(ބުދަ ދުވަހާ ގުޅޭ)
ރާވާފަ އޮތް ގޮތް ކިޔައިދެންތަ؟" މޯގަލުއާދަނު ވައިއަޑުން ބުންޏެވެ. "އަހަރުމެން ނުކުންނާނީ ހުކުރުދުވަހު ހުކުރުން ފައިބައިގެން. އެއްވާނީ ގުޅަކުޅޭ ފަސްގަނޑަށް. އެއްވެފަ..."
އަށިގޭ ދޮރު ކުއްލިއަކަށް ހުޅުވައިލުމާ އެކު މޯގަލުއާދަނުގެ ވާހަކަ ހުއްޓައިލިއެވެ. ތިން މީހަކު އެތެރެއަށް ވަނެވެ. އެކެއްގެ ވެސް މޫނެއް ނުފެނެއެވެ. ތަނުގެ ތެރެ އެހައި އަނދިރިއެވެ. އެ މީހުން ވަދެ މޯގަލުއާދަނު ގޮވައިގެން ނުކުތެވެ. ގެންދިޔައީ ކޮން ތަނަކަށް ކަމެއް ފީނާއާދަނަކަށް ނޭނގެއެވެ. މޯގަލުއާދަނުގެ އިންތިޒާރުގައި ވިސްނަން އޮތް އިރު، ފީނާއާދަނުގެ ހަނދާނަށް އަންނަނީ މޯގަލުއާދަނު ކުރިން ކިޔައިދީފައިވާ ވާހަކަތަކެވެ.
މޯގަލުއާދަނަކީ ކުޅުދުއްފުށީ މީހެކެވެ. އޭނަގެ ކިބައިގައި ހުންނަ ކެއްކުމުގެ ހުނަރެއްގެ ސަބަބުން އޭނާގެ ފަންނު ފައްކާކުރަން ސިލޯނަށް ފޮނުވިއެވެ. އެ ކަން ކޮށްދެއްވީ ސަރުކާރުންނެވެ. އޭނާ ކައްކަން ދަސްކުރީ ސިލޯނު މޯގަލުންނެވެ. މޮޅަށް މަސައްކަތް ދަސްކޮށްގެން މާލެ އައުމުން އޭނާއަށް ހަމީދު ވަރަށް ހަދިޔާ ދެއްވައި، ގަނޑުވަރުގައި ފަރިއްކޮޅު ތައްޔާރުކުރުމުގެ މަސައްކަތް ހަވާލު ކުރެއްވިއެވެ. އޭނާ ވީ ހަމީދުގެ ފިސާރި އަރިސް މީހަކަށެވެ. މޯގަލުއާދަނަށް ހަމީދު ވަރަށް އިތުބާރު ކުރެއްވިއެވެ.
އެ ދުވަސްވަރު ލޯތަޅާގޭގައި ބާ އަތޮޅު ގޮއިދޫ ޕަރީއެއް އިނެވެ. އެ ޕަރީގެ ރީތިކަން އޮތީ މާލޭގެ ހަތަރު ބިތަށް ފެތުރިފައެވެ. ލޯތަޅާގެ ކައިރިން މާބުރުތައް ތޮވާފުކުރިއެވެ. އޭގެ ތެރޭގައި މޯގަލުއާދަނާއި ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ މުޙައްމަދު ހަމީދު ވެސް ހިމެނިވަޑައިގެންނެވިއެވެ. މޯގަލުއާދަނު ހުރީ ޖަނބުރޯލުގޭގައެވެ. އެ ގޭ ތެރެއިން ލޯތަޅާގެއަށް ވަދެވެއެވެ. ދެ ގެ ދޭތެރޭގައި މެދު ފުޅަފެއް ނުހުރެއެވެ. އެއީ ހަމީދަށް ލިބިވަޑައިނުގަންނަވާ އިނާޔަތެކެވެ.
ގޮއިދޫ ޕަރީ އާއި މޯގަލުއާދަނާ ދެމެދު އޮތީ އެކުވެރިކަމުގެ ގާތް ގުޅުމެކެވެ. އެހެނަސް ހަމީދަށް އެ މަންޒަރު ފެނިވަޑައިގަތީ ހަމީދު އަޅުއްވައިގެން ހުންނެވި އައިނުކޮޅުގެ ތެރެއިންނެވެ. އާދައިގެމަތިން، ހަމީދަކަށް އެ ހަގީގަތް ގަބޫލުފުޅެއް ނުކުރެއްވުނެވެ. އެ ހިސާބުން މޯގަލުއާދަނު ކުށްވެރިވީއެވެ. ކޮންމެއަކަސް މޯގަލުއާދަނަށް ދެން ވީ ގޮތެއް ފީނާއާދަނަކަށް ނޭނގެއެވެ.
އިރުއޮއްސުމުން ސިލޯނުގެ ޖައްވަށް ފެތުރުނު ކުލަތައް، އަނދިރީގެ ފަސްބަޔަށް ވަދެ ނިވައިވިއެވެ. ކޮޅުނބު މަގުތަކުގެ ތަންތަންކޮޅުން ފަނޑު ކުލަކުލައިގެ އަލިތައް ފިޔަޖަހަން ފެށިއެވެ. އައިސްކިރިމު ވިއްކާ ލަކުޑި ގާޑިޔާތަކުގެ ރަނގަބީލުން އިވޭ މަޑުމަޑު އަޑާއި ކުދިކުދި ފިޔަފާޅިތަކުގައި ދިއްލާފައިވާ ކަރާސީނު ބައްތިތަކުގެ ހިތްގައިމު އަލިކަމާއި ވަގުތީ އުނދުންތަކުން ބަދަން ފިހެވެމުންދާ އިރު އެ ދުވާ ތާޒާ ވަހާއި ކޮއްތުރޮށީގެ މީރު ހަވާދުވަހުން ހަފީޒާގެ ސިކުނޑިއަށް ފިނިކަމެއް ގެނެސްދިނެވެ. އެހެނަސް ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ކޮޓަރީގެ ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ހުރި ހަފީޒާގެ މުށު ތެރޭގައި ގުޅަކެރުވިފައިވާ ސިޓީއެއް އޮތެވެ. އެ ސިޓީގައި މަނިއްޕުޅު ސާފު ބަހުން އެދިވަޑައިގެންފައިވަނީ ކައިވެނި ކުރާނެ ތާރީހަކަށެވެ. ޖަވާބު ހޯދުމަށް ޓަކައި، ސިޓީ ދިން މީހާ އަންނާނެ ކަމަށް ބުނި ވަގުތު ކުޑަތަންވެއްޖެއެވެ.
"ހަފީޒާ ހޯދަން އެބަ ހުރި މީހަކު އައިސް." ބާލުޚާނާގެ ދޮރު ހުޅުވައިލާފައި ޝަރަފިއްޔާ ބުންޏެވެ.
ސަރަފިއްޔާގެ ރާގުން ހަފީޒާގެ ހިތަށް ނުތަނަވަސްކަން ވެރިކުރުވިއެވެ. ކޮންމެކޮންމެ މީހަކު އައިސްގެނެއް ޝަރަފިއްޔާގެ އަޑަކު އެ ތުރުތުރެއް ނުހުންނާނެއެވެ. އެއީ ވަކި މީހަކު ފެނުމުން ޝަރަފިއްޔާއަށް ވާ ގޮތެކެވެ. ކުޑަކޮށް މަތިހަދައިލައިގެން ހަފީޒާ ނުކުތެވެ. ބޮޑުކޮޓަރީގައި އިންނެވީ ދޮށީމަނިއްޕުޅެވެ. ހަފީޒާ ފެނުމާ އެކު، އަދަބުވެރިކަމާ އެކުގައި މަނިއްޕުޅު ތެދުވެވަޑައިގަތެވެ. ތުރުކުރައްވައިގެން ހުންނެވީ ރަސްމީ ހެދުންކޮޅެކެވެ. ދެ އަރިމަތިން ފަޅާފައިވާ، ޑަބަލް ގިރުވާން އެޅި، އަތްގުދުކުރި ލިބާހަކާއި މުންޑަކާއި ކިނާރީއެޅި ބޮޑުތާކިހާކޮޅެކެވެ. މެޔާ ދިމާގައި ކަތި، ކޯޓު ޖީބެކެވެ. އޮފުއަރާ، ލެދާ ބޫޓުކޮޅެކެވެ. މަނިއްޕުޅު ފެނުމާ އެކު ހަފީޒާ ހިތަށް އެރިއެވެ. އެ ވަޑައިގަތީ ބޮޑުކަމަކުއެވެ.
"ހިނގާ ދަމާ!" މަނިއްޕުޅު އެދިވަޑައިގަތެވެ.
"ތިހާ ރަސްމީކޮށް ވަޑައިގަންނަވާނެ ކަމަކަށް އަޅުގަނޑު ހިއެއް ނުކުރަން،" ހަފީޒާ ބުންޏެވެ. "އަންނާނަން ހެދުން ބަދަލުކޮށްލައިގެން."
"ފިނިފެންމަލެއް ފެނުނީމަ އެ ގަސް ހުންނަ ގޮތް މުހިންމެއް ނުވާނެ. މުތެއް ފެނުނީމަ އެކަކު ވެސް އިތައަކަށް ނުބަލާނެ،" މަނިއްޕުޅު ވިދާޅުވިއެވެ. "ވަށައިގެން ކިތަންމެ ކަޅުވިލައެއް ހުއްޓަސް، ހަނދު ވާނީ ހަނދަށް. ހިނގާ! ހުރިހާ ހުއްދައެއް ނަގާފަ އޮންނާނީ."
މަނިއްޕުޅާ އެކުގައި ހަފީޒާ ހިނގައިގަތެވެ. ހިތުގެ ވިންދު އަވަސްވެފައިވާ ހާލުގައެވެ. އިމާރާތުގެ ދޮރުމަތީގައި ކާރެއް އޮތެވެ. ޑުރައިވަރު ހުރީ، އަދަބުވެރިކަމާ އެކު ދޮރު ހުޅުވައިދީގެންނެވެ.
"އަރާ!" މަނިއްޕުޅު އެދިވަޑައިގަތެވެ.
ހަފީޒާ އެރުމުން މަނިއްޕުޅު ވެސް އެރުއްވިއެވެ. އިތުރު އިރުޝާދަކާ ނުލައި ކާރު ދުއްވައިލިއެވެ. ކާރު ތެރެއަށް ފެތުރިފައިވަނީ ގޮމަކަސްތޫރިއާއި ކެލާ އެކުވުމުން ދުވާ ކަހަލަ ހިތްގައިމު ވަހެކެވެ.
"ހަފީޒާގެ ރީތިކަމަކީ ހަމަ އެކަނި ސިފައެއް ނޫން،" މަނިއްޕުޅު ވިދާޅުވިއެވެ. "މާސޫމުކަމާ ސާދާކަން. ތެދުވެރިކަމާ އަބުރުވެރިކަން. އެ ހުންނަނީ ހެދުމަކުން، ގަހަނާއަކުން ލިބޭނެ އެއްޗެއްސެއް ނޫން."
ހަފީޒާ އިނީ އެއްޗެއް ނުބުނަން ހިތުނިޔަތްގަނެގެންނެވެ. މާ ގިނަ އިރަކު ނީނދެވުނެވެ.
"ކޮން ތަނަކަށް ތޯ މި ދަނީ؟" ހަފީޒާ ސުވާލުކުރިއެވެ.
"އަހަރެންގެ ވައުދު ފުއްދައިފިން،" މަނިއްޕުޅު ވިދާޅުވިއެވެ. "އާދަނަށް ލުއިކޮށްދީފިން. މިހާރު މި އޮތީ ހަފީޒާޔާ ޖެހިފަ."
ހަފީޒާގެ ހިތް ކުރިޔަށް ވުރެ ބާރަށް ތެޅިގަތެވެ. އޮމާން ދުވެއްޔެއްގައި ގޮސް ކާރު މަޑުކޮށްލީ ސަރުކާރު އޮފީހެއް ކުރިމައްޗަށެވެ. ރޭގަނޑަކީ އޮފީސްތައް ބަންދު ވަގުތެއް ނަމަވެސް، އެ އޮފީހުގައި އަލިކަން ހުއްޓެވެ. އިސްތިގުބާލުގައި މީހަކު ނުކުމެ ހުއްޓެވެ.
"ކައިވެނި ރަޖިސްޓަރީކުރަން މި އައީ." ކާރުން ނުފައިބާ މަނިއްޕުޅު ވިދާޅުވިއެވެ.
"ކައިވެންޏޭ ތޯ؟" ހަފީޒާއަށް ބުނެވުނެވެ. "ކީއްވެތޯ ކުރިން ވިދާޅުނުވީ؟"
"ތަފާތެއް ނެތީމަ،" މަނިއްޕުޅު ވިދާޅުވިއެވެ. "އިންކާރު ކުރަން ބޭނުމިއްޔާ މިހާރު ވެސް ކުރަންވީ. އަހަރެން މި އުޅެނީ އާދަނު މިނިވަންކުރަން."
ހަފީޒާގެ މޫނުމައްޗަށް އުފާވެރިކަން ވެރިވިއެވެ. ބޭއިހުތިޔާރުގައި މަނިއްޕުގެ އަތްޕުޅުމަތީގައި ހަފީޒާއަށް އަތް ބޭއްވުނެވެ. ޝުކުރު އަދާކުރުމަށް ޓަކައެވެ. ދެވަނަ ސިކުންތުގައި ހަފީޒާއަށް އަތް ނެގުނެވެ. ހީވީ ތޫނު ކަށްޓެއް މަތީ އަތް ބޭއްވުނު ހެންނެވެ.
"މީ ސިއްރު ކައިވެންޏެއް،" މަނިއްޕުޅު ވިދާޅުވިއެވެ. "ހަފީޒާ ބޭނުން ދުވަހަކަށް މި ސިއްރު ދެމިއޮންނާނެ."
ހަފީޒާގެ ފިކުރުބޮޑުވިއެވެ. ފުންކޮށް ނޭވާލާން ފެށިއެވެ.
"ކަމަކީ އަހަރުމެން ދެ މީހުންނަށް ވެސް އުނދަގޫކަމެއް،" މަނިއްޕުޅު ވިދާޅުވިއެވެ. "އާދަނު މިނިވަންކުރަން ހުރަސްތަކާ، އުސް ފާރުތައް އެބަ ހުރި. ވަގުތު ވެސް ނަގާނެ. އެކަމަކު އަހަރެންގެ ހުރިހާ އިޚުތިޔާރެއް މި ފަހަރު ބޭނުންކުރާނަން. ނުފޫޒުން މި ކަން ނުވިއްޔާ ތިޖޫރި ހުޅުވައިއަޅައިލާނަން. އެކަމަކު ތަޅުދަނޑި އޮތީ ހަފީޒާ އަތުގަ."
މަނިއްޕުޅު ކުރެއްވި އިޝާރާތްޕުޅާ އެކު މީހަކު ދޮރު ހުޅުވައިލިއެވެ. ހަފީޒާ ވިސްނައިލާފައި މަނިއްޕުޅަށް ބަލައިލިއެވެ.
"ހަމަ އެއްވެސް މަޖުބޫރުކަމެއް ނެތް،" މަނިއްޕުޅު ވިދާޅުވިއެވެ. "މި ހެން ހީކޮށްލާ! މި ކާރަކީ އަށިގެ. ތީ އާދަނު. އެހެރަ ފެންނަ އޮފީހަކީ އާދަނުގެ ގެ."
ފުރަތަމަ ސިޔާސީ ޕާޓީ ހެދީ އާދަނު އަށިގޭގައި އޮއްވައެވެ. އާދަނުގެ ނަޒަރުގައި، އެ ޕާޓީ ހެދުނު އަސްލު ސަބަބަކީ އާދަނުމެން ކުރަން އުޅުނު ކަންތަކެވެ. އަށިގޭގައި ތިން މަސް ވާން ކައިރިވީ އިރު، ދަނޑިގަނޑު ނުޖައްސައި، ކޮރެއް ޖަހަމުން އާދަނަށް ހިނގެއެވެ. އޭރު ވެސް ފައި އޮތީ ހުޅަށް ނާރުވައެވެ. އެކަމަކު އެއަށް ވުރެ ބޮޑު ގޮންޖެހުމަކަށްވީ އާދަނު ގައިގަ ވަރުނުހުރުމެވެ. ފިޔަވަޅެއް އެޅެނީ ވަރަށް ލަހުންނެވެ.
އަށިގޭ ދޮރުމަތީގެ އެއްފަރާތުގައި، ތަނުގެ މުވައްޒަފުން ކައިބޮއިހަދާ ކެންޓީނެއް ހުރެއެވެ. އެ ތަނުގެ ދޮރުމަތީގައި ވަޅެއް ހުރެއެވެ. ވަޅުގެ ވަށައިގެން ހުންނަނީ ވަށްކޮށް ތަޅުން އަޅައިފައެވެ. ފެން ހިންދަން އެއް ފަރާތުގައި ވަޅުގަނޑެއް ހުރެއެވެ. އާދަނު އަށިގެއިން ނެރޭ ފަހަރަކު ވިއްޔާ، ކޯދޮންނަން ކަމަށް ހެދިފައި ވަޅުދޮށަށް ދެއެވެ. އެ ކަމަކާ މީހަކު އަޅައެއް ނުލައެވެ. މަނައެއް ނުކުރެއެވެ. އާދަނު ގޮސްފައި ބަލާ އިރު ބައެއް ދުވަސްދުވަހު، ދޮންކެޔޮ ތޮށިގަނޑެއް އޮވެދާނެއެވެ. ކެންޓީނުގައި މަސައްކަތްކުރާ މީހަކު ތަށްޓެއް ދޮވެލާފައި ހުރެއްޖެއްޔާ ހިކަނދިފަތްކޮޅެއް، ލުނބޯ ތޮށިކޮޅެއް، ރާނބާފަތްކޮޅެއް އޮވެދާނެއެވެ. އެ ފަދަ އެއްޗެހި އާދަނު ރައްކާކުރެއެވެ. ފައިން އެރި ޗަސްވެ، ހިކިފައިވާ ދޮންކެޔޮ ތޮށިކޮޅެއް ފެނުނަސް ނަގައެވެ.
އެ ކަހަލަ އެއްޗެހި ކޮށަން އާދަނު ޖަސްތުކޮޅެއް ގެންގުޅެއެވެ. އެއީ ފެންބޯ ރުނބާގައި ކާއްތައިގެން ތައްޔާރުކުރި ޖަސްތުކޮޅެކެވެ. ވަޅިއަކަށް އެ ޖަސްތުކޮޅު ބޭނުންކޮށްގެން ކެޔޮ ތޮށްޓާއި ހިކަނދިފަތާއި ރާނބާފަތްކޮޅު ކޮށާލައި އޭގެ ތެރެއަށް ލޮނުއަޅައިގެން މޮޑެލައެވެ. މީރު ކެއުމަކަށް އިންސާފުކުރާ ފަދައިން އެ ސުވާ ކައިލައެވެ. އޭގައި ރިހައިގެ ރަހަ ވެސް ކޮންމެވެސް ވަރަކަށް ހުރެއެވެ. ވަރަށް މީރެވެ. އެހެނަސް އެއީ ވަރަށް ތަދު ކެއުމެކެވެ.
ރޯދަމަހަކާ ކުރިމަތިލާން ޖެހުނެވެ. އިރުއޮއްސޭ އިރު ދެނީ ކަދުރު އޮށުގެ ތިން ފަޅިއެވެ. ދެން ބަތްކޮޅެކެވެ. ހާރަށް ވެސް ބަތްކޮޅެކެވެ. ހަވީރު ދޭ ބަތްކޮޅުގައި ހުންނަނީ ދިޔާހަކުރާއި ބަތެވެ. ހާރަށް ދޭ ބަތްކޮޅަށް ހުންނަނީ މުގުރިހަ އާއި ބަތެވެ. އެ ނޫން އެއްވެސް އެއްޗެއް ނުދެއެވެ. ހައިހޫނުކަމަކީ އާދަނަށް ކުރިމަތިވި އެންމެ ބޮޑު އުނދަގުލެވެ. ބައެއް ފަހަރު ކުރޮޅިކޮޅަކަށް އެދި އާދޭސްކުރުމުން، ތިން ދުވަހު އާދޭސްކުރިއްޔާ އެއް ދުވަހު، ދެ މީހަކަށް ކުރޮޅި ފަޅިއެއް ދެއެވެ. ދެން އެންމެނަށް ބަހައިލަނީއެވެ. ކުރޮޅިއަކީ އާދަނަށް ވަރަށް މީރު އެއްޗެކެވެ. އަށިގޭގައި ވަކީން މީރު ހެން ހީވެއެވެ.
ފަހަކަށް އައިސް މުޅި ރޭގަނޑު އާދަނު އޮންނަނީ ބިޑި އަޅުވައިފައެވެ. އެ ނައްޓައިލަދޭން މީހަކު އަންނާކަށް ނުޖެހެއެވެ. ހިކިގެން ގޮސް ބިޑި ތެރެއިން އާދަނަށް އަތްދަމައިގަނެވެއެވެ. ރޭގަނޑު އާދަނު އޮންނަނީ އަމިއްލައަށް ބިޑި ނައްޓައިލައިގެންނެވެ. ދުވާލު މީހުން އަންނަ އަޑަށް އަނެއްކާ ވެސް ބިޑި ތެރެއަށް އަތް ލައްވަނީއެވެ.
އާދަނު އަށިގޭގައި އޮންނަތާ ތިން މަސް ފުރުނު އިރު، އަނދަގޮޑި ވެފައި އޮންނަނީ އިށީންނަ ގޮނޑިއަކަށެވެ. ހެޔޮވަރެއްގެ އުސްމިނެއް ވެސް ހުންނާތީއެވެ. އޭގެ މަތީގައި އަނގަތަޅަން މީހުން ތިބެއެވެ. އެހެންވުމުން އާދަނު ފޫހިފިލައެވެ.
ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ދިހައެއްޖެހިތާ މާ ގިނަ އިރެއް ނުވެ އަށިގޭގެ ދޮރު ހުޅުވައިލިއެވެ. އާންމުކޮށް މީހުން މިނިވަންކުރަނީ އެ ގަޑީގައެވެ. (ނުނިމޭ)