(ބުދަ ދުވަހާ ގުޅޭ)

އެއްވެސް އެއްޗެކޭ ނުބުނެ ފޮށިގަނޑު ހިފައިގެން އާދަނު ހިނގައިގަތެވެ. އެހެނަސް އެއީ ހަމަ އެކަނި ފޮށިގަނޑެއް ނޫނެވެ. އެއީ އާދަނުގެ އުސޫލެވެ. ސާބިތުކަމެވެ. ނަފުސު ވެސްމެއެވެ. ހަފީޒާއާ ހަތަރުކަޅި ހަމަވާ ވަގުތު ތިމާގެ ނަފުސަށް ކެއްސެއް ލިބޭކަށް އާދަނު ބޭނުމެއް ނޫނެވެ. ހަފީޒާ ބުނާ އެއްޗަކުން ނުވަތަ ކޮށްލާ ހަރަކާތަކުން ހަފީޒާގެ އަގު ވެއްޔާމޮޑެވޭކަށް ވެސް އާދަނު ބޭނުމެއް ނޫނެވެ. މިއަދުގެ ހަފީޒާއަކީ ގަދަރުވެރި، އަހުލާގު ރަނގަޅު، އޯގާވެރި ފިރިއެއްގެ އަންބެކެވެ. 

"މި ޖެހުނީ ބޮޑު ކަމަކާ!" ހިތާހިތުން އާދަނު ބުންޏެވެ. 

އާދަނު ހިތަށް އެރިއެވެ. ބައްޕަ އެދުނީ ފޮށިގަނޑު ހަފީޒާއާ ހަވާލުކުރާށެވެ. ކުރަންވީ ދުވަހެއް ނުބުނެއެވެ. މޮޅު ގޮތެއް ވިސްނެންދެން އާދަނަށް އެ ކަން ލަސްކުރެވިދާނެއެވެ. ފޮށިގަނޑު ހިފައިގެން ގޮސް އާދަނު ނިދާ އެނދު ދަށަށް ކޮއްޕާލައިފައި ބެހެއްޓީއެވެ. އާދަނުގެ ގެ ހުންނަނީ މުންނާރާ ވަރަށް ކައިރީގައެވެ. ކުއްލިއަކަށް މަގުމަތިން އަޑުފަށްގަނޑެއް އިވުނެވެ. އާދަނު ދުވެފައި ނުކުތެވެ. ހަޅޭއްލެވީ ގުޅަކުޅޭފަސްގަނޑާ ދިމާއިން އައި ބައެކެވެ. ތިރީހަކަށް މީހުން ތިއްބެވެ. އެއްބަޔަކު ތިބީ މުންޑު ފޫގަޅައިގެންނެވެ. އާދަނު ނުވެސް ދެނަހުރި ކަމަށް ހެދިފައި އެ މީހުންގަނޑު ތެރެޔަށް ވަނެވެ. އެ މީހުން ދެއްކި ވާހަކައިން އާދަނަށް އެނގުނު ގޮތުގައި، ތިލަދުންމަތީގައި ދެ ފިކުރެއް އެބަ އުޅެއެވެ. ހަމީދުއަށް ތާއިދުކުރުމުގެ ފިކުރަކާއި ދެކޮޅުވެރި ފިކުރެކެވެ. އެ ރަށުގައި ބަޔަކު ހައްޔަރު ވެސް ކޮށްފިއެވެ. އިދިކޮޅު ފިކުރުގެ ބޮޑެތިމީހުން މާލެއަށް އެބަ ގެނެއެވެ. ފާލަމާ ހިސާބުން އެ މީހުން ޖެހޭނީ އެނބުރި ދާށެވެ. ވިސްނުން ހުރި ގޮތަކީ އެއީއެވެ. ހަމީދުއަށް ތާއީދުކުރާ އިސްމީހުން މާލޭގައި ބައިތިއްބައިގެން ތިއްބައި، ހާލަތު އެ ދިމާއަށް ފަހިވާ ގޮތަށް ފުރޮޅިއްޖެ ނަމަ ނަތީޖާ ރަނގަޅެއް ނުވާނެއެވެ. 

ބޮޑު ހަރަދެއް ކަމަށް ބަލާފައި ރާއްޖޭ ކުލަބުތަކުގެ ކުޅިވަރުތައް މުޅީން ހުއްޓައިލިއެވެ. ކުލަބެއް އޮންނަ ހެން ވެސް ހީނުވެއެވެ. ރެޔާއި ދުވާލު އެކި ތަންތަނުގައި ރަސްމީ ޖަލްސާތައް އޮވެއެވެ. ފަންސާސް ލައްކަ ރުފިޔާއަށް ރާއްޖެ ދަރުވައިލާފައިވާ އިރު، ހަމީދު ގިނިކަންޏާ އަށާރަ ލައްކަ ނެންގެވި ކަމަށް އަޑުއެރިއެވެ. މުށިމަހާއި ރިއްމަހާއި ދޮންނޫމަހާއި ފަރުމަހާއި ރޯނާއި ބޮއްޔާއި ކަށިކުނޑިއާއި، ކާށްޓާއި ކޮފުރާ އާއި މިޔަރު އުރަހަ އާއި ކަހަނބުފަތުގެ ކޮންޓުރޯލު އަގު ދޫކޮށްލިކަމުގައި އިއުލާނެއް ނެރުއްވިއެވެ. އިހެކޭ އެއްފަދައިން އެ ތަކެތި ބާޒާރަށް ވިއްކުމުގެ ހުއްދަ ވެސް ދެއްވިއެވެ. ލުޔަކަށް ފަހު ލުޔެކެވެ. ރައްޔިތުންގެ ރުހުން ހޯދުމަށް ޓަކައެވެ. ތިމާގެ އަމިއްލަ ކާޑުގެ ތަކެތި އަނެކަކަށް ވިއްކުން ވެސް ހުއްދަ ކުރެއްވިއެވެ. އެ ގޮތުގެ މަތީން، ވިއްކާ ކާޑު ހުންނަ މީހުން، ސަރުކާރަށް ވިއްކަންވާ ބައި ވިއްކުމަށް ފަހު، ދެން ހުންނަ ކާޑުގެ ތަކެތި، އެކަކުއަނެކަކަށް ވިއްކުން ވެސް ހުއްދަކުރެއްވިއެވެ. މީހުންތައް އުފާ ފާޅުކުރިއެވެ. 

ހަމީދުގެ އެންމެ މަގުބޫލުފުޅު ދުންބައްތެއްޔަކީ ދޭލިޔާއެވެ. ކުއްލިއަކަށް ދޭލިޔާ ފުރި ތަން ފެނުނެވެ. ދަނީ ކޮން ތަނަކަށް، ކީއްކުރަން ކަމެއް ހާމައެއް ނުކުރެއެވެ. ހަމީދު ވަޑައިގަންނަވަނީއޭ ކިޔެވެ. ވަޑައިގަންނަވާ އާގުބޯޓު ދުރަށް މަޑުކޮށްފައި، ދުންބައްތެއްޔަށް ހަމީދު ފައިބައިވަޑައިގަންނަވަނީއެވެ. އެންމެ މުޖައްރިބުކޮށް އެ ވާހަކަ ދެކެވޭ ގޮތަކީ އެއީއެވެ. މީހުން ބުނެއެވެ. ހަމީދަކަށް މާލެއަކަށް އަރައިވަޑައެއް ނުގަނެވޭނެއެވެ. އެ ކަން ކުރަން ދިމާކުރައްވައިފި ނަމަ، އޭގެ އަސަރު ހިތިވާނެއެވެ. 

އެއްކޮޅުން ހަމީދަށް ފާރަލަމުންދިޔަ އިރު، އަނެއްކޮޅުން ރަށުތެރޭގައި އުފާފާޅުކުރުން ދިޔައީ ކުރިޔަށެވެ. ރޭގަނޑު މައްޗަންގޮޅީ މައިޒާން ތައްޔާރުވީ ބޮޑުބެރުޖެހުމަކަށެވެ. އެއް ބަޔަކަށް ހިތާމަ ކުރިމަތިވެފައިވާ އިރު، އަނެއް ބަޔަކު ބޮޑުބެރުޖަހައި މަޖާ ނެގުމަކީ ކޮން ކަހަލަ ކަމެއްތޯ ސުވާލުކުރި ބަޔަކު ވެސް އުޅެއެވެ. ބެރުޖަހަން ފަށަން ވަރަށް ކައިރިވެފައި ވަނިކޮށް، އެ އުފަލުގައި ބައިވެރިވުމަށް އިބްރާހީމްދީދީ ދުރުވިއެވެ. އެއީ އެ ވަގުތު ގައުމު ހިންގާ މަޖިލީހުގެ ވެރިޔާއެވެ. 

"ބެރުޖަހާކަށް އަޅުގަނޑަކަށް ނުފެނޭ،" އިބްރާހިމްދީދީ ބުނުއްވިއެވެ. "ރަނގަޅު. ކުރިން އަޅުގަނޑު ހުއްދަ ދިނިން. އެކަމަކު މި ދަނޑިވަޅު މާ ބޮޑަށް މަޖާނަގައި އަޑުގަދަކުރުން ރަނގަޅެއް ނޫން. އެއްބަޔަކު އެ ތިބީ ގޭބަންދުގަ. އަނެއް ބަޔަކު އަށިގޭގަ. އެ މީހުންގެ އާއިލާތައް މާލޭގަ އެބަ ތިބި. ރާއްޖެތެރޭ މީހުންނާ ހަމައަށް ކާޑު ނުގެންދެވޭތީ އެތައް ބަޔަކު އެބަ ބަނޑަށް މަރުވޭ. މިރޭ ބޮޑުބެރެއް ނޯންނާނެ."

އެންމެ ފަހު ވަގުތު ބެރުނުޖަހާ ގޮތަށް ހަމަޖެހުމުން، އެ ކަން ކަމުނުދިޔަ ބަޔަކު ވެސް އުޅުނެވެ. އޭރު އޮތީ ތަނަށް ވަރަށް ބައިވަރު މީހުން ޖަމާވެފައެވެ. ހީވަނީ ޖުމުހޫރީ ކާނިވާ ހެންނެވެ. އެކަމަކު ހަމަނުޖެހުމެއް ނުހިނގައި މީހުންތައް ގެޔަށް ދިޔައެވެ. އެ ރޭ ވެސް އިއުލާނެއް ނެރުނެވެ. އޭގައި އޮތީ، އޯގަސްޓުމަހުގެ އެއްތިރީސްވަނަ ދުވަހު (މާދަމާ) ހެނދުނު ހާއްސަ އާގުބޯޓެއް މާލެ އަންނަ ވާހަކައެވެ. އެއިން އިނގިރޭސި ދުވަހު ނޫހެއް ކަމުގައިވާ "ޓައިމްސް އޮފް ސިލޯން" ގެ ރިޕޯޓަރަކު އަންނަ ވާހަކައެވެ. މާލޭގައި ހިނގި ކަންކަން އިނގިރޭސި ނޫހުގައި ޖެހުމަށް ޓަކައެވެ. އިއުލާނުގައި އޮތީ ރާއްޖޭގެ އިއްޒަތްތެރިން ރައްކާތެރިކޮށް، ބޭރުން އަންނަ ރިޕޯޓަރުގެ ކުރިމަތީގައި ފެނުން އެދެވޭ ސުލްހަވެރިކަމާއި ހަމަޖެހުމުގެ ގޮތްތައް ދިވެހި ރައްޔިތުން ދައްކާނެކަން ޔަގީންކުރާ ވާހަކައެވެ. ހިނގި ކަންތައްތަކެއް ހިނގައި، އައި ބަދަލެއް އައީ ރައްޔިތުންގެ ހިތުގެ އަޑީގެ އެދުމާ އެއްގޮތްވާ ގޮތުގެ މަތިންކަން އެ ރިޕޯޓަރަށް ދެއްކޭނީ، ހަމަހިމޭންކަން މަތީގައި ފިސާރި ސާބިތުވެ ތިބިކަން ދެއްކުމުންނެވެ. އާގުބޯޓު އަންނަ ދުވަހު، އާދަޔާ ޚިލާފަށް އަތިރިމައްޗަށް ނުނިކުތުން އެދޭ ވާހަކަ އާއި އެ ބޯޓު އަންނަނީ މަލިން މޫސާ އާއި ދޮންތުއްތުދީދީ އާއި ކަޅުހުއްތުކަމުގައެވެ. ހަމީދުގެ ނަންފުޅެއް ނެތެވެ. 

ބޭރުގެ ނޫހެއްގައި ވަރަށް މުހިންމު ޚަބަރެއް ޖެހި ވާހަކަ ވެސް އިއުލާނުގައި އޮތެވެ. މިސްޓަރު އުންބުޗީ މެދުވެރިކޮށް ދިވެހިރާއްޖެއަށް އެނގިފައިވާ ގޮތުގައި، ރާއްޖެ އިމާރާތްކުރުމުގެ ނަމުގައި ސިލޯނު ސަރުކާރު އަތުން ދިހަ ލައްކަ ރުފިޔާ ހަމީދު ދަރަންޏަށް ނެންގެވިއެވެ. އޭގެ ބަދަލުގައި މަހަކު ފަސް ސަތޭކަ ހަންދަރު މަސް ރާއްޖެއިން އަތުލުމަށް ސިލޯނު ސަރުކާރުން ގަސްތުކޮށްފިއެވެ. އެ މައްސަލަ އާއި އަދި ވެސް ބޭރާ ބެހޭ މުހިންމު ކަންކަން އެކަށޭނަ ލުއި މަގަކުން ހަމަޖެއްސުމަށް ފާމުލަދޭރި ކިލެގެފާނު ކޮޅުނބަށް ފުރައިވަޑައިގަންނަވާނެއެވެ. ދިވެހި ގައުމުގެ ހާލަތު ގޮސްފައި އޮތް މިންވަރު އިތުރަށް ބަޔާންކުރުމުގެ ބޭނުމެއް ނެތްކަމާއި އެންމެ ކަލުން ރާއްޖެޔާއި ދައުލަތް ސަލާމަތްކުރެވޭތޯ ދުއާކުރެއްވުން މަތީ ދެމިތިއްބަވައިގެން، އެ ބޭކަލެއްގެ ވާޖިބު، އިޚުލާސްތެރިކަމާ އެކު އަދާކުރެއްވުން ނޫން ގޮތެއް ނެތްކަމަށް ވެސް އޮތެވެ. 

ޖެހިގެން އައި ދުވަހު އާގުބޯޓެއް އައިސް، އެހެންޏާ ބަނދަރުނުކުރާ ހައި ދުރުގައި ބަނދަރުކުރިއެވެ. ރައްޔިތުންނަށް ފުރަތަމަ ޝައްކުވި ސަބަބަކީ އެއީއެވެ. ސަރުކާރުގެ ދުންބައްތެލި ދޭލިޔާ އާގުބޯޓާ ކައިރިކުރިއެވެ. ދޭލިޔާ އަޅާފައި އޮތީ ކޮން ތާކުކަން އެނގޭ އެކަކު ވެސް ނެތެވެ. ރާއްޖޭގެ ވެރިކަމުގެ ކުރިޔަށް ތިއްބެވި ހުރިހައި ބޭފުޅުން ފާލަން ކައިރިއަށް ވަޑައިގަތެވެ. ސިފައިންގެ ވިއްސަކަށް މީހުންގެ ސަފެއް، ފާލަމާއި ރައްޔިތުންނާ ދެމެދު ރުކުރުވައިލިއެވެ. އެއީ ކުރިން ނުކުރާ ކަންކަމެވެ. ރަސްމީ ކަޅު ކާރާއި އަޅި ކާރު މަޑުމަޑުން އައިސް ސިފައިންގެ ސަފާއި ފާލަމާ ދެމެދަށް މަޑުކޮށްލިއެވެ. މާހައުލުގައި ހުރަސްވެފައި އޮތީ ހައިރާންކަމާއި ނުތަނަވަސްކަމުގެ ނުފެންނަ ފަރުދާއެކެވެ. ދޮންމަނިކާ ހަވާލުވެފައި އޮތީ، ތަނަށް އަންނަ މީހުންނަށް ކަޅި ހިންގުމެވެ. ދޮހޮއްކޮއަށް އާގުބޯޓެވެ. އާދަނަށް ދޭލިޔާ ދުންބައްތެއްޔެވެ. ތިން މީހުން ވެސް ތިބީ ރުކެއްގެ މެދާ ހަމައަށް އަރައެވެ. 

އެތައް އިރަކު ހަރަކާތްތައް ހުއްޓިފައި އޮތުމަށް ފަހު، މާލެޔާ ދިމާއަށް ދުންބައްތެލި މިސްރާބު ޖެހި ތަން ފެނުނެވެ. އެންމެން ނޭވާ ހިފާއްޓައިލައިގެން، ހަމަހިމޭނުން ތިއްބެވެ. އިއުލާނުގައި އަންގަވާފައިވާ ގޮތުގެ މަތީން، ވެރީންނަށް ކިޔަމަންތެރިކަން އަދާކުރުމުގެ ހެޔޮ ނިޔަތުގައެވެ. ދޭލިޔާ އައި ގޮތަށް އައިސް ފާލަމަށް ކައިރިކޮށްލިއެވެ. އެންމެ ކުރިޔަށް އޮތް ކަޅު ކާރުގެ ދޮރު ހުޅުވައިލިއެވެ. ބައްތެލިން ފުރަތަމަ ފެއިބީ ފަރަންޖީ ދެ މީހުންނެވެ. 

"އެހެރީ ހަމީދު!" އާދަނު އަޑުގެ ކޮޅަށް ހަޅޭއްލައިގަތެވެ. 

އަތިރިމަތީ ތިބި މީހުން ހަޅޭއްލަވައިގަތެވެ. ފާލަމާ ދިމާއަށް ދުއްވައިގަތެވެ. މީހުން ހުއްޓުވާކަށް ސިފައިންނަކަށް އެއްވެސް ކަމެއް ނުކުރެވުނެވެ. 

"ހަމީދު ބޭރުކުރޭ! އޭނަ މާލެ ނާރުވާތި! ހަމީދު ބޭރުކުރޭ!" އެންމެން ގޮވިއެވެ. 

"ބޭކަލުން ރުޅި މަޑުކުރައްވާ! ހަމީދު މާލެއަށް ގެންނަވައިގެން ނޫންތޯ ތަހުގީގު ކުރެވޭނީ." ސިފައިންގެ މީހަކު ބުންޏެވެ.  

އެކަކު ވެސް އެ ގޮތަކަށް އެއްބަހެއް ނުވިއެވެ. ފާލަމަށް އަރައިގަތެވެ. ދޭލިޔާ ފަހަތަށް ޖަހައި، ފާލަމާ ދުރުކުރިއެވެ. ހަމީދު ގޮވައިގެން ދޭލިޔާ ނައްޓައިލި އިރު ހުންގާނުގައި ހުރީ ބިލާލު ތުއްތަނިކެވެ. އެތެރޭގައި ދެން ތިއްބެވީ އިބްރާހީމްދީ އާއި ފާމުދޭރި ކިލެގެފާނެވެ. ދޭލިޔާ ދިޔައީ ފުނަދޫއަށެވެ. ހަމީދު އެ ރަށުގައި ބަހައްޓަވާފައި ދޭލިޔާ މާލެ އައެވެ. ކިލެގެފާނާއި އިބްރާހީމްދީދީ ފައިބައިވަޑައިގެން، އެ ތަނުގައި ހުރި މޭޒެއް މައްޗަށް އަރައިވަޑައިގެން ހުންނަވައި ވާހަކަ ދެއްކެވިއެވެ. 

"ހަމީދު ގަބޫލުފުޅެއް ނޫން އެންމެ ސިކުންތަކު ވެސް ފުނަދޫގަ ހުންނަވާކަށް،" އިބްރާހީމްދީދީ ވިދާޅުވިއެވެ. "ވިދާޅުވީ މާލެ ގެންދަވާށޭ އޭރުން ރައްޔިތުން ހަމަޖައްސާލަފާނަމޭ!"

"ނުހުންނަން އުޅެންޏާ މި ކޮޅަށް ގެނޭ!" މީހަކު ހަޅޭއްލަވައިގަތެވެ. "އަހަރުމެންނަށް އޭނަ މައިތިރި ކުރެވިދާނޭ! އޭރުން އެނގޭނެ އަހަރުމެން ހަމަޖެހިފަ ތިބި ވަރު."

އެތައް ވާހަކައެއް ދައްކަވައިގެން މީހުންތައް މައިތިރިކޮށްފައި ގޭގެއަށް ފޮނުވައިލިއެވެ. އާދަނާއި ދޮންމަނިކާއި ދޮހޮއްކޮ ގެއަށް ދިޔައީ އިރުއޮއްސުނު ފަހުންނެވެ. 

ދަންވަރު ދޭއް ޖަހަނީއެވެ. އާދަނު އޮތީ ހޭލައެވެ. ބައްޕަ ދިން ފޮށިގަނޑު ހަފީޒާއާ ހަވާލުކުރާނެ ގޮތަކާ މެދު ވިސްނުމުގައެވެ. ކުޅުދުއްފުށީ މޫސަ އާއި ހިންމަފުށީ އުމަރުބެ އާއި ހުވަރަފުށީ ހަސަނު އޮތީ ނިދައި މަރުވެފައެވެ. އިރުކޮޅަކުން އާދަނަށް ވެސް ނިދުނެވެ.

"އާދަނާ ތެދުވެބަލަ!" ދައްތަ ގޮވައިލި އަޑަށް އާދަނަށް ހޭލެވުނެވެ. "މަގުން ދިޔަ ބަޔަކު ގޮވައިފި ހަމީދު އެބަ ހުންނެވިއޭ ގުޅަކުޅޭފަސްގަނޑުގަ."

އެހެން ބުނުމާ އެކު އާދަނުގެ ނިދިފިލިއެވެ. ފުންމައިގެން ތެދުވިއެވެ. 

"ކިހިނެއްބާ މި ވީ؟" ދައްތަ އެހިއެވެ. "ދެން އަހަރުމެންނަށް ކިހިނެއްބާ ވާނީ؟"

މުންޑު ފޫގަޅަމުން ދުވަމުންދުވަމުން އާދަނު ބޭރަށް ނުކުތެވެ. އާދަނުގެ ގެއިން ގުޅަކުޅޭފަސްގަނޑާ ދެމެދުގެ ދުރުމިނަކީ، އާދައިގެ ހިނގުމެއްގައި ނަމަ ބަރާބަރު ސަތޭކަ ހަތްދިޔަ ފިޔަވަޅެވެ. (ނުނިމޭ)