(އާދިއްތަ ދުވަހާ ގުޅޭ)
"އަހަރެން މި އަންނަނީ ހަފީޒާ!" ހިތާހިތުން އާދަނު ބުނެލިއެވެ.
އާދަނު ފަލިޖަހަން ފެށިއެވެ. ކާކު ކީއްކުރަން ގެންގުޅޭ ބޮއްކުރައެއް ކަމެއް އާދަނަކަށް ނޭނގެއެވެ. ތިމާއަކީ ބޭސްކުރަން އައްޑޫއަށް އައި މީހެއް ކަމެއް އާދަނު ހަނދާނެއް ނެތެވެ. ކަނޑުގައި ރާޅާއި އޮއި ހުރި ވަރަކާ މެދު ވިސްނައެއް ނުލެވުނެވެ. މި ދަނީ ކޮން ތަނަކަށް ކަމެއް ވެސް އާދަނަކަށް ނޭނގެއެވެ. ނެރުން ނުކުމެގެން މިސްރާބު ޖެހީ، އާދަނުގެ ހަޔާތެކޭ އެއްފަދައިން އަޑި ނޭނގޭ ފުން ކަނޑާ ދިމާއަށެވެ. އޭރު ނެރުން ވަނުމަށް ޓަކައި ކުޑަ ވަރެއްގެ ދޯންޏެއް އާދެއެވެ. އާދަނުގެ ބޮލުގައި އޮޅާފައިވާ ފޮށައިން ދެ ލޯ އެކަނި ފެންނަ ވަރަށް މޫނު ނިވައިކޮށްލިއެވެ. ބޮލުގައި ފޮށާ އޮޅައިގެން ތިބި އެންމެން ތިބީ އެހެންނެވެ.
"ކޮބާ އެ މީހުން؟" ދޯންޏާ އަރައި ހަމަކޮށްފައި އާދަނު އެހިއެވެ.
"ކޮން މީހުނެއް؟" ދޯނީގެ ހުންގާނުގައި ހުރި މީހާ އެހިއެވެ.
"މާލެއިން ވަޑައިގަތް ބޭފުޅުން." އާދަނު ބުންޏެވެ.
ޖަވާބުގައި އޭނަ އިނގިލި ދިއްކޮށްލީ އާގުބޯޓަކަށެވެ. އެ ދިމާގައި ތިން އާގުބޯޓު އޮތެވެ.
"ޔަގީންތަ؟" އާދަނު ސުވާލުކުރިއެވެ.
"އެހެން ކިޔަނީ. ޔަގީނެއް ނޫން. އަހަންނެއް ނުދެކެން. އެބަ ކިޔާ އެ މީހުން ކަނޑުފެއްތި ވާހަކަ ވެސް. ކަލޭ ތީ ކާކު؟" އޭނަ ބުންޏެވެ. "ތީ މާލޭ މީހެއްތަ؟"
ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި، ދޯނިތައް ވަށައިލާފައިވާ އާގުބޯޓާ ދިމާއަށް އާދަނު ފަލިޖަހަން ފެށިއެވެ. އާދަނު ގަޔަކު އަދި އެހައި ވަރެއް ނެތެވެ. ކޮންމެ ފަލިވަޅަކާ އެކު އާދަނަށް އެ އިހުސާސް ކުރެވެއެވެ. އެހެނަސް އާދަނާ ކުރިމަތިލައިގެން ބޮއްކުރައިގައި އިށީނދެލައިގެން އިނީ ހަފީޒާއެވެ. އާންމުކޮށް ފެންނަ ހިނިތުންވުމާ އެކުގައެވެ. ހުނުން ނޫންކަމެއް އޭނަ ނުކުރެއެވެ.
"ބާރަށް ފަލިޖަހާ. އަވަސްކުރޭ!" ހަފީޒާ ހެމުން ބުނެލިއެވެ. "ސާބަހޭ މަގޭ އާދަނަށް."
"އަހަރެން ދިރިހުއްޓާ ހަފީޒާއަކަށް މަރެއް ނުވެވޭނެ،" އާދަނު ބުންޏެވެ. "އަހަރެން ގަބޫލެއް ނުކުރާނަން."
"އެހެންތަ؟ ތިހާ ލޯބިވަންޏާ ކީއްވެ އަހަރެން ސަލާމަތްކުރަން ނައީ؟" ހަފީޒާ ސުވާލުކުރިއެވެ. "ދެނެއް އަހަންނެއް ނުފެންނާނެ. އާދަނަށް ދެން އުނދަގޫ ކުރާނީ އަހަރެންގެ ހަނދާންތައް."
"ތީ ހުސް ދޮގު،" އާދަނު ބުންޏެވެ. "ހުސް ދޮގު ތި ހަދަނީ. އަހަރެން ގަބޫލެއް ނުކުރާނަން. ބުނޭ ތީ ދޮގެކޭ!"
އާދަނު އެހެން ކިޔަކިޔާ އިންދައި ހަފީޒާ ގެއްލުނެވެ. ކުރިޔަށް ވުރެ ބާރަށް އާދަނު ފަލިޖަހަން ފެށިއެވެ. އޭރު ވެސް، ދެން ހަދާނެ ގޮތަކާ މެދު އާގުބޯޓު ތެރޭގައި ދިޔައީ މަޝްވަރާ ކުރެވެމުންނެވެ. އަތޮޅުވެރީންނާއި ދޮށީމަނިއްޕުޅުގެ ހިޔާލު އެއްގޮތެވެ. އަރީފުގެ ވިސްނުން ތަފާތެވެ.
"މި ވަގުތަށް އެންމެ މަސްލަހަތުހުރި ގޮތަކީ މި އާގުބޯޓުގަ މަނިއްޕުޅު މަޑުކުރެއްވުން،" އަރީފު ބުންޏެވެ. "އެއްވެސް ކަމަކަށް ދަތިފުޅެއް ނުވާނެ. މޭޖަރު ފިލިޕްސް ހުރިހާ ކަމެއް އިންތިޒާމު ކޮށްފި. މަތިންދާބޯޓު ތައްޔާރުވީމަ ސީކުއެސްޓުގަ ވަޑައިގަންނަވާ ގޮތަށް ގަމަށް ފައިބާވަޑައިގެން މާލެއަށް ފުރައިވަޑައިގަތީމައި ނިމުނީ. ފޮށިކޮޅުތައް އަޅުގަނޑުމެން ފަހުން ފޮނުވައިލާނަން."
"އަޅުގަނޑު ބޭނުން ރައްޔިތުންނާ ވާހަކަ ދައްކައިލަން،" ދޮށީމަނިއްޕުޅު އެދިވަޑައިގަތެވެ. "ރައްޔިތުން އަޅުގަނޑުގެ އަޑުއަހާނެ."
"މުޙައްމަދު ހަމީދު ވެސް ހަމަ ތި ކަހަލަ ކުށްހީފުޅެއް ނޫންތޯކުރެއްވީ. ނަތީޖާ ބައްލަވާ! އެއީ މާލޭ މީހުން. މީ އައްޑޫ މީހުން. ކޮން ބައެއްތޯ އެންމެ ވަރުގަދައީ ބެއްލެވުމުގެ ބޭނުމެއް ނެތެއް ނޫންތޯ؟ ނިކަން ބައްލަވާ! ފަތިހުއް ސުރެ ކޮޅަށް އެ ތިބީ. އެސްފިޔަ ވެސް ޖަހައިނުލާ!" ޕޯޓުހޯލަށް އިޝާރާތް ކުރަމުން އަރީފު ބުންޏެވެ. "އިރުއޮއްސިފަ އެރިޔަސް އެ މީހުން ހަމަ އެހެން ތިބޭނީ."
"މެގަފޯނެއް އެބަ އޮތްތޯ؟" ދޮށީމަނިއްޕުޅު ސުވާލުކުރެއްވިއެވެ.
"ތި ހައްދަވަނީ ގޯހެއް،" އަރީފު ހަނދާން ކޮށްދިނެވެ. "ތިޔަ ހައްދަވަނީ ގޯހެއް."
މާރަނގައަށް ގެއްލުން ދިނުމަށް ފަހުގައި ވެސް ރައްޔިތުން އެ ތަނުން ދުރަކަށް ނުދިޔައެވެ. މައްސަލައަކީ އެންމެ މައްސަލައެކެވެ. އިނގިރޭސީންގެ އެންމެ މަތީ އޮފިސަރަކަށް އެ ތަނުގައި ހުރި ހެރިސަންއަށް އެ ކަން އެނގެއެވެ. ހައްލު ވެސް އެނގެއެވެ.
"ހަނޑޫތައް ބަހާލާ!" ފަސޭހައިން އަތުޖެހުނު ދެތިން މުވައްޒަފުން ގެނެސްފައި ހެރިސަން އަމުރެއް ނެރުނެވެ.
ހަގީގަތުގައި އެއީ ހަނޑުލެއް ނޫނެވެ. އިނގިރޭސީން ކޮޅަށް ރައްޔިތުން ލެންބުމަށް ޓަކައި ދޭ ރިޝްވަތެކެވެ. ތަނުގައި ތިބި ސަރުކާރު މުވައްޒަފުންނަށް އެ ވަރު އެނގެއެވެ. ސަރުކާރުގެ ޓައިޕުރައިޓަރު އަރީފަށް ދީގެން ވެސް މުވައްޒަފުން ތިބީ ހިތްހަމަނުޖެހިފައެވެ.
"އަތޮޅުވެރިން ނުވަތަ ދޮށީމަނިއްޕުޅުގެ ހުއްދައެއް ނެތި ތި ކަމެއް ނުކުރެވޭނެ،" ހަސަންފުތު ވަރަށް އަދަބުވެރިކަމާ އެކުގައި ބުންޏެވެ. "އަހަރުމެންނަކީ ސަރުކާރު މުވައްޒަފުން. ދިވެހި ސަރުކާރަށް ވަފާތެރި މީހުން."
"ބަލަ ދިވެހިރާއްޖެއަކީ އަހަރުމެންގެ ހިމާޔަތް ހޯދައިގެން ތިބި ބައެކޭ!" ހިތްހަމަނުޖެހިފައި ހެރިސަން އިނގިރޭސިބަހުން ބުންޏެވެ. "އިނގިރޭސި ޕައުންޑު ދީފަ ހަނޑޫތައް ގަތީ. އިނގިރޭސި ބޯޓުފަހަރުގަ ވިލާތުން ހަނޑޫ ގެނައީ. އިނގިރޭސި ސިފައިން ތި ހަނޑޫތައް ގުދަންކުރީ."
"އެކަމަކު ދިވެހި ފަސްގަނޑުގަ އަހަރުމެން އެންމެން ވެސް މި ތިބީ!" ހަސަންފުތު ޖަވާބުދިނެވެ.
އެ ހިސާބުން ހެރިސަންގެ އަނގަ ބެދުނެވެ. ދޮށީމަނިއްޕުޅުގެ އަޑު ކަނޑުމައްޗަށް ފަތުރައިލިއެވެ.
"ލޮބުވެތި ރައްޔިތުންނޭ!" ދޮށީމަނިއްޕުޅު ފެންނަ ވަރަށް އާގުބޯޓުގެ ދިރުނބާކޮޅުގައި ހުންނަވައިގެން ރައްޔިތުންނާ ވާހަކަ ދެއްކެވިއެވެ. "ދިވެހި ސަރުކާރަށް ކިޔަމަންތެރިކަން އަދާކުރައްވާ! ގެއަށް ވަޑައިގަންނަވާ! މިހާރު ގޯސްވެފަ މި އޮތް ވަރަށް ވުރެ އިތުރަށް ގޯސްވާން ފުރުސަތު ނުދެއްވާ! ރައްޔިތުންގެ ޝަކުވާ އަޅުގަނޑު އަހާނަން. ސަރުކާރަށް ޝަކުވާތައް ދަންނަވައިދޭނަން."
ދޮށީމަނިއްޕުޅު ފެނުމުން އާދަނު ވަރަށް އުފާވިއެވެ. ހަފީޒާ ވެސް ދުނިޔޭގައި އެބަ ހުރިކަން ޔަގީންކުރެވުނެވެ.
"ހުސް ވައި އަނގަ!" މީހަކު ގޮވައިލި އަޑު އާދަނަށް އިވުނެވެ. "ކިހާ އާދޭހެއް ދަންނަވައިފިން؟ ވީ ކަމެއް ހަރާން. ބޭނުމެއް ނޫން ސަރުކާރަށް ކިޔަމަންވާކަށް. ކާއެތިކޮޅަށް ސަލާން ޖެހުން މި ހިސާބުން ނިމުނީ. މިހާރު ގޯސްވެފަ މި އޮތް ވަރަށް ވުރެ އިތުރަށް ގޯސްވާން ތި ބޭފުޅާ ވެސް ފުރުސަތު ނުދެއްވާ! ހަމަ މިހާރު މި ތަނުން ދޯންޏަކަށް ފައިބާވަޑައިގަންނަވާ! މިއަދު ޝަރީއަތް ކުރާނީ ރައްޔިތުން. ހުކުން ކުރާނީ ވެސް ރައްޔިތުން. ދެން ފަސްއެނބުރި ބެލުމެއް ނެތް."
އެ މީހާގެ އަޑު ދޮށީމަނިއްޕުޅާ ހަމައަކަށް ނުދިޔައެވެ. ދޯނި އޮތްލެއް ދުރުކަމުންނެވެ. ދެން ފެނުނީ އާގުބޯޓު ކައިރިއަށް ސީކުއެސްޓު ދިޔަ ތަނެވެ. ކުރީ ކީއްކަމެއް ނޭނގެއެވެ. ސީކުއެސްޓު މިސްރާބު ޖެހީ ކުރިން ވާހަކަ ދެއްކި މީހާ ހުރި ދޯންޏާ ދިމާއަށެވެ. ސީކުއެސްޓު ކައިރިކޮށްފައި މެގަފޯނެއް ދިނެވެ. އެ ބޭނުންކުރާނެ ގޮތް ކިޔައިދިނެވެ. އެ ހިސާބުން ދެބައިމީހުންގެ މެދުގައި ރަސްމީ ވާހަކަތައް ފެށުނެވެ. އާގުބޯޓުން ދެނީ ނަސޭހަތާއި އުންމީދެވެ. ދޯނިން އަންނަނީ އިންޒާރާއި ޝަކުވާއެވެ.
"ދިވެހީންގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަދެ، އަހަރުމެންގެ މީހުން އަހަރުމެންނާ ހަވާލުކުރޭ!" ތަންކޮޅެއް ނުފަރިތަ އިނގިރޭސިބަހަކުން ބުނި އަޑުއިވުނެވެ. "އިނގިރޭސީންނަށް އިންޒާރު މި ދެނީ. އަހަރުމެން ރުޅި ނާރުވާ! ކެތްތެރިކަން އެބަ ކޮޅުންލާ!"
"މޮޔަކަމެއް ނުކުރައްވާތި! ވަރަށް އިހުތިރާމާ އެކު މި ބުނަނީ މޮޔަކަމެއް ނުކުރައްވާތި!" ދޮށީމަނިއްޕުޅު އެދިވަޑައިގަތެވެ. "އަޅުގަނޑުގެ ބާރު ނުފޯރާ ހިސާބަށް ކަންކަން ނުގެންދަވާތި!"
އެންމެ ފަހުން މެގަފޯނު މޫދަށް އެއްލައިލައި، މަޝްވަރާގެ ދޮރުގައި ތަޅު އެޅުވިއެވެ. އާދަނު ހިތަށްއެރިއެވެ. އާދަނަށް އާގުބޯޓަށް އެރޭނެ ނަމައެވެ. ދޮށީމަނިއްޕުޅަށް އާދަނު ފެންނާނެ ނަމައެވެ. އެ ކަމާ ވިސްނަން އިންދައި މަނިއްޕުޅު ދުރުމި އެޅުއްވި ތަން ފެނުނެވެ. އާދަނުގެ އުންމީދު އާވިއެވެ. ދުރުމިއަކީ އާދަނު ދަންނަ އެއްޗެކެވެ. ދޮށީމަނިއްޕުޅު އެކި ދިމަދިމާ ބައްލަވަމުން ގޮސް އާދަނާ ދިމާއަށް ދުރުމި އަނބުރައިލާ ހެން ހީވާ ކޮންމެ ފަހަރަކު އާދަނު މޫނު ދައްކައިފައި އަތްހޫރައެވެ. އެހެނަސް، ވީ ކަމެއް ނެތެވެ.
އިރުއޮއްސުނެވެ. ދޯނިތަކެއް ނުދެއެވެ. އާދަނު ވެސް ނުދެއެވެ. ދޯނި ރާޅާކުޅެން ދޫކޮށްލައިގެން އެންމެން ތިބީއެވެ. މާ ބޮޑަށް ދުރަށް ދެވިއްޖެ ނަމަ ފަލިޖަހައެވެ. އެހެން ދޯނިތަކުން ކާއެއްޗެހި ގެނެސްދިނެވެ. ކުރުނބަ އާއި ބިސްކޯދާއި ލުނބޯހުތު ފަންޏެވެ. އާދަނަށް ވެސް އެ ލިބުނެވެ. މީހުން ހީކުރީ އާދަނަކީ ވެސް ސަރުކާރާ ދެކޮޅު މީހެއް ކަމަށެވެ. ހުރިހައި އެންމެން ނަމާދު ވެސް ކުރިއެވެ. ދުރުން ބަލާ މީހަކަށް އެ ކަމުގައި ގޯހެއް ނެތެވެ. މުސްލިމުންނަކީ ނަމާދުކުރާ ބައެކެވެ. ނަމާދަށް ފަހުގައި އެންމެން ދުއާއަށް އަތް ނެގިއެވެ. އިނގިރޭސީންނަށް ނުވިސްނުނީ ކާއެއްޗެހި ތެރޭގައި ފޮރުވައިގެން ގެނައި އެއްޗަކާއި ކުރި ދުއާގެ މަގުސަދެވެ.
ރޭގަނޑުގެ އަނދިރި ތެރޭގައި އިތުރު ދޯނިތަކެއް އައިސް ގުޅުނެވެ. އާދަނަށް ޝައްކު ވާން ފެށިއެވެ. ދޯނިތައް މަޑުމަޑުން ފަލިޖަހަމުން ގޮސް އާގުބޯޓު ވަށައި އެތުރެން ފެށިއެވެ. އެ ކަން ކުރީ ވަރަށް މަޑުމަޑުން، ވަރަށް ލަސްލަހުންނެވެ. ކަނޑުމަތީގައި އެ ކަމެއް ހިނގަމުންދިޔަ އިރު ރަށުތެރެ އޮތީ ހަލަބޮލިވެފައެވެ. ހުރިހައި ކަމެއް ވެސް ދިޔައީ ރާވާފައިވާ ގޮތަށެވެ. އޭރު އައްޑޫގެ ހުރިހައި ރަށަކަށް ދޯނިފަހަރު ފޮނުވައިފިއެވެ. ރަށްރަށުގައި ކުރިޔަށް ތިބި މީހުން ހިތަދޫއަށް ގެނައުމަށް ޓަކައެވެ. ދެކޮޅު ހަދައިފި މީހަކަށް އޮންނަ އިންޒާރަކީ ކުރީން ވެސް ދިން އިންޒާރެވެ. ގެ ތަޅާލައިފައި އެ މީހަކަށް އަނިޔާކުރުމެވެ. އެ ކަމަށް ބިރުން ހުރިހައި ރަށަކުން މީހުން އައެވެ. އެ ހަރަކާތުގައި އިސްކޮށް އުޅުނީ ކެޔޮޅުންނެވެ.
މީހުން ހަމަވުމާ އެކު ޖަލްސާ ފެށުނެވެ. އިދިކޮޅު ހިޔާލަކަށް ފުރުސަތެއް ނެތެވެ. ދެކެވުނީ ރައްޔިތުންނަށް ހުރި ދަތިތަކުގެ ވާހަކައެވެ. ބޮޑު އަގުލަބިއްޔަތަކުން ފާސްވީ ދިވެހި ދައުލަތުން ވަކިވެ، އިނގިރޭސި ދިދައިގެ ހިޔަލަށް ވަނުމަށެވެ. އެއީ ކެޔޮޅުން ބޭނުންވި ގޮތެވެ. ނިންމި ގޮތް ތަންފީޒުކުރުމަށް ޓަކައި މޭޖަރު ފިލިޕްސްއާ ބައްދަލުކުރަން ކުޑަ ކޮމިޓީއެއް ނެގުނެވެ. އޭގައި ހިމެނުނީ ޢަބްދުލްބާރީ އާއި މޫސާ އަންވަރާއި މުޙައްމަދު ސަޢީދާއި ދޮންމަނިކުފާނާއި އިބްރާހީމް ޝާކިރެވެ.
އާގުބޯޓު ވަށައިގެން ދޯނިތައް އެތުރިލިއެވެ. ވާން އުޅޭ ގޮތް އާދަނަށް ވިސްނުނު އިރު އާދަނަށް ވެސް އިނދެވުނީ އެ ކަމުގައި ބައިވެރިވެގެންނެވެ. އެއް ދޯނިން ހުޅުކޮޅެއް ފެނުމާ އެކުގައި ހުރިހައި ދޯންޏަކުން ވެސް ހަމަ އެ ކަހަލަ ހުޅުކޮޅެއް ރޯވި ތަން ފެނުނެވެ. ކޮންމެ މީހަކު އަތުގައި އޮތީ ކަރާސީނުތެޔޮ އަޅާފައިވާ ބިއްލޫރި ފުޅިއެކެވެ. ރޯވެފައި ހުރީ ފުޅީގެ ކޮޅަށް ޖަހާފައިވާ ފޮތިކޮޅުގައެވެ. (ނުނިމޭ)