(އާދިއްތަ ދުވަހާ ގުޅޭ)

"ހަމަ ގެންދާ ގޮތަށް ވަލަށް ވައްދާނީ." ތިންވަނަ މީހަކު ބުންޏެވެ. 

އެ ވަގުތު ކޮންމެވެސް އަޑެއް އިވިގެން އެ މީހުން ދައްކަމުންގެންދިޔަ ވާހަކަ ހުއްޓައިލިއެވެ. އާދަނު ހަމަ އިން ތަނުގައި، ވެގެން ވަންޏާ ނޭވާ ވެސް ނުލައި އިނީއެވެ. ވަލު ތެރޭގައި ތިބި މީހުންތަކުގެ ތެރެއިން އެކަކު އަތިރިމައްޗަށް ނުކުތެވެ. މޫދު ކައިރިއަށް ދިޔައެވެ. އޭނަ ފަހަތް ބަލައިލި ނަމަ، އެއްވެސް ހުރަހެއް ނެތި އާދަނު ފެނުނީހެވެ. 

"އޭ އާދެބަލަ!" މޫދު ކައިރީގައި ހުރި މީހާ ގޮވައިލިއެވެ. 

ދެން ތިބި މީހުން ވަލު ތެރެއިން ނުކުތެވެ. އެންމެން މޫދު ކައިރީގައި ތިބިގެން، ދުރުން ފެންނަ އެއްޗަކަށް އިޝާރާތް ކޮށްކޮށްފައި ވާހަކަތަކެއް ދެއްކިއެވެ. އާދަނު މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް ވަލު ތެރެއަށް ވަދެ ފިލީއެވެ. 

ދެކުނުގެ ތިން އަތޮޅުގައި އުފެދިގެން އުޅޭ ފިތުނައަށް ދަރުއަޅަނީ ގަމުގައި ތިބި އިނގިރޭސި ސިފައިންގެ ބައެއް ވެރީންނެވެ. ހާއްސަކޮށް މޭޖަރު ފިލިޕްސްއެވެ. ދިވެހި ދައުލަތާ ދެކޮޅަށް ބަގާވާތްތެރިން ކުރާ ޖަލްސާތަކުގައި ފިލިޕްސް އާއި އާރުއޭއެފްގެ ވެރިޔާ ބައިވެރިވެއެވެ. ބައެއް ފަހަރު ސިއްރުންނެވެ. އަނެއްބައި ފަހަރު ފާޅުގައެވެ. ދޮށީމަނިއްޕުޅު ގަމަށް ވަޑައިގެންނެވީ އެ ކަމުގެ ހަގީގަތް ސާފުކުރެއްވުމަށް ދިވެހި ސަރުކާރުން ބޭނުންފުޅުވެގެންނެވެ. މަނިއްޕުޅު ހުންނަވަނީ ހިތަދޫގައެވެ. އާދަނު ހުރި ރަށަކީ ވެސް އެއީއެވެ. 

ދުވަހުގެ މެންދުރުއްސުރެ އާދަނު މަސައްކަތްކުރީ ހިތަދޫ މީހެއްގެ ލޮލުގައި އަޅައި ނުގަންނަ ގޮތަކަށް ދޮށީމަނިއްޕުޅާ ބައްދަލުކުރާށެވެ. މަނިއްޕުޅުގެ ދެކަނބަލުން ގަމަށް ވަޑައިގަތުން ހުއްޓުވޭތޯއެވެ. އެއީ އާދަނު ހީކުރި ހައި ފަސޭހަކަމަކަށް ނުވިއެވެ. ދޮށީމަނިއްޕުޅަށް ދުރުންނާއި ގާތުން ފާރަލާ ލޯތައް ވަރަށް ގިނައެވެ. މީހަކު ފޮނުވައިގެން މަނިއްޕުޅަށް އިޝާރާތެއް ކުރަން ބެލި އިރު ވެސް އާދަނަށް އިތުބާރު ކުރެވޭ ވަރުގެ މީހަކު ނުފެނުނެވެ. ބައެއް ފަހަރު އާދަނު ހިތަށްއަރައެވެ. އެ ކަންތައްގަނޑުގެ ތެރެއަށް އާދަނު ނުވަންނަންވީއެވެ. އާދަނާ ކޮން ބެހޭ ކަމެއް ހެއްޔެވެ؟ އިރުއިރުކޮޅާ ދޮށީމަނިއްޕުޅު ސަލާމަތްކުރަން އާދަނަކީ މަނިއްޕުޅުގެ ހަށިފާރަވެރިޔާއެއް ނޫނެވެ. އެކަމަކު މަނިއްޕުޅަށް ބޮޑު އަނިޔާއެއް ވެއްޖެއްޔާ އެންމެ ދެރަވާނީ ކާކު ހެއްޔެވެ؟ އާދަނުގެ އަމިއްލަ ހިތާ އެ ސުވާލުކުރުމުން ކުޅިބަލަން ހުންނާކަށް އާދަނު ހިތްހަމައެއް ނުޖެހެއެވެ. 

ހަވީރު ހިތަދޫގައި ބަށިމެޗެއް އޮތެވެ. ޝަރަފުވެރި މެހުމާނަކީ ހަފީޒާއެވެ. އެއީ ވެސް ދޮށީމަނިއްޕުޅުގެ ލޮލުގައި ބަޔަކު އެޅުވި ކުލަގަދަ އަނދުނެކެވެ. ދިވެހި ސަރުކާރަށް އޮތް ތާއީދު ދެއްކުމަށް ޓަކައެވެ. ކުޅިބަލަން ކަމަށް ހެދިގެން އާދަނު ވެސް ދިޔައެވެ. އާދަނު އުޅުނީ މަނިއްޕުޅަށް ފިލައިގެންނެވެ. އާދަނު ފެންނަ ވަގުތު އާދަނު ގާތަށް މަނިއްޕުޅު ވަޑައިގެންފާނެތީއެވެ. މަނިއްޕުޅަށް ފާރަލާ މީހުން ބައެއް ފަހަރު މަނިއްޕުޅުގެ ވަރަށް އަރިހުގައި ވެސް ތިއްބަވައެވެ. 

މެޗު ފެށުނުތަނާ ދޮށީމަނިއްޕުޅާއި ހަފީޒާއަށް ކުރުނބާ ގެނެސްދިން ތަން އާދަނަށް ފެނުނެވެ. ހަފީޒާ ކުރުނބައެއް ނުބޮއެވެ. އަތް ވެސް ނުލައެވެ. މަނިއްޕުޅެއް ވެސް ނުބައްލަވައެވެ. އެއިން އާދަނަށް ވަރަށް ފުން މާނައެއް ދޭހަވިއެވެ. ކުރުނބާ ގެނެސްދިން މީހާ ދެން ކަންތައް ކުރި ގޮތް ވެސް އާދަނު ބެލިއެވެ. އޭނަ ދިޔަ ގޮތަށް އެ ތަނުން ނުކުމެގެން ދިޔައީއެވެ. ފަހަތުން އާދަނަށް ދެވުނު ނަމަ އިތުރު ކަންތައްތަކެއް އެނގުނީހެވެ. އެހެނަސް އާދަނު ކުރަންޖެހޭ އެހެން ކަމެއް އޮތެވެ. 

ބަށިމެޗު ފެށިގެން ގޮސް ނިމުނު އިރު ވެސް އާދަނަކަށް ރަނގަޅު ދަނޑިވަޅެއް ނުލިބުނެވެ. ދޮށީމަނިއްޕުޅަށް ނުފެނި ހަފީޒާއަށް އިޝާރާތެއް ކުރެވޭތޯ ވެސް އާދަނު ލައްކަ މަސައްކަތްކުރިއެވެ. އެކަމަކު އާދަނު ހުރި ދިމާއަކަށް ހަފީޒާ ނުބެލިއެވެ. އެކި ދިމަދިމާއަށް އާދަނު ދިޔައެވެ. އެއް ފަހަރު ހަފީޒާ ބަލައިލި ހެން ހީވެގެން އާދަނު ހަނާއަޅައިލިއެވެ. ހަފީޒާއަކަށް ނުފެނުނެވެ. 

މެޗު ނިންމައިފައި ސައި އޮތެވެ. ހުރީ އިނގިރޭސީންގެ ކޭކާއި ބިސްކޯދެވެ. ކުރުނބަ އާއި، ލުނބޯހުތުފަންޏެވެ. ސައި އޮންނަ ވާހަކަ އިއުލާނުކުރި ނަމަވެސް ސަޔެއް ނެތެވެ. ހަކުރުގެ ދަތިކަން ސައިމޭޒުމަތީން ސާފުކޮށް އެނގެއެވެ. އައްޑޫބޮނޑިއެއް، މެޓާގަނޑެއް، ފޮނިބޯކިބާކޮޅެއް ވެސް ނެތެވެ. ސަޔަށް އިންސާފުކުރުމާއި މީހުންނަށް ތައާރަފުވުމުގައި މާހައުލު ހަލަބޮލިވި ވަގުތު ހަފީޒާގެ ސަމާލުކަން އާދަނު އަތުލިއެވެ. އާދަނު ފެނުމުން ހަފީޒާ ދިޔައީ ސިއްސައިގެންނެވެ. މީހުންގެ ފަސްފަހަތުން އައިސް އާދަނު ހުރީ ހަފީޒާޔާ ދެތިން ފޫޓު ގާތުގައެވެ. ދޮށީމަނިއްޕުޅު އެ ވަގުތު ހުންނެވީ ދުރުގައި ބަޔަކާ ވާހަކަ ދައްކަވާށެވެ. 

"އައިސްބަލަ!" ބޮލުގެ އިޝާރާތުން އާދަނު ބުންޏެވެ. 

ހަފީޒާގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސައިލި ހެންނެވެ. އާދަނާ ގާތަށް އައުމުގެ ބަދަލުގައި ހަފީޒާ ޖެހިލީ ދުރަށެވެ. ވީ ގޮތް އާދަނަށް ވިސްނުނެވެ. އެންމެ ފަހުން ހަފީޒާއާ ދިމާވި ދުވަހު ކަންތައް ހިނގި ގޮތް އާދަނު ހަނދާނެއް ނުނެތެއެވެ. އަނެއްކާ ވެސް އެތައް މަސައްކަތަކުން ހަފީޒާއަށް އަޑުފޯރާ ހިސާބަށް އާދަނު ދިޔައެވެ. ދަނޑިވަޅު ވަރަށް ރަނގަޅެވެ. ހަފީޒާ ގާތަކު އެކަކު ވެސް ނެތެވެ. އާދަނު ހުރީ ހަފީޒާއަށް ފުރަގަސްދީގެންނެވެ. މީހަކު ދުރުން ބެލިޔަސް ދެ މީހުން ވާހަކަ ދައްކާކަން ނޭނގޭ ގޮތަށެވެ. 

"އަހަރެން ދައްކާ ވާހަކަ އަޑުއަހާލަބަލަ!" އާދަނު ބުންޏެވެ. 

ސިއްސައިގެންގޮސްފައި ހަފީޒާ ފުރަތަމަ ބަލައިލީ ފިރިމީހާ ކޮބައިތޯއެވެ.

"އާދަނު ކީއްވެ އަހަންނަށް ފާރަލަނީ؟" ހަފީޒާ އެއްސެވެ. 

"އަހަރެން ހީކުރީ އަހަންނަކީ ވަރަށް ކެރޭ މީހެއް ކަމަށް،" އާދަނު މަޑުމަޑުން ބުންޏެވެ. "އެކަމަކު ތި ކަން ކުރާކަށް ނުކެރުނު. އަހަރެން މި ރަށަށް އައި އިރު ހަފީޒާއެއް ނާދޭ! ތެދަށް ބުނަންޏާ، އަހަރެން ބޭނުމެއް ނޫން ހަފީޒާއަށް ފެންނާކަށް ވެސް."

"ދެން ކީއްކުރަން އާދަނު މި ރަށަށް އައީ؟" ހަފީޒާ ސުވާލުކުރިއެވެ. 

ބޭސްކުރަން،" އާދަނު އިސްޖަހާލައިގެން އިނދެ ބުންޏެވެ. "މާ ގިނަ ވާހަކަ ދައްކާކަށް ވަގުތެއް ނެތް. ފިރިމީހާއަށް ނަންގަނޭ މިރޭ ގަމަށް ވަޑައިނުގަންނަވާށޭ! ބަޔަކު އެބަ އުޅޭ.."

"އެކަނިމާއެކަނި މާ ދުރުގަ ތި ހުންނަނީ ކީއްވެ؟" ދޮށީމަނިއްޕުޅުގެ އަޑު އާދަނަށް އިވުނެވެ. 

އާދަނު ކުރިޔަށް ހިނގައިގަތެވެ. ފަސްއެނބުރި ބެލުމެއް ނެތިއެވެ. ހަފީޒާ ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. އާދަނު ބުނި ވާހަކަ ފިރިމީހާ ގާތުގައި ބުނާނެ ގޮތެއް ވެސް ހަފީޒާއަކަށް ނުވިސްނުނެވެ. ގެއަށް ދަނިކޮށް ކަތީބު ގެއިން ސަޔަށް ދައުވަތު ލިބުނެވެ. އެ ގޭގައި އިންދައި އެހެން ގެއަކުން ދައުވަތު ލިބުނެވެ. ދެން ވެސް ދައުވަތެއް ލިބުނެވެ. އެހެނަސް، ވަގުތު ނެތުމުގެ ސަބަބުން އެ ދައުވަތު ގަބޫލުނުކޮށް ގެއަށް އައީއެވެ. 

"ހާދަ ވަރުބަލިވެއްޖޭ!" ގެއަށް ވަދެފައި ހަފީޒާ ބުންޏެވެ. "އަދި މިރޭ ގަމަށް ދާންޖެހޭ ދޯ؟"

"އާނ! މި ދަތުރުގެ ބޭނުމަކީ އެއީ،" ދޮށީމަނިއްޕުޅު ވިދާޅުވިއެވެ. "އޭ! އާދަނު މި ރަށުގަ އެބަ އުޅޭތަ؟"

ހަފީޒާ ހުއްޓުންއެރިއެވެ. ދޭނެ ޖަވާބެއް ނުވިސްނުނެވެ. 

"ކީއްވެ ކުއްލިއަކަށް..." ހަފީޒާއަށް ބުނެވުނީ އެ ހިސާބަށެވެ. 

"މިއަދު ދަނޑު ކައިރިން ފެނުނު މީހާ އާދަނާ ހާދަ ވައްތަރޭ،" މަނިއްޕުޅު ވިދާޅުވިއެވެ. "ގޮވާލަން ވެސް ހިތަށް އެރި. އެކަމަކު އާދަނު ނަމަ އަހަންނާ ބައްދަލުކުރީސް. އޭނައަކީ ވަރަށް ހަރުދަނާ، ރަނގަޅު މީހެއް."

ދޮށީމަނިއްޕުޅު ވިދާޅުވި އެއްޗަކުން އާދަނާ ބައްދަލުވި ވާހަކަ ބުނާކަށް ހަފީޒާއަކަށް ނުކެރުނެވެ. 

"މިރޭ ގަމަށް ނުގޮސް ވާނެ ގޮތެއް ނޯންނާނެތަ؟" ހަފީޒާ އެހިއެވެ. 

"ކީއްވެ ޓަސްލާފަ މާ އެހެން ގޮތަކަށް ތި ވާހަކަ ދައްކަނީ؟" ކުޑަކޮށް ހައިރާންވެވަޑައިގެންފައި މަނިއްޕުޅު ވިދާޅުވިއެވެ. "ހަފީޒާ ގަމަށް ދާ ހިތުން އުޅޭ ވަރުން ގޮވައިގެން މި އައީ ވެސް. މެންދުރުފަހު ވެސް ކިހާ ކެތްނުލަވައިގެން އުޅުނީ؟ ހަވީރު އަހަރެން އެހިން ވަރަށް ވަރުބަލިހޭ؟ ބުނީމެއްނު ނޫނެކޭ!"

"އެނގެޔޭ!" ނުތަނަވަސްކަމާ އެކުގައި ހަފީޒާ ބުންޏެވެ. "ހަމަ ކުއްލިއަކަށް އަހަރެންގެ ހިތް ތެޅެން ފެށީ. އެ ގޮތަށް ހިތް ތެޅެންޏާ ކޮންމެވެސް ދެރަކަމެއް ވާނެ. ބުނަންވީނު މާދަމާ ދުވާލަށް ބަދަލުކުރާށޭ!"

"އަމިއްލަ ކަމެއް ނަމަ ކެންސަލު ވެސް ކުރެވިދާނެ،" މަނިއްޕުޅު ވިދާޅުވިއެވެ. "ސަރުކާރު ކަމެއްގަ، ވަގުތު މިހާ ކައިރިވެފަ އޮއްވާ، ސަބަބެއް ނެތީސް ބަދަލެއް ނުކުރާނަން. ހާސްނުވޭ! އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ނުވާނެ. ބާރަށް ދުވާ އެއްޗެއްގަ އަހަރުމެން ބަލާ އަންނާނީ ވެސް އިނގިރޭސީން. އެ މީހުންގެ ބެލުމުގެ ދަށުގަ ތިއްބާ ކާކަށް ކީއްކުރެވޭނީ؟"

"ކަމެއް ވާންވެއްޖެއްޔާ އޮންނާނީ ވެފަ." ހަފީޒާ ބުންޏެވެ. 

"ތީ ތެދެއް. ކޮންމެ ތާކު ތިއްބަސް، ވާން އޮތް ކަމެއް ވާނެ،" މަނިއްޕުޅު ވިދާޅުވިއެވެ. "ހިނގާ ތައްޔާރުވަމާ! އިނގިރޭސީން ގަޑިއަށް ވަރަށް ކަމޭހިތާނެ."

ގަޑިން ރޭގަނޑު އަށެއް ޖަހަނީއެވެ. ހަފީޒާ ގޮވައިގެން ދޮށީމަނިއްޕުޅު ފާލަން ދޮށަށް ވަޑައިގަތް އިރު، ރަށުގެ އެހެން ހިސާބަކަށް ރައްޔިތުން ޖަމާވަމުންއައެވެ. އެ ދެ މަންޒަރު ވެސް އާދަނަށް ފެނުނެވެ. އާންމު ގޮތެއްގައި، އަތޮޅުވެރީން ފޮނުއްވަވާ ސިޓީ ކިޔާނީ ހުކުރުދުވަހު ހުކުރުން ފައިބައިގެންނެވެ. އެހެނަސް، ކަމުގެ ބާވަތުން އާދަކާދަ ބަދަލުކޮށްލީއެވެ. ދޮށީމަނިއްޕުޅު ހިތަދޫގައި ހުންނަވަނިކޮށް ފިތުނައިގެ ހުޅުގަނޑު ބޮޑުކޮށްލުން ބަޔަކަށް ބުއްދިވެރިވީއެވެ. އާދަނު ހުރީ ކަނުލައި އަޑުއަހާށެވެ. ސިޓީގައި ކިއީ ތެޔޮދަމާ އިބްރާހިމްބެ ކިއި އެއްޗިއްސެވެ. އިތުރަށް ވީ ކަމަކީ ތަންކޮޅެއް ހަރުކަށިވުމެވެ. 

"ބިދޭސީންނަށް މަސައްކަތް ކޮށްދޭން ދިޔުން މަނާކުރުމުން ވެސް، ބައެއް މީހުން އެ ކަން ކުރަމުން ގެންދާތީ ދަންނަވަމެވެ. މީގެ ފަހުން އެ ކަން ކޮށްފި ނަމަ އެ މީހަކު މާލެ ގެނެސް ހަރުކަށި އަދަބު ދެވޭނެއެވެ. އަދަބުތަކުގެ ތެރޭގައި..."

އެ ހިސާބަށް ސިޓީ ކިއި ތަނައި ރައްޔިތުން ހަޅޭއްލަވައިގަތެވެ. މޫސަބޭބޭގެ ކޮއްކޮ ގޮސް ސިޓީ ޖަހައިގެންފައި ވީދައިލިއެވެ. އެ ތަނުގައި ހުރި ބިގަރު ތަޅައިލިއެވެ. 

"މަނިއްޕުޅު ގަމަށް އެ ދިޔައީ އިނގިރޭސީންނަށް އިންޒާރު ދޭން،" މޫސަބޭބޭގެ ކޮއްކޮ ހަޅޭއްލަވައިގަތެވެ. "އަހަރުމެން ކަނޑުމަތިން މި ކަން ނިންމާލާނީ. ހިނގާ ފުރަމާ!"

އެންމެން ހަޅޭއްލަވައިގަތެވެ. މޫސަބޭބޭގެ ކޮއްކޮގެ އިތުރުން ކަމުގައި އިސްކޮށް އުޅުނީ ކުދުމުހައްމާ އާއި ޢަބްދުﷲ ދީދީގެ ނަސީރާއި ދޮންދިޔަގެ މުޙައްމަދުދީދީ އާއި ޢަލީދީދީ އާއި އައްބެއްޔާގެ ތުއްތީދި އާއި ޢަބްދުލްމަޖީދުގެ ތުއްތީދި އާއި މުޙައްމަދު ސައީދެވެ. އެ ކަމުގައި ބައިވެރި ނުވާން އުޅުނު މީހުންގެ ގެ ތަޅައިލާނެ ކަމަށް ބުނެ ބިރު ދައްކައިގެން އެންމެން ބައިވެރިކުރުވިއެވެ. ކުޑަކުދީންނާއި އަންހެނުންނާއި ބަލިމީހުންނާއި މުސްކުޅީން ފިޔަވައެވެ. މި ކަން ހިނގަމުންދިޔަ އިރު، ރަށުގެ ވެރީން އެ ކަން މަނައެއް ނުކުރިއެވެ. (ނުނިމޭ)