(އާދިއްތަ ދުވަހާ ގުޅޭ)

ކަރުނައިގެ މުތީތައް ބަބުޅަމުންދިޔަ ދެލޮލުން އާދަނަށް ބަލައިލިއެވެ. އެ ލޮލުން ކަރުނަ ފުހެދިނުމަށް ޓަކައި އާދަނު ނުކުރާނެ ކަމެއް ނޯންނާނެއެވެ. އާދަނު ހިތަށް އެރިއެވެ. ބުނެފާނަމެވެ. އާގުބޯޓު ކައިރިއަށް އާދަނު ދިޔައީ ކީއްކުރަންކަން އެންމެ ރަނގަޅަށް އެނގޭނީ ހަފީޒާއަށެވެ. 

"ހެޔޮކަމުގެ ބަދަލުގައި ތެޔޮހަމެއް ތި ދިނީ،" ދޮށީމަނިއްޕުޅު ވިދާޅުވިއެވެ. "ހިތަށް އަރާ އެހެން އެންމެންނާ އެކީގަ އާދަނު ވެސް މާލެފޮނުވައިލަންވީއޭ. އަށިގެއަށޭ ލާންވީ. އާދަނު އޮންނަންވީ ތަނަކީ ހަމަ އެއީއޭ. އާދަނު އެ ތަނުން ސަލާމަތް ކުރެވުނުކަން އެއީ އަހަރެންގެ މޮޔަކަމޭ. ދެން ހިތަށް އެރީ، އާދަނުގެ ހެޔޮކަމުގެ ބަދަލު އަހަރެން ދޭނީ ހެޔޮކަމަކުންނޭ. ގޮސް ބޭރުގަ އޮތް ޖިޕަށް އަރާ. އެ މީހުން އާދަނު ގެއަށް ގެންގޮސްދޭނެ. ދޭ!"

އާދަނު ހުރި ފިޔަވަޅު މަތީން ގުޑައި ވެސް ނުލިއެވެ. ނުކުރާ ކުށެއްގައި ބެދިގެން އެ ތަނުން ނުކުތުމަށް ވުރެ އަށިގޭގައި ބަންދުވުން ވެސް އާދަނުގެ ހިތަށް މާ ފަސޭހައެވެ. އާންމު ގޮތެއްގައި އާދަނަކީ ރައްދުދޭ މީހެއް ނޫނެވެ. އެހެނަސް އެ ފަހަރު އެއްޗެއް ބުނަން މަޖުބޫރުވިއެވެ. 

"އަށިގެއަކީ އަޅުގަނޑު ބިރުގަންނަ ތަނެއް ނޫން. ދުއްރައަކީ އަޅުގަނޑު ބިރުގަންނަ އެއްޗެއް ވެސް ނޫން. މަނިއްޕުޅަށް އެ ކަން އެނގިވަޑައިގަންނަވާނެ،" އާދަނު ބުންޏެވެ. "އަޅުގަނޑު ބިރުގަތީ މަނިއްޕުޅަށް ކަމެއް ވެދާނެތީ. ހަފީޒާއަށް ކަމެއް ވެދާނެތީ. މަނިއްޕުޅަށް ހަމަލައެއް ދޭން ރޭވި އިރު އަޅުގަނޑަށް ހުރެވުނީ އަޑު އިވޭ ހިސާބުގަ. އެ ކަން އެނގުނު ވަގުތުން ފެށިގެން..."

އާދަނަށް ބުނެވުނީ އެ ހިސާބަށެވެ. 

"ތި ބުނަނީ ތެދެއް ނަމަ އާދަނު ކީއްވެ އަހަންނަށް ފިލައިގެން އުޅުނީ؟" ދޮށީމަނިއްޕުޅު ވިދާޅުވިއެވެ. "މިހާރު ޔަގީންވެއްޖެ ހަވީރު ދަނޑު ކައިރިން ވެސް އަހަންނަށް ފެނުނީ އާދަނުކަން. ގައިމު އަހަރެން ގާތުގަ ތި ވާހަކަ ބުނެވުނީހެއްނު. ނޫނީ ހަފީޒާ ގާތު ތި ވާހަކަ ބުނެވުނީހެއްނު."

އާދަނަށް ބަލައިލެވުނީ ހަފީޒާއަށެވެ. ހަފީޒާ އިސްޖަހައިލިއެވެ. 

"އާދަނު ބުނި،" ހަފީޒާ އެއްބަސްވިއެވެ. "އަހަރެން ބުނީމެއްނު މިރޭ ގަމަށް ނުގޮސް ވާނެ ގޮތެއް ނޯންނާނެހޭ ވެސް. އެކަމަކު ނަސީބެއްނު ގަމަށް ދެވުނުކަން. އެހެން ނޫން ނަމަ އަހަރުމެން ތިބޭ ތަން ރޯކޮށްލަން އާދަނަށް މާ ފަސޭހަވީސް."

އާދަނަށް ހީވީ ހިތަށް ވަޅިއެއް ހަރާފައި، މަތިން ތިރިއަށް ހިންގައިލި ހެންނެވެ. ނާރުތައް ބުރިބުރިވެގެންދިޔަ ކަހަލައެވެ. ހަފީޒާ ނުލިބުނަސް އާދަނަށް ދިރިހުރެވުނީހެވެ. އެހެނަސް ހަފީޒާގެ ދުލުން އެ ފަދަ ތުހުމަތެއް ކުރުމުން އާދަނުގެ ފައި ދަށުން ބިންގަނޑު ހެލިގަތް ކަހަލައެވެ. ދޮށީމަނިއްޕުޅު ފުރޮޅުލީގޮނޑި އަނބުރައިލައްވާފައި ދޮރާ ދިމާއަށް މިސްރާބު ޖެއްސެވިއެވެ. 

"އާދޭ ހަފީޒާ!" ވަޑައިގަންނަވަމުން މަނިއްޕުޅު ވިދާޅުވިއެވެ. "މީހުން މި އެނގެނީ އެއް އޮޑިން ދަތުރުކޮށްލީމަ."

މަނިއްޕުޅު ވަޑައިގަތީއެވެ. އެތެރެއަށް ވަނުމުގެ ބަދަލުގައި ހަފީޒާ ޖެހިލީ ކުރިޔަށެވެ. 

"އަހަރެން އާދަނަށް ހާދަ އިތުބާރެއްކުރީމޭ!" މަޑުމަޑުން ހަފީޒާ ބުންޏެވެ. "އަހަރެން ހިތަށް އަރާ އެއްޗެއް ބުނަންތަ؟ ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށް. އަހަރެން މަތިން ދެން ހަނދާން ނައްތާލާ! ރަނގަޅީ އަހަންނަށް ފެންނަ ހިސާބަށް ވެސް އާދަނު ނައިއްޔާ!"

އެތެރެއަށް ވަންނަން ހަފީޒާ ހިނގައިގަތެވެ. ދިފާއުގައި އެއްޗެއް ބުނަން އާދަނަށް ފުރުސަތު ނުދީއެވެ. އާދަނު ހިތަށް އެރިއެވެ. ހަނދާން ނައްތައިލަން ހަފީޒާ ބުނި އިރު، ހަނދާން ނައްތައިލާނެ ގޮތެއް ހަފީޒާ ބުނެދީފައި ދިޔަ ނަމައެވެ. ހިތުގައި ލިޔެވިފައިވި ރީތި ފޮޅުވަތްތަކާއި ބިންވަޅު ކެނޑިފައިވި ފުން ފިޔަވަޅުތަކާއި ފަވައިލެވިފައިވި ނަލަ ކުލަތައް ފުހެލަދީފައި ދިޔަ ނަމައެވެ. އަދި އެއް ފަހަރު އެނބުރި ބަލައިލި ނަމައެވެ. ދެން ނުފެނިދާނެ ކަމުގެ ރިހުން ތަންކޮޅެއް ލުއިކޮށްލައިދިން ނަމައެވެ. ގުޅުން ކަނޑައިލި ނަމަވެސް އާދަނު ކުށްވެރި ނުކުރި ނަމައެވެ. އާދަނަށް ރޮވިއްޖެ ނަމަ، ހުއްޓައިލަން ދައްކާނެ ކޮންމެވެސް ބަހަނާއެއް ބުނެލަދީފައި ދިޔަ ނަމައެވެ. ފަސްއެނބުރި ބަލައި ވެސް ނުލައި ހަފީޒާ ދިޔައީއެވެ. އެތެރެއަށް ވަދެފައި ދޮރު ލެއްޕިއެވެ. ތަނަށް ހަމަހިމޭންކަން ވެރިވިއެވެ. އެކަނިވެރިކަން ހަ ފަރާތުން އައިސް އާދަނު ފިއްތައިލިއެވެ. ނޭވާ ހާސްވެގެން ގަދަކަމުން އާދަނު ނޭވައެއް އެތެރެއަށް ދަމައިލިއެވެ. އަލުން ބޭރަށް ނޭވާލުމުގެ ބޭނުމެއް އާދަނަކަށް ނުވިސްނުނެވެ. ދިރިހުރުމުގެ ބޭނުމެއް ވެސް ނުވިސްނުނެވެ. އާދަނު ހިތަށް އެރިއެވެ. ހަފީޒާ އުފާ ވަނީ އަހަންނާ ގުޅުން ކަނޑައިލީމައި ކަމަށް ވާ ނަމަ އެ އުފާ ވެސް ހަފީޒާއަށް މިންވަރު ކުރައްވާށިއެވެ. 

"އާދަނާ!" މީހަކު ގޮވައިލި އަޑުއިވުނެވެ. 

ވިސްނައިލި އިރު އާދަނަށް ހުރެވުނީ މަގުމަތީގައެވެ. ވަށައިގެން އޮތީ އަނދިރިކަމެވެ. ހަފީޒާ ހުރި ގެއިން ނުކުމެވުނު ކަމެއް، މަގުމަތިން ހިނގާފައި ދެވޭ ކަމެއް އާދަނު ނުދެނަހުއްޓެވެ. ރަޝީދު އިން، މަތި ނެތް ޖިޕު އާދަނާ އެއްވަރަށް ދުއްވާފައި އާދެއެވެ. 

"ހާދަ އިރެއްވެއްޖޭ އާދަނަށް ގޮވާތާ،" ރަޝީދު ބުންޏެވެ. "މިޔަށް އަރާ! ތި ދަނީ ވަލަށް. މި ތާ ތިހެން އެކަނި ހިނގުން މަނާވާނެ. މި ވެރިން ބަޑި ވެސް ޖަހާފާނެ."

އާދަނު ވިސްނައިލާފައި ޖިޕަށް އެރިއެވެ. 

"އެކަމަކު މަރުވެފަ ހުރި މީހަކު ދެވަނަ ފަހަރަކަށް މަރެއް ނުވާނެ،" އާދަނު މަޑުމަޑުން ބުނެލިއެވެ. "ރަޝީދު މާދަން ވެސް އަހަރެންގެ ޚަބަރު ބަލައިލައްޗޭ!"

"އެއީ ކީއްވެ؟" ރަޝީދު ހައިރާންވެފައި އެހިއެވެ. 

"އަހަރެން ބޭނުމެއް ނޫން ގަޔަށް ހިނި އަރަންދެން ފަސްމަތީގަ އޮންނާކަށް." އާދަނު ބުންޏެވެ. 

"ވަރުބަލިވެގެން ގޮސް ކަލޭ ތިހިރީ ކިޔޭނުކިޔޭ އެއްޗެއް ނޭނގޭ ހިސާބުގަ،" ރަޝީދު ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "ގެއަށް ގޮސް ރަނގަޅަށް ނިދާލާ!"

އާދަނު ހިތަދޫއަށް ދިޔައީ ބާރަށް ދުވާ އުޅަނދެއްގައެވެ. އެކަމަކު އުޅަނދުގެ ދުވެލި ބާރެއް ނުކުރެއެވެ. ކަނޑުގަދަ ކަމުންނެވެ. ހީވަނީ ފުސްގަނޑެއް ބޯމަތިވާ ހެންނެވެ. އެހެނަސް ކަނޑުމަޑުވާކަށް، ދަތުރު އަމާންވާކަށް އާދަނު ދުއާއެއް ނުކުރެއެވެ. ކަނޑަށް ފުންމައިލަން ދެ ފަހަރަކު ހިތަށް އެރިއެވެ. ފުންމައިލަން މަސައްކަތް ނުކުރެވުނު ސަބަބެއް އާދަނަކަށް ނޭނގެއެވެ. ގޮނޑީގައި އިށީން ގޮތަށް، ތެދުވަން ބޭނުން ނުވެފައި އާދަނަށް އިނދެވުނީއެވެ. 

ރަށަށް ފޭބި ގޮތަށް މިސްކިތާ ދިމާއަށް އާދަނު މިސްރާބު ޖެހިއެވެ. ހަޔާތުގެ އުސްހަނި މަގުގައި ސާބިތުވެ ހުރުމަށް ޓަކައި ހިފަހައްޓަން އާދަނަށް ފެނުނު ހަމަ އެކަނި ވަލަކީ އެއީއެވެ. ހަޔާތުގެ ފުރަތަމަ މަދަދުގާރާއި ފަހު ދަރުބާރަކީ ވެސް އެއީއެވެ. ވުލޫކޮށްގެން މިސްކިތަށް އެރި އިރު އެކަކު ވެސް ނެތެވެ. ކުޑަކުޑަ މިސްކިތެކެވެ. ދެ ބައްތީގެ ތެރެއިން އެއް ބައްތީގެ ހުޅުކޮޅު ހުރީ ވަޔާ ހެދިލިހިލިހިއެވެ. ކުޑަދޮރުގެ ދޮރުފަތް ލެއްޕިލެއްޕިފައި ހުޅުވެއެވެ. ވަކަރުގައި ހުރި މޮހޮރުތަކުގައި އެލުވާފައިވާ ތަސްބީހަތައް ވަޔާ ހެލިހެލި ހުއްޓެވެ. ތަން ކިތަންމެ އަނދިރިޔަސް އާދަނަށް އެއް ކަމެއް ކަށަވަރެވެ. އެ ތަނުގައި ވަނީ އާދަނު އެކަންޏެއް ނޫނެވެ. އާދަނަކީ ދީނުގެ ރުކުންތަކުގައި ގަދަޔަށް ހިފަހައްޓާ، އަގީދާ ވަރުގަދަ މީހެކެވެ. އެ ކަހަލަ މީހުން ދުވަހަކު ވެސް އެކަންޏެއް ނުކުރައްވާނެއެވެ. މަދަދުން މަހުރޫމެއް ވެސް ނުކުރައްވާނެއެވެ. އެ ޔަގީންކަމާ އެކުގައި އާދަނު ދުއާއަށް ދެއަތް ނެގިއެވެ. 

"މި އަޅާއަށް ކެތްތެރިކަން ދެއްވަވާ!" އާދަނު ހިތާހިތުން ބުނެލިއެވެ. "ތިޔަ އިލާހުގެ މަތިވެރި ދަރުބާރުގަ މި އަޅާ މި ދަންނަވަނީ އެންމެ އާދޭހެއް. ކުފުރު މަރަކުން މި އަޅާ ސަލާމަތް ކޮށްދެއްވާ! ދިރިހުންނާނެ ހިތްވަރު ދެއްވާ! މި ހަތަރު ފާރުން ނުކުންނަން ހުރި ހުރިހައި މަގެއް ބަންދުކޮށް ދެއްވާ!"

އޭރު ވާރޭ އަންނަ އަޑު އާދަނަށް އިވެއެވެ. ހީވަނީ ރޭޒާފުއްތަކެއް އޮހެމުންއަންނަ ހެންނެވެ. އަޑު ކައިރިވަމުން އައިސް ބޮޑުތިކި ވާރޭގެ ރާޅެއް މިސްކިތު ފުރާޅަށް ބިންދައިލިއެވެ. ޓިނުތަކުން ހިރަފުހާއި ދަބަރު ހިލިގެންދިޔައެވެ. އާދަނެއް ނުސިހެއެވެ. ސަމާލުކަމެއް ނުގެއްލެއެވެ. އަތެއް ނުމެ ތިރިކުރޭމެއެވެ. 

"މި އަޅާގެ ހިތް ހުއްޓުމުން ސަލާމަތް ކުރެވޭނެ ހަމަ އެކަނި މަދަދުގާރަކީ ތީ،" އާދަނު ބުންޏެވެ. "ހިތްވަރު ދެއްވާ! ހިމާޔަތް ކޮށްދެއްވާ! ސާބިތު ކޮށްދެއްވާ!"

އާދަނު ހަމްދުއެޅިއެވެ. 

"އާމީން!" ފަހަތުން މީހަކު ބުނި އަޑުއިވުނެވެ. 

އާދަނު ބަލައިލި އިރު އިސްކޮޅުން ކުރު، މުސްކުޅިއަކު މިސްކިތް ތެރޭގައި ހުއްޓެވެ. އޭނަ ގައިގެ އެންމެ ތަންކޮޅެއް ވެސް ނުތެމެއެވެ. ލައިގެން ހުރީ ހުދު މުންޑަކާއި ތަންކޮޅެއް ބޮޑު ގަމީހެކެވެ. ބޮލުގައި ހުދު ފޮށައެއް އޮޅާފައި އޮތެވެ. ތުނބުޅިމަތިމަސް ދިގުވެފައި ހުދެވެ. 

"ތީ ކާކު؟" އާދަނު ސުވާލުކުރިއެވެ. 

"މުދިމު،" ވެހެމުންދިޔަ ވާރޭގެ އަޑުން ފުރޭނޭ ވަރަށް އޭނަ ބުންޏެވެ. "އެ ކޮއި ހިތްވަރުދެރަ ނުކުރޭ! އިރާދަކުރެއްވިއްޔާ ތިޔަ މުސީބާތުން މާތް ރަސްކަލާނގެ އެކޮއި ސަލާމަތް ކޮށްދެއްވާނެ."

"ބޭބެއަށް ކިހިނެއް އެނގުނީ އަހަންނަށް މުސީބާތެއް ކުރިމަތިވެގެން އުޅޭކަން؟" އާދަނު އެހިއެވެ. 

"އެހެން ނޫން ނަމަ ތި އުމުރުގެ ކުއްޖަކު، މި ކަހަލަ ވަގުތެއްގަ، މި ތާކު ނީންނާނެ،" މުދިންބެ ބުންޏެވެ. "ބޭބެ އެ ތާ ދާލަ މަތީގަ އިންދާއޭ އެކޮއި މިސްކިތަށް ވަނީ. ނުވެސް ފެނުނެއްނު. ހުރޭ! އެބަ އަންނަން."

މުދިންބެ ގޮސް މިހުރާބުގެއަށް ވަނެވެ. އެ ތަނުގައި ހުރި ފޮށްޓެއްގެ ދަށުން، ފަތްޖަހާފައިވާ ކަރުދާސްގަނޑެއް ދަމައިގަތެވެ. އެލުވާފައި ހުރި ދެ އަތްބައްތީގެ ތެރެއިން އެއް ބައްތި ނެގިއެވެ. ބައްތި ގެންގޮސް މިސްކިތު ފާރު ކައިރީގައި ބެހެއްޓިއެވެ. 

"އެ ކޮއި އާދޭ މި ތަނަށް،" މުދިންބެ އެދުނެވެ. "މި ފާރުގަ ލެނގިލައިގެން އިންނަން މާ ފަސޭހަވާނެ."

އާދަނު އިރުކޮޅަކު ބަލަން އިނދެލާފައި ގޮސް ފާރު ކައިރީގައި އިށީނެވެ. މުދިންބެ ދިއްކޮށްލި ކަރުދާސްގަނޑުގައި ހިފިއެވެ. 

"ވާރޭ ހުއްޓާލަންދެން ތި ކިޔަން އިނދޭ!" މުދިންބެ އެދުނެވެ. 

އާދަނު ވަރަށް ފަރުވާތެރިކަމާ އެކު، އެ ބާވެފައިވާ ކަރުދާސްގަނޑު ނިއުޅުވައިލިއެވެ. އޭގައި އޮތީ އަރަބިން، ވަރަށް ރީތިކޮށް ލިޔެފައިވާ ކުރު، ތިން ދުއާއެވެ. ދެތިން ފަހަރަކު ކިޔައިލުމާ އެކު އާދަނަށް ތިން ދުއާ ހިތުދަސްވެއްޖެއެވެ. ވީމާ ފާރުގައި ލެނގިލިއެވެ. ވާރޭ ހައްތަހާ ބޯކުރިއެވެ. ދުއާ ކިޔުނީ ކިތައް ފަހަރު ކަމެއް އާދަނަކަށް ނޭނގެއެވެ. 

ލޯ ހުޅުވުނު އިރު ވެސް އާދަނަށް އިނދެވުނީ މިސްކިތު ފާރުގައި ލެނގިލައިގެންނެވެ. ކުރިމަތީގައި ބައްތި ނިވިފައި ހުއްޓެވެ. އާދަނު ގެންގުޅުނު ކަރުދާސްގަނޑު ފެންނާކަށް ނެތެވެ. ވާރެއެއް ނުވެހެއެވެ. ފެންތިކި ޖަހާ އަޑުއިވެއެވެ. ދެން އިވެން ފެށީ ފަތިސްނަމާދުގެ ބަންގިއެވެ. އާދަނު ބަލައިލި އިރު، ޔަގީނުން ވެސް އެ މުދިންބެއަކީ އާދަނާ ދިމާވި މުދިންބެއެއް ނޫނެވެ. (ނުނިމޭ)