(ބުދަ ދުވަހާ ގުޅޭ)

ހަފީޒާ މިނިވަންކޮށްލަން މިއަށް ވުރެ ރަނގަޅު ދަނޑިވަޅެއް ނުލިބޭނެއެވެ. މަނިއްޕުޅުގެ މޫނުމަތިން އާދަނަށް ފެނުނީ ޔަގީންކަމެކެވެ. މަނިއްޕުޅަކަށް އާދަނު ދެރަ ގޮތެއް ނަހަދާނެއެވެ. އާދަނު ހާލުގަ ޖެހުނު ދުވަހު މަނިއްޕުޅު ވެސް އާދަނަށް ދެރަ ގޮތެއް ނެހެދީމައެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން އާދަނު މަޑުމަޑުން ގާތަށް ޖެހުނު އިރު، އާދަނު ގަޔަށް އަޅިނުބުރާ ގޮތަށް އެ ބާބު އަންދައިލަން އާދަނަށް އެނގެއެވެ. އެއްވެސް ކަމެއް ނުކޮށް އެ ތަނުން އާދަނު ދިޔައިމަ ނިމުނީއެވެ. ހުޅިނަގައި، ފަތްތައް ފުއްޕައިލައިގެން، ހާތަކެއް ހެން ވަށައިގެން ތިބި މީހުން އެ ކަން ނިންމައިލަފާނެއެވެ. އާދަނު އައި ގޮތަށް އައިސް މަނިއްޕުޅުގެ މުލައްދަނޑީގައި ހިފިއެވެ. އެއްވެސް އެއްޗެއް ނުބުނެ، މަނިއްޕުޅު ގޮވައިގެން ހިނގައިގަތެވެ. މަނިއްޕުޅު ގަޔަށް އަރައިގަންނަން އެކަކު ކުރިޔަށް ޖެހިލިއެވެ. އެ މީހާގެ މޭގައި އާދަނު އަތްއަޅާފައި ދުރަށް ކޮއްޕައިލިއެވެ. ދެން އެހެން މީހަކަށް ކުރިޔަށް ޖެހިލާނެ ހިތްވަރެއް ނުލިބުނެވެ. އެކި މީހުން އެކި ދިމާއަށް ގޮސް އެ ތަން ހުސްވީއެވެ. 

"ޝުކުރިއްޔާ!" މަނިއްޕުޅު ވިދާޅުވިއެވެ. 

އާދަނާއި މަނިއްޕުޅު ތިބީ އަލިރަސްގެފާނު ޒިޔާރަތަށް ދާން އޮންނަން ފާލަން މަތީގައެވެ. ވަށައިގެން ވަނީ ހަމަހިމޭންކަމެވެ. ބޮޑުދިދައިގެ ފޮތިގަނޑުން ޖަހާލާ ބަޑިއެއް ފިޔަވައެވެ. 

"މަނިއްޕުޅަށް އަޅުގަނޑު ދަރާ އޮތް ދަރަނި ވަރަށް ބޮޑު،" އާދަނު ބުންޏެވެ. "ދެނެއް މަނިއްޕުޅާ ދިމާކުރާކަށް އެކަކަށް ވެސް ނުކެރޭނެ. ތަގުދީރު އަޅުގަނޑުމެންނާ ކުރީ ވަރުގަދަ ސަމާސާއެއް. އަޅުގަނޑުމެން ދެ މީހުން ވެސް މި ތިބީ އެއް ފާލަމެއްގަ. އެކަމަކު މަންޒިލު އަތުވީ މަނިއްޕުޅަށް. ދެރަވޭ އެކަމަކު ހިތަށް އަރާ، ތި ވީ ގޮތް މާ ރަނގަޅޭ! މަނިއްޕުޅާ އަޅައިބަލާ އިރު އަޅުގަނޑު މީ ކާކުތޯ؟"

"ތެދެއް! އަހަރެން އަތުގަ ފައިސާ އެބަ ހުރި،" މަނިއްޕުޅު ވިދާޅުވިއެވެ. "އެކަމަކު އާދަނުގެ ތި ހުރި ހިތްވަރާ އަޅާބަލައިފިއްޔާ އަހަންނަކީ ވެސް ކާކު؟"

އާދަނު ހިތަށްއެރިއެވެ. ހިތުގައި އޮތް ސިއްރު ދެން ފޮރުވާނެ ކަމެއް ނެތެވެ. މީ އެ ސިއްރު ހާމަކުރަންވީ ދަނޑިވަޅެވެ. 

"އަޅުގަނޑުގެ އެބަ އޮތް އެދުމެއް،" މަނިއްޕުޅާ ހަތަރުކަޅި ހަމަނުކޮށް އާދަނު ބުންޏެވެ. "ވަރަށް ބޮޑު ކަމަކު ކިޔަން މި އުޅެނީ. ކޮށްދެއްވާނަންތޯ؟"

"އަހަންނަށް ނުކުރެވޭ ވަރުގެ ކަމެއް އާދަނު ނުބުނާނެ،" މަނިއްޕުޅު ވިދާޅުވިއެވެ. "އަހަރެން މި ހުރި ހިސާބާ، ހައިސިއްޔަތު އާދަނަށް އެނގޭނެ. ބުނޭ! އަޑުއަހަން މިހިރީ."

"ދުވަހަކު ވެސް ހަފީޒާ ހިތުގަ ނުޖައްސަވާތި!" އެއީ އާދަނުގެ އަޑު ބެދުނު ހިސާބެވެ. 

ބޮޑުތިކި ވާރޭ ފުރާޅަށް ވެހިގަތް އިރު ހީވީ ޓިނުތައް ފޫދުއްވައިލަފާނެ ހެންނެވެ. ހަރަކާތް ހުއްޓިފައި، ފުރާޅަށް ނަޒަރު ހުއްޓައިލައިގެން އާދަނު ގޭގައި އޮތެވެ. ޓިނުގަނޑުގައި ހުރި ބާކޮޅަކުން އާދަނުގެ ފަތްޖެހިއެނދަށް ފެންތިކިތަޅަން ފެށިއެވެ. އިސާހިތަކު އާދަނު ފޯވާނެއެވެ. އެހެންވިޔަސް، އެނދުން ތެދުވާނެ ހިތްވަރެއް އާދަނުގެ ނެތެވެ. ބޯލާކޮޅުގައި ހުރި ފޮށީގައި ހަފީޒާގެ ފޮޓޯއެއް އޮންނާނެކަން އާދަނަށް އެނގެއެވެ. ބަލައިލަން ވެސް ބޭނުމެވެ. އެހެނަސް، އާދަނުގެ ނަފުސު އާދަނަކަށް ހުއްދައެއް ނުދިނެވެ. އާދަނަކީ ހަރުދަނާ އުސޫލުތަކެއް މަތީގައި ސާބިތުވެ ހުންނަ މީހެކެވެ. ލޯބިވެރިޔާގެ ހައިސިއްޔަތަކުން ދެނެއް އާދަނަކަށް ހަފީޒާއަކަށް ނުބެލޭނެއެވެ. އެ ދޮރު ލެއްޕުނު އަޑު އާދަނަށް އިވުނު ފަދައެވެ. އާދަނުގެ ލޮލުން ކަރުނަ ފާއްދައިލިއެވެ. ކަރުނަތައް ބާލީހަށް އޮބެން ދޫކޮށްލައިގެން އާދަނު އޮތީއެވެ. ވަރަށް ގިނަ އިރު ވަންދެން އާދަނު ރުޔެވެ. 

އޯގަސްޓުމަހުގެ ތޭވީސް ވީ އާދީއްތަދުވަހެވެ. ރައްޔިތުން ހަމީދުއަށް ކުރައްވާ ތުހުމަތު ދުވަހުންދުވަހަށް ދިޔައީ ގިނަވަމުންނެވެ. ވާނީ އެހެންކަން އާދަނަށް ގަބޫލު ކުރެވުނެވެ. އެއީ އެތައް އަހަރެއް ވަންދެން މީހުންގެ ހިތްތަކުގައި ބަންދުވެފައި ހުރި ވާހަކަތަކެވެ. އޭގެ ތެރޭގައި ދީނީ ޝިއާރުތަކަށް ހަމީދު ގޮންޖެއްސެވުމާއި ޒުވާނުންނަށް މަގުއޮޅުވައިލުމާއި ސިލޯނަށް ރާއްޖެ ދަރުވައިލުމާއި އަންހެންކުދިންނަށް ސާޅިޔާއި ކުޅިވަރު ސާމާނުތައް ހަދިޔާ ކުރެއްވި ވާހަކަ އާއި ޒާތްޒާތުގެ ފޮޓޯތައް ނެންގެވި ވާހަކައެވެ. ބޭރުން ގިނަ ދަރަނިތައް އަމިއްލަފުޅު ބޭނުމަށް ނެންގެވި ވާހަކައެވެ. ރާއްޖޭގެ ރަށްރަށާއި ބަނޑޭރިގޭގައި ހުރި ރަނާއި ރިހިތައް ނަންގަވައި ހުސްކުރެއްވި ވާހަކައެވެ. ރައްޔިތުންނަށް މަގޫފަތް ކާންދީފައި، ބައިތުލްމާލުގައި ހުރި ފައިސާތަކުން ދަރަނި އަދާނުކުރެއްވި ތާނގައި، މަޖަލަށް ފައިސާތައް ތަޅައިބުރެއްސެވި ވާހަކައެވެ. ދޮންބަންޑާރައިން ފަދަ ބޭކަލުންނަށް އިހުތިރާމު ކުޑަކުރެއްވި ވާހަކައެވެ. އުތީމަށް ވަޑައިގެންފައި ގަނޑުވަރުގައި ހުރި ރަންވެލިފޮށި ނަންގަވަން މަސައްކަތް ކުރެއްވި ވާހަކައެވެ. ކޮންމެ ފަހަރަކު ވެސް އެ ފޮށި ނަންގަވާފައި، ބިރުފުޅުން ބަހައްޓަވަނީ ޔޯލައެވެ. އެންމެ ފަހުން، ނުފެންނަ އަތަކުން ހަމީދުގެ މޭފުޅުގައި އަތްއަޅާފައި ކޮއްޕައިލި ވާހަކައެވެ. އެ ހިސާބުން ފާތިހާ ވިދާޅުވެފައި ރަންވެލި މުށެއް ނަންގަވަން ގުދުވެވަޑައިގަތް ވަގުތު އިސްތަށިފުޅުގައި ނުފެންނަ އަތަކުން އަޅައި ތިރިއަށް ކޮއްޕައިލި ވާހަކައެވެ. ރިޔާސީގަނޑުވަރުގެ ސިއްރު ފޮށިކޮޅަކުން ވަރަށް "އެހެން ކަހަލަ" އެއްޗެހިތަކެއް ފެނުނު ވާހަކައެއް ވެސް ފެތުރުނެވެ. ދުލަށް މިނިވަންކަން ލިބުމުން ދޫތައް ހައްދުފަހަނައެޅީއެވެ. ހީވާ ކަހަލައެވެ. ހަމީދު ކުރެއްވި ނުބައި ކަންތަކުގެ ވާހަކަ ދެއްކި ވަރަކަށް ގިނަ މީހުންގެ ރުހުން ލިބޭނެއެވެ. އެ މީހަކު ވައިގަހިފާނެއެވެ.

ހަމީދުއާ ގާތް ގުޅުމެއް ބެހެއްޓި އަންހެންކުދިންގެ ގޭދޮށަށް މީހުން ގޮސް އޭތިމީތި ގޮވައި މަލާމާތްކުރިއެވެ. ކިޔުން މަނާއެއްޗެއް ނެތެވެ. ކިޔާ އެއްޗެހި ހުއްޓުވާނެ މީހަކު ނެތެވެ. ހަމީދުއަށް ރަނގަޅަށް ކުރެއްވުނު ކަމެއް ހަނދާން ހުރި މީހަކު ވެސް ނެތެވެ. ހަމީދުއަށް ސަނާކިއި މީސްމީހުންގެ ގޭގެ ފާރުގައި އޭތިމީތި ލިޔެފައި ހުއްޓައި ވެސް އާދަނު ދުށްޓެވެ. އެ ގޭގެއިން ކުދިން މޮޓަރަށް ލައްވައިގެން ގެންގޮސް، ހަމީދު ހަދިޔާ ދެއްވާފައި ފޮނުއްވާ ވާހަކައެވެ. ބައެއް ފަހަރު އާދަނުގެ ހިތަށް ރަހުމުވަދެއެވެ. އެހެނަސް ލޮލަކުން ކަރުނައެއް ނާދެއެވެ. ހިތަށްއެރިއެވެ. މީހުންނަށް ނުހައްގުން އަނިޔާކުރާ ވެރިންގެ ނިމުން އަންނާނީ އެހެންނެވެ. ކުރިން ވެސް ވީ އެހެންނެވެ. ދެން ވެސް ވާނީ އެހެންނެވެ. 

ހަވީރު އިއުލާނެއް ނެރުނެވެ. އޭގައި އޮތެވެ. އަޅުގަނޑުމެންނަށް ރައްޔިތުން ދެއްވާފައިވާ އިތުބާރާ އެއްގޮތްވާ ގޮތުގެ މަތިން، ތިރީގައި މި ނަންގަންނަ ކަންތައް ހަމަޖައްސައިފީމެވެ. ފުރަތަމަ އޮތީ، ރައްޔިތުންގެ ގާނޫނު އުވައިލި ވާހަކައެވެ. އިސްލާންދީނުގެ ނިޔާ ކަނޑައެޅުއްވުން ހަތަރު ބޭކަލުންގެ ކޮމިޓީއަކާ ހަވާލުކުރި ވާހަކައެވެ. އެއީ ރުޝްދީ އާއި ސީދީ އާއި ޖަމީލު އާއި ޢަބްދުލްޤައްޔޫމެވެ. ދެން އޮތީ، ރައްޔިތުން ނިންމެވި ކަންކަން ރަށްރަށަށް އޮޅުންފިލުވައިދެއްވުމަށް ދެ ވަފުދު ފޮނުއްވި ވާހަކައެވެ. އުތުރަށް ސައީދު އާއި ޅަހުއްތު އާއި އިބްރާހީމް މަނިކެވެ. ދެކުނަށް މުޙައްމަދުދީދީ އާއި ދޮންސީދި އާއި ކުޑަ މުހައްމަދުފުޅެވެ. ނިންމައިލާފައިވަނީ ރައްޔިތުންގެ އެއްބާރުލުމަށް އެދިއެވެ.  

ސައްލާކުރަން މީހުން އެންމެ ގިނައިން އެއްވަނީ މާފަންނު މޫނިމާހޮޓަލަށެވެ. އެއީ މޫނިމާ މައިޒާނެވެ. މާލެއަށް އައި ރަނގަޅު ބަދަލުގެ ތެރޭގައި، ބޮޑުއިސްޓޯރުން ބައިރުފިޔާއިން ފަސް ލާރި ކަނޑައިފައި ވެސް ސާޅީސް ފަސް ލާރި ދޭ ވާހަކައެވެ. ހަކުރާއި ތެލާއި ކާށި ލިބޭލެއް ފަސޭހަކަމެވެ. "ސިޔާސީކަކުނި" ގޭގައި ވަރަށް ގިނައިން ކައްކައިގެން ކާ ވާހަކައަކީ ވެސް ފަތުއަޑުކިޔާފައި ދެއްކެވޭ ވާހަކައެކެވެ. މައިދާނުގައި ނަގައިކިއީ މާފަންނުގެ އާދައިގެ މީހުންނެވެ. 

ހަވީރު ފިނިޖެހެމުން އައި ވަގުތު، އަނެއްކާ ވެސް ބަނޑޭރިގޭ ދޮށަށް މީހުން އެއްވިއެވެ. ފެތުރުނު އަޑެއްގެ ސަބަބުން ހިތްހަމަނުޖެހިގެންނެވެ. ބައެއް ކުށްވެރިން ހިންމަފުށްޓާއި ތުލުސްދޫގައި ތިބީމާ، އެ ފަދަ މީހުން ދޯންޏެއްގާ ސިލޯނަށް ގޮސް ހަމީދުއަށް ސިއްރު ޚަބަރު ދީފާނެތީއެވެ. ހަމީދުއަށް ތާއީދުކުރާ ބަޔަކަށް ހިތްވަރު ލިބިގެން އެ މީހުން ވެސް އައެވެ. ބޮޑު ހަމަނުޖެހުމެއް ހިނގިއެވެ. ހުސެއިން މޫސާދީދީގެ ދަތްދޮޅިދަށަށް މީހަކު އަތްކޮއްޕައިލި ތަން ވެސް ފެނުނެވެ. 

"ކަލޭގެ ދެ ދަރީންނަށް ދެން ކަލްކީބިޑިޔަކަށް ހިތާހިތުން ވެސް ނުހިތާނަން." އަތްކޮއްޕައިލި މީހާ ބުންޏެވެ. 

ކުރިން އެ މީސްމީހުންގެ ކުޑަބޭރު ވެސް ނޭރޭ މީހުންގެ އަބުރު ފައިދަށުގައި ވެއްޔާ މޮޑެލާ ތަން އިރުއިރުކޮޅާ ފެނެއެވެ. އެހެނަސް ދޮށީ މަނިއްޕުޅު ހިމެނުނީ ރައްޔިތުން ރަނގަޅު ފާހަގަ ޖެހި މީހުންގެ ލިސްޓުގައެވެ. މަނިއްޕުޅު އުޅުއްވީ އެ ކަން ދަނެގެންނެވެ. ސިޔާސީ އެއްވެސް ކަމަކާ ބެހިވަޑައެއް ނުގަންނަވައެވެ. އާދަނު މުޅި މާލޭގެ ޚަބަރުތައް ބަލަމުން ކޮޅުކޮޅުމައްޗަށް ހިނގާތީ، ދޭތެރެއަކުން ދޮށީ މަނިއްޕުޅާ ވެސް ދިމާވެއެވެ. ހަފީޒާ އައިކަން ޔަގީންކޮށްލަން އާދަނު ބޭނުމެވެ. ނޭނގި ހުއްޓައި ކުއްލިއަކަށް ހަފީޒާގެ ކުރިމައްޗަށް ނުކުމެވޭކަށް އާދަނު ބޭނުމެއް ނޫނެވެ. އެހެނަސް، ހަފީޒާޔާ ބެހޭ ގޮތުން ދޮށީ މަނިއްޕުޅާ އެއްވެސް ސުވާލެއް ކުރުމަކީ އާދަނަށް ރީތި ކަމަކަށް ނުވިއެވެ. 

ޖެހިގެން އައި ދުވަހު އަނެއްކާ ވެސް އިއުލާނެއް ނުކުތެވެ. އޭގައި އޮތީ މާލެ އަތޮޅުގެ ރަށްރަށަށް، އެ އަތޮޅުގެ އަތޮޅުވެރިކަމާ ހަވާލުވެ ހުރި ތައުފީގު އަންގަމުންދާ ކަމަށް އިވޭ ވާހަކަތައް ބަލައި، އެ ކަން ހަމަޖެއްސުމަށާއި މާލެ އަތޮޅު އަތޮޅުވެރިކަން ހަވާލުކޮށް މުޙައްމަދު ކަލޭފާނު ފޮނުއްވާ ވާހަކައެވެ. ނައިފަރަށް ފޮނުވާލެވިފައިވާ މުޙައްމަދު މަނިކު، މުލަކު އަތޮޅު ވޭވަށަށް ބަދަލުކުރި ވާހަކައެވެ. ކުޑަހުވަދޫއަށް ފޮނުވުނު އާދަން ކަލޭފާނު ކޮޅުމަޑުލު ދިޔަމިގިއްޔަށް ބަދަލުކުރި ވާހަކައެވެ. ފަހުމީ ދީދީ ތޮއްޑުއަށެވެ. ބޭރުގެ ޚަބަރުތައް އާދަނަށް ގެނެސްދެނީ ދޮންމަނިކެވެ. 

"ފޯރި އެބަހުރި،" އާދަނު އިއުލާނު ކިޔަން އިންދައި ދޮންމަނިކު އައިސްފައި ބުންޏެވެ. "ހަމީދު މާލެވަޑައިގަންނަވާ ހިތްޕުޅުން އަވަހާރަފުޅު ވެސް ނުލެއްޕެވޭ ކަމަށް ވަނީ. ވިދާޅުވިޔޯ ތިމަންނާ މާލެ ގޮސް ހުރިހާ ކަމެއް ހަމައަކަށް އަޅުވައިލާނަމޭ! ރައްޔިތުން ތިމަންނާގެ ބަސްއަހާނޭ!"

"އެ މަނިކުފާނު ރަނގަޅު ވާނީ މާލެއަށް ވަޑައިނުގަތިއްޔާ!" އާދަނު ބުންޏެވެ. "މީހުން އެ ތިބެނީ ދަންފަޅި ބަހައިގެން ފޯރިމަރަން އަތިރިމަތީގަ. ކަލޭ ގޮސް ބައްޕަ ގާތުގަ ބުނޭ ހަމީދަށް ނަންގަންނާށޭ ތިޔަ ހުންނެވި ތާކު ސަލާމަތުން ހުންނަވާށޭ! ހަފީޒާ ކޮބާ؟ ދޮންމަނިކަށް އެނގޭނެ."

"އަދި ނާދޭ!" ދޮންމަނިކު ޖީބުން ކަރުދާސްކޮޅެއް ނަގައި ދައްކައިލަމުން ބުންޏެވެ. "އިނގިރޭސީންގެ މި އާގުބޯޓުން ހަފީޒާ އަންނަނީ."

ކަރުދާސްކޮޅުގައި ދިވެހިން ޖަހާފައި އޮތީ "އެޗް. އެމް. އެސް ހޯސްޓޯލްޓް" އެވެ. 

"އެ ބޯޓުން ވަރަށް ހާއްސަ ބޭފުޅަކު ވަޑައިގަންނަވާ ވާހަކަ ވެސް ބައްޕަ ބުނި. ބުނި ރާގުން އަހަންނަށް ޔަގީން ހަމީދުކަން ވަޑައިގަންނަވަނީ،" ދޮންމަނިކު ބުންޏެވެ. "މާދަމާ ހެނދުނު ހަތެއް ޖަހަންވާ އިރަށް ބަނދަރަށް ނަގިލި ވައްޓާލާނެ." (ނުނިމޭ)