(އާދިއްތަ ދުވަހާ ގުޅޭ)

އެ ހައި ވެސް ދުރުކޮށްލި ހެންނެވެ. އާދަނާ ދުރަށް ދެވޭތޯ ހަފީޒާ މަސައްކަތް ކުރާތާ ކިތަންމެ ދުވަހެކެވެ. ސިއްރު ސަބަބަކަށް ޓަކައެވެ. އެހެނަސް އާދަނުގެ އެންމެ ލަފުޒަކުން ހަފީޒާގެ ހިތަށް ނުކުޅަދާނަވާ ވަރު ކޮށްފިއެވެ. ހަފީޒާ އެ ހައި ދުރަށް ކޮއްޕައިލީ ކީއްވެގެންތޯ ޝަކުވާކުރަން ހަފީޒާ ބޭނުންވިއެވެ. އެކަމަކު ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ ހަފީޒާއަކީ އިއްޔެގެ ހަފީޒާއެއް ނޫނެވެ. 

"ދޮންކަމަނަ ދޭ އެތެރެއަށް." ހަފީޒާ އެދުނެވެ. 

ކިޔަމަންތެރިކަމާ އެކުގައި އިސްޖަހާލައިގެން ދޮންކަމަނަ ދިޔައެވެ. ބާކީ ތިބީ ހަފީޒާ އާއި އާދަނެވެ. އާދަނު ހުރީ ބިންމަތީގައެވެ. ހަފީޒާ ހުރީ ތަންކޮޅެއް އުސް ތަޅުންގަނޑެއް މަތީގައެވެ. ފެންވަރުގެ ގޮތުން ދެ މީހުންގެ މެދުގައި އޮތް ތަފާތު ސާފުކޮށް ފެނެއެވެ. އެއް ގެއެއްގައި އުޅެން ޖެހުމުން އެ ފަދަ ނާޒުކު އެތައް ހާލަތެއް ކުރިމަތިވާނެކަން ހަފީޒާއަށް މާ ކުރިން ވެސް އެނގެއެވެ. 

"ބައްޕަ އަބަދު ވެސް ބުނުއްވާނެ، ކަނޑިން ކެފޭނީ ޖަހާ ވަގުތުއޭ، ބަހުން އަބަދު ހުންނާނީ ކެފިކެފިޔޭ!" ހަފީޒާ މަޑުމަޑުން ބުންޏެވެ. "އެ ތަދެއް ވެސް، ލަކުނެއް ވެސް ނުލާނޭ! މިހާރު ވިސްނިއްޖެ! އެއީ ވަރަށް ބޮޑު ތެދެއް. ވަރަށް ތަދުވެއްޖެ!"

"ތެދާ ތަދު ތަފާތު ވާނީ އެންމެ ދެ ފިލިން،" އާދަނު ވެސް ހަމަ އެހައި މަޑުމަޑުން ބުންޏެވެ. "ޖެހިލައްވާނީ ކެތްކުރައްވަން."

"ބޭނުމެއް ނޫން ކެތްކުރާކަށް،" ގޮތްދޫނުކުރާ ކަހަލަ ރާގެއްގައި ހަފީޒާ ބުންޏެވެ. "ބޭނުމީ ދުވަހަކު ވެސް މީހަކު ދެކެ ފޫހިނުވާ ވަރަށް އާދަނު ދެކެ ފޫހިވާން. ތަދަށް ކެތްކުރެވޭނީ އާދަނަށް އެކަނި ހެން ހީވަންޏާ އާދަނަކަށް އަހަންނެއް ދަހެއް ނުވި."

"އަޅުގަނޑު ތި ފޮތް ކޮޅުންކޮޅަށް ދަސްކޮށްފިން،" އިހުތިރާމާ އެކުގައި އާދަނު ބުންޏެވެ. "މި ވަގުތު ބަދަލުކުރެއްވޭތޯ ތި މަސައްކަތް ކުރައްވަނީ ފޮތުގެ ބަނޑޭރިގަނޑު. ފޮތަކަށް ނާދޭ ބަދަލެއް."

ހަފީޒާ ދިޔައީ ސިއްސައިގެންނެވެ. ވަރަށް ފުންކޮށް އާދަނު ރައްދުކުރި މެސެޖުން އެތައް މާނައެއް ހަފީޒާއަށް ދޭހަވިއެވެ.

"ތީގެ މާނައަކީ ކޮބާ؟" ހަފީޒާ ސުވާލުކުރިއެވެ. 

ފަސްއެނބުރިފައި އާދަނު ހިނގައިގަތެވެ. ދައްކަން ހުރި ވާހަކަ ހުސްވެގެނެއް ނޫނެވެ. އެއްޗެއް ބުނެލަން ހަފީޒާ ވެސް ބޭނުންވިއެވެ. އެކަމަކު ބާރަށް އެއްޗެއް ބުނެފިއްޔާ ވަރަށް ގިނަ މީހުންނަށް އަޑު އިވޭނެއެވެ. އެހެންވެ ކެތްކޮށްލީއެވެ. ހިތުގައި އުފެދުނު ޝައްކު ފިލުވައިލަން ހަފީޒާ ގަސްތުކުރީ އެހެން ގޮތަކަށެވެ. 

ހިންދީ ފިލްމެއް ކަމުގައިވާ ޝްރީ 420 ގެ އެންމެ މަޝްހޫރު ލަވަ، ޕިޔާރުހުއާ އިގުރާރުހުއާ މަޑުމަޑުން އިވިއިވި ހުއްޓެވެ. ލަވަ އަންނަނީ ހަފީޒާގެ ގޭގައި ހުރި ލަވަފޮށިންނެވެ. ފެންޑާގައި ހުރި އުނދޯލީގައި ހަފީޒާ އިނެވެ. އިރުކޮޅަކުން ދޮށީމަނިއްޕުޅު ވަޑައިގެން އުނދޯލީގައި އިށީނދެވަޑައިގަތެވެ. އިރާދަމުގެ ވަގުތެވެ. މީރު މާމެލާމެލީގެ ވަސް ހަދިޔާކުރަމުން ޖެހިލާ ނަލަ ރޯޅިއާ އެކު ހަފީޒާގެ ހިތުގައި މާޒީ ޓަކި ޖަހައިލައެވެ. އެއް ސުވާލު ހިތުގައި ތަކުރާރުވާތާ އެތައް ގަޑިއިރެއް ވެއްޖެއެވެ. އާދަނު އެހެން ބުނީ ކީއްވެގެންހެއްޔެވެ؟

"ކިހާ ދުވަހަކަށް ތި ދަނީ؟" ހަފީޒާ އެހިއެވެ. 

"ހަމަ އެ ކޮޅަށް ގޮސް ކާޑު ބަރުކުރެވުނުހާ އަވަހަކަށް މި ކޮޅަށް ފުރާނަން،" މަނިއްޕުޅު ވިދާޅުވިއެވެ. "އަހަރެން އެބަ އޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން."

ހަފީޒާ ހިތަށްއެރިއެވެ. މަނިއްޕުޅު ވިދާޅުވާން އެ އުޅުއްވަނީ އާދަނާ ބައްދަލުކުރެއްވި ވާހަކަ ހެއްޔެވެ؟

"އަހަރެން ވެސް ވާހަކައެއް އަހަން ބޭނުން،" މުޅި ދުވަހު ހަފީޒާގެ ހިތަށް އުނދަގޫކުރި ވާހަކަ އަހަން ހަފީޒާ ތައްޔާރުވިއެވެ. "ތި ވާހަކަ ބުނީމަ ބުނާނަން."

މަނިއްޕުޅު އެއްޗެއް ވިދާޅުނުވެ އިރުކޮޅަކު އިންނެވިއެވެ. ލަވަފޮށިން އައި ލަވަ ނިމުމުން ހަފީޒާ ގޮސް ލަވަފޮށީގެ ކަށި ދުރަށް ޖައްސައިލިއެވެ. 

"އަހަރެން ދުވަހަކު ވެސް ހަފީޒާ ދެރަވާ ކަހަލަ ކަމެއް ކުރިތަ؟" މަނިއްޕުޅު އެއްސެވިއެވެ. "ރުޅި އަންނަ ކަހަލަ ކަމެއް ކުރިތަ؟ އަހަންނާ ދޭތެރޭ ހަފީޒާގެ އެއްވެސް ޝަކުވާއެއް އެބަ އޮތްތަ؟"

ހަފީޒާ ވަރަށް ފުންކޮށް މަނިއްޕުޅާ ހަތަރުކަޅި ހަމަކުރަމުން އައިސް އުނދޯލީގައި އިށީނެވެ. 

"މިރޭ ކޮން ގޮތަކަށް ތި ވާހަކަ ދައްކަނީ؟" ހަފީޒާ އެހިއެވެ. "މީގެ ކުރިން ދުވަހަކު ވެސް ތި ކަހަލަ ވާހަކައެއް ނާހާ!"

"މީގެ ކުރިން ހިތަށް ނާރާ އެއްޗެހިތަކެއް ވެސް އަރާތީއޭ މި އުޅެނީ،" މަނިއްޕުޅު ވިދާޅުވިއެވެ. "ހަމަ ހީވަނީ މި ދަތުރުގަ ކޮންމެވެސް ބިރުވެރި ކަމެއް ވެދާނޭ. ހިތްބިރުގަންނަނީ. މިޔޮއް ވަރަށް ދަތުރުކުރާ އިރު ވެސް ކުރިން މިހެނެއް ހިތަކަށް ނާރާ! ފާޑަކަށް ހިތްއަވަސްވެފަ ހުންނަނީ."

"ކީއްވެ އަހަރެން ބިރު ގަންނަވަނީ؟" ހަފީޒާ ފެންކަޅިވެފައި އެހިއެވެ. "އިރާދަކުރެއްވިއްޔާ އެހެން ހުރިހާ ފަހަރަކަށް ވުރެ ތި ދަތުރު އަމާންވާނެ. ދެން ހިނގާ އެހެން ވާހަކައެއް ދައްކަމާ! އެންމެ ފަހުން އާދަނާ ދިމާވީ ކޮން ދުވަހަކު؟"

ހަފީޒާއަށް ކޮން ކަމެއް އެނގުނީބާއޭ މަނިއްޕުޅު ހިތްޕުޅަށްއަރައިވަޑައިގަތެވެ. 

"އާދަނު އެއްޗެކޭ ބުނީތަ؟" މަނިއްޕުޅު ސުވާލުކުރެއްވިއެވެ. 

"މިއަދު ފެންބޯން އައިސް، ފުރަތަމަ ފަހަރަށް މާތްބަހުން އަހަންނާ ވާހަކަދެއްކީމަ ވަރަށް އެހެން ގޮތެއް ހީވީ." ހަފީޒާ ކިޔައިދިނެވެ. 

"ކަނބުލޮ ހިތުގަޖެހުނީ އުތަ؟" މަނިއްޕުޅު ލާނެތް ރާގަކަށް އެއްސެވިއެވެ. 

"ފާޑަކަށް ފޫހިވީ،" ޗޮކެއް ކަނޑާފައި ހަފީޒާ ބުންޏެވެ. "އަދި ބުނި ބަދަލުކުރަން ތި އުޅެނީ ފޮތުގެ ބަނޑޭރިގަނޑޯ. ފޮތަކަށް ނާދެޔޯ ބަދަލެއް. ކީކޭ އެ ބުނެވުނީ؟"

"އެ ބުނެވުނީ ފުޅަށްބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާލާނެ ހެން ދޮން ހަފީޒާއަށް ހީވާނޭ!" މަނިއްޕުޅު ކުރެއްވީ ސަމާސާއެކެވެ. 

ރުޅި އައުމުގެ ބަދަލުގައި ހަފީޒާ ގާތަށް އައީ ހިންޏެވެ. މަނިއްޕުޅު ވަގުތުން މައުލޫ ބަދަލުކޮށްލެއްވިއެވެ. އެކަމަކު ނިދަން އޮންނެވި އިރު ވެސް މަނިއްޕުޅުގެ ހިތްޕުޅުގައި އެނބުރުނީ އާދަނާ ދެއްކި ވާހަކައެވެ. ކުރެވުނު ވަސިއްޔަތެވެ. އާދަނު ދިން ޖަވާބު ދުވަހަކު ވެސް މަނިއްޕުޅު ހަނދުމަފުޅެއް ނުނެތޭނެއެވެ. 

"ހާދަ ބޮޑު ޒިންމާއެކޭ އަޅުގަނޑާ ތި ހަވާލުކުރެއްވީ!" އާދަނު ބުންޏެވެ. "އަޅުގަނޑު ތި ކަމާ ކުރިމަތިލާ ދުވަހު މީހުން ވަރަށް ފާޑުފާޑުގެ ވާހަކަ ދައްކާނެ. އެކަމަކު ދުނިޔޭގެ ލަދާ އަޅުގަނޑު ކުރިމަތިލާނަން. އަޅުގަނޑަށް ކެރޭނެ. ބިރުގަންނަނީ ހަފީޒާ ދެކެ. ހަފީޒާއަކަށް ނުކެރޭނެ. މާލެއަކީ ހަސަބާ ނަސަބުގެ ތަފާތު އިންތިހާއަށް ބޮޑު ތަނެއް. އަނެއްކޮޅުން، މަނިއްޕުޅު ތިހެން ވިދާޅުވިކަން ހަފީޒާ ގަބޫލު ވެސް ނުކޮށްފާނެ. ލިޔުމެއް ދެއްވާ!"

ރާއްޖެއަށް ކާޑުގެ ތަކެތި ގެނައުމަށް ޓަކައި، އިނގިރޭސީންގެ މަނަވަރެއް ކަމުގައިވާ އެޗް.އެމް.އެސް މާލޮއިއިން ދޮށީމަނިއްޕު ޅުކޮޅުނބަށް ފުރައިވަޑައިގަތެވެ. މަނިއްޕުޅު ދެއްކެވި ވާހަކަފުޅުތައް ހަފީޒާގެ ސިކުނޑީގައި ހަރުލާފައި ހުއްޓެވެ. ހިތްނުތަނަވަސް ވެސް ވިއެވެ. ހަފީޒާ ހިތަށް އެރިއެވެ. ކޮންމެ ކަމެއް ވެސް ބޮޑުކުރީމައި ބޮޑުވާނެއެވެ. ހަގީގަތުގައި، ހަނގުރާމަ ނިމި ކުރިޔަށް ވުރެ ދުނިޔެ އަމާންވެއްޖެއެވެ. ފިރިމީހާ ސަލާމަތުން އެނބުރި މާލެ އަންނާނެއެވެ. އެހެނަސް އެއް ކަމެއް މަނިއްޕުޅަށް ހަފީޒާ ސިއްރުކުރިއެވެ. އެއީއެއް ރޭ ކުރިން ހަފީޒާއަށް އިވުނު އަޑެކެވެ. އެ އަޑު ވައްތަރީ ގޭގެ މަތިން ދިޔަ މާކަނައެއް ގޮވި އަޑާއެވެ. އޭގެ މާނަ ހަފީޒާއަށް އެނގެއެވެ. 

ގެއެޅުމުގެ މަސައްކަތް މެދުކެނޑުނު ވަގުތެއްގައި އާދަނު އަރާމުކޮށްލަން އިށީނދެލިއެވެ. ދޮންކަމަނަ ފަނިތަށްޓެއް ހިފައިގެން، ފަހަތް ބަލަމުން، އަވަސް ފިޔަވަޅުތަކެއްގައި އައެވެ. 

"އަޅެފަހެ ފަހަތުން މިނިކާވަގެއް އަންނަނީތަ؟" ތަށީގައި ހިފަމުން އާދަނު ބުންޏެވެ. 

"ދެން ނޭނގެ މަށަކަށް،" ދޮންކަމަނަ ބުންޏެވެ. "ހަފީޒާ ބައްލަވާ ވަރުން ފިލައިގެން ވިއްޔަ މި އަންނަން ޖެހެނީ. އަހަރެން ހަމަ ހައިރާންވެއްޖެ! ކުރިން ތި ދެ މީހުންނަކީ ދެ ރައްޓެހިންތަ؟"

"ލޯބިވެރިން،" އާދަނު އެއްވެސް ޖެހިލުމެއް ނެތި ބުންޏެވެ. "އަހަރެން އިންނަން އުޅުނީ ހަފީޒާޔާ!"

ގަބޫލު ނުކުރެވިފައި ދޮންކަމަނަ ބަލަން ހުއްޓެވެ. އާދަނު ވެސް އެއްޗެއް ނުބުނެ ބަލަހައްޓައިގެން އިނީއެވެ. 

"ކީއްވެ އެ ކަހަލަ އެއްޗެހި ކިޔަނީ؟" އާދަނު ކުރީ ސަމާސާއެއް ކަމަށް ބަލާފައި ދޮންކަމަނަ ބުންޏެވެ. 

"ދޮންކަމަނަ އެހީމަ ބުނާނެއްނު!" އެ ވަރަކުން ވެސް އާދަނު ނިންމައެއްނުލިއެވެ. "ހިނގާ އެއްކޮށް އަޑުއަހަމާ! އަހަރެން ބޭނުމެއް ނޫން ވާން އުޅޭ އަނބިމީހާއަށް ކަމެއް ފޮރުވާކަށް."

އާދަނު ކިޔައިދިން ވާހަކައާ މެދު ވިސްނަން ދޮންކަމަނައަށް މަޖުބޫރުވިއެވެ. ފިރިހެނުންނަށް އިތުބާރު ކުރުމަކީ ދޮންކަމަނައަށް މާ ފަސޭހަ ކަމެއް ނޫނެވެ. ރަށުގައި ކުރެވުނު ތިން ތަޖުރިބާ ވެސް ވަރަށް ހިއްޗެވެ. އެ ރަހަ ދޮންކަމަނަގެ އަރު ތެރެއަކުން ނުފިލާނެއެވެ. ދޮންކަމަނަ ހިތަށް އެރިއެވެ. ގޭގެ ވެރިމީހާގެ ދަރިފުޅު ކުރިން ރައްޓެހިވެ، އިންނަން އުޅުނު މީހާއާ އިނދެގެން، އެ ގޭގައި އަހަރެން އުޅޭނީ ކިހިނެއް ހެއްޔެވެ؟ އަހަންނާ ދޭތެރޭ ހަފީޒާގެ ހިތެއް ހެވެއް ނުވާނެއެވެ. 

ވިއްސާރަ ވިލާގަނޑެއް ބޯމަތިވަމުންއައި ރެޔެކެވެ. ނުވައެއް ޖަހަން އުޅެނިކޮށް ނިކަން ގަދަޔަށް ވިދާލައިފައި ބާރު ގުގުރިއެއްޖެހިއެވެ. ތުނިކޮށް ވާރޭވެހެން ފެށިއެވެ. ވިދައިގުގުރުމެއް ނުހުއްޓިއެވެ. އެނދުގެ ބޯލާކޮޅުގައި ބާލީސް ލައްކޮށްލައިގެން އޭގައި ލެނގިލައިގެން ހަފީޒާ އިނެވެ. އެނދު ކައިރީގައި ހުރި ގޮނޑިއެއްގައި ދޮންކަމަނަ އިނެވެ. 

"އަޅުގަނޑު އެއްޗެއް އަހާލަންތޯ؟" ދޮންކަމަނަ ސުވާލުކުރިއެވެ. "އަޅުގަނޑު ކުރަން މި އުޅޭ ކައިވެނި..."

"ގުގުރާ ނިމެންދެން އިހަށް މަޑުކުރޭ!" ހަފީޒާ ބުންޏެވެ. 

ވަރަށް ގަދައަށް ވިދައިލި ވިދުވަރާ އެކު ހަފީޒާ ސިހުނެވެ. ދެ ކަންފަތުގައި އަތްއެޅިއެވެ. ފިސާރި ބާރު ގުގުރިއެއް ޖެހިއެވެ. ދޮންކަމަނަ ސިއްސައިގެންދިޔަ ވަގުތު އަނގައިން އަޑެއް ވެސް ނުކުތެވެ.

"ކުރިން ކިތަންމެ ވަރަކަށް ގުގުރިޔަސް އަހަރެން ބިރެއް ނުގަންނާނެ،" ވާހަކަ ނުދައްކަން ބުނެފައި ހަފީޒާ ވާހަކަ ދައްކަން ފެށިއެވެ. "މިރޭ ހަމަ ކުއްލިއަކަށް ނޭނގެ ކީއްވެގެން ކަމެއް.. ބައްޕަ ދުރުވެއްޖެތަ؟"

"ލައްބަ!" ދޮންކަމަނަ ބުންޏެވެ. "އެބަ އުޅުއްވާ!"

"މާލެއަށް މި ގޮތަށް ގުގުރަންޏާ..." ވިދައިލުމާ އެކު ހަފީޒާގެ ވާހަކަ ހުއްޓައިލިއެވެ. 

ވަރަށް ބާރަށް ގުގުރައިލިއެވެ. ވާރޭ ބޯކޮށްލިއެވެ. 

"ކީކޭ ކުރިން ވިދާޅުވީ؟" ދޮންކަމަނަ އެހިއެވެ. 

"އަހަރެން ބުނީ، މި ގޮތަށް ގުގުރަންޏާ ކަނޑު ވަރަށް ގަދަވާނެތަ؟" ފިރިމީހާ މަތިން ހަނދާން ކުރަމުން ހަފީޒާ ސުވާލުކުރިއެވެ. 

ކަނޑު ވަރަށް އަމާނެވެ. އެޗް.އެމް.އެސް މާލޮއި ބާރު ދުވެއްޔެއްގައި ދަތުރުކުރަމުންދިޔައެވެ. އެއިން ހިސާބަކު ވެސް އެހެން އުޅަނދެއް ނެތެވެ. އެކަމަކު ދިގު އުންތަކެއް ލާފައިވާ ބޮޔެއް ކަހަލަ، ކަޅުކުލައިގެ އެއްޗެއް ދެފެންދޭތެރޭގައި ފިލައި އޮތެވެ. މަނަވަރުގެ އެއްވެސް ފަޅުވެރިޔަކަށް އެ އެއްޗެއް ނުފެނެއެވެ. (ނުފެނޭ)