(ބުދަ ދުވަހާ ގުޅޭ)
"ތިލަދުންމަތިން އައި މީހުންނަށް ހެދި ގޮތް އަޅުގަނޑުމެންނަށް ނަހަދާނެ ކަމުގެ ޔަގީންކަން ދެއްވާ!" އާދަނު ގޮވައިލިއެވެ.
ތިލަދުންމަތިން އައި ދޯނިފަހަރުން ސަރުކާރަށް ނުކިޔަމަންތެރިވި މީހުންގެ ތެރޭގައި އިސްކޮށް އުޅުނު މީހުން ފަހުން މާލެ ގެނެސް އަދަބު ދިނެވެ. އެންމެނަށް މާފުކޮށްފީމޭ ވިދާޅުވެފައި ވެސް ހަމީދު އިތުރުފުޅު ހެއްދެވީއެވެ. ދުއްރައިން ތަޅައި އަށިގެއަށް ލީ މީހުންގެ ތެރޭގައި މާޅެންދޫ މުދިންކަލޭގެ އާއި ކުޅުދުއްފުށީ ބޮޑުކަތީބާއި ނޮޅިވަރަމް އާދަންމަނިކު ވެސް ހިމެނެއެވެ.
"މީ އެ ދުވަހެއް ނޫން،" ޝިހާބު ބުނުއްވިއެވެ. "އެއީ އަޅުގަނޑެއް ވެސް ނޫން. އެންމެންގެ ހާޒިރުގަ އަޅުގަނޑު މި ޔަގީންކަން ދެނީ، ތިއިން އެއްވެސް ބޭކަލަކަށް އަދަބެއް ނުދޭނަން."
އޯގަސްޓުމަހުގެ ބާވީސް ވީ ހޮނިހިރުދުވަހު މާލެ އޮތީ ދެ ހަޅަ ޖަހައި، ހަޅަ މަޑުވެ، ވައި އުތުރަށް އަރައިފައެވެ. އިރުއޮއްސިއްޖެއެވެ. ރަށު ތެރޭގައި ދެއްކެވެނީ އެންމެ ވާހަކައެކެވެ. ވަރުގަދަ "ހިބަރެއް" ބާނައިގެން ގެންނަ ވާހަކައެވެ. މަންޒަރު ބަލަން އަތިރިމައްޗަށް ދާން ވާނެ ވާހަކަ އާއި ރަނގަޅު އަގެއްގައި ހިބަރު ވިކޭނެ ވާހަކަ އާއި ހިބަރު އަތުޖެހުނު ކޮންމެ މީހަކު ހިބަރުގެ ބޮލުގައި ރަންގު ލާ ވާހަކައެވެ. ރަންގަކީ ކުލަޖައްސަން ބޭނުންކުރާ ކުނޑިއެކެވެ. ހިބަރު އެ ކިޔަނީ ކާކަށްކަން އާދަނަށް އެނގެއެވެ. އޭނަ ގެނައުމުން ދެން ކަން ކުރާނެ ގޮތް އެނގޭނީ ހަވަރަށޭ މީހުން ކިއެވެ. އާދަނު ވެސް އަތިރިމައްޗަށް ދިޔައެވެ. ނަމަވެސް އެ ތަނަށް އަވަށުވެރިން ދުރުވެ، އެންމެން ގެއަށް ދާން އެންގުމުން، ކިޔަމަންތެރިކަމާ އެކުގައި އެންމެން ގޭގެއަށް ދިޔައީއެވެ.
މާލެ ތެރޭގައި ކުދިކުދި ހާދިސާ ހިނގިއެވެ. ފާހަގަކޮށްލެވޭ ހާދިސާއަކީ، ބުނަން ނުވާ ކަހަލަ އެއްޗެއް މީހަކު ބުނި ހާދިސާއެވެ. އެ މީހަކު ބުންޏެވެ. ތިމަންނާއަކީ މުޙައްމަދު ހަމީދުގެ މަސްގަނޑެކެވެ. ވަގުތުން އޭނަގެ ބޮލަށް މީހުން އަރައިގަތެވެ. އޭނާ ކިރިޔާ ދުނިޔޭގައި އޮތް ކަމެވެ. ހަމީދުއާ ގުޅޭ ގޮތުން އެކި ފާޑުފާޑުގެ ވާހަކަ ދެކްކެވުނެވެ. ހަގީގަތެއް، ފުލޯކެއް އެނގޭ ވަރެއް ނޫނެވެ. މަގުމަގުގައި ކޯޅިކޯޅިއަށް މީހުން އެއްވެ ތިބެގެން ވެސް ދައްކަނީ ހަމަ އެއް ވާހަކައެކެވެ. ހަމީދުއަށް ތާއީދުކުރާ ގިނަ މީހުން މަގުމައްޗަކަށް ނުނިކުމެއެވެ.
މާލޭގެ މަގުތަކަށް ވެރިވެފައިވަނީ ނާމާން ފަޅުކަމެކެވެ. ކުއްލިއަކަށް ދިމާއަކުން ހަޅޭއްލަވައިގަންނަ އަޑު އިވިދާނެއެވެ. މީހަކު ފަހައި ދުވަމުން ބަޔަކު ގޯޅިއަކުން ނުކުމެދާނެއެވެ. ވައި ކަފާފައި ބައިސްކަލެއް ހިނގައިދާނެއެވެ. ރޭގަނޑު އަށެއްޖެހި އިރު ބަނޑޭރިގޭ ދޮށަށް މީހުން އެއްވެއްޖެއެވެ. ކުރީ ސަފުގައި އާދަނު ހުއްޓެވެ. ގިނައީ ހެންވޭރު މީހުންނެވެ. އެ މީހުންގެ އެދުމަކީ ކުރީ ސަރުކާރުގެ އިސް ސަފުގައި ހަރަކާތްތެރިވި މީހުން އަށިގޭގައި ތިބިކަން ކަށަވަރު ކޮށްދިނުމެވެ. އެ މަންޒަރު ހަމަލޮލަށް ދެއްކުމަށެވެ. އެ ކަން ކޮޅެއްގައި ނުޖެހުމުން އާދަނު އެ ތަނުން ނުކުތެވެ.
"އަހަރުމެންގެ މިހާރުގެ ވެރިންނަކަށް ވެސް އިތުބާރެއް ނެތެއްނު!" އާދަނު ގާތުގައި ހުރި ދޮހޮއްކޮ ބުންޏެވެ. "ބަލަން ހުއްޓާ ދޯންޏަށް ލައިގެން ރަށްރަށަށް އަރުވާލާ މީހުން އަނެއް ދުވަހު މި އޮންނަނީ ގަނޑުވަރު ތެރޭގަ."
"އެއީ ވެރިންގެ މައްސަލައެއް ނޫނޭ!" ނަސޭހަތުގެ ރާގުގައި އާދަނު ބުންޏެވެ. "ވެރިންގެ އިތުބާރު ގެއްލުވަން ބަޔަކު ރާވައިގެން އެ ކަން އެ ކުރަނީ. އަހަރުމެން ޖެހޭނެ ހޭއަރާ ތިބެން. އެ އުޅެނީ ވެރިންނަށް ކަމެއް ނުކުރެވޭކަން ސާބިތުކޮށްގެން ފަނިހަދަން."
އިބްރާހިމީ މައިދާނާ ދިމާއިން ބަނޑޭރިގެއާ ދިމާއަށް މީހުން ދިޔަނުދިނުމަށް ބަޔަކު މަސައްކަތްކުރިއެވެ. އެ ކަން ކުރަނީ ވަރަށް ސިއްރުންނެވެ. އާދަނު ހިތަށް އެރިއެވެ. ހަމީދުއަށް ތާއީދުކުރާ މީހުންތަކެއް ސިއްރުސިއްރުން އާންމުންގެ ތެރެއަށް ފޭދިއްޖެއެވެ. ހަމީދުގެ އަރިސް މީހުންނާއި ގާތް މީހުންނަށް ކަންކަން ފަހިކޮށްދޭން އެ މީހުން މަސައްކަތް ކުރާނެއެވެ. އެ ކަން އެ ދަނީ ފަރުދާގެ ބިއްދޮށުގައި ހިނގަމުންނެވެ. ހަމަ ހިލާ އެހެން ވިޔަކަ ނުދޭނަމެވެ.
އާދަނު އެހެން ދިމާއަކަށް މިސްރާބުޖެހިއެވެ. ބަނޑޭރިގޭ ކުރިމަތިން އާދަނު ހުރަސްކުރި އިރު، ބަނޑޭރިގޭ ދޮރުގައި ޖަހާފައި ހުރި ޓިނުތަކާއި ދޮރުގައި ތަޅައި، ހަޅޭއްލަވާ އަޑުއިވެއެވެ. އެ މީހުން އުޅެނީ އެތެރެއަށް ވަދެގަންނާށެވެ.
"ތިހެނެއް ނެހެދޭނެ! ތީ އިންސާފެއް ނޫން! އެ މީހުން ބިޑިއަޅުވާފަ އަހަރުމެންނަށް ދައްކާ!" ގޮވަނީ އެހެންނެވެ.
ލައްކަ މީހުން އޮތެވެ. މައްސަލަ ހިލިގެން އުޅެނީ ރަށު ތެރެއަށް އެރި އަޑެއްގެ ސަބަބުންނެވެ. ބަޔަކު ކިއި ގޮތުގައި، ހައްޔަރުކުރި މީހުންނަކަށް އަދަބެއް ނުދެއެވެ. ބިޑިއެއް ނާޅުވައެވެ. އެ މީހުން ތިބީ އަށިގެއަކު ނޫނެވެ. އެ މީހުން ނިދަނީ ގޮދަޑި ޖެހި އެނދުގައެވެ. ކަނީ ރިހަބަތެވެ. ބޮނީ ކިރުސަޔެވެ. އިރުކޮޅަކުން އިބްރާހީމްދީދީ ދުރުވިއެވެ.
"އަހަންނަށް ގަޑިއެއް ހައި އިރު ދީ. ތި ކަން މި ބަލަނީ!" އިބްރާހީމްދީދީ ބުނުއްވިއެވެ. "ބޭކަލުން ހަމަ ތި ބޭނުންވާ ގޮތް ހަދައިދޭނަން."
އެ ހިސާބުން މީހުންގަނޑު ކުޑަކޮށް މައިތިރިވިއެވެ. ބަނޑޭރިގެ ދޫކޮށް ހިނގައިގަތެވެ. އިބްރާހީމްދީދީއަކީ ސަރުކާރުގެ މަތީ މަގާމެއް ފުރުއްވާ، ރައްޔިތުން ރުހުން ދީފައިވާ މީހެކެވެ. މީހުންގަނޑު ތަންކޮޅަކަށް ގޮސްފައި އަނެއްކާ އެނބުރި ބަނޑޭރިގެއާ ދިމާއަށް ދުއްވައިގަތެވެ. ކޮންމެވެސް މީހަކު ކޮންމެވެސް އެއްޗެއް ބުނީއެވެ. މުޅި މާލެ ތެރޭގައި ވެސް ކަން ހުރީ އެ ކަހަލަ ގޮތަކަށެވެ. ޚަބަރުތައް ފެތުރެނީ ދޫދޫމަތިންނެވެ. ދޭތެރެއަކުން އިއުލާނެއް ވެސް ނެރެފައި ބަހައްޓައެވެ. އެއިން އެނގެނީ ވަރަށް ކުޑަ މިންވަރެކެވެ.
އާދަނު އެންމެ ފަހުން ކެއި އިރެއް ހަނދާނެއް ނެތެވެ. އެ ކަމަކަށް ޝައުގުވެރިކަމެއް ނުމެ ނެތްމެއެވެ. ފާމުދޭރިމަގުން ބާޒާރުމައްޗަށް ދާންކަމަށް ދުއްވައިގެންފައި ޖެހުނީ ހުއްޓޭށެވެ. ޒަކީ އާއި ދެން ވެސް ތިބި ބައެއްގެ ސަބަބުންނެވެ. ދެން އާދަނު ހިނގައިގަތީ ގަނޑުވަރު ތެރެއިން ލާފައި ދާން ކަމަށެވެ. އާކޯއްޓޭ ބުރުޒު ކައިރިން ގަނޑުވަރު ތެރެއިން ލާފައި ދަނިކޮށް ބަޔަކު ބޮނދަބޮނދައިގެން ދާ ތަން އާދަނަށް ފެނުނެވެ. ރަނގަޅަށް ބަލައިލި އިރު އެ ތަނުގައި ތިބީ ހަސަން ކަލޭފާނާއި ރަނަހަމައިދި ކަލޭފާނާއި މުހައްމަދު މަނިކާއި ހުސެއިން ޢަލީދީދީ އާއި އަޙްމަދު ޢަލީދީދީ އާއި މުޙައްމަދު ކަލޭފާނެވެ. އެންމެންނަކީ ވެސް ހައްޔަރުކުރި މީހުންނެވެ. ހަގީގަތުގައި އެ މީހުން ތިބީ ގަނޑުވަރުގައެވެ. ރަށު ތެރޭގައި ދެއްކެވުނީ ތެދު ވާހަކައެއްކަން އާދަނަށް ވިސްނުނެވެ. އެ މީހުން ގަނޑުވަރު ތެރެއިން ލާފައި ދުވީ ބަނޑޭރިގޭ ތެރެއަށެވެ. ފަހަރެއްގައި ވެސް ރައްޔިތުން ބަނޑޭރިގެއަށް ވަދެ، އަށިގެ ބަލާ އިރު އެ މީހުން ނެތިއްޖެއްޔާ މައްސަލަ ގޯސްވާނެތީއެވެ. ރުޅި އައުމުގެ ބަދަލުގައި އާދަނު ގާތަށް އައީ ހިންޏެވެ. އިއްޔެ މަތިހަށިނަގައިގެން އުޅުނު މީހުން އުޅޭ ހާލު ފެނުމުނެވެ.
"ބަލަ އޭތް އޭތް!" އާދަނު ގޮވައިލިއެވެ. "ކޮން ވަޑާމެއް؟ މީދާތަކެއް ހެން ކޮން ތާކަށް ފިލަން ތި ދުވަނީ؟"
އެ މީހުން ބަނޑޭރިގެއަށް ވަންތާ މާ ގިނަ އިރެއް ނުވެ ބަނޑޭރިގޭގެ ދޮރު ހަލާކުކޮށްލައިގެން މީހުންތައް ވަދެއްޖެއެވެ. މުޅި ހިސާބުގަނޑުގައި އޮތީ ހަޅޭކުގެ އަޑެވެ. އާދަނު ވެސް ގޮސް އެ ތަނަށް ވަނެވެ.
"އެ މީހުން އަތަކު ބިޑިއެއް ނެތް،" އާދަނު ގޮވައިލިއެވެ. "މިނިވަންކޮށްފާ ތިބީ. ހަމަ މިހާރު ހައްޔަރުކުރޭ!"
އާދަނާ އެކުގައި ނަގައިކިޔަން ދެން އުޅުނީ މޫސާ މަނިކު ދޮންމަނިކާއި ފީބިސް މޫސާފުޅު ކަހަލަ ހިތްވަރުގަދަ ބައެކެވެ. ބަނޑޭރިގެއަށް މީހުން ވަދެ އެއްޗެހިތައް ތަޅައި، ގޮނޑިތައް ފުނޑުފުނޑުކުރިއެވެ. ކިލެގެފާނާއި އިބްރާހީމްދީދީ އެ ތަނުގައި ނެތް ނަމަ ބައެއްގެ ފުރާނަ ވެސް ދުއްވައިލީހެވެ. އެ ދެ ވެރީންނަށް ރައްޔިތުން ކިޔަމަންތެރިކަން އަދާކުރިއެވެ. އިސާހިތަކު ކުށްވެރީން އަތުގައި ބިޑި އަޅުވާފައި، ބަރިއަކަށް އަތުރާފައި ރައްޔިތުންނަށް ދެއްކިއެވެ. ކުށްވެރީން ތިބީ ބިރުގެންފައެވެ. އާދަނަށް ހަމަ ހެވެނީއެވެ.
"ކަލޭފާނޫ! އަޅުގަނޑަށް ޖެއްސެވި ހާލު މިހާރު ހަނދާން އެބަ ހުރިތޯ؟" އާދަނު ސުވާލުކުރިއެވެ. "ކޮބައިތޯ އިއްޔެގެ ބޮޑާކަމާ، ކިބުރުވެރިކަން؟ މުޅި މީހާ ބިރުން ތިހިރަ ރޫރޫއަޅަނީ ނޫންތޯ؟ ފުމެލިޔަސް ވެއްޓި ވަޑައިގަންނަވާނެ. އަޅުގަނޑު ވާ ދުއްރައިން ތެޅި އިރު ވެސް ހުރީ ކޮޅަށް."
ހަސަން ކަލޭފާނު އަނގައިން ވެސް ނުބުންޏެވެ. އާދަނު ބޭނުން ނަމަ އަރައިގަނެވުނީހެވެ. އެ ވަގުތު އާދަނަށް ފެނުނީ އާދަނުގެ ފައި ކައިރީގައި އޮތް ގާބުރިއެކެވެ. ގާބުރި ނެގި ވަގުތު ދޮންމަނިކު ކުއްލިއަކަށް އާދަނުގެ އަތުގައި ހިފޭއްޓިއެވެ.
"ތި ބާއްވާފަ ހިނގާބަލަ ބޭރަށް،" ދޮންމަނިކު ބުންޏެވެ. "ހަފީޒާގެ ޚަބަރެއް ލިބިއްޖެ!"
އާދަނާއި ދޮންމަނިކު އެ ތަނުން ނުކުތެވެ. އޭރު ވެސް ވެރިން އެދިލައްވަމުންގެންދެވީ ހުރިހައި އެންމެން ގެއަށް ދިޔުމަށެވެ. އެ ބަހަށް އެކަކު ނުކުތިއްޔާ ދެ މީހުން އަނެއްކާ ވަދެއެވެ. ރައްޔިތުން އެދިގެން ބައެއް ކުށްވެރިން އެ ރޭ އަރުވައިލަންގެންދިޔަ އިރު، އަތިރިމައްޗާ ހަމައަށް ދެ ފަރާތުގައި މީހުން އެތުރިގެން ތިއްބެވެ. ގެންދިޔައީ ފަހަރަކު މީހެކެވެ. ނުގޮވާކަށް އެއްޗެއް ނެތެވެ. ކޮންމެ މީހަކު ވެސް އެ މީހަކަށް ކޮށްފައިވާ އަނިޔާގެ ވާހަކަ ގޮވައިލާފައި، ހުތުރުބަހުން މާފައްޗެއް އަމުނައިލައެވެ. ހީވަނީ ހަމަ ދެންމެދެންމެ ބޮލަށް އަރައިގެންފާނެ ހެންނެވެ. އެކަކު ވެސް ގަޔަށް އަތްނުލުމަށާއި ކެތްތެރިވުމަށް ވެރިން ތަކުރާރުކޮށް އެދިލެއްވިއެވެ.
"އެންމެންގެ ބުރީހަންނަގާ! ދުއްރައިން ތަޅާ! އަދަބު އަދި ވެސް ކުޑަ،" މީހަކު ގޮވައިލިއެވެ. "ދެން މަގޫފަތް އޮޅާފަ ބަނޑު*** ދޭ! ނުތަޅަނީ ކީއްވެތަ؟ ބިޑިއެއްގެ އަދަބު ނަމަވެސް ހެވޭ!"
ބިޑިއެއްގެ އަދަބަކީ ތިރީސް ނުވަ ފަހަރު ތަޅާފައި އަރުވައިލުމެވެ. ކުށްވެރިންނަށް ރައްޔިތުން އަނިޔާއެއް ކުރިޔަނުދިނުމަށް ޓަކައި އިބްރާހީމް މުޙައްމަދުދީދީ އާއި ދެ ޒަކީ އާއި ނާސިރާއި ޝިހާބާއި ޖަމީލު ވެސް ހުޝިޔާރުވެގެން ތިއްބެވިއެވެ.
"ބޭކަލުންނޭ ކެތްތެރިވެލައްވާ! ގަޔަށް އަތްނުލައްވާތި! އަނިޔާ ނުކުރައްވާތި!" އަޑު ހަލާކުވަމުންދިޔަ އިރު ވެސް، ހުއްޓައިނުލައްވައި ރައްޔިތުންގެ ކިބައިން ވެރީން އެދިލެއްވިއެވެ.
އިބްރާހީމްދީދީ ގެންގޮސް ދޯންޏަށް އެރުވުމުން ބަޔަކު މޫދަށް ވެސް އެރުނެވެ.
"ކޮބާ ހީވޭ؟" އެކަކު ގޮވައިލިއެވެ. "ބީރައްޓެހިންނަށް ކާޑު ނުދީ، ވެލިގަނޑު އަރުވައިގެން ފުރައިގެން ދާށޭ ބުނި * މި އޮތީ! ރަށަށް ގެންގޮސް މަގޫފަތް އޮޅާފަ ދީ!"
"ހޫނ! ހަފީޒާ ކިހިނެކޭ ވީ؟" މަންޒަރު ބަލަން ދުރުގައި ހުރި އާދަނު އެހިއެވެ.
"ހިތަށް އަރާ މި ވާހަކަ ބުނެގެން އާދަނު ވާނީ ދެރައޭ،" ދޮންމަނިކު ބުންޏެވެ. "ހަފީޒާ ރާއްޖެ އަންނަން ފުރައިފި!" (ނުނިމޭ)