(އާދިއްތަ ދުވަހާ ގުޅޭ)

"ދެން ވެސް ކުރާނީ ވައްކަން." މޫސާމަނިކު ބުންޏެވެ.

ނަސީބަކުން އިބްރާހީމްފުޅަށް އިތުރު އަނިޔާއެއް ނުކުރެވެނީސް އާދަނުމެން ވަދެ މޫސާމަނިކު ހައްޔަރުކުރިއެވެ. ބައެއް މީހުން ފިލަން ދުވިޔަސް ބައެއް މީހުން ވަގުތުން ކިޔަމަން ވެސް ވިއެވެ. ރައްޔިތުން ކިޔެވެ. ރައްޔިތުން އެދޭ ނަތީޖާ ނުނިކުމެއްޖެ ނަމަ ދިވެހި ފަސްގަނޑު ރަތްކޮށްލާނީ ރައްޔިތުންގެ ލެއިންނެވެ. 

މާލޭގެ އެކި މައިޒާންތަކުގައި ވަރަށް ފޯރި ހުއްޓެވެ. ކޮންމެ މައިޒާނެއް އޮތީ ފުރިފައެވެ. މާފަންނު މައިޒާން ދޮށަށް ދުރުވީ އިބްރާހީމް ފާމުލަދޭރި ކިލެގެފާނާއި އިބްރާހީމް މުޙައްމަދުދީދީ އާއި ފަރީދު އާއި ޝިހާބު އާއި ޢަބްދުލް ވައްހާބު އާއި ރުޝްދީއެވެ. އެ ތަނަށް އާދަނަށް ދެވުނު އިރު އަޑުގަދަކުރާ ބަހައްޓަނީއެވެ. އަޑުގަދަކުރާ ގެނައުން ތަންކޮޅެއް ލަސްވީ، ކުރިން އެ ބޭނުންކުރި އަވަށުގެ ބައްދަލުވުން ނިމުނުލެއް ލަސްވީމައެވެ. މާފަންނު މައިޒާނުގައި ފުރަތަމަ ވާހަކަ ދެއްކެވީ އިބްރާހީމް މުޙައްމަދުދީދީއެވެ. 

"ރައްޔިތުން ތި ހަމަޖެއްސެވި ކަންތައްތަކަކީ މި ވަގުތަށް ހަމަޖައްސަން ވެފައިވާ އެންމެ މުހިންމު ކަންތައްތައް،" އިބްރާހީމް މުޙައްމަދުދީދީ ދެތިން ކަމެއް ފާހަގަކުރެއްވިއެވެ. "އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުވެރިވަން. ތިޔަ ބޭކަލުންގެ ހޫނުވެފައިވާ ލޭ ފިނިކުރާކަށް އަދި ވެސް ނުބުނާނަން. އެކަމަކު ބޭރުން ބޯޓެއް އަޔަސް ފުނިފުންޏަށް އެ ތަނަށް އެއްނުވާތި! ޒާތްޒާތުގެ ވާހަކަތައް ނުދައްކާތި! ދިވެހީންގެ އެއްބައިވަންތަކަން ނަގައިނުލާތި!"

ދިހަ މިނިޓު އިރު ވާހަކަ ދެއްކެވުމަށް ފަހު ދެން ވާހަކަ ދެއްކެވީ ފާމުލަދޭރި ކިލެގެފާނެވެ. 

"ރައްޔިތުން އެއްވެ ހަމަޖެއްސެވި ކަންކަމަށް ޝުކުރުވެރިވަން،" އޭނާ ފާހަގަކުރެއްވިއެވެ. "މި ފަދަ ބޮޑު ކަމެއް ހަމަޖައްސައިލެވޭނީ މަޑުމައިތިރިކަމާ ވިސްނުމާ އެކީގަ."

ހަތް މިނެޓަށް ފަހު ވާހަކަ ނިންމަވައިލެއްވުމުން ދެން ވާހަކަދެއްކެވީ ޝިހާބެވެ. 

"ކުރިން ވާހަކަ ދެއްކެވި ބޭފުޅުންނަށް އަޅުގަނޑު ވެސް ތާއީދުކުރަން،" ޝިހާބު ބުނުއްވިއެވެ. "ވަރަށް ހާއްސަ ވާހަކައެއް ދައްނަވައިލާނަން. މާފަންނަކީ ވައްކަންކުރާ އަވަށް ކަމަށް އިހަށް ދުވަހަކު އެ ލިބުނު ނަމަކީ މުޅީން ގޯސް، ނުހައްގު ނަމެއް. މާފަންނަކީ ދީންވެރި، ކެރޭ ބަޔަކު ތިބި އަވަށެއް. ފިތުނައަށް ޖާގަ ނުދެއްވާތި!"

އަށް މިނެޓަށް ފަހު ވާހަކަ ނިންމައިލެއްވިއެވެ. ދެން އޮތީ ސުވާލު ޖަވާބުގެ ވަގުތެވެ. ބައްދަލުވުން ނިމުނީ ހަވީރު ހައެއް ޖަހަން އުޅެނިކޮށެވެ. ހަމީދަށް ކުރި ހުކުމަކީ، ސާޅީސް ފަހަރު ދުއްރައިން ޖަހާފައި، ދެފައިންޕުޅު އެކުގައި ހިލިހިލާ ޖަހާފައި ރަށަކަށް އަރުވައިލެއްވުމެވެ. އެ ހުކުމާ މެދު އާދަނު ހިތްހަމަޖެހެއެވެ. އަދަބު ލުއިވެގެން ރުޅިއެއް ނާދެއެވެ. އަދަބު ބޮޑުވެގެން ދެރައެއް ވެސް ނުވެއެވެ. އެހެނަސް، އެ ހުކުމަށް ހަމީދަށް ކެތްކުރެއްވޭނެ ކަމާ މެދު އާދަނަށް ޝައްކެވެ. އާދަނަށް ދިން އަނިޔާއަށް އާދަނަށް ކެތްކުރެވުނީ ގަދަވެ ސަލާމަތުން ހުރީމައެވެ. ހަމީދުގެ ހާލުކޮޅު ވަރަށް ދެރައެވެ. 

ދަންވަރު ހަމީދު އަވަހާރަވިއެވެ. އޭގެ ތަފުސީލެއް ރައްޔިތުންނަކަށް ނުދެއެވެ. މާލެއަށް އެ ޚަބަރު ފެތުރުނީ ނެރުނު އިއުލާނަކުންނެވެ. އިއުލާން ކިޔަން މީހުންތަކު ތެރޭގައި އާދަނު ހުރި އިރު ހިތަށް އެރިއެވެ. އަނިޔާ ލިބޭ މީހުންގެ ބަދު ދުއާއަކީ އަނިޔާވެރިންނަށް ޖެހޭނެ އެއްޗެކެވެ. ކަން އޮންނަ ގޮތަކީ އެއީއެވެ. ހަމީދުގެ ތަރި އޮއްސުނީ، މެދު އުޑުގައި ފިޔަޖަހަންވީ ވަގުތުއެވެ. ކުޑަ ދުވަސްކޮޅެއް ތެރޭގައި ރާއްޖެއަށް ހަމީދު ގެނެސް ދެއްވި ތަރައްގީއަށް ސާބަސް ހައްގެވެ. އިންސާފު ގާއިމު ކުރައްވައި ރައްޔިތުންނަށް ހަމަހަމަކޮށް ލޯބި ދެއްވި ނަމަ ހަމީދު ދުނިޔެއަށް އަލްވަދާއު ވިދާޅުވުމުން މުޅި ރާއްޖެ ރުއީހެވެ. އެ ފަދަ ގަދަރުވެރި، ހިތްތިރި ދިރިއުޅުމެއް އުޅުއްވަން ހަމީދަށް ފުރުސަތު ލިބިވަޑައިގަތެވެ. އެހެނަސް ނުހައްގުން މީހުންނަށް އަދަބު ދިނުމާއި ނާއިންސާފު ހަމީދުގެ ހަޔާތްޕުޅަށް އަނދިރިއެޅީއެވެ. އިއުލާނު ކިޔައި ނިމިގެން ގެއަށް އައިސް، ބައްޕަ ހަވާލުކުރި ފޮތްފޮށި ކޮނޑަށް ލައިގެން އާދަނު ހިނގައިގަތެވެ. އެ ފޮށްޓަކީ ބައްޕަ ހަވާލުކުރި އަމާނާތަކަށް ނުވި ނަމަ އެހެން މީހަކާ ހަވާލުކޮށްފައި އާދަނު އެ ކަމުން ސަލާމަތްވީހެވެ. ފޮށި ކޮނޑަށްލީ ވަގުތު ބުރަކަށްޓަށް ތަދެއް އެރިކަން އާދަނަށް ފާހަގަކުރެވުނެވެ. އެއީ ދުވަހަކު ވެސް ނާރާ ކަހަލަ ތޫނު ތަދެކެވެ. 

ހަފީޒާގެ ގެއާ ހަމައަށް ދެވުނު އިރު އާދަނުގެ ބުރަކަށީގެ ރިހުން ވޭނަކަށް ބަދަލުވެއްޖެއެވެ. ފޮށި ބަހައްޓާފައި އަރާމު ކޮށްލަން ވެސް ހިތަށް އެރިއެވެ. އެހެނަސް ފޮށި ތިރިކުރަން ހިފައިލާ ވަގުތު ލިބޭ ވޭން މާ ބޮޑުވެދާނެ ހެން ހީވާތީ އެ ކަން ނުކުރީއެވެ. ވޭނުގެ އަސްލަކީ، އިންގިލާބު ތެރޭގައި އާދަނަށް ލިބުނު އަނިޔާތައް ކަމެއް، ކޮނޑުގައި ފޮށި އުފުލުން ކަމެއް އާދަނަކަށް ނުނިންމުނެވެ. ހަފީޒާއާ ކުރިމަތިލުން އެހެން ހުރިހައި ކަމަކަށް ވުރެ އާދަނަށް ބޮޑެވެ. ގޭގެ ދޮރޯށި ހުޅުވައިލުމުގެ ކުރިން އާދަނުގެ ހިތަށް އާދަނު ވިސްނައިދިނެވެ. ހަފީޒާގެ ބައްޕަ ރަށަކު ނެތެވެ. ފިރިމީހާ ގޭގައި އުޅެދާނެއެވެ. ވިސްނައިގެން ހުންނައްޗެވެ. ގޭގެ ދޮރޯށި ހުޅުވައިލުމާ އެކު އާދަނުގެ ސަމާލުކަން ހުއްޓުނީ އުނދޯލި ހެއްލޭ އަޑަށެވެ. ބަގީޗާގެ ގަސްތައް ހުންނަ ގޮތުން، ގެއަށް ވަންނަ އިރު އުނދޯއްޔެއް ނުފެންނާނެއެވެ. އޭގައި އިން މީހެއް ވެސް ނުފެންނާނެއެވެ. 

"އައްސަލާމް އަލައިކުމް!" ބެދެން ކައިރިވެފައިވާ އަޑަކުން އާދަނު ބުންޏެވެ. 

"ވައަލައިކުމް ސަލާމް!" ދޮށީމަނިއްޕުޅުގެ އަޑުއައެވެ. 

މަނިއްޕުޅު ނުކުމެވަޑައިގެން އާދަނާ ބައްދަލުކުރެއްވިއެވެ. ސަލާންކުރެއްވިއެވެ. މަނިއްޕުޅުގެ އަތްޕުޅުން ފޮށި ނަންގަވައިފައި ބިންމަތީގައި ބެހެއްޓެވިއެވެ. އެއީ މާލޭގައި އުޅުއްވާ އެހެން މަނިއްޕުޅުންގެ ފަރާތުން ފެންނާނެ ސިފަފުޅެއް ނޫނެވެ. އެއަށް ވުރެ އެ ބޭކަލުންގެ އަބުއިކަން ބޮޑުވެފައި ދަރަޖައިގެ ތަފާތުކުރުން ބޮޑުވާނެއެވެ. 

"މި ގަޑީގަ ކޮން ވަޑާމެއް؟" ވަރަށް އޯގާތެރިކަމާ އެކު މަނިއްޕުޅު އެއްސެވިއެވެ. 

ފޮށި ނެގުމުން އާދަނުގެ ބުރަކަށީގެ ތަދު އުނަގަނޑާ ހަމައަށް ފޯރި ހެން ހީވިއެވެ. އާދަނު ހިންދަމައިލިއެވެ. 

"ބައްޕަ ދެއްވި ފޮށިގަނޑެއް... ހިފައިގެން މި އައީ،" ވޭން ތަހައްމަލުކުރަމުން އާދަނު ބުންޏެވެ. "ބުނުއްވީ.. ހަފީޒާ ބައްޕަގެ އެއްޗެކޭ. ހަފީޒާއާ ހަވާލު ކޮށްދޭށޭ! ދެން އަޅުގަނޑު ގޮސްލާނަން."

"ނޫންނޫން!" މަނިއްޕުޅު އެދިވަޑައިގަތެވެ. "އެއްގޮތަކަށް ވެސް ތިހެން ހަދައިގެން ނުވާނެ. ހިނގާ ފަނިތަށްޓެއް ބޯލަމާ! ހަފީޒާ ވެސް އެބަ އުޅެއޭ. ބައްދަލުކޮށްފަ ދާންވާނީ. ހިނގާ!"

ހަފީޒާއާ ބައްދަލުކުރާކަށް އާދަނު ބޭނުމެއް ނޫނެވެ. އަމުދުން މަނިއްޕުޅުގެ ހާޒިރުގައި އާދަނަކަށް އެ ކަމެއް ނުވާނެއެވެ. ހަފީޒާ ފެނުމުން ހިނިތުންވެލަން އާދަނު ފަށާ މަސައްކަތް ނިމޭނީ ފެންކަޅިވެގެންކަން އާދަނަށް ކަށަވަރެވެ. އަނެއްކޮޅުން މަނިއްޕުޅަށް ނޫނެކޭ ބުނާކަށް ވެސް އާދަނު ބޭނުމެއް ނޫނެވެ. 

"މަނިއްޕުޅު ވަޑައިގަންނަވާ!" އާދަނު އެދުނެވެ. "އަޅުގަނޑު ދާނަން ފޮށި ހިފައިގެން."

"ފޮށި ބަލާ މީހަކު އަންނާނެ،" ދާހިތްލާފައިވާ އާދަނުގެ ބުރަކަށީގައި އަތްޖައްސައިލަމުން މަނިއްޕުޅު ވިދާޅުވިއެވެ. "އާދަނު ހިނގާ އެތެރެއަށް ފިނިކޮށްލަން."

ގޮތްހުސްވެގެން އާދަނު ހިނގައިގަތެވެ. އުނަގަނޑާއި ބުރަކަށީގެ ތަދަށް ތަބާވެގެން ހުރެއެވެ. ހިނގުނީ މަޑުންނެވެ. ގޭގެ ބޮޑެތިމީހުން އިށީންނަ ގޮނޑީގެ ތެރެއިން ގޮނޑިއެއްގައި އާދަނު ބައިންދާފައި، ކައިރީގައި ހުރި ފަންކާ ޖެހިއެވެ. އެއީ އެ ކަހަލަ ފަންކާއެއް އާދަނަށް ފެނުނު ފުރަތަމަ ފަހަރެވެ. 

"އެބަ އަންނަން." މަނިއްޕުޅު ވިދާޅުވިއެވެ. 

މަނިއްޕުޅު ވަޑައިގަތުމުން އާދަނު ގޭތެރެއަށް ނަޒަރުހިންގައިލިއެވެ. ކުރިން ވެސް އައި ތަނެއް ކަމުން އެ ހަނދާންތައް އާދަނުގެ ހިތުގައި މާތަކެއް ހެން ފޮޅެން ފެށިއެވެ. ރީތި ކުލަތަކާއި މީރު ވަސް މުޅި ތަނަށް ފެތުރެން ފެށިއެވެ. އެއީ ކުރީގެ ހަނދާންތަކެވެ. މިހާރު އެ ތަނުގައި ވަނީ ލަކުޑި ވަހާއި ހުވަނދުމަލާއި އެކުވެފައިވާ މަޑުމަޑު ކެލާ ވަހެކެވެ. މާހައުލުގެ ހަމަހިމޭންކަމުގެ ތެރެއިން އާދަނުގެ ހިތުވިންދުގެ އަޑު އާދަނަށް އަލިފާން ބެރު ފަދައިން އިވިއިވި ހުއްޓެވެ. ހަފީޒާ ފެނުމާ އެކު ކޮޅަށް ތެދުވަން ހަދައިގެން އަރިއަޅައިލުމުގެ ކުރިން އެ ތަނުން ނުކުންނަން ސިކުނޑި އެތައް ފަހަރަކު އަމުރުކުރިއެވެ.

ފޮށި ހިފައިގެން ނޯކަރެއް އެތެރެއަށް ވަދެފައި، ތަޅުންގަނޑު މަތީގައި ފޮށިގަނޑު ބެހެއްޓިއެވެ. އެހެން ނޯކަރަކު ކުރުނބާފަނި ތަށްޓެއް ހިފައިގެން އައިސް އާދަނަށް ދިއްކޮށްލިއެވެ. އެ ތަށީގައި ކުޑަ ފިނި ކަމެއް ހުއްޓެވެ. އެ ކަމާ ހައިރާންވެގެން ވިސްނަން އިން އިރު އާދަނު ހިތަށްއެރިއެވެ. ދެން އެންމެ ރަނގަޅުވާނީ ދިޔުމެވެ. މަނިއްޕުޅަށް ފަހުން ބަހަނާއެއް ދައްކާނީއެވެ. ކޮންމެ ގޮތެއް ވިޔަސް، ހަފީޒާއަކީ އާދަނުގެ ކާކުކަން މަނިއްޕުޅަށް އެނގިވަޑައިގަންނަވާނެއެވެ. މާ ބޮޑު މައްސަލައަކަށް ނުވާނެއެވެ. އެއް ނޭވައިން ފަނިތަށި ދަމައިލުމަށް ފަހު އާދަނަށް ތެދުވެވުނު އިރު މާ ބޮޑަށް ލަސްވެއްޖެއެވެ. ދޮރުފޮތިގަނޑުގައި ހުރި މިނާތައް ހެލިލި އަޑުއިވުނެވެ. ހަފީޒާ އެ ތަނަށް ނުކުތެވެ. ފާރުގައި ހުރި ޖާލިގަނޑުން ވަދެފައިވާ އަވިރޮނގުތަކުގައި ނަށަމުންދިޔަ ރިވެލިކުނޑިތަކުން އިސްތަށިގަނޑު ވިދައިބަބުޅަން ދޫކޮށްލައިގެން ހަފީޒާ ހުއްޓި ހުއްޓެވެ. ހަފީޒާގެ ދިވެހި ލިބާހުގައި ރަނާއިރިހިކުލައިން ޖަރީ ކޮށްފައިވާ ކަސަބުތައް ހުވަފެނެއް ފަދައިން ވިދައިބެބުޅިއެވެ. ހަފީޒާގެ މާނަ ފުން ދެލޮލާއި ލޯބި މޫނަކުން އާދަނުގެ ލޯ ކަސިޔާރެއް ނުވިއެވެ. އާދަނަށް ބަލަން ހުރެވުނީއެވެ. ހަފީޒާގެ ތުންފަތުގައި ވަނީ ހިނިތުންވުމެވެ. ލޮލުގައި ކަރުނައެވެ. ހަފީޒާގެ ދެތުންފަތް މަޑުމަޑުން ދުރުވެލުމާ އެކު ނޭވައެއް އެތެރެއަށް ދަމައިލީ، ފެންގަނޑެއްގެ އަޑީގައި ނޭވާނުލައި އެތައް އިރަކު މީހަކު އޮވެފައި މައްޗަށް އަރައި ނޭވާ އެތެރެއަށް ދަމައިލާ ހެންނެވެ. ހަފީޒާގެ ދުލުން ފުރަތަމަ ލަފުޒު ބޭރުވިއެވެ. 

"އާދަނާ.." ކަފަކޮޅަކަށް ވުރެ ވެސް މަޑުމަޑު އަޑަކުން ހަފީޒާ ބުންޏެވެ. 

އެއީ އާދަނުގެ ކަންފަތްދޮށުގައި ލޯބީގެ ސިއްރުތައް އިއްޔެ ބުނި ނާޒުކީ އަޑެވެ. ލާނެތް ސަމާސާތަކާއި ލޯބީގެ ވައުދުތައް ކުރި އަޑު ވެސްމެއެވެ. މިއަދު އެ އަޑުގެ ވަށައިގެން ރައްދު ވެފައި ވަނީ ފިރިއެއްގެ ހައްގުތަކެވެ. އަންބެއްގެ ވާޖިބުތަކެވެ. ހަފީޒާ ހިތާހިތުން ބުންޏެވެ. އާދަނުގެ ފުރާނަ ސަލާމަތްވެއްޖެއެވެ. ދިރި ހުންނާނެ ހިތްވަރު އަހަންނަށް ލިބިއްޖެއެވެ. ބަދަލުގައި އަހަރުމެން ވާން މި ޖެހުނީ ނުދަންނަ ދެ މީހުންނަށެވެ. މި ގުރުބާނީގެ އަގަކީ އެއީއެވެ. އަހަރުމެން ޝަކުވާއެއް ނުކުރާނަމެވެ. އަހަރުމެންގެ ލޯބި ކަފުން ކުރާނީއެވެ. ދެން ވީ އާދަނު އެންމެ ބިރުގަތް ކަންތަކެވެ. އާދަނަށް ކުރިޔަށް ފިޔަވަޅެއް އެޅުނީއެވެ. ހަފީޒާ ދެފައިގައި ޖެހި ނުފެންނަ ހިލިހިލާ ކެނޑި، ފުނޑުފުނޑުވެގެންދިޔައެވެ. ހަފީޒާއަށް ވެސް ކުރިޔަށް ފިޔަވަޅެއް އެޅުނެވެ. އެކަކު އަނެކަކާ ދިމާއަށް ހިނގޭ ކަމެއް އެކަކަށް ވެސް ނޭނގެއެވެ. އެއީ އަޖައިބެއް ކަހަލަ ދަގައްފާނު ބާރެކެވެ. އަމިއްލަ އެއްވެސް އިހުތިޔާރެއް ނެތެވެ. ދެ މީހުން ކުރެ އެކަކުގެ ވެސް ކުށެއް ނެތެވެ. ހަފީޒާގެ ކޮޓަރީގެ ދޮރު ހުރީ ކުޑަކުޑަކޮށް ހުޅުވިފައެވެ. ދޮރުފަތާ ނިވާވެގެން މީހަކު ހުއްޓެވެ. (ނުނިމޭ)