(ބުދަ ދުވަހާ ގުޅޭ)

"ދޮށީމަނިއްޕުޅާ ހަފީޒާ ދެވީތޯ؟" އާދަނު ސުވާލުކުރިއެވެ. 

"އާދަނުގެ ވާހަކަ ހަފީޒާ ބުނި ފުރަތަމަ ދުވަހު ވެސް އާދަނަކީ ކާކުކަން ހަފީޒާ ބުނި،" ކަލޭފާނު ބުނުއްވިއެވެ. "އާދަނަށް އަހަރެން ރުހުން ދިނިން. އަހަރެން ބޭނުންވަނީ ހަރުދަނާ، ހިތްވަރުގަދަ، ދީންވެރި، ހީވާގި ކުއްޖެއް. އެ ހުރިހާ ޝަރުތެއް އާދަނުގެ އެބަހުރި. ތި ދެ ކުދިންގެ ކައިވެނި ތާރީޚު ވެސް އަހަރެން ކަނޑައެޅިން. ހަފީޒާއަށް އެ ކަން އެނގޭނެ. ދެން ކީއްކުރަން އަހަރެން ހަފީޒާ އެހެން މީހަކާ ދެވަންވީ؟ އާނ އަހަރެން ވަލީ ދިނިން. ކީއްވެ ދިނީ؟ އަހަރުމެން އެންމެނަށް ވެސް އެންމެ ފައިދާ ހުރި ގޮތަކީ އެއީ ކަމަށް ވާތީ. ހަފީޒާ އެ ކަން ކުރީ އަހަންނަށް ޓަކާ. އާދަނަށް ޓަކާ. އެހެން ނެހެދި ނަމަ ތި ހާލުގަ ވެސް އާދަނަކަށް އަށިގެއަކުން ނުނިކުމެވުނީސް."

"މިހާރު އަޅުގަނޑަށް މުޅި ދުނިޔެ މި ވީ އަށިގެއަކަށް ނޫންތޯ؟" އާދަނު ވަރަށް އިހުތިރާމާ އެކުގައި ބުންޏެވެ.

އާދަން ކަލޭފާނު އެތައް ނަސޭހަތެއް ދެއްވަން ބޭނުންވެލެއްވިއެވެ. އެހެނަސް، އޭގެ ކުރިން އާދަނު ހިނގައިގަތެވެ. އޮނުގަނޑު ޖައްސަމުން، އަރި އަޅަމުންނެވެ. އާދަނުގެ ހިތަށް ހެރިފައިވަނީ ތޫނު ވަޅިއެކެވެ. އެ ވަގުތު އާދަނު ހިނގަމުންދިޔަ ހެންވޭރުގެ ހަނި ގޯޅިގަނޑުގައި އަލަށް ރާނާފައިވާ ދެ މަގުފާރު ދޭތެރޭ އާދަނުގެ ހަށިގަނޑު ފިއްތައިލި ކަހަލައެވެ. އަޑިގުޑަން ގިނަ ބިމުގެ ފަސްގަނޑު ތެރެއަށް އާދަނުގެ ފައި ގަނބައިގަތް ކަހަލައެވެ. އާދަނަށް ހުއްޓެވުނެވެ. ޖެހެމުންދިޔަ ވައިރޯޅި، އާދަނުގެ ކަނާއަތް ފަރާތުގައި ހުރި، އެ ގަހެއްގައި އަޅާ މާ ހަތް ފަހަރަށް ފޮޅޭ ހުސްނުހީނާ ވަސް ހިފައިގެން އައިސް އާދަނަށް ވެދުން ކޮށްފައި، ހިތްވަރު ދީފައި، ސިއްރެއް ބުނެލި ކަހަލައެވެ.

ހަފީޒާއަކީ މިހާރު އެހެން މީހެއްގެ ހައްގެކެވެ. އޭނާ ހަނދާން ނައްތައިލާށެވެ. އެ ސިއްރު، އެއްވެސް ރަހުމެއް ނެތި ވަޅީގެ މުށްގަނޑުގައި ހިފައި، ވަޅި ތިރިޔަށް ހިންގައިލިއެވެ. އާދަނުގެ ހިތް ދެ ފަޅިއަށް ފަޅައިލިއެވެ. ވެއްޓުނަނުދިނުމަށް ޓަކައި، އޮނުގަނޑުގައި އާދަނު ބާރަށް ހިފާއްޓައިލިއެވެ. ދެ ފަޅި ވަކިވެފައިވާ ހިތުން، މެޔަށް ގުޑުންއަރާ ފަދަ ލަސް ގުޑުމެއް ހަށިގަނޑުގައި އުފެއްދިއެވެ. ކޮންމެ ގުޑުމެއް އަޑުވީއްލައި ހަފީޒާއަށް ގޮވިއެވެ. ގެއެއްގެ ހުޅުވިފައިވާ ދޮރާށްޓެއްގެ ބިއްދޮށުން، ގަހެއްގައި އެލުވާފައި ހުރި ކުޑަކުޑަ އުނދޯންޏެއް ހެއްލިހެއްލި ހުރި ތަން އާދަނަށް ފެނުނެވެ. އުނދޯލީގެ ހަރަކާތް ލަސްވެފައިވާ ކަހަލައެވެ. ހަފީޒާ އުނދޯލީގައި އިނެވެ. އޭނަގެ ރީތި، ދިގު އިސްތަށިގަނޑު ބޮލުގެ ދެ ފަރާތުން ކުރިމައްޗަށް ގެނެސްފައި އޮތެވެ. މޫނުގެ ބައްޓަން ފާޅުވެ، ކަޅިރަވައިގެ ތޫނުކަން އިތުރުވެ، ޒުވާންކަން ފުރިހަމަވެފައިވެއެވެ. ފިޔާތޮށިކުލައިގެ ހެދުމުގައި ހަފީޒާގެ ތުންފަތް ފިނިމަލެއްގެ ކަރުގަނޑު ފަދައެވެ. ގިއުޅު އަތުކުރީގައި ހުރި ތަނޑިތަކުން އިވޭ އަޑު މިޔުޒިކެއް ފަދައެވެ. ވަޔާ ކުޅެން ދޫކޮށްލާފައި އޮތް ހެދުމުގެ ފުޅާ ފަސްބައި ރާޅުބާންޏެއް ފަދައެވެ. އެ ހަނދާންތައް އާދަނުގެ ހިތުގައި ރިހުން އުފެއްދިއެވެ. އެ އުފާތައް އާދަނަށް މިއަދު ވިހައެއް ކަހަލައެވެ. އާދަނުގެ ލޮލުން ފާޅުވި ހަމަހިމޭން، ގޮތް ހުސްވެފައިވާ ކަރުނައެއް، ލޮލާ ވަކިވެގެން ބިމަށް ދަތުރު ފެށިއެވެ. ހަފީޒާގެ ލޯބި އާދަނާ ވަކިވެގެން އެހެން މީހަކާ އެކުގައި ޒަވާޖީ ހަޔާތެއްފެށި ފަދައިންނެވެ. ހަފީޒާގެ ލޯބި ހިނިތުންވުން ހަނދާން ނައްތައިލާނެ ގޮތެއް އާދަނަކަށް ނޭނގެއެވެ. ހަށިފުރައި ލެވުނު ނޭވާ ހަށިގަނޑުން މިނިވަންކޮށްލުމަށް ފަހު އާދަނު ދެ ލޯ މަރައިލިއެވެ. ކަނުއަނދިރި ތެރެއިން ވެސް އާދަނަށް ފެނުނީ ހަފީޒާގެ ލޯބި މޫނެވެ. 

ލޮނުޒިޔާރަތްކޮޅުގެ ވަރުނުލާ ރާޅުތައް، ހުޅިނަގާފައި އައިސް ގޮނޑުދޮށަށް މުގުރިއެވެ. ބިޔަ ގަލެއްގައި ފޫހަރައިގެން އިން އާދަނު ތެމި ފޯވެއްޖެއެވެ. އިރުއޮއްސި އަނދިރިވިތާ އެތައް އިރެއް ވެއްޖެއެވެ. ހަރަކާތް ހުއްޓިފައި އެހެން އިނދެވުނީ ކިހައި އިރަކު ކަމެއް އާދަނަކަށް ނޭނގެއެވެ. އެ ފަކީރުގެ ހިތް އޮތީ ހަށިގަނޑު އިން ތާކު ނޫނެވެ. އެ ދިމާ އެއްގަމުގައި ހުރި ލަންޓަނެއްގައި ލެނގިލައިގެން ދޮންމަނިކު ހުއްޓެވެ. ދޮންމަނިކު ދެކެން ބޭނުންނުވި ދުވަހަކީ އެއީއެވެ. އެތައް ނަސޭހަތެއް ދިން ސަބަބަކީ ވެސް އެއީއެވެ. އާދަނު އަޑުނޭހީއެވެ. ހަފީޒާގެ ލޯބީގައި އާދަނު ދިވާނާވީއެވެ. އިތުރަށް އެ ވާހަކަ ދައްކަން ދޮންމަނިކު ފޫހިވެއެވެ. ނުދައްކައި ވެސް ވާކަށް ނެތެވެ. އެކުވެރި އާދަނަށް އެ ކަމުގައި އެހީވެވޭނީ އެހެން ކާކަށް ހެއްޔެވެ؟ ރާޅު ނުފޯރާ ހިސާބުން އާދަނާ އެންމެ ކައިރިވެވޭ ހިސާބަށް ދޮންމަނިކު ދިޔައެވެ. 

"ހިނގާ ގެއަށް ދަމާ!" ދޮންމަނިކު ބުންޏެވެ. "ރާކަނިމަސް ކެވުނީމަ ރާކަންޏެއް ހެން ތިހެން އިނަކަސް ދެން ކުރާނެ ކަމެއް ނެތް. ރަންފޮށްޓެއް ނުލައްގާނެ."

އާދަނު ބަލައި ވެސް ނުލިއެވެ. އިވޭ ކަމަށް ވެސް ނެހެދިއެވެ. 

"ފަރުހާދު ހެދޭނެ ކަމެއް ނެތް. ޝީރީނެއް ނާންނާނެ ކަލެއަށް ފަރިހި ކިޔައިދޭކަށް،" ދޮންމަނިކު ބުންޏެވެ. "ހާރަކަސް ތަރާވީހަކަސް ހުރި މީހަކީ މަސޮރު. މަގޭ ލޮލަށް ނިދި ނައިސްގެން މި އުޅެނީ. ތެދުވޭ ތެދުވޭ! ތީ އަހަރުމެން ކަހަލަ މީހުން އުޅޭ ގޮތޭ! ކަލޭ ތީ ނުލާހިކު ހިތްވަރުގަދަ މީހެއްނު."

ދެން ވެސް އާދަނު ބުދެއް ހެން އިނީއެވެ. ދޮންމަނިކު ފަހު ހަތިޔާރު ނެގިއެވެ. 

"ކަލޭ އަތުގަ ވެސް ލާރި ހުރި ނަމަ ހަފީޒާ ލިބުނީސް." ދޮންމަނިކު ބުންޏެވެ. 

"އޭ!" އާދަނު ފަސްއެނބުރިފައި ބުނެލިއެވެ. "ހަފީޒާއާ ދިމާއަށް ފާޑުފާޑުގެ އެއްޗެހި ނުކިޔާ އިނގޭ!"

"މާފުކުރޭ ސާހިބާ!" ދޮންމަނިކު ސަމާސާކޮށްލިއެވެ. "އައިސްބަލަ މި ކޮޅަށް. އެބަ އޮތޭ ވާހަކައެއް."

ދެން ވެސް އިރުކޮޅަކު އިނުމަށް ފަހު ތެދުވެގެން، އޮނުގަނޑުގެ އެހީގައި އާދަނު އައެވެ. 

"ކަލޭ ހީވަނީ ތެންމާލާފަ އޮތް މީދަލެއް ހެން،" އާދަނުގެ އަތުގައި ހިފަމުން ދޮންމަނިކު ބުންޏެވެ. "ހިނގާބަލަ ގެއާ ދިމާއަށް. ބަފާ އެބަ އުޅޭ ކަލޭ ވީ ތަނެއް ނޭނގިގެން."

އާދަނު ހިނގައެއް ނުގަތެވެ. ވިސްނަން ހުރީއެވެ. 

"ތި ހަދަނީ ހަމީދު ބޭނުންވި ގޮތް،" ދޮންމަނިކު ބުންޏެވެ. "އަހަންނަށް ޔަގީން ކަލޭ ދޫކޮށްލީ ތިހެން ތެޅިތެޅި މަރުވާންކަން."

ތި ހެން ވެދާނެހޭ އަހާ ކަހަލަ ނަޒަރަކުން އާދަނު ބަލައިލިއެވެ. 

"ތެދެކޭ މި ބުނީ،" ދޮންމަނިކު ވިސްނައިދިނެވެ. "ކަލޭ އަށިގޭގަ ބާއްވައިގެން މަރާލަން އުޅެއުޅެ އެ ކަމެއް ނުވި. މި ގޮތް މާ ފަސޭހައެއްނު! ކަލޭ އަމިއްލައަށް ތި އިންނަނީ ކަށްވަޅު ކޮނެގެން ތުންފަތް މަތީގަ. އެކަމަކު މަށަށް އަބަދު ހުތުބާ ކިޔައިދޭނެ، ލިބެން ހުރިއްޔާ ލިބޭނޭ! ކިހިނެއް ކަންތައް ވާނެ ގޮތެއް އެނގެނީ؟ އަދި ވެސް ހަމަ ލިބިދާނެއްނު!"

އާދަނު ވިސްނައިލިއެވެ. 

"ތި ބުނީ ހަފީޒާ މީހަކާ ނީނދެޔޭ؟" އާދަނު ސުވާލުކުރިއެވެ. 

"އަހަރެން މީ އާދަނު ނަމަ އަހަރެން ވިސްނާނީ މި ހެން،" ދޮންމަނިކު ބުންޏެވެ. "ދޮށީމަނިއްޕުޅާ ހަފީޒާ އިނީ އަރާމުގަ އުޅެން. އެކަމަކު އަހަންނަކީ އާދަނެއް ނޫނެއްނު!އާދަނަށް ރަނގަޅު ވާނީ މިހެން ވިސްނިއްޔާ! ހަފީޒާ މީހަކާ އިނީ އާދަނަށް ޓަކައޭ. ހަފީޒާ އަދި އަންނާނޭ! އަންނަ އިރު އާދަނު ޖެހޭނޭ ދިރިހުންނަން."

"ތީ މިހާ ތަނަށް ކަލެއަށް ބުނެވުނު އެންމެ އާރުލާ އެތި." އާދަނު އެއްބަސްވިއެވެ. 

ޖުމުހޫރީ ފޯރިގަނޑު ނިމުމުން ގާއުނގޫދޫ މުދިންކަލޭގެއާ އެކުގައި އާދަނު ގާއުނގޫދޫއަށް ދިޔައެވެ. ދިހަ ވަރަކަށް ދުވަހަށެވެ. ހަކީމަކު ލައްވާ ބޭސް ކުރިއެވެ. ފައި ހުޅަށް އަރުވައި، އަސާގަނޑު ދޫކޮށްލިއެވެ. އެ ރަށުގެ ހާލަތު ވަރަށް ދެރައެވެ. މީހުން ބަނޑަށް މަރުވަނީއެވެ. މަސްވެރިކަން ވަރަށް ދަށެވެ. މަދުމަދުން ޒުވާރި އާއި ގޮދަން ހުއްޓެވެ. 

ކައިރީގައި ހުޅުދުއްފާރު ކިޔާ ރަށެއް އޮވެއެވެ. އެ ރަށަށް ވެލާ އަރައެވެ. ވެލާބިސް ވެސް ލިބެއެވެ. ވެލަ އާއި ވެލާބިހަކީ ގާއުނގޫދޫއަށް ލިބުނު ވަރަށް ބޮޑު ނިއުމަތެކެވެ. ވެލާ ނަގައިގެން ގެނެސް ގަރުދިޔަ ކައްކައިގެން ކެއުން އޮތީ އާންމުވެފައެވެ. އޭގެ އިތުރަށް، ކޮންމެ ދުވަހަކު ވެސް ހެނދުނު، ކުދި ދޯނިފަހަރުގައި ހުޅުދުއްފާރަށް ގޮސްފައި އަންނަނީ މަގޫފަތް ހިފައިގެންނެވެ. ރީތިކޮށް ހުންނަ ޅަފަތެވެ. ފަތްތައް އަތިރިމައްޗަށް ބާލާފައި، ދިޔަ އެންމެންގެ މެދުގައި ބަހައިލަނީއެވެ. ފަތްތައް ގެއަށް ގެނެސް، ފެނުކައްކައިގެން އެޔާ، ކަނޑުމަސް ނުވަތަ ވެލާމަސްކޮޅަކާ އެއްކޮށް ކަނީއެވެ. ބާކީ ހުންނަ ބައި ދިލަޖައްސައިފަ ރައްކާ ކުރަނީއެވެ.

ގިނަ މީހުން އުނުއޮރިޔާން ނިވާކުރަނީ ގޯނިންނެވެ. ގޯނި ހުންނަނީ ކަން ކަނޑައިލާފައެވެ. އެ ތަންތަނުން ސުތުލިތައް ނުކުމެފައި ހުންނާތީ، އެ ތާނގައި ހުންނަނީ ލިބާސް ނުވަތަ ކަނޑިކި ފޮތިކޮޅުކޮޅު، ތިނޯހުން ހަރުކޮށްފައެވެ. ކަން ކަނޑާލާފައި އެ ތަނުން ދެފައި ނެރިފައި ގޯނީގެ ތުން ހުންނަނީ މެޔަށް ވުރެ މަތިން އައްސައިލާފައެވެ. ނުވަތަ ދެ ކަން ކަނޑާލައިފައި، މެދުން ބޯނެރެން ތަންކޮޅެއް ކަފާލައިފައި ބޮލުން ވައްޓައިލަނީއެވެ. އަންހެނުންގެ ހެދުމަކީ އެއީއެވެ. ފިރިހެނުން އުޅެނީ މުންޑުބުރިއެއް ނުވަތަ ހަރުވާޅެއް ލައިގެންނެވެ. 

އާދަނު އެ ރަށުގައި ހުއްޓައި އައި ފުރަތަމަ ހުކުރުދުވަހެވެ. ހުކުރު ކުރީ މުދިންކަލޭގެއެވެ. ހުކުރު ހުތުބާ ނިމުނީމައި ތާނިޔާ އޮވެއެވެ. ތާނިޔާއަކީ ދީނަށް ނަސްރު ދެއްވައި، ވެރީންނާއި ރައްޔިތުންނަށް ދިމާވާ އެންމެހައި ނުރައްކާތެރި ކަންތައްތަކުން ސަލާމަތް ކުރެއްވުމަށް އެދި ކުރާ ދުއާއެކެވެ. އެ ދުއާ ފޮނުއްވާފައި އޮންނަނީ ސަރުކާރުންނެވެ. އެއީ އޮންނަ އެއްޗެއް ކަމެއް އާދަނު ކުރިއަކުން ނުވެސް ދަނެއެވެ. އެ ދުއާގައި އޮވެއެވެ. ރައީސުލް ޖުމުހޫރިއްޔާ މުޙައްމަދު ހަމީދަށް ނުނިޔަތްލީ މީހަކު ނިކަމެތި ކުރައްވައި، އެ ބަޔަކު ހަލާކު ކުރައްވައިދޭވެއެވެ. އެންމެން އާމީން ކިޔެވެ. އާދަނު ފިޔަވައެވެ. ބަޔަކަށް އެ ކަން ފާހަގަކުރެވުނެވެ. 

އަސުރުން ފައިބައިގެން އާދަނު ރަށުތެރޭގައި ހިނގާލަން ނުކުތެވެ. ރަށުގެ އަތިރިމަތީގައި، ދިއްގާގަސް ގިނަ މައިޒާނެއް ހުރެއެވެ. ގަސްތަކުގައި ހުންނަނީ ޖޯލި އެލުވައިފައެވެ. ބަޔަކު އެ ތަނުގައި އަނގަތަޅަން ތިބީމައި އާދަނު ވެސް ގޮސް ޖޯއްޔެއްގައި އިށީނދެލިއެވެ. 

"ޖޭސްމިންގަ ޒުވާން އަންހެންކުދިން ގޮވައިގެން ހަމީދު ބުރު ޖެއްސެވުމަކީ އަހަރެން ހާދަ ބޮލަށް ތުރާވާ ކަމެކޭ،" މީހަކު ބުންޏެވެ. "ހަމަ ހިތަށްއަރާ ދަގަނޑެއް ފޭއްސައިގެން ގޮސް އެ ބައްތެލިގަނޑު ފޫދުއްވައިލަފާނަމޭ!"

"މައިޒާނުގަ ތިހެން ކިޔާލަކިޔާލާ ތިއްބަކަސް ކަމަކު ނުދާނެ،" އާދަނަށް ބުނެވުނެވެ. "މަ ބުނާ ކަމެއް ކުރަން ކެރޭނެ؟" (ނުނިމޭ)