(ބުދަ ދުވަހާ ގުޅޭ)

"އެކަމަކު ކިލެގެފާނު ވިދާޅުވިއެއްނު މަނިއްޕުޅުގެ މުނިކާފާފުޅަކީ ރަސްކަލެކޭ. ކާފާފުޅަކީ ރަސްކަލެކޭ. ބައްޕާފުޅަކީ ވެސް ރަސްކަލެކޭ،" ހަފީޒާ ބުންޏެވެ. "އެއީ ކީއްވެ؟"

"އެއީ ވަރަށް ދިގު ވާހަކައެއް. އެކަމަކު ކުރުކޮށް ކިޔައިދެވޭތޯ ބަލާނަން." ދޮށީމަނިއްޕުޅު ވިދާޅުވިއެވެ. 

ހަފީޒާ ވަރަށް ޝައުގުވެރިކަމާ އެކުގައި އެނދުގައި އިށީނެވެ. ދޮށީމަނިއްޕުޅު ވިދާޅުވި ގޮތުގައި މަނިއްޕުޅުގެ މުނިކާފަ ޒިޔާދުއްދީނާއި ކާފަ ނަސީރުއްދީނަކީ ވެސް ރަސްކަލުންނެވެ. އެއީ ތެދު ވާހަކައެކެވެ. ޒިޔާދުއްދީން ރަސްކަން ކުރެއްވި ދުވަސްވަރަކީ ރާއްޖެއާ ތޮޅެން ފަރަންޖީ ކަނޑުފޭރީން ގިނަގިނައިން އައި ދުވަސްވަރެކެވެ. ފޭރީން ދަތުރުފަތުރުކޮށް އުޅުނީ ރިޔާ ނެގި ބޮޑެތި ގުރާބުތަކުގައެވެ. ބައެއް މޫސުންތަކުގައި ވައި ހުންނަ ގޮތުން، ކަނޑުފޭރޭ އުޅަނދުތައް ހުސް އަތާ އެ މީހުންގެ ރަށަށް ދާން ޖެހެއެވެ. ހުސްއަތާ ރަށަށް އައުމަކީ އެކުވެރީންގެ މަލާމާތް ލިބޭ ކަމަކަށް އޮންނަނީ ވެފައެވެ. ފިޑީންގެ ތާޖު ހުރިހައި ފަޅުވެރީންގެ ބޮލުގައި ވެސް އަޅުވައި، ފަލީހަތް ކުރެއެވެ. އެ ކަމާ ހުރެ، ހުސްއަތާ ރަށަށް ނުދާންވެގެން ދިމާކުރަނީ ރާއްޖެއާއެވެ. ރާއްޖޭގެ ފެންވަރު އެނގޭތީއެވެ. އެއީ ކޮންމެހެން ރާއްޖެއާ ހަސަދަވެރިކަމެއް އޮވެގެން ދިމާކުރާ ދިމާކުރުމެއް ނޫނެވެ. 

ދުޝްމަނުންނާ ހަނގުރާމަ ކުރާނެ ހަތިޔާރެއް ރާއްޖެއަކު ނުހުރެއެވެ. ސިފައިންނެއް ނުތިބެއެވެ. ބޮޑު ވަރަކަށް އޮންނަނީ ތިން ބޮޑުބަޑިއެވެ. ބަޑި ޖަހަން އެނގޭ މީހަކު ހުރެއެވެ. ބުރުޒެއް، ފާރެއް، ކޯއްޓޭއެއް ނުހުރެއެވެ. ގުރާބުތަކުގެ ރިޔާތައް ދުރުން ފެނުމުން، އޭރަކު ހުންނަވާ ރަސްކަލަކު ކުރައްވާ ކަމަކީ ވަޒީރުންނާއި އަމީރުންނާއި ފަނޑިޔާރު އެއްކުރައްވައި މަޝްވަރާ ކުރެއްވުމެވެ. އޮންނާނީ ދެ ގޮތުން ކުރެ އެއް ގޮތެވެ. އަމާންދެއްވުމެވެ. ނުވަތަ ފިލައިވަޑައިގަތުމެވެ. ބައެއް ފަހަރު ރަސްގެފާނަށް ކާމިޔާބުވެވަޑައިގަންނަވައެވެ. އަނެއްބައި ފަހަރު ކަނޑުފޭރީންގެ ބާރަށް ދުވާ ގުރާބުތައް އައިސް ރަސްގެފާނުގެ ނައުކޮޅާ ހަމަކޮށް، ނަވަށް އަރައި، މުދާތައް ފޭރި، ރަސްގެފާނާއި އެހެން މީހުން ޝަހީދުކޮށްލައެވެ. ދަތުރުކުރެއްވި ނައުކޮޅު ކޮންމެވެސް ރަށަކަށް ލައްގައެވެ. ރަށު މީހުން އައިސް ޝަހީދުން އެ ރަށެއްގައި ވަޅުލީމައި އެ ކަން އެ ނިމުނީއެވެ. ކަނޑުފޭރީން މާލެ އައިސް ގަނޑުވަރު ލޫޓުވައި، ރައްޔިތުންނަށް ހިތުހުރި ގޮތެއް ހަދައި، މިސްކިތް ފަދަ ތަންތަނުގައި ހުޅުޖަހާފައި ރައްކާވެއެވެ.

މުނިކާފަ ޒިޔާދުއްދީންގެ ޒަމާނުގައި ފަނޑިޔާރުކަލޭގެ ލަފާއެރުވީ ފިލައިވަޑައިގަތުމަށެވެ. ފަރަންޖީންގެ ފައުޖުތަކާ ކުރިމަތިލެވޭނެ އެއްވެސް ގޮތެއް ނެތީމައެވެ. އެ ހިސާބުން ޒިޔާދުއްދީން އަވަހަށް ދަތުރު ހައްދަވައި، އާއިލާ އާއި ހަޒާނާއިން ގެންދެވުނު މުދަލެއް ނަވަށް އަރުވައިގެން ރާއްޖެ ދޫކޮށް ވަޑައިގެންނެވީއެވެ. އެ ދަތުރުގައި ނަސީރުއްދީނެއް ނުގެންދެވުނެވެ. ފަހު ވަގުތު ނަސީރުއްދީން ވީ ތަނެއް ނޭނގުނީއެވެ. އެއީ ވެސް ދިގު ވާހަކައެކެވެ. މުނިކާފާފުޅަށް ދެން ވީ ގޮތެއް، ވަޑައިގެންނެވި ތަނެއް ނޭނގެއެވެ. 

ކާފާފުޅު ނަސީރުއްދީނަށް ރަސްކަން ލިބިވަޑައިގަތުމުން އެންމެ އިސްކަމެއް ދެއްވީ ދިފާއީ ބާރު ވަރުގަދަ ކުރައްވާށެވެ. ދަނޑިފަނުން ހުރި ގަނޑުވަރު ތެޅިގަލުން ރޭނުއްވިއެވެ. ބޮޑުކޯއްޓޭ ބިނާކުރައްވައި، ބުރުޒު ހައްދަވައި، ބަޑިދޮރުތައް ކަނޑުއްވައި، މާލޭގެ އެހެން ދިމަދިމާތަކުގައި ވެސް ބުރުޒު ހައްދަވައި، ކޮންމެ ދެ ބުރުޒެއް ދެމެދު ފާރެއް ރާނުއްވައި، ފާރުން ވެސް ބަޑިދޮރުތައް ކެނޑުއްވިއެވެ. ބޮޑުބަޑި މަދުކަމުން ބަޑި ގަންނަން އަސަޔަށް އޮޑިއެއް ފޮނުއްވެވިއެވެ. ނިޔަމިކަމު ފޮނުއްވީ ކުނބުރުދޫ ޢަލީ މާލިމީއެވެ. އެ ދަތުރުގައި ރަތުލޯ ބަޑީގެ ފަނަރަ ބަޑި މާލެ ގެންނެވިއެވެ. ދިފާއީ ފައުޖެއް ތައްޔާރު ކުރައްވައި، ހަނގުރާމައިގެ އުކުޅުތައް ދަސްކޮށްދެއްވިއެވެ. އޭގެ ފަހަކުން ފަރަންޖީން ހިތުހުރި ގޮތެއް ރާއްޖެއަކަށް ނެހެދެއެވެ. ރާއްޖެ ދިޔައީ ދުވަހުންދުވަހަށް ކުރިއަރައި، ބާރުގަދަވުމުންނެވެ. 

ފަރަންޖީންގެ ދުއްތުރާލުން ސަލާމަތްވުމާ އެކު ދެން ފެށުނީ އާއިލީ ސިއްރު ހަނގުރާމައެކެވެ. ވެރިކަމާއި މުދަލުގެ ދަހިވެތިކަމެވެ. އެއްފަހަރަކު ތޮޅެންއައި ގުރާބުތަކުގެ ހަނގުރާމަވެރީން މާލެ އަރައި އެ މީހުން ބަލިވެ، އެ މީހުންގެ ގުރާބުތަކާއި މުދާތަކާއި ބައެއް މީހުން ދިވެހީންނަށް މިލްކުވެ، ހަނގުރާމައިގެ ހިރަފުސްގަނޑު އޮބުނު ފަހުން ކުއްލިއަކަށް ގޮއްވައިލި ވަޒަނަކާ އެކު ނަސީރުއްދީން ޝަހީދުވެގެން ވެއްޓިވަޑައިގަތެވެ. އެ ވަޒަން އައި ދިމާއަކާއި ވަޒަން ނުކުތް ބަޑިއެއް ނުފެނުނެވެ. 

ރަސްކަން ދެން ލިބިވަޑައިގަންނަވަން ޖެހެނީ އޭރު އުމުރުފުޅުން ހަގު ދަރިކަލެއް ކަމުގައިވާ އަޙްމަދަށެވެ. އެއީ ދޮށީމަނިއްޕުޅުގެ ބައްޕާފުޅެވެ. އެހެނަސް ވެރިކަމަށް އިސްވެވަޑައިގަތީ ނަސީރުއްދީންގެ ކޮއްކޯފުޅު ޒުބޭރުއްދީނެވެ. އެ ދިގުލީ ރަސްކަން ތާރީހުވެރީން ފޮތްތަކުގައި ލިޔުނީ ކަޅުކުލައިންނެވެ. ސަބަބަކީ ރާއްޖެއަށް ކުރިމަތިވި ބަނަ ދުވަސްތަކެވެ. ނަސީރުއްދީން ކޮޅަށް ޖެއްސެވި ޝާހީ ދަރުބާރުގެ ގާބިލުކަން ރޫޅި، ފުނޑުފުނޑުވިއެވެ. ދިފާއީ ލަޝްކަރު ވިއްސިވިހާލިއެވެ. ގަނޑުވަރު ތެރޭގައި އޮންނަނީ ކުޅިވަރުކުޅުމާއި މަސްތުވުމާއި މަޖާކުރުމެވެ. އެއިން އެއްވެސް ކަމެއްގައި އަޙްމަދު ބައިވެރިވެވަޑައެއް ނުގަންނަވައެވެ. 

ދަނޑިވަޅަކަށް ބަލަބަލައި ތިބި ދުޝްމަނުން ރެއެއްގެ ދަންވަރު މާލެ އަރައި ގަނޑުވަރަށް ހަމަލަދިނެވެ. އޭރު އަޙްމަދު ހުންނެވީ ފުރާވަރު އުމުރުފުޅުގައެވެ. އަޙްމަދަކީ ހެވިކަމަށް ކުޅަދާނަފުޅު، މުރާލިފުޅު ޒުވާނެކެވެ. ހަނގުރާމައިގައި ދުޝްމަނުން ޒުބޭރުއްދީން ރަސްގެފާނު ޝަހީދު ކޮށްލެއްވިއެވެ. އެހެނަސް، އަޙްމަދާއި އަޙްމަދުގެ އެކުވެރީންގެ ހުނަރުވެރި އުކުޅުތަކުން ދުޝްމަނުންގެ ސަފުތައް ރޫޅައިލައި، ފަހަތަށް ޖެއްސިއެވެ. މާތް ރަސްކަލާނގެ ވާގިފުޅާ އެކު ދިވެހީންނަށް ނަސްރު ހޯދައިދިނީ އަޙްމަދެވެ. ދިވެހީން އެދުނީ ރަސްކަމުގެ ތަހުތަށް އަޙްމަދު އިސްވެވަޑައިގަތުމަށެވެ. އަޙްމަދުގެ ހިތްޕުޅުގައި ރަސްކަމާއި މަގާމުތަކަށް އެއްވެސް ޝައުގުވެރިކަމެއް ނެތުމުން އެ ކަމަށް އިންކާރު ކުރެއްވިއެވެ. 

ދިވެހި ރަސްކަމުގެ ތަހުތުގައި ރަސްމީ ގޮތުން ރަސްކަލަކު ނުވަޑުވައި އެތައް ޒަމާނެއް ވެއަތުވިއެވެ. ދީނީ ގޮތުން ފުންނާބުއުސް އިލްމުވެރިޔަކު ރާއްޖޭގައި އޭރަކު ނެތެވެ. އެ ދުވަސްވަރު ރަސްކަލެއް ކަމަށް ދިވެހީން ބެލީ އަޙްމަދެވެ. އެކަމަކު އަޙްމަދު ގަނޑުވަރަކަށް ވަޑައެއް ނުގަންނަވައެވެ. ރަސްކަލެއްގެ ޝަރަފާއި އިނާޔަތެއް ގަބޫލުފުޅެއް ނުކުރައްވައެވެ. ރުގިއްޔާއާ އަޙްމަދު ކައިވެނި ބައްލަވައިވަޑައިގެން، ދޮށީމަނިއްޕުޅާއި ތުއްޕުޅުމަނިއްޕުޅު ދުނިޔޭގެ އަލިކަން ދެކިވަޑައިގަތީ ވެސް އެ ދުވަސްވަރުއެވެ. ރުގިއްޔާ ނިޔާވީ ދޮށީމަނިއްޕުޅުގެ އުމުރުފުޅުން ނުވަ އަހަރުގައެވެ. އަޙްމަދު އަވަހާރަވީ މަނިއްޕުޅުގެ ފުރާވަރު އުމުރުފުޅުގައެވެ. 

"ބައްޕަ އަބަދު ވެސް ވިދާޅުވާނެ، މުހިންމީ ޚިދުމަތޭ މަގާމެއް ނޫނޭ!" ދޮށީމަނިއްޕުޅު ވިދާޅުވިއެވެ. "އަހަރެން ބުނަންތަ ވާހަކައެއް؟ ފަހަރެއްގައި ހަފީޒާ ހިތްހަމަނުޖެހި ވެސް ދާނެ. އަހަންނާ އާދަނުގެ ވިސްނުން ވަރަށް އެއްގޮތް."

"ކީއްވެ ކުއްލިއަކަށް އާދަނުގެ ނަން ތި ގެންނަން ޖެހުނީ؟" ހަފީޒާ ސުވާލުކުރިއެވެ. 

"ހަފީޒާއަށް ރަނގަޅަށް އެނގޭނެ ކީއްވެގެންކަން." ލުއި ތަދަކާ އެކު ދޮށީމަނިއްޕުޅު ވިދާޅުވިއެވެ. 

އާދަނު ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިޔަށް އެޅިއެވެ. މަޑުމަޑުން، ލަސްލަހުންނެވެ. ދާންވީ ތަން ނޭނގިގެނެއް ނޫނެވެ. އާދަނަށް ޚަބަރު ގެނެސްދިން މީހާ ކިތަންމެ ރަނގަޅަކަށް ވެސް އާދަނު ދާންވީ ގެ ހުންނަ ތަން އޮތީ ކިޔައިދީފައެވެ. އާދަނަށް މައްސަލައަކީ އެ ގެއަށް އާދަނު ދާ ސަބަބު ނޭނގުމެވެ. 

ދޮރާށި ކައިރިއަށް އާދަނު ހުއްޓި ދެ ކޮޅު ބަލައިލުމަށް ފަހު ދޮރާށި ހުޅުވައިލިއެވެ. ކުރިމަތީގައި އޮތީ ބަގީޗާއެކެވެ. ބަގީޗާގެ މެދުން ގޭގެ ދޮރާ ހިސާބަށް، ދޮންވެލީގެ ހަނިދިގު މަގެއް އޮތެވެ. ވެލިގަނޑުގައި ކަޅުފެހި އޮމާން ހިލަތަކެއް އަތުރާފައި ހުއްޓެވެ. ދެ ފަރާތުގައި ހުރި ހިރިގަލުގެ ގަސްމުށިތަކުގައި، އާދަނު މާލެއިން ދުވަހަކު ނުދެކޭ އެތައް ވައްތަރެއްގެ މާގަހެއް ހެދި، ބައެއް ގަސްގަހުގައި މާތައް ބަރާވެފައި އޮތެވެ. ރުއްތަކުގައި ވެލިބަނދެގެންނާއި އެލުވާފައިވާ ލަކުޑި ކޮށިގަނޑުތަކުގައި ކުލަކުލައިގެ އޯޑިކުމާތައް ފޮޅިފައި ހުއްޓެވެ. އާދަނުގެ ކަނާއަތްފަރާތުގައި ބަހައްޓާފައި ހުރީ ހުދު ކުލައިން ކުރެހުން އެޅި ބޮޑު، މުށި ބަނޑިޔަލެއް ކަހަލަ އެއްޗެކެވެ. އޭގައި ހުރި ސާފު ފެންގަނޑުގެ މަތީގައި ދުވެފައިވާ ވެލެއްގައި ފިޔާތޮށިކުލައިގެ ލައިނޫފަރުމަލެއް ފޮޅިފައި ހުއްޓެވެ. އާދަނުގެ ނަޒަރުގައި އެ ބަގީޗާއަކީ މުއްސަނދިކަމުގެ ދަލީލެއް އެކަންޏެއް ނޫނެވެ. ދުނިޔޭގެ ހަތަރު ބިތަށް މީހަކު ކޮށްފައިވާ ދަތުރުތަކުގެ ސަފަރުނާމާއެއް ވެސްމެއެވެ. މުޅި ދުނިޔޭގެ ރީތިކަން އަމިއްލަ ގެއަށް ޖަމާކޮށްލުމުގެ ކުޅަދާނަކަން ހުރި މީހެއްގެ ގެއަށް ވަދެވުމުން އާދަނުގެ ނިކަމެތިކަމާއި ފަގީރުކަން ވަކީން ބޮޑަށް އާދަނަށް އިހުސާސްވިއެވެ. އެ ފަދަ އަރާމު ދިރިއުޅުމެއް ހަފީޒާއަށް ލިބުމުން ހިތުގައި ރިހުމެއް އުފައްދާކަށް އާދަނު ބޭނުމެއް ނޫނެވެ. އެހެނަސް ރިހުމެއް އުފެދުނެވެ. 

ވައަތްފަރާތުގައި ހުރި ހިރިގަލުވަޅުން ފައިދޮވެލައިގެން އާދަނު ހިނގައިގަތެވެ. އިމާރާތުގެ ދޮރުމައްޗަށް އެރިއެވެ. ތިން ފަރާތުގައި ކަންނެޔޮ އަތުރާފައިވާ ބޮޑު އުނދޯއްޔެއް ފެންޑާގައި ހެއްލިހެއްލި ހުއްޓެވެ. ހީވާ ކަހަލައެވެ. އެ ތަނުގައި އިން މީހަކު އެތެރެއަށް ވަނީ ދެންމެއެވެ. ދިމާއަށް ފެންނަން ހުރި ބޮޑުކޮޓަރީގައި ދިގު ގަޑިއެއް ބަހައްޓާފައި ހުއްޓެވެ. ގަޑީގެ ބަރުން އިވޭ އަޑާއި އާދަނުގެ ހިތުގެ ވިންދާއި ގުޅުމެއް ހުއްޓެވެ. ދެ ފަރާތުގައި ހުރި ކަފޭރާތަކުގައި ސީނުތަށިތަކާއި ކުދިބޮޑު ލޮއި ކަންވާރުތައް ވިދަވިދާ ހުއްޓެވެ. މީހަކު ނުފެންނަނީސް އެތެރެއަށް ފިޔަވަޅެއް އަޅާކަށް އާދަނަކަށް ނުކެރުނެވެ. 

"އައްސަލާމް އަލައިކުމް!" އާދަނު މަޑުމަޑުން ބުންޏެވެ. 

"ވައަލައިކުމް ސަލާމް!" ދޮށީމަނިއްޕުޅުގެ އަޑުއިވުނެވެ. "ވަދޭވަދޭ! އިށީނދޭ! މި އަންނަނީ!"

ބައްދަލުކުރަން ބޭނުން ނަމަ، ހަފީޒާގެ ގެއަށް ނުވަތަ އެހެން ތާކަށް ވެސް އާދަނު ގެނެވުނީހެވެ. ދޮށީމަނިއްޕުޅުގެ ގެއަށް އާދަނު ގެނައި ސަބަބެއް އާދަނަކަށް ނުވިސްނެއެވެ. އާދަނު ބޮޑުކޮޓަރިއަށް ވަނެވެ. އެ ތަނުގައި ހުރީ ތާޒާ ލަކުޑީގެ ވަހާއި، ބޮކަރުވަހެވެ. އޭރު ވެސް ބޮކަރު ލަކުޑި އަޅާފައިވާ މުޖުމަރާއެއް ދުންއަރައަރާ ހުއްޓެވެ. ތަނުގައި ބަހައްޓާފައި ހުރި މަހުމާޖެހި ބޮޑު ސޯފާއިން ސޯފާއެއްގައި އިށީންނާކަށް އާދަނަކަށް ނުކެރުނެވެ. އާދަނު ހުރީ ކޮޅަށެވެ. ކުއްލިއަކަށް ދޮރެއް ހުޅުވާލައިފައި ދޮށީމަނިއްޕުޅު ނުކުމެވަޑައިގަތެވެ. އެ ހިންގެވުމުގައި ކޮރުކަމެއް، އައިބުކަމެއް ނެތެވެ. އާދަނު ލައިގެން ހުރީ އާދައިގެ ގަމީހެކެވެ. އަނދެގެން ހުރީ އާދައިގެ މުންޑެކެވެ. ދޮށީމަނިއްޕުޅު ތުރުކުރައްވައިގެން ވެސް ހުންނެވީ ހަމަ އެ ފަދަ ހެދުންކޮޅެކެވެ. މަނިއްޕުޅު ވަޑައިގެން އާދަނާ ސަލާންކޮށްލެއްވިއެވެ. އެންމެ ކައިރީގައި ހުރި ސޯފާގައި އިށީނދެވަޑައިގަންނަވަމުން އާދަނު ވެސް ހަމަ އެ ސޯފާގައި ބޭންދިއެވެ. 

"ކީއްވެ ކޮޅަށް ތި ހުންނަނީ؟" ދޮށީމަނިއްޕުޅު ސުވާލުކުރެއްވިއެވެ. "މި ގޮނޑިއަކު އަފުނޯސްކަށްޓެއް ނުހުންނާނެ."

އާދަނު ގަދަކަމުން ހިނިތުންވެލިއެވެ. ދުވަސްކޮޅެއް ކުރީން ދޮށީމަނިއްޕުޅު ކޯފާވެފައި ވިދާޅުވި ލަފުޒުތައް އާދަނުގެ ހިތަކުން ދުވަހަކު ވެސް ނުފިލާނެއެވެ. ދެން ދިޔައީ ހިމޭނުގެ ސިކުންތުކޮޅެކެވެ. އާދަނަށް ހީވީ އަހަރުތަކެއް ފާއިތުވި ހެންނެވެ. 

"އަހަރެން ދައްކަން މި އުޅޭ ވާހަކައަކީ ނުދައްކާ ވާހަކައެއް،" ދޮށީމަނިއްޕުޅު ވިދާޅުވިއެވެ. "އަހަރުމެން ދެ މީހުން މި ގެއަކު ބައްދަލެއް ވެސް ނުވޭ!" (ނުނިމޭ)