(އާދިއްތަ ދުވަހާ ގުޅޭ)
"މީރުވަސް ދެކެ އަހަރެން މިހާރު ފޫހިވެއްޖެ ބައްޕާ!" އާދަނު ބުންޏެވެ.
"ދަރިފުޅަށް އެނގޭތަ ދާން މި އުޅެނީ ކޮން ގެއަކަށްކަން؟" އީސާފުޅު ވަރަށް އުފާވެފައި ސުވާލުކުރިއެވެ. "ކުޑަމާލިމީގެ ދޮންކަމަނަ ދަންނަން؟ ވަރަށް އަޚުލާގު ރަނގަޅު، ގެވެހި ކުއްޖެއް އެއީ. ބޭރު ތެރެއަށް ނުކުމެއެއް ނޫޅޭނެ."
"ބައްޕައަށް އެ ގެ ރަނގަޅިއްޔާ އެ ވާނީ ރަނގަޅު ގެއަކަށް،" އާދަނު ބުންޏެވެ. "އަހަންނާ އިންނަން އޭނަ ކަމުދާ ހެން ބައްޕައަށް ހީވަންޏާ އެ ވާނީ ރަނގަޅު ކުއްޖަކަށް. އަހަރެން ބޭނުމެއް ނޫން އެއީ ކާކުތޯ ބަލާކަށް."
"އަޅެ އެއް ފަހަރު ބަލައިލަބަލަ!" އަލަމާރި ތެރެއިން ފޮޓޯއެއް ނަގައި އާދަނަށް ދިއްކޮށްލަމުން އީސާފުޅު ބުންޏެވެ.
އާދަނު ފޮޓޯގައި ހިފިއެވެ. އެހެނަސް ބަލަހައްޓައިގެން ހުރީ ބައްޕަގެ މޫނަށެވެ. ފޮޓޯގަނޑު އަލުން އަލަމާރީގައި ބަންޑުން ބޭއްވިއެވެ. ޕާރުސަލުކުރަން ދިން ފޮތިގަނޑު ހިފައިގެން ކޮޓަރިން ނުކުތެވެ. އީސާފުޅު ބަލަހައްޓައިގެން ހުރީއެވެ.
"އެހެންތަ؟" ހައިރާންވެފައި ދޮންމަނިކު ބުންޏެވެ. "އެ ދޮންކަމަނައަކީ ހަމަ ފަންމިންޏެއް. ގޭގެ ހަތަރު ފާރުން ބޭރަކަށް ނުނިކުންނާނެ. ހީވާނީ ދޮންދޮން ބަށްޓެއް ހެން. ކަލޭ ތީ ނަސީބުވެރިއެއް."
ގުރީންގަހުވައިގައި ތިބެގެން އާދަނުގެ ނަސީބަށް ދޮންމަނިކު ތައުރީފުކުރަމުން ގެންދިޔަ ނަމަވެސް އާދަނު އެއްވެސް އުފަލެއް ނުވެއެވެ. މޭޒުމަތީގައި ކިރުސަޔާއި ބަނަހާއި ދޮންކޭލާއި ފަނިއާރަން ވެސް ހުއްޓެވެ. އެއިން އެކައްޗެއް ވެސް އާދަނު ރަހައެއް ނުބަލައެވެ. ތަނު ތެރޭގައި އެންމެން އެއްފަހަރާ ވާހަކަ ދައްކާތީ ތަން އޮތީ އެއްއަޑުވެފައެވެ.
"ދޮންމަނިކަށް ކަށަވަރުތަ އަހަރެން ނަސީބުގަދަކަން؟" އިސްޖަހާލައިގެން އިން އާދަނު ސުވާލުކުރިއެވެ.
"ޔަގީން ކަށަވަރު،" ދޮންމަނިކު ބުންޏެވެ. "ހަފީޒާޔާ ނީނދެވުނުކަން އެއީ ވެސް ހަމަ ނަސީބު. އޭނައަކީ އެއް އިރަކު ވެސް އަހަންނަށް ކަމުދިޔަ މަންޖެއެއް ނޫން. އޭނަ ދެއްކީ ދަޅަ."
ދޮންމަނިކު ދެއްކި ވާހަކަ އާދަނަކަށް ކަމަކު ނުދިޔައެވެ. ފުންމައިގެން ތެދުވިއެވެ.
"އަހަންނާ ދިމާއަށް ކޮންމެ އެއްޗެއް ކިޔަސް ހަފީޒާއާ ދިމާއަށް އެއްޗެއް ނުބުނާތި!" އާދަނު އެދުނެވެ.
ދޮންމަނިކު ތެދުވެފައި އާދަނުގެ ކޮނޑުގައި އަތްޖައްސައިލިއެވެ. އިށީނުމަށް އެދުނެވެ.
"އާދަނަށް ތިހިރީ ވަރުގަދަ އުންޑައެއް ކާންދީފަ." ދޮންމަނިކު ބުންޏެވެ.
އާދަނު އަނެއްކާ ތެދުވަން އުޅުނެވެ.
"ތުކި!" ދޮންމަނިކު އަވަސްއަވަހަށް ބުންޏެވެ. "މާތްކަލާކޯ! ކަލެއަކާ ނެތެއްނު ވާހަކައެއް ދެއްކޭކަށް."
"ވާހަކަ ދެއްކިދާނެ،" އާދަނު ބުންޏެވެ. "ހަފީޒާއާ ދިމާއަށް އެއްޗެއް ބުނާ ތާކު އަހަންނެއް ނީންނާނަން."
"ވައިސަރީ! ތީ ލޯބީގެ ލާމަސީލު ނަމޫނާއެއް،" ދޮންމަނިކު ބުނެލިއެވެ. "ދައްކަވަން ހުރި އެއްޗެއް ދައްކަވާނެ."
ވަކްސްހޯލް އެފް ޓައިޕު، ސީރީޒް ދޭއް މަރުކާގެ ކަޅުކުލައިގެ ކާރެއް، މަޑު ދުވެއްޔެއްގައި، މަޖީދީމަގުން އިރަށް ދަތުރުކޮށްފައި ދިޔައެވެ. ކާރުކޮޅުގައި ލައިސަން ނަންބަރެއް ނުވަތަ ދައުލަތުގެ ނިޝާނެއް ނެތެވެ. މަގު ހިނގާ ކޮންމެ މީހަކު ހުއްޓިގެން، ލޯމަތިން ކާރުކޮޅު ގެއްލެންދެން ބަލަހައްޓައިގެން ތިބެއެވެ. ދުރުން ކާރުކޮޅު ފެނުމުން ގޭތެރެއިން ކުދިވެރިން ނެރި، ދޮރުމަތީގައި ކުޅިބަލަން ވެސް ތިބެއެވެ. މާލޭގައި މުޅިއެކު އޮންނަނީ ދެ ކާރެވެ. ދެ ކާރަކީ ވެސް ރަސްމީ ކަންކަމުގައި ބޭނުންކުރާ ކާރެވެ. އެ ވަގުތު ދުއްވާފައި ދިޔަ ކަޅު ކާރުގެ ފަހަތު ސީޓުގައި ތިއްބެވީ ގައުމުގެ ވެރިޔާގެ މަގާމު ފުރުއްވާ ކިލެގެފާނާއި ސިފައިންގެ މަތީ ވެރިޔެއް ކަމުގައިވާ އިބްރާހިމްދީދީއެވެ.
"ދެން ކިހިނެއްތޯ ހައްދަވަނީ؟" އިބްރާހިމްދީދީ ސުވާލުކުރެއްވިއެވެ. "އަޅުގަނޑުމެން ކަންބޮޑުވާކަށް ނުވޭތޯ؟"
"އިނގިރޭސީން އެއްބަސްވުމާ ޚިލާފެއް ނުވާނެ،" ވަރަށް ޔަގީންކަމާ އެކުގައި ކިލެގެފާނު ވިދާޅުވިއެވެ. "އެހެން ނޫނަސް އަޅުގަނޑުމެން ކިހިނެއްތޯ އިނގިރޭސީންނާ ހަނގުރާމަ ކުރާނީ؟ އަޅުގަނޑުމެންގެ ހަތިޔާރަކީ އިތުބާރާއި އިހުތިރާމު. މަނިއްޕުޅު ވެސް ވިދާޅުވި އިނގިރޭސީން ތިބީ ދިވެހި ދައުލަތަށް ކިޔަމަންތެރިވެގެންނޭ!"
"އެކަމަކު އާގުބޯޓުގަ ރޯކޮށްލަން އުޅުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް ނޫންތޯ؟" އިބްރާހިމްދީދީ ސުވާލު ކުރެއްވިއެވެ.
"އެ މީހުން މިހާރު އެ ތިބީ ހައްޔަރުކޮށްފަ،" ކިލެގެފާނު ވިދާޅުވިއެވެ. "މާފަށް ވެސް އެދެފި. ކާބޯތަކެއްޗާ އަންނައުނު މިހާރު މަދުމަދުން ރާއްޖެއަށް ލިބެން ފަށައިފި. ނުތަނަވަސްކަމުގެ ވިލާތައް މިހާރު އެއްފަރާތްވެއްޖެ! އިރާދަފުޅުން ކުރިޔަށް ދެން އޮތީ ފާގަތިކަން."
ސަލާންދިނުމާ އެކު އާދަނާއި އީސާފުޅު މިސްކިތުން ފޭބިއެވެ. އާދަނު އަތުގައި ޕާރުސަލު އޮތެވެ. ގައިން ދުވާ އަތަރުވަހުން އާދަނުގެ ބަނޑުފުރިއަރައިދާނެ ކަހަލައެވެ.
"ކޮން ދިމާއަކަށް ދަނީ؟" އާދަނު ސުވާލުކުރިއެވެ.
އީސާފުޅު ޖަވާބެއް ނުދިނެވެ. މިސްރާބު ހުރީ ދިމާ ކަނާތްފަރާތުގައި ހުރި ގެއާ ދިމާއަށެވެ. އާދަނުގެ ގެ ހުންނަނީ މުންނާރު ކައިރީގައެވެ. އީސާފުޅު ގެއަށް ވަނުމުން، ހައިރާންވެ ހުރެގެން އާދަނު ވެސް ގެއަށް ވަނެވެ. ވީ ގޮތެއް އާދަނަކަށް ނުވިސްނުނެވެ. އީސާފުޅު ގެއަށް ވަން ގޮތަށް ކޮޓަރިއަށް ވަނެވެ. އާދަނު ފެންޑާގައި ގާވެފައި ހުއްޓައި ހަބީބާ ފެނުނެވެ. ހަބީބާއަކީ އާދަނުގެ ދައްތައެވެ. ހަބީބާގެ މޫނުމަތިން އާދަނަށް ފެނުނީ މާޔޫސްކަމެވެ.
"ބައްޕަ ބުނި މިސްކިތުން ފައިބައިގެން..." އާދަނަށް ބުނެވުނީ އެ ހިސާބަށެވެ.
އަވަސް ފިޔަވަޅުތަކެއް އަޅަމުން ހަބީބާ އައިސް އާދަނު އަތުގައި ހިފައިގެން ބަދިގެ ފަރާތަށް ގެންދިޔައެވެ.
"ކިހިނެއްތަ ވީ؟" އާދަނު އެހިއެވެ. "ނުދަނީތަ؟"
"އަޅާލާނެ ކަމެއް ނެތް ކޮއްކޯ!" ހަބީބާ ފެންކަޅިވެފައި ބުންޏެވެ. "ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށް."
"ކިހިނެއްހޭ ވީ ދައްތާ؟" އާދަނު ސުވާލުކުރިއެވެ. "ވީ ގޮތް ބުނެބަލަ!"
"ކައިވެނީގެ ވާހަކަ ދެއްކީ ދޮންކަމަނަގެ މަންމަ،" ހަބީބާ ބުންޏެވެ. "ކޮއްކޮއާ ދޮންކަމަނަ ދެވަން ބޭނުންވީ ވެސް ދޮންކަމަނަގެ މަންމަ. އަހަރުމެންނަށް ކިހިނެއް އެނގެނީ ކުޑަމާލިމީގެ ރުހުން ނުހޯދާ ކަމެއް؟"
"ކުޑަމާލިމީ އެއްބަސްނުވީ؟" ހައިރާންވެފައި އާދަނު ބުންޏެވެ. "އެ ކީއްވެ އެއްބަސްނުވީ؟"
ހަބީބާ އުޅުނީ ސަބަބު ނުބުނާށެވެ. އެކަމަކު އާދަނު ކުރެއް ނުކުރިއެވެ.
"އަހަރެން ފަގީރީ؟" އާދަނު ސުވާލުކުރިއެވެ.
"ނޫން!" ހަބީބާ ބުންޏެވެ. "ދައްތައަކަށް ފަސޭހައެއް ނޫން މި ވާހަކަ ކިޔައިދޭކަށް. އެކަމަކު ކޮއްކޮ ކުރެއް ނުކުރާނެ. ކުޑަމާލިމީ ބުންޏޯ އާދަނަކީ އަށިގޭގަ ތަޅާތަޅާ ހަލާކު ކޮށްލާފަ ހުރި މީހެކޭ! ފައި ވެސް ހުޅުން ނައްޓައިލިއޭ! މިހާރު ވެސް ބޭސްކުރަނީއޭ! އާދަނަކަށް ދަރިޔަކު ވެސް ނުލިބޭނޭ!"
އާދަނު ވިސްނައިލިއެވެ. އަތުގައި އޮތް ޕާރުސަލު ގޮނޑި މައްޗަށް އެއްލިއެވެ.
"ކޯޗެއް ކާން ހުރީ؟" އާދަނު ބުންޏެވެ. "ބަނޑުހައިވެއްޖެ!"
މުލުހާލުގެ ތުނބަށް އާދަނު ތެދުވިއެވެ. އެއްވެސް ކަމަކާ ވިސްނާކަށް އާދަނު ބޭނުމެއް ނޫނެވެ. ކުރިޔަށް ވުރެ ގަދަޔަށް އާދަނަށް ކެވެއެވެ. ނިދެއެވެ. އާދަނަށް ވިސްނެނީ އެ ކަމާއެވެ. ފަތިސްނަމާދުގެ ޖަމާއަތުގައި ބައިވެރި ނުވެވޭތީއެވެ. އެހެނަސް، އިރުއެރުމުގެ ކުރިން މިސްކިތަށް ދިޔުމަށް ޓަކައި އަވަހަށް ގިފިއްޔަށް ވަނެވެ. ދާނި ވަޅަށް ކޮއްޕައިލާފައި ފެން ދާންޏެއް ނެގިއެވެ. ވަޅުން ދާނި ނެގި ވަގުތު ދަނޑިން ލުހިގެން ފައިމައްޗަށް ދާނި ވެއްޓުނެވެ. ފައިގެ ބޮޑުވައިއިނގިއްޔަށް ތޫނު ތަދެއް އިހުސާސް ކުރެވުނެވެ. ކުއްލިއަކަށް އާދަނު ހަނދާންވީ އަށިގެއެވެ. އެ ތަނުގައި ކުރި އަނިޔާތަކެވެ. އެ ހިސާބަށް ފިކުރު ދިޔުމާ އެކު، ކައިވެންޏަށް ކުރިމަތިވި ހުރަސް ވެސް ހަނދާންވިއެވެ. އެއީ ވެސް އާދަނަށް މައްސަލައެއް ނޫނެވެ. މައްސަލައަކީ އެ ކަމާ އެހެން މީހުން ކުރާ ފިކުރެވެ. އޮހޮރާ ކަރުނައެވެ. ބައްޕަ ހުންނަނީ އާދަނާ ހަތަރުކަޅި ހަމަކުރަން އުނދަގޫވެފައެވެ. އާދަނަށް އެނގެއެވެ. ބައްޕަގެ ހިތުގައި އުފެދިފައިވަނީ ވަރުގަދަ ރިހުމެކެވެ. އާދަނު ހިތަށް އަރައެވެ. ބައްޕަގެ ހިތަށް ލުޔެއް ހޯދައިދެވޭނެ ނަމައެވެ.
"ރިހާކުރާ، ހިކިމަހާ، ހުތްއަނބާ، ލުނބޮޔާ، ނާރިނގާ، ނިޔަނދުރާ، ބިލިމަގާ، ކާމަރަގައާ، ޏަމުޏަމާ، ހެލެނބެއްޔާ، ކުއްޅަވަކާ، ގިތެޔޮމިރުހާ، ރޯމިރުހާ، ވީފުކުމިރުސް ގަންނާނަންތޯ!" ޅަމަޑު ދޮހުއްތު ތޯތްގޮވަމުން ޗާނދަނީމަގުން އުތުރަށް ދިޔައެވެ.
ހެނދުނުގެ ވަގުތެވެ. މާލޭގެ މަގުތައް އިރަށް ދޮންވަމުން އައި އިރު، އެކިއެކި މަސައްކަތުގައި މީހުން ނުކުމެގެން ކޮޅުކޮޅަށް ހިނގަން ފަށައިފިއެވެ. ޅަމަޑު ދޮހުއްތު އެކަންޏެއް ނޫނެވެ. ރުކުރާ ވިއްކާ ތުނޑުހަސަނާއި ބަކަރިކިރު ވިއްކާ ޅަހޮއްކޮ ވެސް ރީތި ހެން ހީވާ ރާގުރާގަށް ތޯތްގޮވަމުން ހިނގިއެވެ.
ފުރޮޅުތަކުން ހިރަފުސް ފަތުރަމުން ނަލަ ދުވެއްޔެއްގައި ދުއްވާފައި އައި އަޅި ކާރެއް ހަފީޒާގެ ގެއަށް މަޑުކޮށްލިއެވެ. ކާރުން ފައިބައިވަޑައިގަތީ އަރަތްބެކެވެ. އިސްތަށިފުޅުގައި އޮތް ފަގުޑިކޮޅާއި ތުރުކުރައްވައިގެން ހުންނެވި ޖުއްބާއިން އޭނާގެ ހައިބަތު ކިތަންމެ ރަނގަޅަކަށް ވެސް ހާމަވެއެވެ.
"ފޮށިތައް ބާލާނެ ކަމެއް ނެތް،" ޑުރައިވަރާ މުހާތިބުކޮށް އޭނާ ދިވެހިން ބުންޏެވެ. "އެބަ އަންނަން."
ކާރުން ފައިބައިވަޑައިގެން ގެއަށް ވަދެވަޑައިގަތް އިރު ދޮށީމަނިއްޕުޅު ފުރޮޅުލީ ގޮނޑިން ތެދުވެވަޑައިގެން، ކޮރެއް ޖައްސަވަމުން އުނދޯލީގައި އިށީނދެވަޑައިގަންނަވަނީއެވެ. އެހީވެދޭން ހަފީޒާ ހުއްޓެވެ.
"އައްސަލާމް އަލައިކުމް!" ދޮށީމަނިއްޕުޅަށް އިވިވަޑައިގަތީ އިވި ފަރިތަ އަޑުފުޅެކެވެ.
ދޮރުމަތީގައި ހުންނެވި މެހުމާން ފެނިގެން ހައިރާންވެފައި ހަފީޒާ ހުއްޓައި، ދޮށީމަނިއްޕުޅު އުނދޯލިން ފައިބައިވަޑައިގެން، ހިނިތުންވެވަޑައިގެން ހިންގަވަން ފެށުމުން، ދޮރުމަތީގައި ހުންނެވި މެހުމާން އަވަސް ހިންގެވުމެއްގައި ވަޑައިގެން ދޮށީމަނިއްޕުޅު ގައިކޮޅުގައި ބައްދައިލެއްވިއެވެ. ބައްދައިލައިގެން އެތައް އިރަކު ތިއްބެވިއެވެ. އެ ހިސާބުން އެ މެހުމާނަކީ ކޮން ބޭފުޅެއްކަން ހަފީޒާއަށް ވިސްނުނެވެ. މެހުމާނަށް ހަފީޒާ ފެނިވަޑައިގަތެވެ. ސަލާން ވިދާޅުވިއެވެ. ހަފީޒާ ސަލާން ބަލައިގަތެވެ.
ސުވިޗު ޖައްސައިލުމާ އެކު ކޮޓަރި ތެރެ އަލިވިއެވެ. ފުރަތަމަ ވަދެވަޑައިގަތީ ދޮށީމަނިއްޕުޅެވެ. މީހެއްގެ އެހީއެއް ނެތި، މަޑު ހިނގުމެއްގައި ހިންގަވައިފައެވެ. ފަހަތުން ހަފީޒާ ވަނެވެ.
"އަހަރެން ފުރަތަމަ ހީކުރީ ބޭރު މީހެއްކަމަށް،" ހިނިއައިސްފައި ހަފީޒާ ބުންޏެވެ. "ދުވަހަކު ވެސް ހަމަލޮލަކުން ނުދެކެންވިއްޔަ! ނޭނގޭނެއްނު! ދެއްކި ފޮޓޯއަކާ ވެސް ވައްތަރެއް ނޫން."
"އެ ފޮޓޯއަށް މިހާރު ތިން އަހަރު ވެދާނެ،" އެނދުގައި އިށީނދެވަޑައިގަންނަވަމުން ދޮށީމަނިއްޕުޅު ވިދާޅުވިއެވެ. "އަސްލު އަހަރެން ވެސް ހުންނަން ޖެހޭނީ އެހެން. މިސްރަށް ވިއްޔަ ދެބެން ވެސް ދާން އޮތީ. ފަހު ވަގުތު އަހަރެން ބުނީ ލަންޑަނަށޭ ދާނީ. ނަސީބަކުން ބައްޕަ ދެކޮޅެއް ނެހެއްދެވި. ކޮއްކޯފުޅު ބޭނުންފުޅުވީ މިސްރަށް ވަޑައިގަންނަވަން. ބައްޕަގެ އަތްމަތި އެ ދުވަސްކޮޅު މާ ތަނަވަހެއް ވެސް ނޫން. އެކަމަކު ދެބެން ވެސް ބޭނުންވާ ތަނަށް ފޮނުއްވި."
"ބައްޕައަކީ ރަސްކަލެއްނު،" ހަފީޒާ ބުންޏެވެ. "ދެން ކީއްވެ އަތްމަތި ދަތިވާންވީ؟"
"ބައްޕައަކީ އަސްލު ރަސްކަލެއް ނަމަ އަހަރެން ވާނީ ޕްރިންސަކަށް،" މަނިއްޕުޅު ވިދާޅުވިއެވެ. "އެކަމަކު އަހަންނަކީ ޕްރިންސެއް ނޫން."
"އެކަމަކު ކިލެގެފާނު ވިދާޅުވިއެއްނު މަނިއްޕުޅުގެ މުނިކާފާފުޅަކީ ރަސްކަލެކޭ. ކާފާފުޅަކީ ރަސްކަލެކޭ. ބައްޕާފުޅަކީ ވެސް ރަސްކަލެކޭ،" ހަފީޒާ ބުންޏެވެ. "އެއީ ކީއްވެ؟" (ނުނިމޭ)