(އާދިއްތަ ދުވަހާ ގުޚޭ)

"މާދަމާ ހެނދުނު ހަތެއް ޖަހަންވާ އިރަށް ބަނދަރަށް ނަގިލި ވައްޓާލާނެ." ދޮންމަނިކު ބުންޏެވެ.

އާދަނު ހިތަށް އެރިއެވެ. ހަމީދު ވަޑައިގަންނަވާ ނަމަ، ރައްޔިތުންނަށް އެ ކަން ސިއްރު ކޮށްފާނެ ބާއެވެ؟ ސިއްރު ނުކޮފިއްޔާ ރައްޔިތުން ނުކުމެ ހަމީދު ހަވަރަށް ވެސް ދީފާނެއެވެ. ކަންތައް ވާނެ ގޮތެއް ނޭނގެއެވެ. އެންމެން އަރައިގެންފިއްޔަކާ ވިއްސަކަށް ސިފައިންނަކަށް ހަމީދު ސަލާމަތެއް ނުކުރެވޭނެއެވެ. އެއް ގޮތަކީ އެ އާގުބޯޓުން ކޮންމެވެސް އެހެން ބޭފުޅަކު ވަޑައިގަތުމެވެ. ދޮންމަނިކަށް ލިބުނު ޚަބަރު ގޯހީއެވެ. އަނެއް ގޮތަކީ، ކޮންމެވެސް އެހެން ވަގުތެއްގައި ބޯޓު ބަނދަރުކޮށްފައި، ސިއްރުސިއްރުން ހަމީދު ގަނޑުވަރަށް ގެންދެވުމެވެ. ހަމަ ހިލާ އެހެންވިޔަކަނުދޭނަމެވެ. 

އާދަނު ހުރީ ހޭލައެވެ. އިރުއިރުކޮޅާ އަތިރިމައްޗަށް ދެއެވެ. އިރާކޮޅު އަތިރިމަތީގައި ވަރަށް ބައިވަރު މީހުން އޮތެވެ. ދަންވިދަންވި ހެން މީހުން މަދުވިއެވެ. އެކަމަކު އަބަދު ވެސް ދެތިން މީހަކު ތިބެއެވެ. މާލެއާ ދިމާއަށް އެއްވެސް އުޅަނދެއް އަންނަ ތަނެއް ނުފެނެއެވެ. ކުޑަ ދޯންޏެއް އަތުވެދާނެއެވެ. ބައްތެއްޔެއް އަތުވެދާނެއެވެ. އެއިން އެއްޗަކުން ހަމީދުއާ ވައްތަރު މީހަކު ވެސް ފައިބައިވަޑައިގަންނަވާ ތަނެއް އާދަނު ނުދެކެއެވެ. ތަނަށް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ. 

"ހީވޭތަ އޭނަ އަންނާނެ ހެން؟" އާދަނު ގާތުގައި އިށީނދެލައިގެން އިން ދޮހޮއްކޮ ބުންޏެވެ. "އޭނައަށް ކެރޭނެތަ މާލެ އަރަން؟"

"ވަޑައިގަންނަވައިފާނެ. އެއީ ވަރަށް ބޯހަރު ބޭފުޅެއް،" އާދަނު ބުންޏެވެ. "މަނިއްޕުޅު އުވައިލައްވަން އަމުރު ނެރުއްވީ ވެސް ހަމަ އެ މަނިކުފާނު. ކީއްވެ؟ އެ އާއިލާގަ މަނިއްޕުޅުން ނެތީމަ. މުޅީން ވެސް މި ތިއްބަވަނީ ބޭފުޅުން. ބާރުތައް ބައްކުރައްވަން ހުރިހާ ބޭފުޅުން ވެސް ބޭނުން. އެކަމަކު ބާރުތައް މި އޮންނަނީ ގަނޑުވަރުތަކުގަ. ކުރިން ވެރިކަން ކުރެއްވި ގިނަ ބޭފުޅުން ވެސް މި ތިއްބަވަނީ ގަނޑުވަރުތަކުގަ. ގަނޑުވަރުތަކުގަ ތިއްބަވާ މަނިއްޕުޅުން އެންމެ މަތީ މީހުންނަށް ހަދާފައި އޮންނާތީ ހަމީދުގެ އާއިލާ އަލިފާން ކަހަލަ ކޯފާވޭ! ހަތްކޮޅު މި ނެގެނީ ވެސް އެ ބޭފުޅުންގެ އިސްތަށިފުޅަށް. ކޮލިތައް ވެސް ލާން މި ޖެހެނީ ހަމަ އެ ބޭފުޅުންނަށް. އެއީ ހާދަ ބޮޑު ޝަރަފަކާ ގަދަރެކޭ. ކިހާ ރުޅިއެއް އަންނާނެ؟ ބޮޑުހުޅު ޖެހުމުގެ ފެށުމަކީ ވެސް މި ދެބައި ޖެހުން. އެންމެ ފަހުން ގަނޑުވަރާ މަނިއްޕުޅުކަން ވެސް އުވާލައްވަން ނިންމެވީ. ތައްޚާނާ، ކާސިން ކަލޭފާނު އެ ވާހަކަ ދައްކަނިކޮށް އަހަންނަށް ވެސް އަޑުއިވުނީ."

އެ ކަހަލަ ސިޔާސީ ވާހަކަތަކެއްގައި ރޭގަނޑު ހަތަރުދަން ހޭދަކޮށްލި އިރު ވެސް ދޮންމަނިކު ބުނި އާގުބޯޓެއް ނައެވެ. ދުވާލު މާލޭގައި ކަމެއް ނުހިނގައެވެ. މީހުންގެ ލޭ ފިނިވާން ފެށި ކަހަލައެވެ. މަގުތަކުގައި ސިފައިން ފޯރިމަރައެވެ. ވާހަކަ ދައްކަން މީހުން އެއްވެ ތިއްބަކަސް އަޅައެއް ނުލައެވެ. ރައްޔިތުންގެ ވިންދާ ދެކޮޅަށް މީހަކު ނުކުމެއްޖެއްޔާ އެ މީހަކު ހައްޔަރު ކުރެއެވެ. ވެރިކަން ހިންގަން ބަޔަކު އައްޔަނުކުރި ނަމަވެސް ބާރު އޮތީ ރައްޔިތުންގެ އަތުގައެވެ. 

ވަރަށް ހެނދުނާ އިއުލާނެއް ނުކުތެވެ. އެ އިއުލާނުގައި އޮތެވެ. ރަށްވެރިކަމުގެ ގޮތުން ރާއްޖޭގައި ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ހުއްޓާލައިފި ނަމަ ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ލިބިދާނެ ކަހަލަ ކަންތައް ނޫން އެހެން ހުރިހާ މަސައްކަތަކާއި މަގު ހެދުމަށް ޓަކައި ރުއްގަސް ކެނޑުމާއި ގެދޮރު ނެގުމާއި މި ބާވަތުގެ ކަންތައްތައް މި ވަގުތަށް ހުއްޓައިލުމަށް ރާއްޖެތެރެއަށް އަންގައިފީމެވެ. އަދި އޮތެވެ. ތިލަދުންމަތި، މާޅޮސްމަޑުލު އުތުރު، ފާދިއްޕޮޅު މި އަތޮޅުއަތޮޅު އަތޮޅުވެރީން ވާހާ އަވަހަކަށް މާލެ އެބަ ގެންނަމެވެ. އާދަނަށް ވިސްނުނު ގޮތުގައި އެއީ ހަމީދަށް ތާއީދުކުރާ މީހުންނެވެ. 

ހަވީރު ހަތަރެއް ޖެހި އިރު ދާޚިލިއްޔާގައި ވަޒީރުންގެ މަޖިލިސް އޮތެވެ. މާލޭގައި ކުރިޔަށް ތިއްބެވި ބޭފުޅުންގެ ޖަލްސާއެއް ރޭގަނޑު އަށެއް ޖެހި އިރު ވެސް ދާޚިލިއްޔާގައި އޮތެވެ. ވޯރާއިންގެ ކުރިޔަށް ތިބި ބައެއް މީހުން އެ ޖަލްސާގައި ބައިވެރިވިއެވެ. ރާއްޖެއަށް ކާބޯތަކެތި ގެނައުމުގައި ވޯރާވިޔަފާރިވެރިންގެ ކުރިޔަށް ތިބި ފަސް މީހުން އެހީވާނެ ކަމުގެ ޔަގީންކަން ދިނެވެ. ވީމާ، އެ މީހުންނަށް، ވަކި ގަވާއިދަކުން ކަނޑުމަހާއި ލޮނުމަސް އިސްޓޯރުން ދޫކުރަން ކަނޑައެޅިއެވެ.  

ދެތިން ގަޑިއިރެއް ފަހުން ދެން ބެހެއްޓި އިއުލާނުގައި އޮތީ، ދެން އެންމެ އަވަހަށް މާލެއަށް ލަފާ އާގުބޯޓުން ހަމީދު މާލެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ކެންސަލުވި ކަމަށެވެ. ސަބަބު ބަޔާންކޮށްފައެއް ނެތެވެ. ރާއްޖެތެރޭގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކާބޯތަކެތި އިތުރު ކުރުމަށް ކުރެވެން ހުރި ކަންތައް ނޫން، ރައްޔިތުންގެ އަތުން ބޭނުން ނެތް ޚަރަދުތައް ހިނގާ ހުރިހައި ކަމެއް ހުއްޓައިލުމަށް، އަތޮޅުތަކާއި ރަށްރަށުގެ ވެރީންނަށް އެންގެވި ކަމަށް ވެސް އޮތެވެ. އަތޮޅުއަތޮޅުގެ ޖަމިއްޔާތަކަށާއި އެ ނޫން ގޮތްގޮތަށް ރައްޔިތުންގެ އަތުން ނެގޭ ތަކެއްޗަށް ވާ ގޮތާއި އެއިން ކުރެވޭ ޚަރަދަކާއި ވަރަށް އަވަސް ފުރުސަތެއްގައި ބަލައި، އެކަށީގެންވާ ގޮތުގެ މަތީން ރައްޔިތުންނަށް ލާބަ ލިބޭނޭ މަގުން އެ މައްސަލަ ހަމަޖެއްސުމަށް ގަސްތުކުރި ކަމާއި ކާޑުގެ ސާމާނު ހިފައިގެން މާދަމާ ހެނދުނު "އެޗް.އެމް.އެސް ހޯސްޓޯލްޓް" މާލެ އަންނާނެ ވާހަކަ އޮތެވެ. އެ ބޯޓުން ޝަމްސުއްދީން ހިލްމީ އާއި ބައެއް ކިޔަވާކުދިން އަންނަ ވާހަކަ އޮތެވެ. ކުދިންގެ ލިސްޓެއް ނެތެވެ. އާދަނު ހިތަށް އެރިއެވެ. ސަލާމަތަށް ޓަކައި، ހަމީދު ވަޑައިގަންނަވާ ވާހަކަ ސިއްރު ކޮށްފައި ވެސް އޮވެދާނެއެވެ. 

އޯގަސްޓުމަހުގެ ސައްބީސް ވީ ބުދަދުވަހު ހެނދުނު 7 ޖެހި އިރު "އެޗް.އެމް.އެސް ހޯސްޓޯލްޓް" މާލޭ ބަނދަރަށް ނަގިލި ވައްޓައިލިއެވެ. އެ ބޯޓުން ފުރަތަމަ ފައިބައިވަޑައިގަތީ ޝަމްސުއްދީން ހިލްމީއެވެ. ހަމީދެއް ނޫނެވެ. އާދަނު ދުރުގައި، ސިއްރުން ބަލަން ހުއްޓެވެ. ހިލްމީ އެއްގަމަށް ބާލުއްވާފައި، އާގުބޯޓުގެ ދުންބައްތެލި އަނެއްކާ ވެސް ބޯޓުދޮށަށް ދިޔައެވެ. ބޯޓު އަޅާފައި އޮތް ތަނާއި އާދަނު ހުރި ތަނުގެ ގޮތުން، ބޯޓުން މީހުން ފައިބާ ތަނެއް ނުފެނެއެވެ. މީހުން ފެންނަނީ ދުންބައްތެލި ވަކި ހިސާބަކަށް އައީމައެވެ. ދެވަނަ ފަހަރަށް ބައްތެލި ފެނުމާ އެކު އާދަނުގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. ބައްތެލީގައި ތިބި ކިޔަވާކުދިންގެ ތެރެއިން ހަފީޒާ ފެނުނީ، ހިތަށް އެ އެރި ލޮޅުމެއް އެރުމަށް ފަހުގައެވެ.

ބޮޑު ނިކަގަހެއްގެ ބިއްދޮށުގައި ފިލައި ހުރެގެން އާދަނު ވަރަށް ސަމާލުކަމާ އެކުގައި ބައްތެއްޔަށް ބެލިއެވެ. ހަފީޒާ އިނީ އެއްގަމަށް ބަލަހައްޓައިގެންނެވެ. ކޮންމެވެސް މީހަކު ހޯދާ ކަހަލައެވެ. އިސްކޮޅު ޖެހޭ ހިސާބަށް ބައްތެލި އައިތަނައި އިންޖީނަށް މައްސަލައެއް ދިމާވިއެވެ. ބައްތެލި ހުއްޓުނެވެ. ހަފީޒާއަށް އާދަނު ފެނުނެވެ. ހިނިތުންވެލިއެވެ. ހަނާއަޅައިލިއެވެ. އާދަނަކަށް ކެތެއް ނުކުރެވުނެވެ. ގަހުގެ ބިއްދޮށުން ނުކުމެގެން ގޮސް މޫދަށް ފުންމައިލިއެވެ. އާދަނަކީ ފެތުމާއި ފީނުމަށް ކުޅަދާނަ މީހެކެވެ. ބައްތެލި ކައިރިއަށް ގޮސް ހަފީޒާއަށް އަތްދިއްކޮށްލިއެވެ. ފައިބާނެ ކަމުގެ އުންމީދުގައެވެ. ހަފީޒާ ފޭބިއެވެ. އާދަނުގެ އަތްދަނޑިމައްޗަށެވެ. އެންމެން ކުރިމަތީގައި ހަފީޒާ އުރާލައިގެން އާދަނު އެއްގަމަށް އައި އިރު އާދަނަށް ހީވީ މުޅި ދުނިޔެ ލިބުނު ހެންނެވެ. އެހެނަސް، ހަފީޒާގެ އިންތިޒާރުގައި ހުރި ދޮށީމަނިއްޕުޅު ފެނުމުން، ހަފީޒާ ބިންމަތީގައި ބަހައްޓަން އާދަނު ހަނދާން ނެތުނެވެ. ހަފީޒާ ތެޅިގެންފައި އާދަނުގެ ވެލަވަރު ތެރެއިން ވީއްލުނެވެ. މަނިއްޕުޅާ އެކުގައި ހިނގައިގަތެވެ. އެއީ ކަންތައް ވާނެ ކަމަށް އާދަނު ހީކުރި ގޮތެވެ. ވީމާ، އިންޖީނު ހުއްޓުނަސް އާދަނު ހުރި ތަނުގައި ހުރީއެވެ. ހަގީގަތުގައި ހަފީޒާއަކަށް އާދަނެއް ނުވެސް ފެނެއެވެ. އެކަމަކު ހަފީޒާގެ އިންތިޒާރުގައި މަނިއްޕުޅު ހުންނެވި ތަން އާދަނަށް ފެނުނެވެ. ދުންބައްތެލި ހުއްޓިގެން މަޑުމަޑުން އޮޔާދިޔަ އިރު ވެސް އެންމެން ކުޅިބަލަންތިބީއެވެ. އާދަނު ހިތަށްއެރިއެވެ. ހަފީޒާއަކީ އާދަނުގެ މިލްކެއް ނަމައެވެ. އެންމެ ސިކުންތަކު ވެސް ބަލާކަށް ނުހުންނާނަމެވެ. 

އިންޖީނު ހެދިގެން ބައްތެލި އައިސް ފާލަމާ ކައިރިކުރިއެވެ. މަނިއްޕުޅާ އެކުގައި ހަފީޒާ ހިނގައިގަތެވެ. ހަފީޒާގެ ރީތިކަމަށް ކުޑަ ވެސް ބަދަލެއް އައިސްފައިވާ ތަނެއް އާދަނަކަށް ނުފެނެއެވެ. ހީވަނީ ކުރިޔަށް ވުރެ ވެސް ރީތި ހެންނެވެ. ހަފީޒާ ވީހައި ވެސް ސިއްރަކުން ވަށައިގެން ހޯދިއެވެ. ހޯދަނީ ކާކުކަން އާދަނަށް އެނގެއެވެ. އެހެނަސް ހަފީޒާ ފެންނަ ހިސާބަކަށް އާދަނު ނުދެއެވެ.

ހިލްމީއަކަށް ސަރުކާރުގެ ތާއީދެއް ނެތެވެ. އޭނާ ފުރަތަމަ ވަޑައިގަތީ ކަސްޓަމަށެވެ. އެ ތަނުން އިބްރާހިމްދީދީ އާއި ފާމުދޭރި ކިލެގެފާނު ވާހަކަފުޅު ދެއްކެވުމަށް ފަހު، ހުސެއިން ޢަލިދީދީއާ އެކު ހިލްމީ ގެންގޮސް ގޭބަންދުކުރެއްވީއެވެ. އެކުގައި އައި ކައްކާމީހާ އިސްޓޯރުގައި ބަންދުކުރީއެވެ. ބޯޓުން ފަސް ހާސް ބަސްތާ ކާޑު ގެނައެވެ. އޭގެ ތެރޭގައި ޒުވާރި އާއި ހަކުރާއި ބިންބި އާއި ހަނޑުލާއި ފުށާއި މުގާއި އިތުރު ދާގީނާ ހިމެނުނެވެ. 

ބޯޓުގެ ފަޅުވެރިން މާލެއެއް ނުބައިލައެވެ. ކުރިން އޮންނަ ފަދަ، އެކުވެރިކަމުގެ ފުޓުބޯޅައާއި ހޮކީ މެޗުތަކެއް ނުކުޅެވެއެވެ. ނުރައްކަލެއް ހިނގައިފާނެ ކަމުގެ ބިރަށެވެ. މާލޭގެ ޚަބަރުތައް އިނގިރޭސީންނަށް އެނގުނަ ނުދިނުމަށް ޓަކައި ކޮންމެވެސް އެއް ޒަކީއެއް ނުވަތަ ބިލާލު ތުއްތުމަނިކު ނުވަތަ އިބްރާހިމްދީދީ، އަބަދު ވެސް އާގުބޯޓުގައި ހުންނަވައެވެ. ބޯޓު ފުރި އިރު ވެސް މާލޭގައި ހިނގައިގެން އުޅޭ ހާދިސާގެ ޚަބަރު އިނގިރޭސީންނަކަށް ނޭނގެއެވެ. ނުވަތަ އެނގުނަސް އެ މީހުން އަޅައިނުލީއެވެ. ބެހޭ ކަމަކަށް ނުވާތީއެވެ. 

ރޭގަނޑު އައި އޮޑިޔަކުން ތުއްތުމަނިކު މާލެ ދުރުވިއެވެ. ވަގުތުން ގެންގޮސް ގޭބަންދުކުރެއްވިއެވެ. އެއީ އާދަނު އަބަދު ވެސް އެންމެ ކަންބޮޑުވި މައްސަލައެވެ. ކުރީގެ ވެރީން ރަށްރަށަށް އަރުވައިނުލައި ގޭބަންދުކުރުމަކީ ނުރައްކާތެރިކަމެކެވެ. ކަންތައް ވެގެންދާ ގޮތުން ހަމީދަށް އަލުން ކާމިޔާބު ލިބިއްޖެ ނަމަ، އޭގެ ހުރިހައި ހިއްޗެއް ފެންނާނީ އާދަނު ކަހަލަ، ނަގާކިއި މީހުންނަށެވެ. އެ ކަމަށް ހޯދަންވީ ހައްލު އާދަނަށް އެނގެއެވެ.

މަނިއްޕުޅުގެ ގެކޮޅަކަށް ހަފީޒާއެއް ނުދެއެވެ. ހަފީޒާގެ ގެއަށް މަނިއްޕުޅު ވަޑައިގެން ނަމަވެސް ރެއެއް ނުކުރައްވައެވެ. އާދަނަށް ޚަބަރު ލިބުނީ އެހެންނެވެ. ހަފީޒާގެ ބައްޕަ އާދަން ކަލޭފާނު ވީ ދުރު ރަށަކަށް ފޮނުއްވައިލައްވައިފައެވެ. ހަފީޒާ ވަރަށް އެކަނިވާނެކަން އާދަނަށް އެނގެއެވެ. އެހެން ވިޔަސް، އާދަނެއް ދެން ހަފީޒާއަކާ ބައްދަލެއް ނުކުރާނެއެވެ. އެ ބާބު ނިންމައިލީއެވެ. 

"ދަރިފުޅާ! މި ގެންގޮސް ހަފީޒާޔާ ހަވާލުކުރޭ! އޭނާ މާލެއައި ޚަބަރު ލިބިއްޖެ!" ފޮތް އަޅާފައިވާ ފޮށިގަނޑެއް ދައްކައިލާފައި އީސާފުޅު ބުންޏެވެ. "ތީ އޭނަ ބައްޕަގެ އަމާނާތެއް."

ބައްޕަ ކަމަކަށް އެދުމުން އިންކާރު ކުރުމަކީ އާދަނު ދުވަހަކު ވެސް ކުރި ކަމެއް ނޫނެވެ. އެއްވެސް އެއްޗެކޭ ނުބުނެ ފޮށިގަނޑު ހިފައިގެން އާދަނު ހިނގައިގަތެވެ. (ނުނިމޭ)