(ބުދަ ދުވަހާ ގުޅޭ)

ހުކުރުދުވަހަށް އިރު ފެނުން ތޮޅިލިއެވެ. އާދަނު ހުރީ އަތިރިމަތީގައެވެ. އުދަރެހުގައި ވިލާރޮއްޖެއް އޮތެވެ. އާދަނުގެ ފިކުރު ގޮސް ހުއްޓެނީ ނޭނގުމެއްގެ ތެރެޔަށެވެ. އާދަނަށް ވަދެވެން އުޅޭ ކަންތަކާއި އެ ކަމަށް ނިމުން އަންނާނެ ގޮތެއް އާދަނަކަށް ނުވިސްނެއެވެ. ދުވަހުގެ ވައިރޯޅި އާއި ރާޅުގައި ވެސް ވަނީ އެންމެ އަޑެކެވެ. ބުނާ ކަހަލައެވެ. މީ ފަހު ފަހަރެވެ. ކާމިޔާބު ވިއްޔާ ވީއެވެ. ނުވިއްޔާ މަރެވެ. މަރު ދެކެ އާދަނު ބިރެއް ނުގަނެއެވެ. އެހެނަސް، ހަފީޒާ ނުފެނި މަރުވާން ޖެހިދާނެތީ އާދަނު ކަންބޮޑުވެއެވެ. އެހެންޏާ ނާންނަ ހަނދާނެއް ވެސް އާދަނުގެ ސިކުނޑިއާ ކުޅެލިއެވެ. 

އާދަނު އުފަންވީ ޙަސަން ނޫރައްދީން ރަސްކަމަށް އިސްކުރެއްވި ދުވަހުއެވެ. އޭގެ ހަތަރު އަހަރު ފަހުން ކޮލިލީ ތަނަށް އާދަނު ގެންދިޔައެވެ. އޭރު ކޮލިލަނީ ހަތަރު އަހަރު ފަހުންނެވެ. އެ ދުވަހަކީ ވާރޭ ވެހުނު ދުވަހެކެވެ. ދަރުބާރުގެއަކާއި ބޮޑު ގިޑިގެއެއް ހަދާފައި ހުއްޓެވެ. އާދަނު އެ ތަނަށް ގެންދިޔައީ ގޭގައި އުޅޭ މީހެއްގެ ކޮނޑުގައި ބައިންދައިގެންނެވެ. އާދަނު އިނީ ރަތްކުލައިގެ ގަމީހެއް ލައިގެންނެވެ. އެ އިން ކުލަ ފައިބައިގެން، އާދަނު ގޮވައިގެން ހުރި މީހާ ލައިގެން ހުރި މައުލާނާ ގަންޖުފަރާހުގައި ކުލަޖެހުނެވެ. ހީވަނީ ލޭގަނޑެއް ހެންނެވެ. ގެއަށް ވަނުމުން އެންމެން އެ ކަމާ ހުނެވެ. 

އާދަނު ހިތަށް އެރިއެވެ. ކުރިން ނާންނަ ހަނދާނެއް ކުއްލިއަކަށް އައީ ކީއްވެގެން ހެއްޔެވެ؟ ހުކުރަށް ދާން އާދަނު ގެއިން ނުކުތް އިރު އުޑުމަތި ބަނަވެ، އިރުގެ އަލިކަން ފަނޑުވެއްޖެއެވެ. ވައި ހިނދި، އަޖައިބެއް ކަހަލަ ހިމޭން ކަމެއް ޖައްވަށް ވެރިވެއްޖެއެވެ. ކާޅު ގޮވާ އަޑު ގަދަވި ހެން އާދަނަށް ހީވިއެވެ. އާދަނުގެ ގެ އާއި ހުކުރުމިސްކިތަކީ، ފައިމަގުގައި މިނެޓެއްގެ ދުރުމިނެވެ. ފަނަރަ މިނެޓުވީ އިރު ވެސް އާދަނަކަށް މިސްކިތަކަށް ނުވަދެވެއެވެ. އިނދެވުނީ މުންނާރު ގާފޮޅުގައި އިށީނދެލައިގެންނެވެ. ހަމީދު ހުކުރަށް ވަޑައިގަންނަވާ މަންޒަރު ބަލައިލަން އާދަނު ބޭނުމެވެ. ފައިންޕުޅު އަޅުއްވައިލެއް ބޮޑާކަމާއި މީހުންނަށް ބައްލަވައިލެއް ކިބުރުވެރިކަން ބަލައިލުމަށް ޓަކައެވެ. ފަހު ފަހަރަށެވެ. ރޭވި ގޮތަށް ކަންތައް ގެންދެވިއްޖެ ނަމަ ހަމީދަކަށް ދެވަނަ ހުކުރެއް ނާންނާނެ ހެން އާދަނަށް ވަރަށް ހީވެއެވެ. 

މެންދުރަށް ގޮވި އިރު ވެސް ހަމީދު ހުކުރަކަށް ވަޑައެއްނުގެންނެވިއެވެ. ރަށުގައި ވަޑައިގެން ނެތްކަން އާދަނަށް ވިސްނުނީ އެ ހިސާބުންނެވެ. ގުޅަކުޅޭ ފަސްގަނޑަށް އެންމެން އެއްވަން ނިންމީ ވެސް ހަމީދު ރަށުގައި ނޫޅުއްވާތީއެވެ. އަމިއްލަ ނަފުސަށް ހެމުން އާދަނު މިސްކިތުގެ ހަރިންމައަށް ވަނެވެ. އެ ވަގުތު، ހީނުކުރާ މީހަކާ ހަތަރުކަޅި ހަމަވިއެވެ. އެ މީހަކީ ހަސަން ކަލޭފާނެވެ. އަށިގޭގައި އާދަނަށް އެންމެ އަނިޔާދިން ސިފައިންގެމީހާއެވެ. އާދަނާ ދިމާއަށް ހަސަން ކަލޭފާނު ބަލައިލީ، މީދަލަކާ ދިމާއަށް ސިންގާއެއް ބަލައިލާ ފަދައިންނެވެ. 

"އާދަނާ! ފައި ރަނގަޅުވީ؟" ހަސަން ކަލޭފާނު އެއްސެވެ. 

"ލައްބަ! މިހާރު ހަމަ ޅައިރު ފަދަ." އާދަނު ބުންޏެވެ. 

"ދެން ވެސް ވިޔާނުދާކޮށް ނޫޅޭތި!" ހަސަން ކަލޭފާނު ބުންޏެވެ. "ނަސީބެއް ފައި ސަލާމަތްވިކަން. އެކަމަކު އަބަދަކު އެއްގޮތެއް ނުވާނެ."

"ލައްބަ! އެއްވެސް ކަމެއް އަބަދަކު އެއްގޮތަކަށް ނޯންނާނެ،" އާދަނު ބުންޏެވެ. "މިއަދުގެ ސިންގާ މާދަމާ މީދަލަކަށް ވެސް ވެދާނެ. މިއަދުގެ މީދާ މާދަމާ ސިންގާއަކަށް ވެސް ވެދާނެ."

ބުނި އެތި ރަނގަޅަށް ދޭހަވުމުން ޖަހާ ކަހަލަ ހިނިގަނޑެއް ޖަހާފައި ހަސަން ކަލޭފާނު ދިޔައެވެ. އާދަނަށް ބަލައިލެވުނީ އާދަނުގެ އަތަށެވެ. ކަށިވެލި ލާފައި ބަނދެލި ރޯނުގަނޑުގެ ލަކުނުތައް، އަޑުވީއްލައި އާދަނަށް އެ ހާދިސާ ހަނދާން ކޮށްދިނެވެ. 

ކޮލަންބޯ ފޯޓުގެ ޔޯކު ސްޓްރީޓްގައި، ވަނަމަކަށް "އިރުމަތީގެ ހެރޮޑްސް" ކިޔާ "ކާގިލްސް" ގައި ވިޔަފާރިކުރަން ހުރި ހަފީޒާ އަށް ޝަރަފިއްޔާ ވެސް އެއްޗެއް ހަނދާން ކޮށްދިނެވެ. ކާގިލްސްއަކީ މުއްސަނދިން ވިޔަފާރިކުރަން އިނގިރޭސީން ހަދާފައިވާ ގަނޑުވަރެއް ކަހަލަ ބޮޑު ފިހާރައެކެވެ.  

"އިރުއިރުކޮޅާ ތި ހެން ތި ބުނަނީ ކީއްވެތަ؟" ހަފީޒާ ސުވާލުކުރިއެވެ. 

"އަހަންނާ އެ ކަން ހަވާލުކޮށްފަ އޮތީމަ،" ޝަރަފިއްޔާ ބުންޏެވެ. "ވިދާޅުވިއެއްނު މާލޭގެ މަސްރަހު ވަރަށް ގޯހޭ. ކޮންމެ ވަގުތަކު ވެސް ކަންކަން ބަދަލުވެދާނޭ. ކިޔަވަން ތިބި ހުރިހާ ކުދިން މާލެދާން ވެސް ޖެހިދާނޭ."

"ތި ކަން އެނގެޔޭ!" އަގުބޮޑު ޗޮކުލެޓު ހަރުގަނޑު ކައިރިން ހިނގަމުން ހަފީޒާ ބުންޏެވެ. "އެކަމަކު މީހަކާ އިނުމަކީ މަނާކަމެއް ނޫނެއްނު. ދެން ކީއްވެހޭ އިރުއިރުކޮޅާ ތި ހަނދާން ކޮށްދެނީ އަހަންނަކީ މީހެއްގެ އަންބެކޭ."

"އާދަނާ ވެސް ދިމާވާނެތީ!" ޝަރަފިއްޔާ ބުންޏެވެ. "އޭނަ ހުސްހަށިބައޭ!"

ހަފީޒާއަށް ހުއްޓެވުނެވެ. އާދަނާ ހަތަރުކަޅި ހަމަކުރާކަށް ހަފީޒާ އަދި ތައްޔާރެއް ނޫނެވެ. އެހެނަސް، ދިމާވި ކޮންމެ ކަމަކާ ކުރިމަތިލާން އާދަނު ހުރީ ތައްޔާރަށެވެ. ފަސްއެނބުރި ބެލުމެއް ދެނެއް ނެތެވެ. ހުކުރުން ފޭބި ގޮތަށް މުންޑު ފޫގަޅަމުން، ގުޅަކުޅޭ ފަސްގަނޑާ ދިމާއަށް އާދަނު ހިނގައިގަތެވެ. މީހެއްގެ މޫނަށްކަނދުރާއަކަށް ބެލުމެއް ނެތެވެ. ގުޅަކުޅޭ ފަސްގަނޑަށް އާދަނަށް ދެވުނު އިރު، އެކި ފެންވަރުގެ މީހުން އެ ތަނުގައި ތިއްބެވެ. އޭގެ ތެރޭގައި، ބިޖިލީގެ މުޙައްމައިދީ އާއި އަންވަރު ހިލްމީ ވެސް ހިމެނެއެވެ. އެ މީހުން ތިބީ ހުކުރުން ފޭބި ގޮތަށް ހުދު، އަތްދިގު ލިބާހުގައެވެ. މެދުޒިޔާރަތްމަގުން ގުޅަކުޅޭ ފަސްގަނޑަށް ވަންނަ މެދުދޮރޯށި ކައިރީގައި ގުޅަގުޅޭފަސްގަނޑާ ދިމާއަށް ބަލަހައްޓައިގެންނެވެ. ތަން އޮތީ ފުރެން ކައިރިވެ، ހަލަބޮލިވެފައެވެ.

"އޭ ފީނާ! މި ކޮޅަށް އައިސްބަލަ!" އާދަނު ފެނުމުން މުޙައްމައިދީ ގޮވައިލިއެވެ. 

ޖޯޝާއި ފޯރިން ފުރިފައިވާ އާދަނު ދުވެފައި އައެވެ. 

"ކިހިނެއް މި ވަނީ؟" އޭނަ އެހިއެވެ. "ކިހިނެއް ވެގެން މި އުޅެނީ؟"

"އަނގަނަގައިގެން ތިހެން ހުންނަންވީކީ ނޫން،" އާދަނު ބުންޏެވެ. "މި އުޅެނީ ހަމީދުގެ ވެރިކަން ވައްޓާލަން. އެހެންވީމަ ތިޔަ ލިބާސްގަނޑު ފަޅާލާފަ މި ތާ މޮޔަވާންވީ!ދެކޮޅަށް ދުވަންވީ! ހަޅޭއްލަވަންވީ!"

އެ ހިސާބުން އޭނަ އެ ތަނުން ނުކުންނަން ހިނގައިގަތެވެ. ހަމީދުއާ ދެކޮޅަށް ތެދުވުމަކީ ކޮންމެކޮންމެ މީހަކަށް ކުރަން ކެރޭ ވަރުގެ ކަމެއް ނޫނެވެ. 

"މާދަމާ ކަލޭމެން އެންމެން ބަޑިޖަހާ މަރާނެ،" ދެލޯ ބޮޑުކޮށްލާފައި އޭނަ ބުންޏެވެ. "މަ ވާ ސަލާމް."

ބޮޑުގަނޑުވަރުގައި އާކޯއްޓޭ މަތިގެ ހުރެއެވެ. މަތިގެއަކީ ބޮޑެތި ޖަލްސާ ވެސް ކުރެވޭ ގޮތަށް ހަދާފައި ހުންނަ ބޮޑު ގެއެކެވެ. ފުރާޅުގައި ޓިނަކަށް ހުންނަނީ ލޮއެވެ. ގަނޑުވަރުގެ ބޮޑުދޮރާށިން ނުކުންނަ އިރު އާކޯއްޓޭމަތިގެ ހުރެއެވެ. ރާނާފައި ހުންނަ ބުރުޒެއް ހުރެއެވެ. ވަށައިގެން ފާރު ރާނާފައި އެ ތަނުގެ މެދަށް ވެލި އަޅާފައި، އޭގެ މަތިން އަނެއްކާ ބައެއް ރާނައި ނަގާފައި، އެ ބައި ވަށައިގެން ހުންނަނީ ގެއެއް ހެން ހަދައިފައެވެ. ކޯއްޓޭ ހުންނާނީ އޭގެ ކުރިމަތީގައެވެ. އެއީ ވަރަށް ރީތި ތަނެކެވެ. 

މެދުޒިޔާރަތްމަގުން އައިސް ގުޅަކުޅޭފަސްގަނޑާ ދިމާއަށް ދެވޭ މެދުދޮރޯށީގެ ދެފަރާތުގައި، އެތެރޭގައި ދިހަ ފޫޓެއް ހައި ދިގު ދެ ލަންޓަން ހުރެއެވެ. ވައަތް ފަރާތުގައި ހުންނަނީ ބޭރު ބޮޑުއަށި ކިޔާ ގެއެކެވެ. އެ ތަނުގައި ތިބެނީ ގަނޑުވަރުގެ މަސައްކަތު މީހުންނެވެ. ބަނޑޭރިގެ ހުންނަނީ މެދުދޮރާށީގެ ކަނައަތްފަރާތުގައެވެ. ސިފައިން ނުކުމެ ރައްޔިތުންނަށް ވިސްނައިދޭން އޭރު ވެސް މަސައްކަތް ކުރެއެވެ. އެހެނަސް ތިރީހަކަށް ސިފައިންނަކަށް މާ ބޮޑު ކަމެއް ކުރެވޭ ތަނެއް އާދަނަކަށް ނުފެނެއެވެ. ބޭރު ބޮޑުއަށްޓާ ޖެހިގެން ހުންނަނީ ނާބުސްހާނުގެ ހިއްތަންދޮރާށްޓެވެ. އެ ދޮރާށީގެ ދެ ފަރާތުގައި ވެސް ދެ ލަންޓަން ހުރެއެވެ. އެ ދިމާގައި ދައްޕަރު އިބްރާހީމްދީދީ އާއި ޖާރިޔާ މޫސާ ކަލޭފާނު ތިއްބެވެ. އެއީ ސިއްރު ޖަލްސާތަކުގައި އިސް ދައުރެއް އަދާކުރި މީސްމީހުންނެވެ. 

"އެންމެން ހަޅޭއްލަވާ! އަޑުގަދަކުރޭ!" އާދަނު ހަޅޭއްލަވަން ފެށިއެވެ. "އަތް އުރާލައިގެން ތިބެގެން އެއްވެސް ކަމެއް ނުވާނެ. ބާރަށް ގޮވާ! ހަމީދު ވެރިކަމުން ބާލާ! ހަމީދު ވެރިކަމުން ބާލާ!"

"އޭ ކޮއްކޯކޮއްކޯ!" އިބްރާހީމްދީދީ އަތުން ހަނާއަޅާލައިފައި އާދަނަށް ގޮވައިލިއެވެ. "އާދެބަލަ!"

ސިއްރު ޖަލްސާތަކަށް އާދަނު ވެސް ދިޔައެވެ. އެކަމަކު ތަންކޮޅެއް މަޑުން އިންނާތީ، ރަށު ތެރޭގައި އާދަނުގެ ނަން މަޝްހޫރަސް، އެންމެނަކަށް އާދަނެއް ނޭނގެއެވެ. އާދަނަށް ކޮއްކޮ ކިއީ އެހެންވެއެވެ. 

"ކޮއްކޯ!" މޫސާ ކަލޭފާނު ބުންޏެވެ. "މިހިރަ ލަންޓަނަށް އަރާފަ ބާރަށް ހަޅޭއްލަވާ! ބުނޭ މިހާރު މުޙައްމަދު ހަމީދަކީ ވެރިއެއް ނޫނޭ، އަހަރުމެން އޭނަ ގަބޫލެއް ނުކުރަމޭ! ވެރިޔަކީ އިބްރާހީމްދީދީއާ ކިލެގެފާނޭ ގޮވާ!" 

ފިކުރެއް ހިޔާލެއް ނެތި އާދަނު ދުވެފައި ގޮސް ލަންޓަނަށް އެރިއެވެ. ހީވަނީ ކޮންމެ ދުވަހަކު ކުރާ ކަމެއް ހެންނެވެ. ލަންޓަނުގެ ކޮޅަށް އަރައި އާދަނު ހަޅޭއްލަވަން ފެށިއެވެ. 

"ހަމީދަކީ މިހާރު ވެރިއެއް ނޫން!" އަޑުގެކޮޅަށް އާދަނު ގޮވައިލިއެވެ. "އެކަކު ވެސް އޭނަ ގަބޫލެއްނުކުރޭ! ހަމަ މިހާރު އޭނަ ވެރިކަމުން ދުރުކުރޭ! އޭނަ މާލެއަށް އަރުވައިގެން ނުވާނެ! މީ ރައްޔިތުންގެ އަޑު. ވެރިޔަކީ އިބްރާހީމްދީދީއާ ކިލެގެފާނު."

އުމުރުން ހަގަސް އާދަނަކީ އަޑެއްއޮންނަ ކުއްޖެކެވެ. މުޅި ތަނަށް އާދަނުގެ އަޑު ފޯރިއެވެ. އެ އަޑުގެ ފަހަތުން އެންމެން ހަޅޭއްލަވައިގަތެވެ. ތަނުގެ އިންތިޒާމު ހަމައަކަށް އެޅި، ފޯރިގަދަވާން ފެށުމުން ލަންޓަން ކައިރިއަށް ހަސަން ކަލޭފާނު އައެވެ. އޭނައަކީ އިސްކޮޅުން ދިގު، ބިޔަކޮށް ހުންނަ މީހެކެވެ. ހަމީދުގެ ވެރިކަން ވެއްޓިއްޖެ ނަމަ އެންމެ ހާލުގަ ޖެހޭނެ އެކަކީ އޭނައެވެ.

"އޭ އާދަނާ! ހަމަ މިހާރު ފައިބާ!" ހަސަން ކަލޭފާނު އަށިގޭގައި ހަޅޭއްލައިގަންނަ ހެން، ރުޅި އައިސްފައި ހަޅޭއްލައިގަތެވެ. "ބަލަ މިއަދެއް ނޫންތަ އަހަރެން ކަލެއަށް ނަސޭހަތްދިނީ؟ މި ފަހަރު ކުޅިދައްކާލާނަން. ފައިބާ!"

އާދަނު ހަނދާންވީ މުދިންކަލޭގެ ކިޔައިދިން ވާހަކައެވެ. ދުޝްމަނުގެ އަތަށް ވަޅި ދީފައި އަމްޖަދު ރަސްގެފާނު ދެލޯ މަރުއްވައިގެން އޮތްނެވި ގޮތެވެ. އެ ހިތްވަރާއި ސާބިތުކަމެވެ.  

"ތި ކަހަލަ ދެތިން ކެނައަށް އަހަރުމެންގެ މާތް ވެރިޔާ މަގާމުން ވަކިކުރެވޭތަ؟" އާދަނަށް އަތް އެއްލާފައި ހަސަން ކަލޭފާނު ހަޅޭއްލައިގަތެވެ. "ނުކުރެވޭނެ. ކަލޭމެންނަކަށް ހަމީދުއާ ކުޑަބޭރު ވެސް ނޭރޭނެ."

އާދަނު ހިތަށްއެރިއެވެ. ހަސަން ކަލޭފާނު އަށިގޭގައި އާދަނަށް ފިސާރި އަނިޔާކޮށްފިއެވެ. މީދަލަކަށް ދުވަހެއް އައްޔާ ހިކަންޖަކަށް ވެސް ދުވަހެއް އަންނާނެއޭ އާދަނު ބުނުމުން ހަސަން ކަލޭފާނު ބުންޏެވެ. ހިކަނދި ދުނިޔޭގަ އޮވެއްޖެއްޔާތާއެވެ. އާދަނު ކުއްލިއަކަށް ލަންޓަނުން ފުންމާލައިގެން އައިސް، ހަސަން ކަލޭފާނުގެ ބަނޑުގައި ބާރު އެތިފަހަރެއް އަޅައި ވިހެލިއެވެ. (ނުނިމޭ)