެނައެވެ. ހަމީދު ފެނުމާ އެކު އާދަނު ލޭހޫނުވެއެވެ. ހިތަށްއަރައެވެ. ބިޑިއަޅުވައިފައި އޮތް ދެ އަތް ސަލާމަތުން އޮތް ނަމައެވެ. ކަމެއް ހިނގާކަން ސިފައިންނަށް އެނގޭ އިރު އާދަނާއި ހަމީދުގެ ތެރެއިން އެކަކު އޮންނާނީ ބިންމަތީގައެވެ. އަނެކަކު ހުންނާނީ މެޔަށް ފައިން އަރައިގެންނެވެ. ކުއްލިއަކަށް ގާތަށް ޖެހިލާފައި ދަގަނޑު ބިޑިން ހަމީދުގެ އިސްތަށިފުޅަށް ހަމަލައެއް ދޭން ވެސް ކިތަންމެ ފަހަރަކު އާދަނު ހިތަށްއަރައެވެ. 

"ކަލޭ ބޭއްވި ސިއްރު ބައްދަލުވުމުގަ އަހަންނޭ ކިޔައިގެން ކަލޭ ކީކޭ ބުނީ؟" ކޯފާވެފައި ހަމީދު ވިދާޅުވިއެވެ. "ބުނި ގޮތަށް ބުނޭ! އަކުރުން އަކުރަށް. ތުނޑުންތުނޑަށް. އެހެން މީހުން މި ކަން ހުއްޓާލަންވީ ނޫންހޭ ބުނީމަ ވެސް ކަލޭ ބާރު އަޅައިގެނެއްނު އަނެއްކާ ވެސް ފެށީ."

އާދަނު ލައްވައި އަލުން އެހެން ބުނުވައިގެން ހަމީދުގެ ހިތްޕުޅަށް ލިބިވަޑައިގަންނަވަނީ ކޮން ކަހަލަ ފިނިކަމެއް ކަމެއް އާދަނަކަށް ނުވިސްނުނެވެ. ވީ ކަމެއް ވެ ނިމިއްޖެއެވެ. ކުށް ސާބިތުވެއްޖެއެވެ. ދޭ އަދަބެއް އާދަނަށް ދީފައި ނިންމައިލީމައި އެ ނިމުނީއެވެ. 

"އަޅުގަނޑު ބުނީ އެއީ ދެން ކުރަންވެއްޖެ ކަމެކޭ!" ލޮނުމަޑު ގޮތަކަށް އާދަނު ބުންޏެވެ. 

"ތިހެނެއް ނޫނޭ!" ހަމީދު ވިދާޅުވިއެވެ. "ކަލޭ އެ ތަނުގަ ބުނި ގޮތަށް ނިކަން ފޯރީގަ ބުނެބަލަ!"

"ހަމީދަކީ އަވަހާރަކޮށްލަން ހައްގުވެފަ ހުރި ބޭފުޅެކޭ! އަވަހާރަ ކޮށްލިޔަސް ފާފައެއް ނުވާނޭ! މީ ރައްޔިތުންނަށް ޖެހިފަ އޮތް ބޮޑު ކަމެކޭ! އަޅުގަނޑު އެހެން ބުނިން." އަނެއްކާ ވެސް އާދަނު މަޑުމަޑުން ބުންޏެވެ. 

"އުހުނއުހޫނ! ކަލޭ އަތް އެއްލާފަ ފޯރީގަ ބުނި ގޮތަށް، ހަމަ އެ ބަހުރުވައިން ބުނެބަލަ!" ހަމީދު އެދިވަޑައިގަތެވެ. "މި ތާނގަ ވެސް މީހުނެއް މަދެއް ނޫނެއްނު! ކެރޭކަން އަންގާލަބަލަ!"

"މުޙައްމަދު ހަމީދަކީ އަވަހާރަކޮށްލަން ހައްގުވެފަ ހުރި ބޭފުޅެކޭ..." އާދަނަށް ބުނެވުނީ އެ ހިސާބަށެވެ. 

"ތިހެނެއް ނޫނޭ!" ހަމީދު ވިދާޅުވިއެވެ. "ކަލޭ ހަމަ ބުނި ބަހުރުވައިން، އެ ރާގުގަ ބުނެލަބަލަ!"

"މުޙައްމަދު ހަމީދަކީ މަރާލަން ހައްގުވެފަ ހުރި މީހެއް،" ހަމީދާ ދިމާއަށް އަތްއެއްލާފައި، ނިކަން ބާރަށް، ފޯރީގައި އާދަނު ބުންޏެވެ. "އޭނަ މަރާލިޔަސް ފާފައެއް ނުވާނެ. މީ ކިފާއަތުގެ ފަރުޟެއް. ރައްޔިތުންނަށް ޖެހިފަ އޮތް ބަލާވެރިކަމެއް! އެކަކު ކުރިޔަސް އެންމެން ކުރިޔަސް އެއްވަރެއް ވާނީ."

ހަމީދުގެ މޫނުފުޅުން ފާޅުވި ނަފުރަތު އާދަނަށް ފެނުނެވެ. ފެންނަން މެދުވެރިވީ ހަމީދު އެ ތަނުގައި އިންނެވީމައެވެ. ޝަރީއަތް ހިނގާ އިރު ހަމީދަކަށް އެ ތާކު ނީންނެވޭނެއެވެ. އާދަނު ދެކޭ ގޮތަކީ އެއީއެވެ. އިންނެވިޔަސް، ހަމީދު ވިދާޅުވިއޭ ބުނެފައި ވިދާޅުނުވާ ކަންކަން ހަސަން ކަލޭފާނު ކޮށްގެން ނުވާނެއެވެ. އެކަމަކު އެތައް ފަހަރަކު ހަސަން ކަލޭފާނު އެ ކުށް ކުރިއެވެ. ހަމީދުއަށް ވައިއެޅުވުމުގެ ނިޔަތުގައެވެ. 

"އެހެރީ ކަލޭ ދަންނަ އެއްޗެއްތަ؟" ފާރުގައި އަޅުވާފައި އޮތް ދުއްރައަށް އިޝާރާތްކޮށްފައި ހަމީދު އެއްސެވިއެވެ. 

"އާދެ! ދަންނަން." އާދަނު ޖަވާބުދިނެވެ. 

"ކޯޗެއް އެއީ؟" ހަމީދު އެއްސެވިއެވެ. "ކީއްކުރާ އެއްޗެއް؟"

ދޮންމަނިކާއި ޔޫސުބާއި ދޮހޮއްކޮ ވެސް ހީކުރީ އާދަނު ދެން އެއްޗެއް ނުބުނާނެ ކަމަށެވެ. 

"އެއީ މީހުން ގައިގަ ތަޅާ އެއްޗެއް ނޫންތޯ؟" އާދަނު ބުންޏެވެ. "އެއީ ދުއްރަ."

"ދުވަހަކު ވެސް ދުއްރައިން ތެޅިތަ؟" ހަމީދު އެއްސެވިއެވެ. 

"އަދިއެއް ނުތަޅާ!" އާދަނު ބުންޏެވެ. 

"އަދިއެއް ނުތަޅައޭ ތި ބުނީ ކީއްވެ؟" ހަމީދު އެއްސެވިއެވެ. "ކަލެއަށް އެނގޭތަ ތަޅާނެކަން؟"

"އަޅުގަނޑަށް އެނގޭ އޭގެން ތަޅާނެކަން،" އާދަނު ބުންޏެވެ. "އަދި ނުތަޅައޭ މި ދެންނެވީ ނުތަޅާތީ! މިހާރު އެތައް ރެއަކު ނެރެފިވިއްޔަ!"

އެހެން ބުނުމުން ޝިހާބާއި މުޙައްމަދުމަނިކާއި ޙަސަން ކަލޭފާނު ހުނެވެ. 

"އާނ! ކަލެއަށް ތިޔަ ހީވީ ރަނގަޅަށް. އޭގަ ހުރި ވަރު ކަލެއަށް ދައްކާލާނަން،" ހަމީދު ވިދާޅުވިއެވެ. "ފިސާރި ވޭން އަޅާލާނެ. ކަލޭމެން ރޮއިހޭރޭ ވަރާ، ކަލޭމެންގެ ފިނޑިކަން މީހުންނަށް އަންގާނަން. ހޮޅުއަށީގަ އެ މީހުން އެ ވާހަކަ ދައްކާނެ. މީހުން ކަލޭމެން ހަނދާން ކުރާނީ ޖާހިލު، ފިނޑި ބައެއް ގޮތުގަ."

ދޮންމަނިކު ހަމަހިމޭންވެ، ގަބުވެފައި ހުރީއެވެ. ދޮހޮއްކޮ ރޯން ފެށިއެވެ. ޔޫސުބު ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އާދަނު ކަހަރުވަކެކޭ ވެސް ހިތަށް ނާރައެވެ. އަޒުމެއް ނުމެ ގުޑާމެއެވެ. އާދަނު ދެކޭ ގޮތުގައި، ގައުމުގެ ވެރިމީހާ އަވަހާރަ ކޮށްލަން ފިނޑިންނެއް ނުނިކުންނާނެއެވެ. އެ ހުންނަނީ ފިސާރި ކެރިގެން ކުރެވޭ ކަންކަމެވެ. ދުއްރައެއް ނޫން ޗާބޫކުން ތެޅިޔަސް އާދަނު ކޫސް ވެސް ކިޔައިނުލާނެއެވެ. ނުވެސް ރޯނެއެވެ. ނުވެސް ވެއްޓޭނެއެވެ. 

އާދަނުގެ ދެއަތުގައި ބިޑި އަޅުވާފައި ދެ ފައި އަނދަގޮނޑިޖެހިއެވެ. ގަދަ ދެއްކުމުގެ ބަދަލުގައި އާދަނުގެ މޫނުމަތިން ފެނުނީ ސާބިތުކަމެވެ. ޖެހިލުންކުޑަކަމެވެ. އެ ހާލުގައި އަށިގޭގައި ބާއްވާފައި އޮއްވައި އެ ތަނަށް ހަސަން ކަލޭފާނު ވަނެވެ. ވަދެފައި، އަނދަގޮނޑީގައި އޮތް އާދަނުގެ ފައިގައި ކޮޅުފައިން ޖެހިއެވެ. 

"މި އެއްޗެހިންނަށް ކާން ނުދީ ބައިތިއްބައިގެން މަރަންވީ!" ހަސަން ކަލޭފާނު ބުންޏެވެ. "ހުންނަ ނުލަފާކަން. މީގެ ފަހުން އަހަރުމެންގެ މާތް ވެރިޔާ އަވަހާރަ ކޮށްލަން ކަލޭ ހިތަށް ވެސް ނާރާނެ."

އަނެއްކާ ވެސް އާދަނުގެ ފައިގައި ކޮޅުފައިން ޖެހިއެވެ. އާދަނު އެއްޗެއް ނުބުނެއެވެ. ކެތްކޮށްލައިގެން އޮތީއެވެ. ހިތަށް އެރިއެވެ. އެއީ ހަމަ ވާނެ ގޮތެވެ. ހަމީދުގެ އަރިސް މީހުންނަށް މުންޑުން ބަޑި ތަޅުވަމުން ގުންފައިޖަހާފައި ހިނގެނީ ހަމީދު ދިރިހުންނެވީމައެވެ. ހަމީދު އަވަހާރަކޮށްލި ނަމަ ހަސަން ކަލޭގެފާނުގެ ބާރާއި ޝަރަފު ވެސް މަރުވާނެއެވެ. އާދަނުގެ ނަޒަރުގައި ހަސަން ކަލޭފާނަކީ ގޮތެއްފޮތެއް ނެތް މީހެކެވެ. އަނދަގޮނޑިޖަހާފައި އޮތް މީހަކަށް އެ ފަދަ ކުދި އަނިޔާކުރުމުގެ ބޭނުމެއް އާދަނަކަށް ނުވިސްނެއެވެ. ހިތްވަރެއް ހުރި، ކެރޭ މީހެއް ނަމަ ފުރަތަމަ އަނދަގޮނޑިން މިނިވަން ކުރާނީއެވެ. ދެން ގުޅަމަތިހިފާ ގޮތަށް ބައްދާނީއެވެ. ވަރުގަދަމީހާ އާއި ކުޅަދާނަމީހާ އެނގޭނީ އޭރުންނެވެ. ހަމަހަމަވާނީ ވެސް އޭރުންނެވެ. ކަމެއް ނުކުރެވޭނެކަން ޔަގީންވާ ހާލުގައި އޮތް މީހަކަށް ކޮން ޖެއްސުމެއް ކުރާކަށް ހެއްޔެވެ؟ އާދަނުގެ ހިތުގައި ނަފުރަތު އުތުރުއެރިއެވެ. 

"ކަލޭގެ ދޫ ގޮށްޖެހުނީ އުތަ؟" ހަސަން ކަލޭފާނު ސުވާލުކުރިއެވެ. "ނެތްތަ ބުނެލާނެ މޮޅު އެއްޗެއް؟"

"މީދަލަކަށް ދުވަހެއް އައްޔާ ހިކަންޖަކަށް ވެސް ދުވަހެއް އަންނާނެ." އާދަނު ބުންޏެވެ. (ނުނިމޭ)