(ބުދަ ދުވަހާ ގުޅޭ)

ދޮރުފަތާ ނިވާވެގެން މީހަކު ހުއްޓެވެ. އެ މަންޒަރު ބަލާކަށް އޭނައަކަށް ފަސޭހައެއް ނޫނެވެ. ކުރިމަތިން ފެންނަ އެކަކީ އޭނަގެ އަނބިމީހާއަށް ވެފައި އަނެކަކީ ހިލޭ ފިރިހެނަކަށް ވީތީއެވެ. އެހެނަސް މަނިއްޕުޅުގެ ކުރިފުޅުމަތީގައި ތަމުސީލުވަމުންދިޔައީ ހިތި ހަގީގަތެކެވެ. ލޯތްބަކީ އެކަކަށް ވެސް ބާރު ފޯރުވޭ ޖަޒުބާތެއް ނޫނެވެ. ލޯބިވެރިޔާއާ ކިތަންމެ ގާތުގައި ހުއްޓަސް އެ ލޯބި ނުލިބިދާނެއެވެ. ކައިވެނި ކުރިޔަސް، ބުނި ކޮންމެ ކަމެއް ކޮށްދިނަސްވެހެވެ. ކައިވެނިން ލިބޭނީ ހަށިގަނޑެވެ. ހިތް ފިޔަވައެވެ. މަނިއްޕުޅު ސިއްރުސިއްރުން ލައްޕަވަން އުޅުއްވި ދޮރު ލެއްޕުނު އަޑަށް އާދަނާއި ހަފީޒާ ސިއްސައިގެންދިޔައެވެ. އޭރު އެކަކުގެ ނޭވާ އަނެކަކަށް އިހުސާސް ކުރެވެއެވެ. ތެޅިގެންފައި ހަފީޒާ ދުވެފައި ގޮސް ދޮރުފޮތިގަނޑު ކަހައިލާފައި އެތެރެއަށް ވަނެވެ. ހިނގައިނުގަނެވުނީ އާދަނަށެވެ. އަމިއްލަ ނަފުސު ކުށްވެރިކުރާ ހާލުގައި، އިސްޖަހައިލައިގެން އާދަނަށް ހުރެވުނެވެ. ހިތް ބުންޏެވެ. މި ކުރެވުނީ ރަނގަޅު ކަމެއް ނޫނެވެ. ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. އާދަނުގެ އަގު އާދަނުގެ ފައިތިލަ ދަށުގައި ވެއްޔާމޮޑެވިއްޖެއެވެ.

އެ ތަނުގައި ހުރި ފަރުނީޗަރުތަކާއި ސިނާވަރު މާގަސްތަކާއި ދޮރާއި ދޮރުފޮތިގަނޑަށް ދާންދެން އާދަނަށް މަލާމާތްކުރި ކަހަލައެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަމުގެ އަޑު އާދަނުގެ ކަންފަތަށް ނުކުޅަދާނަވާ ވަރު ކުރިއެވެ. ބޭރަށް ނުކުންނަން އާދަނު ހިނގައިގަތެވެ. ދޮރު ހުޅުވުނު އަޑުއިވުނެވެ. އާދަނު ބަލައިލި އިރު ދޮރުމަތީގައި ދޮށީމަނިއްޕުޅު ހުންނެވިއެވެ. ހަމަހިމޭންކަމާ އެކުގައި އާދަނަށް ބަލަހައްޓަވައިގެންނެވެ. ކަމަކަށް ނަހައްދަވަން މަނިއްޕުޅު ބޭނުންފުޅުވި ނަމަވެސް މޫނުފުޅު އެ ފުރުސަތު ފަހިކޮށެއްނުދިނެވެ. 

"ދަނީ..؟" އަޑުބެދުމުގެ ސަބަބުން މަނިއްޕުޅު ވިދާޅުވި ލަފުޒުގެ ތިންވަނަ އަކުރު ރަނގަޅަކަށް ފާޅެއް ވެސް ނުވިއެވެ. 

"ރަނގަޅުވީހީ ނާދެވުނު ނަމަ.." ކުރެވުނު ކުށް ގަބޫލުކުރާ ކަހަލަ ރާގަކަށް އާދަނު ބުންޏެވެ. "އެކަމަކު އަޅުގަނޑުގެ ދެފައި އަޅުގަނޑު ބުނާ ގޮތެއް ނަހަދާ! އަޅުގަނޑުގެ ދެލޯ އަޅުގަނޑުގެ އަޑެއް ނާހާ! އަޅުގަނޑު މުޅީން ފަލީހަތްކޮށް ނިންމައިފި. މާފުކުރައްވާ! ހިތުންފިލުވާނުލެވޭ ވަރުގެ އަދަބެއް ދޭނަން. ދެނެއް މި ކުށް ތަކުރާރެއް ނުވާނެ."

"ޝުކުރިއްޔާ!" ދޮށީމަނިއްޕުޅު ވިދާޅުވިއެވެ. 

ކޯފާވުމުގެ ބަދަލުގައި ޝުކުރު އަދާކުރެއްވުމުން އާދަނު ހައިރާންވެގެން ބަލަހައްޓައިގެން ހުއްޓެވެ. 

"ހަފީޒާ އުފާވެފަ ހުއްޓާ ނުފެންނަތާ ވަރަށް ގިނަ ދުވަސްވެއްޖެ!" މަނިއްޕުޅު ވިދާޅުވިއެވެ. "އޭނަ އުފާ ކޮށްދޭން އަހަންނަށް ކުރެވުނު ހުރިހާ ކަމެއް ކުރާނަން. އާދަނު މި ގެއަށް ގެންނާކަށް އަހަރެން ބިރެއް ނުގަނޭ! ކީއްވެކަން އެނގޭތަ؟ އަހަންނަށް ހަފީޒާ އެނގޭތީ! އޭނަގެ ފަސްބަޔަކު ލަކެއް ނުހުންނާނެ."

"ތީ ހަފީޒާ ހައްގު ފިރިއެއް." އާދަނު ބުންޏެވެ. 

ދެން އެންމެ ސިކުންތަކު ވެސް އާދަނު މަޑެއް ނުކުރެއެވެ. ދިޔަ ގޮތަށް ދިޔައީއެވެ. ދޮރުފޮތިގަނޑު ބިއްދޮށުގައި ފެންކަޅިވެފައި ހުރި ހަފީޒާއަށް ހުރިހައި ވާހަކައެއް އަޑު އިވުނެވެ. އެ ދުވަހަކީ، ހިތުގެއަޑީން ފިރިމީހާ ބަލައިގަންނަން ހަފީޒާ ނިންމި ދުވަހެވެ. 

ހޫނުގަދަ މެންދުރުފަހެއްގެ އަވިގަދަ ވަގުތެކެވެ. ބޮޑު ފާރުން ބޭރުގައި ހުންނަ ޓެނިސްކޯޓު ކައިރީގައި ހުރި ހޮޅުއަށީގައި ލޯމަރާލައިގެން އާދަނު އޮތެވެ. މާލޭގެ ހަމަހިމޭންކަމާއި އެ ތަނުގައި ހުރި ގަސްތަކުގެ ހިޔަލާއި ކަނޑުން އަރައިގެން އަންނަ ރޯޅީގެ ސަބަބުން ލޮލަށް ލޮޑުކަން ލިބިގެނެއް ނޫނެވެ. 

"މީ ކިހިނެއްވީ ކަމެއް؟" ދޮންމަނިކު ބުނި އަޑުއިވުނެވެ. 

އާދަނުގެ ފައިދަށްފުށުން ހުރީ ފޮޅުނަގައިފައެވެ. ދޮންމަނިކު ހުރީ ފައި ކައިރީގައެވެ. 

"އެއީ އެހައި ކަމެއް ނޫން." ދޮންމަނިކަށް ބަލައިލާފައި އާދަނު ބުންޏެވެ. 

"ބަލާބަލަ އެހެރަ ލޮލެއް،" ބޯލާކޮޅުގައި ހުރި ދޮހޮއްކޮ ބުންޏެވެ. "ދޮގެއްތަ މަ ބުނީ؟ އަހަރެން ދުށީމޭ!"

"ކަލޭ ވެސް އެބަ ހުރިންތަ؟" އާދަނު ތެދުވެ އިށީންނަމުން ބުންޏެވެ. "ކޯޗެއް ކަލެޔަށް ފެނުނީ؟"

"އިރަށް ދޮންވެފަ އޮތް ޓިނުގަނޑެއް މައްޗަށް އަރާ، އިރަށް ބަލަހައްޓައިގެން ހުރި ތަން،" ދޮހޮއްކޮ ބުންޏެވެ. "އަފިހުން ކައިގެން ވެސް މީހަކު ތި ފާޑަކަށް ނޫޅޭ!"

"ބުނަންތަ ވާހަކައެއް،" އެކުވެރި ރާގެއްގައި އާދަނު ބުންޏެވެ. "މިހާރު މީ ހަމީދުގެ ދައުރެއް ނޫން. އިބްރާހީމްދީއާ ފާމުދޭރި ކިލެގެފާނުންގެ ދައުރު. ނާސިރު އެ ހުންނެވީ ސިފައިންގެ ވެރިޔަކަށް. ރަނގަޅު ވަޒީފާގަނޑެއް ލިބޭތޯ އެ ބޭފުޅުން އަރިހަށް ދޭބަލަ! އަހަންނަށް ފާރަލުމަށް ވުރެ މާ ރަނގަޅުވާނެ."

ދެ އެކުވެރިން އައިސް ހޮޅުއަށީގައި އިށީނެވެ. 

"ތި ވަޒީފާ ވެސް އެންމެ ފަސޭހައިން ލިބޭނީ އާދަނަށް،" ދޮންމަނިކު ބުންޏެވެ. "އާދަނު ވިއްޔަ ދޮށީމަނިއްޕުޅާ ރައްޓެހީ. އެ ވެސް ހާދަހާ މަތީ މަގާމެއް އަދާކުރައްވާ ބޭފުޅެކޭ. ނާސިރު ގައިކޮޅުގަ ކެރިގެން ބެއްދީ ވެސް އާދަނު. ދޫކޮށްލާށޭ ބުނުއްވީމަ ވެސް ދުލެއް ކުރީކީ ނޫން. ނާސިރު ބުނުއްވިޔޯ ކިޔާފަ އެހެން ދެ މީހަކު ވެސް އެ ވާހަކަ ބުނި. ސިފައިންގެއަށް ވައްދަން ނާސިރު ބޭނުންފުޅުވަނީ ހިތްވަރުގަދަ، ޒުވާނުންނޯ. އެއްޗެއްގެ ލިޔެފަ ސޮއި ވެސް ކޮށްފާނަން އާދަނު ގެންދާނެ."

"އެއީ އަހަރެން ހާދަ ވަންނަ ހިތްވާ ތަނެކޭ!" ވަރަށް ޝައުގުވެރިކަމާ އެކުގައި އާދަނު ބުންޏެވެ. "އޭރުން ވަރަށް ގިނަ ރަށްރަށަށް ދަތުރު ވެސް ކުރެވޭނެ. އަހަރެން ނުވޭ މާލޭގަ ހުންނަ ހިތެއް. އެބަ ޖެހޭ ބުރަކަށީގަ ބޭސްގަނޑެއް އަޅާލަން ވެސް."

"ހިތަކު ނޫން؟" މަލާމާތުގެ ރާގަކަށް ދޮންމަނިކު ބުންޏެވެ. 

ކޮންމެ ދުވަހަކު ވެސް ފަތިހު ހޭލާ އިރު އާދަނުގެ ބުރަކަށްޓާއި އުނަގަނޑުގައި ވަރުގަދަ ރިހުމެއް ހުރެއެވެ. ބައެއް ދުވަސްދުވަހު އެނދުން ނުތެދުވިފައި ވެސް އޮންނަން ޖެހެއެވެ. އެންމެ ފަހުން އީސާފުޅަށް ކެތްނުވެގެން އާދަނަށް ބޭސްކުރުމަށް އައްޑޫއަށް ފޮނުވައިލިއެވެ. 

އައްޑޫގެ ހާލު ވަރަށް ބޮޑެވެ. ކާޑު ވަރަށް ދައްޗެވެ. އަޅައިލަންވާ ވަރާ ގާތަކަށް ވެސް ދިވެހި ސަރުކާރަކަށް އަޅައެއްނުލެވެއެވެ. ދަނޑިވަޅުގެ ބޭނުންކޮށް އިނގިރޭސީން ދިޔައީ ނާޖާއިޒު ފައިދާ ނަގަމުންނެވެ. އާދަނަށް އެ މަންޒަރު ވަރަށް ގާތުން ފެނުނެވެ. ރައްޔިތުންނަށް ފިލިކުރަން އިނގިރޭސީން ބޭނުންކުރީ ބޭސްފަރުވާ އާއި ދަތުރުފަތުރާއި ތައްޔާރީކާނާ އާއި އަންނައުނާއި ޕައުންޑެވެ. އެ ދަނޑިވަޅަށް ރައްޔިތުންނަށް އެންމެ ބޭނުންވެފައިވަނީ އެ ފަހެއްޗެވެ. ބަޔަކު ދިޔައީ ފިސާރި ރަނގަޅަށް އިނގިރޭސީންނަށް ހެއްލެމުންނެވެ. ދިވެހި ސަރުކާރު ބައިތިއްބާފައި ތިބީ އަނދިރީގައެވެ. 

އާދަނު ސަމާލުކަންދިނީ އާދަނުގެ ފަރުވާއަށެވެ. ހަކީމަކީ އިބްރާހީމްބެއެވެ. ބޭސްހެދުމަށް ޓަކައި ކޮންމެ ދުވަހަކު ތިން ދައި ބަހައްޓާފައި ހުރެއެވެ. ބަތްކާތަށީގެ ދެ ތަށި ނޫނީ ތިން ތަށި ބޭސްގަނޑު ފުނޑައިލައެވެ. އިރުއޮއްސޭ އިރަށް އާދަނުގެ މުޅި ގައިގައި ބޭސްގަނޑު ބަނދެއެވެ. ފައިގައި ބޭސްގަނޑު ހަރުކުރަނީ ދިއްގާގަހުން ވަކަ ނަގައިގެން އޭގައި އަސްޖަހައިގެންނެވެ. އޭގެ ބޭރުން އޮޅަނީ ކަފުންފޮއްޗެވެ. އޭގެ ބޭރުގައި ވެސް ބަންނަނީ ދިއްގާ ވަކައެވެ. އެއަށް ފަހު ރޯނުފުރި އެނދެއްގައި ބާއްވާފައި ހޫނުކުރަން ދަށަށް އަލިފާންލަނީއެވެ. އަޅިބޮނޑިން ގައި ބޮނޑިތާންކުރެއެވެ. ދޮންދަނބުރުކުގެ ކާށިން ތެޔޮހާނާފައި، އެ ތެލުގައި އޮޑިހަނުގައި ރަން ވެސް ގޭނިއެވެ. ފަހުން ބޭސްގަނޑު ނަގާފައި، މޫދަށް އެރުވާފައި ގެނެސް އަވީގައި ފަންގަނޑެއް އަޅާފައި އޭގެ މަތީގައި ބާއްވަނީއެވެ. އިބްރާހީމްބެ އަވީގައި ކުޑައެއް ނަގައިގެން އިނދެ އާދަނު ގައިގައި ތެޔޮދަމައެވެ. 

"އިބްރާހީމްބޭ! މީ ހާދަހާ އަރާމު ރަށެކޭ އުތަ؟" ތެޔޮދަމަން އޮވެ އާދަނު ސުވާލުކުރިއެވެ. 

"ކޮއްކޯ މިއަދު ތީ ހަމަ މާޒީ!" ފަރިތަ މާލޭ ބަހުރުވައިން އިބްރާހީމްބެ ބުންޏެވެ. "އިއްޔެ އޮތް އެކުވެރިކަމާ، އިތުބާރާ، އޯގާވެރިކަން މިހާރަކު ނެތް. މިހާރު އޮތީ ބޭރު މީހުންނަށް ރޭރުވުން. ދުންބައްތެލީގަ ދަތުރުކުރުމާ، ސިނގެރޭޓާ، ކޮއްޔާޖެހިބިސްކޯދާ، ޕައުންޑު. އަހަރުމެންގެ މިނިވަންކަން މި އޮތީ އަދުތޯމާދަންވެފަ. ސަރުކާރު އަވަހާރަފުޅުލައްޕަވައިގެން ތިއްބެވީ."

"އިބްރާހީމްބެ ތި ބުނަނީ މި ރަށުގަ ދެން އޮންނާނީ އަމިއްލަ ސަރުކާރެކޭ؟" އާދަނު ސުވާލުކުރިއެވެ. 

"ތި ކަން ވި ތާ ކިތަންމެ ދުވަހެއް،" ޗޮކެއް ކަނޑާފައި އިބްރާހީމްބެ ބުނެލިއެވެ. "ދިދައެއް ނުނަގާކަން. އެ ވެސް އަދި ނަގާނެ. ކިޔާ އަޑުއިވޭ ދިދަ ފަހަނީއޭ!"

އައްޑޫގައި އާދަނު ހުއްޓައި، ރަސްމީ ދަތުރުފުޅެއްގައި ދޮށީމަނިއްޕުޅު ވަޑައިގަތެވެ. އައްޑޫގައި ނަގައިކިޔަން އުޅުނު މީހުން މަނިއްޕުޅަށް ދެއްކެވީ މުޅީން އެހެން އައްޑޫއެކެވެ. ކިތަންމެ ހިތް ކަޅަސް، ކޮންމެ މީހަކު ވެސް މޫނުމަތިން ދެއްކީ ހިނިތުންވުމެވެ. އާދަނު ބެލީ ދޮށީމަނިއްޕުޅަށް ފެނިވަޑައިނުގަންނަވާ ހިސާބުގައި އުޅެވޭތޯއެވެ. ނަތީޖާއަކަށްވީ، ދޮށީމަނިއްޕުޅާއި އާދަނާ އޮތް ގުޅުން އެކަކަށް ވެސް ނޭނގުމެވެ. 

ކޮންމެ ދުވަހަކު ވެސް ފަތިހު މޫދަށް އެރި، ބޭސްގަނޑު ނެއްޓުމަށް ފަހު، އިރުކޮޅަކު އާދަނު އަތިރިމަތީގައި އިނދެއެވެ. ގައިގަ އަވި ޖައްސައިލުމަށް ޓަކައެވެ. އެހެން އިންނަ އިރު ވަރަށް ގިނަ ހިޔާލު އާދެއެވެ. ދިރިއުޅުމާ މެދު ވިސްނެއެވެ. އައްޑޫއަށް ފުރަން އުޅުނު އިރު ބައްޕަ އެއް ވާހަކައެއް އެކި ގޮތްގޮތަށް ދެއްކިއެވެ. ނަސޭހަތްދިނެވެ. ބައްޕަގެ އެދުމަކީ ބައްޕަ ދުނިޔޭގައި ހުއްޓައި އާދަނު މީހަކާ އިނުމެވެ. ދައްތަ އާއި ކާފަ ވެސް ތާއީދުކުރިއެވެ. 

"އެހެން ހަމަ މީހަކާ އިނދެވޭތަ؟" ހިތާހިތުން އާދަނު ބުނެލިއެވެ. 

ކުއްލިއަކަށް ފިޔަވަޅުތަކެއްގެ އަޑު އާދަނަށް އިވުނެވެ. އެ ބަޔަކު ދުވަމުން އައިސް ވަނީ ވަލުތެރެއަށެވެ. އާދަނު އިނީ ވަލަށް ފުރަގަސްދީގެން ގަހެއްގައި ލެނގިލައިގެންނެވެ. ވަލަށް ވަން ބަޔަކަށް އާދަނެއް ނުފެނެއެވެ. އެ މީހުން ވާހަކަދެއްކީ އައްޑޫ ބަހުރުވައިންނެވެ. 

"ކޮބާ މަ ބުނީމެއްނު!" އެކަކު ބުންޏެވެ. 

އާދަނަށް ކޮންމެވެސް ވަރަކަށް އެ ބަހުރުވަ އެނގެއެވެ. އެހެނަސް، މާ އަވަހަށް ދައްކާ ވާހަކައެއް ނޭނގެއެވެ. ޖެހެނީ ވިސްނައިގެން ހަމަޖައްސައިލާށެވެ. 

"ޔަގީންތަ؟" އެހެން މީހަކު މާލޭ ބަހުރުވައިން ބުންޏެވެ. "އެއީތަ އެ މުއްސަނދި އާދަން ކަލޭފާނުގެ ދަރިއަކީ؟"

"އާނއެކޭ! މަނިއްޕުޅުގެ އަންހެނުންނޭ އެއީ،" ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ. "ހަފީޒާ!"

އާދަނު ދިޔައީ ސިއްސައިގެންނެވެ. ހަފީޒާ އައްޑޫއަށް އައި ކަމެއް އާދަނަކަށް ނޭނގެއެވެ. 

"ގަމުގަ މިރޭ އޮންނަ ޖަލްސާ ނިންމާފަ ދެމަފިރިން އަންނާނީ ހިތަދޫއަށް،" ތިންވަނަ މީހަކު ބުންޏެވެ. "މަ ބޭނުމެއް ނޫން މަތިއޮމާންކުރާކަށް. ދިވެހި ސަރުކާރަށް ސަނާ ކިޔާކަށް. އަހަރުމެން ގަމަށް ގޮސް މަސައްކަތް ކުރުން މަނާކޮށްފި. މައުމޫލު ބޮޑުކޮށްފި. ވިސްނާލަބަލަ ކޮޅުނބު އޮޑިފަހަރުގެ މަހަށް ހެދި ގޮތް. ހުރިހާ އޮޑިއަކުން ކުލި ނަގަން ފަށައިފި. ގޯތިގެދޮރާ ރުއްގަހުން ވެސް ކުލި. މި ދެން ކޮން ފަދަ މުސީބާތެއް؟ރަށަކު ނެތް ހަނޑޫކޮޅެއް، ހަކުރުކޮޅެއް. އަހަރުމެން އެބަ ޖެހޭ ސަރުކާރަށް ނޫނެކޭ ބުނަން ދަސްކުރަން. ހަމަ ގެންދާ ގޮތަށް ވަލަށް ވައްދާނީ." (ނުނިމޭ)