(އާދިއްތަ ދުވަހާ ގުޅޭ)

އަށިގޭގެ ފުރަތަމަ މުޒާހަރާ އެ ދުވަހު ފެށުނެވެ. ކޮންމެ ދުވަހަކު ވެސް ހެނދުނު ހަތެއް ޖަހާ އިރާއި ހަވީރު ފަހެއް ޖަހާ އިރު ލޮނު ބާލިދީއެއް ހިފައިގެން އައިސް، ފަޑުއްކަފުށުގެ ރޮށްޓަކާއި ލޮނު މުށެއް ދޭނެއެވެ. އެ ނިމުނީއެވެ. ރޮށްޓެއް ދީފައި ބާލިދީން ލޮނު ދަޅެއް ނަގާފައި، މުށެއް ހައި ލޮނު، ރޮށި މައްޗަށް އަޅައިލާނެއެވެ. ލައިގެންކާން ލޮނު ނޫން އެއްޗެއް ނުދެއެވެ. ބަނޑުހައިވެފައި ހުރުމުން އެ ވެސް ޖެހެނީ ކާށެވެ. އެހެނަސް، ހައިހޫނުކަމުގެ މުޒާހަރާ ފެށުމާ އެކު އެ ކާނާ ގަބޫލުކުރަން އެންމެން އިންކާރުކުރިއެވެ.

ޖަލަށް ކާން ގެންނަ ކަޅުހުއްތުއަށް އެ ކަން ވީ އާ ކަމަކަށެވެ. ކަޅުހުއްތު ކޮންމެ މީހެއް ގާތަށް ގޮސް ރޮށްޓެއް ދިއްކޮށްލައެވެ. ބައެއް މީހުންނަށް އޭގައި ހިފަން އުޅެވެއެވެ. އެހެނަސް، އާދަނު ލޯ އަޅައިލުމުން ހިފަން އިންކާރު ކުރަނީއެވެ. ކަޅުހުއްތުއަށް މި މަންޒަރު ފެނުނެވެ. 

"ކަލޭ މި އެންމެނަށް ހުތްޖެހީ އުތަ؟" ކަޅުހުއްތު ސުވާލުކުރިއެވެ. 

އެ ސުވާލަކަށް އާދަނު ޖަވާބެއް ނުދެއެވެ. ދަނޑިގަނޑު ހިފައިގެން ދެކޮޅަށް ހިނގައިލަހިނގައިލާ ހުރީއެވެ. 

"އޭރު ވެސް މަށަށް އެނގޭ ކަލެއަށް ތި އަސާގަނޑު ދޭ އިރަށް ކަލޭގެ ބަލިގަނޑު ހިލިގަންނާނެކަން،" ކަޅުހުއްތު ނުކުންނަމުން ބުންޏެވެ. "ތިބެބަލަ ނުކައި. ބަނޑުހައިވީމަ ރޮއިހޭރެން ފަށާނެ."

އާދަނު ހިތަށް އެރިއެވެ. ދެ އިރަށް ކާން އެ ދޭ އެއްޗަކުން ބަނޑުފުރެނީ ކާކުގެ ހެއްޔެވެ؟ އަބަދު ވެސް ތިބެނީ ބަނޑުހައިވެފައެވެ. ކެތްކޮށްލައިގެން ތިބެނީއެވެ. ދެން ވެސް ތިބެވޭނެއެވެ. 

ފުރަތަމަ ދުވަސް ފާއިތުވިއެވެ. ހިތާމައަކީ، ހައިހޫނުކަން ހަނދާން ނައްތައިލަން ކުރެވޭނެ އެހެން ކަމެއް ނެތުމެވެ. ތަނެއްގައި އެންމެން ބަންދުވެފައި ތިބުމުން ހައިހޫނުކަން ވަރަށް އަވަހަށް ގޮހޮރުގައި ވަކި އަޅަން ފަށައެވެ. ބަނޑުހައިވެގެން އެކަކު ޝަކުވާ ކުރަން ފެށިއެވެ. ލިބޭ ރިޒުގަށް ފުރަގަސްދިނުން އެއީ ފާފައެއް ކަމަށް އަނެކަކު ބުންޏެވެ. އާދަނު ވަރަށް ގިނަ ގޮތްގޮތަށް ވިސްނައިދީގެން އެ މައްސަލަ ހައްލުކުރިއެވެ. 

ދެވަނަ ދުވަސް ފާއިތުވިއެވެ. ދެ އިރަށް ކާން ގެނެއެވެ. ބައެއް މީހުންނަށް އެ ރޮށިގަނޑު ފެންނަނީ ބަތްތަށްޓެއް ހެންނެވެ. ދަހިވެތިކަމާ އެކު އެއަށް ބަލަން ތިބެވެއެވެ. 

"އާދަނު އެ އުޅެނީ ކަލޭމެން ބަނޑަށް މަރަން،" ކަޅުހުއްތު ބުންޏެވެ. "ނުކެއިމަ މި ހުރިހާ އެއްޗެއް ޖެހެނީ އުކާލަން. ކިހާ ބޮޑު އިސްރާފެއް؟ އެއްކޮޅުން ހުސްގޮހޮރާ ހުންނަން ޖެހުނީ. އަނެއްކޮޅުން ފާފައެއް ވެސް ކުރެވުނީ."

"ފާފަކުރެވެނީކީ ނޫން، ކުރުވަނީ،" އާދަނު މަޑުމަޑުން ބުނެލިއެވެ. "އަހަރެމެން ބަލަހައްޓައިގެން ތިއްބައި ކަޅުހުއްތު ތި ރޮށްޓާ ލޮނާ ކައިބަލަ! އެތިކޮޅެއް ކެވޭތޯ ބަލާލަބަލަ!"

ކަޅުހުއްތު ޖަވާބެއް ނުދީ ބަލަހައްޓައިގެން ހުއްޓެވެ.  

"ނުކެވޭނެ. ޖަނަވާރުންނަށް ވެސް ތިއެއް ނުކެވޭނެ،" އާދަނު ބުންޏެވެ. "އަހަންނަށް އަދަބު ތި ދެނީ ދޭން ވެގެން. ނެތް ޝަކުވާއެއް. އެކަމަކު ކުށެއް ނުކުރާ ކިތައް މީހުން މި ތަނުގަ ހައްޔަރުކޮށްފަ އެބަ ތިބި؟ ބޭނުން މީހަކު އަށިގެއަށް ލާފަ، ބޭނުން މީހަކު އަރުވައިލީމަ އެ ކުރެވެނީ ފާފައެއް ނޫން؟ ދެން ކަލޭ ތާކިހަލުގަ ތަރިޖަހަން މި ވާހަކަ ހަމީދަށް ދަންނަވާ! ބަދަލުގަ ކަލެއަށް މިއަދު ބަނޑުހަނޑޫ ވެސް ދެއްވަފާނެ. އެކަމަކު މާދަމާ ކަލޭ ވެސް، މަ ވެސް، މި ތިބަ އެންމެން ވެސް ކޮން ތާކު ހުއްޓި ތިބޭނީ؟ ކަލޭ ޖަވާބުދާރީވާން ޖެހޭނީ. މަށެއް ނޫން."

ކަޅުހުއްތުގެ އަނގަ ބަންދުވިއެވެ. އިސްޖަހާލައިގެން ނުކުމެގެން ދިޔައެވެ. އާދަނު ދެއްކި ވާހަކައަށް އެންމެން ތާއީދުކުރިއެވެ. އެހެނަސް، ތިންވަނަ ދުވަހު ދެ މީހަކު ކާން ފެށިއެވެ. އެ ކަމުގައި އެ މީހުން ކުށްވެރި ކުރާކަށް އާދަނު ބޭނުމެއް ނޫނެވެ. ހައިހޫނުކަން އެހައި ވެސް ބޮޑެވެ. ހަތަރުވަނަ ދުވަހު އާދަނު ނޫން އެހެން އެންމެން އަލުން ކާން ފެށިއެވެ. އާދަނު ހިތަށް އެރިއެވެ. ހަމަހިލާ ނުކާނަމެވެ. އާދަނަށް ދުވަސް ދިގެވެ. ކޮޅަށް ހުންނާނެ ވަރެއް ނުހުރެއެވެ. ނުއެއް ނިދެއެވެ. 

ހަވަނަ ދުވަހު އާދަނުގެ ލޯމައްޗަށް އަނދިރިވެ، ހެއަށް ގޮތްވާން ފެށިއެވެ. ތަނުގައި ނެތް އެއްޗެހި އާދަނަށް ފެންނަން ފެށިއެވެ. މީހަކު އެއްޗެއް އެހިޔަސް އާދަނު ހުއްޓުން އަރާފައި އިންނަނީއެވެ. އާދަނުގެ އެކުވެރިން ކަންބޮޑުވާން ފެށިއެވެ. އެ ދުވަހު ކާން ގެނައުމުން އާދަނުގެ ބައި ނަގައިގެން ގެނެސް އާދަނު ކައިރީގައި ބެހެއްޓިއެވެ. 

"ގޮތްދޫކުރޭ އާދަނާ!" ދޮންމަނިކު އެދުނެވެ. "އާދަނަށް ކަމެއް ވެއްޖެއްޔާ އަހަރުމެން ވަރަށް އެކަނިވާނެ. އަހަރުމެންނަށް ހިތްވަރުދޭން ހުރި މީހަކީ ތީ. އެންމެން މިހާރު ކާން ފަށައިފިއޭ!"

"ތި ވެސް އެންމެނަށް ބަހައިގެން ކާލާ!" އާދަނު އެދުނެވެ. 

ދެ ދުވަހަކު އެ ގޮތަށް ކަންތައް ކުރިއެވެ. އެހެނަސް، އާދަނަށް އަންނަ ބަދަލުތަކާއި ވާ ގޮތް ފެނިފައި އެކުވެރިން ބިރުގަންނަން ފެށިއެވެ. ދެން ހަދާ ގޮތަކީ، އާދަނަށް ވާ ބައި ގެނެސް އާދަނުގެ ބޯލާކޮޅުގައި ބަހައްޓަނީއެވެ. 

"އަހަރުމެންނަކަށް ނުކެރޭނެ ކަލޭގެ މަރާ ހަވާލުވާކަށް،" ދޮންމަނިކު ބުންޏެވެ. "ކަންޏާ ކައި."

ބޯލާކޮޅުގައި ބަހައްޓާ، ނުބައިވަސް ދުވާ ހިތިފުށްތަށިން އާދަނަށް ދުވަނީ ބިރިޔާނި ވަހެވެ. ވަރަށް ކާ ހިތްވިއެވެ. އެކަމަކު ކެތްކޮށްލިއެވެ. ދެން އަންނަން ފެށީ އާދަނު ހޭއަރާ ފަހަރާއި ނާރާ ފަހަރެވެ. ކޮންމެވެސް މީހަކު އާދަނުގެ މޭގައި އަތްޖައްސާލައިގެން އިނދެ ޝަހާދަތް ލައިދިންކަން ވެސް އާދަނު ދެނަހުއްޓެވެ. އެއްޗެއް ބުނާނެ ހިތްވަރު ނެތިގެން މަޑުން އޮތީއެވެ. އާދަނު ވެސް ހީކުރީ އާދަނު މަރުވަނީ ކަމަށެވެ. 

ހަވީރު އާދަނަށް ފުން ނިންޖަކުން ނިދުނެވެ. ގައިމު ވެސް އާދަނަށް ހީވީ އެހެންނެވެ. ހަގީގަތުގައި ހޭނެތުނީއެވެ. ހޭއެރި އިރު ގާތުގައި ދޮށީމަނިއްޕުޅު ހުންނެވިއެވެ. އެއީ ވަރަށް ހިތްހެޔޮ، އަހުލާގު ރަނގަޅު މީހެއްކަން، އަނެއްކާ ވެސް އާދަނަށް ފާހަގަކުރެވުނެވެ. އާދަނު ބާއްވާފައި އޮތީ، ބަދިގޭ ފެންޑާގައި ހުރި ފަތްޖެހި އެނދެއްގައެވެ. އެ އެނދު ކައިރީގައި ގޮނޑިއެއް ބަހައްޓައިގެން އާދަނަށް ހަކުރުފަނި ދެވޭތޯ މީހަކު މަސައްކަތްކުރިއެވެ. އާދަނަކަށް އަނގައެއް ނުހުޅެވެއެވެ. 

"ސަމުސަލުން ނުދީ ފޮތިކޮޅެއް ތެންމާލައިފަ ތުންފަތުގަ ހާކައިލާ!" މަނިއްޕުޅު ވިދާޅުވި ހެން އާދަނަށް ހީވިއެވެ. 

އެހެން ހެދުމުން އާދަނަށް ކުޑަކޮށް ރަހަލާން ފެށިއެވެ. ތުންފަތުގައި ދޫހާކައިލެވުނެވެ. 

"ސަމުސަލުން ބޮވެން ފެށީމަ ނޫނީ އަނގައަށް ނާޅާތި!" އޯގާވެރިކަމާ އެކުގައި މަނިއްޕުޅު ވިދާޅުވިއެވެ. "އިންސާނަކަށް މި ވަރު ވީ އިރު ވެސް ކަލޭމެން ބަލަހައްޓައިގެން ތިބީތީ އަހަރެން ހަމަ ހައިރާންވެއްޖެ! އިންސާނިއްޔަތުކަމުގެ ކަންފުޅެއް ވެސް ކަލޭމެންގެ އަޅެ ފަހެ ނެތީތަ؟"

އާދަނު ކުޑަކުޑަކޮށް ލޯ ހުޅުވައިލިއެވެ. މަނިއްޕުޅު އެތައް އިރެއް ވަންދެން، ވާނުވާ ބައްލަވަން އާދަނު ގާތުގައި ހުންނެވިއެވެ. އިށީނދެ އިނދެވޭ ވަރުވުމުން ގެރިކިރު ސަޔާއި ބަނަހާއި ދޮންކެޔޮ ވެސް އެ ދުވަހު އާދަނަށް ލިބުނެވެ. 

"ލަސްލަހުން ކާނީ އިނގޭ!" މަނިއްޕުޅު ވިދާޅުވިއެވެ. "ކެއުން ދޫކޮށްލިކަން އެއީ ވަރަށް މޮޔަކަމެއް. އާދަނު އެބަޖެހޭ ދިރިހުންނަން. ކުރިޔަށް އޮތް ތަނުގަ، މި ގައުމުގަ ވަރަށް ބޮޑެތި ކަންކަން ހިނގާނެ. އާދަނަށް އެ މަންޒަރުތައް ފެންނަން ޖެހޭ!"

"ޝުކުރިއްޔާ!" އާދަނު ބުންޏެވެ. "މަނިއްޕުޅު ކީއްވެގެންތޯ.. އަޅުގަނޑަށް ތިހާ... ހެޔޮފުޅީ؟" 

"އަހަންނަކީ ހަމަ އެކަނި މެދުވެރިއެއް،" މަނިއްޕުޅު ވިދާޅުވިއެވެ. "ޝުކުރު ހައްގުވަނީ އަހަންނަކަށް ނޫން."

އާދަނަށް ނެގުނީ އެހެން މާނައެކެވެ. ވީމާ، އިތުރު ސުވާލެއް ނުކުރެއެވެ. 

"ސައިބޮއި ނިމުނީމަ އާދަނު ގެއަށް ބަދަލުކުރޭ!" މަނިއްޕުޅު ވިދާޅުވިއެވެ. "ގެންނަން ބޭނުންވެއްޖެއްޔާ ފަހުން ގެނެވިދާނެ. މީހަކު އަހައިފިއްޔާ ބުނޭ އަހަރެން ބުނެގެންނޭ."

އެހެން ވިދާޅުވެފައި މަނިއްޕުޅު ވަޑައިގެންނެވި އިރު، ހަސަން ކަލޭފާނު މަންޒަރު ބަލަން ދުރުގައި ހުއްޓެވެ. ހަސަން ކަލޭފާނަކީ އާދަނަށް އެންމެ އިހާނެތިކޮށް ކަންތައް ކުރާ މީހާއެވެ. 

އިރުއޮއްސުނު ފަހުން ދެ މީހަކު އައިސް، އަނަރޫފަ އާދަނު އަތުލަފިކޮށްގެން ބަނޑޭރިގެއިން ނުކުންނަން ހިނގައިގަތެވެ. އާދަނު ހިތަށް އެރިއެވެ. ހަގީގަތުގައި ވެސް އަހަރެން މިނިވަންވީ ހެއްޔެވެ؟ އެ ވަގުތު އާދަނުގެ ސިކުނޑީގައި އޮތީ އެންމެ އެދުމެކެވެ. ގަރުދިޔައާއި ބަތްކޮޅެއް ލިބުމެވެ. 

"އޭތް އޭތް!" ހަސަން ކަލޭފާނު ގޮވައިލި އަޑުއިވުނެވެ. "ތީ ކޮން ވަޑާމެއް؟"

"ދޮށީ މަނިއްޕުޅު ވިދާޅުވީ އާދަނު ގެއަށް..." އާދަނު ގާތުގައި ތިބި ދެ މީހުން ކުރެ އެކަކަށް ބުނެވުނީ އެ ހިސާބަށެވެ. 

"ކީއްކުރަން ގެއަށް ގެންދަނީ؟" ހަސަން ކަލޭފާނު ބުންޏެވެ. "މަލަކުލްމައުތުގެފާނަށް ފޮރުވަން؟ މަރުވަންޏާ މަރުވާނެ މި ތާ އޮތަސް. ގަދަވަންޏާ ގަދަ ވެސް ވާނެ މި ތާ އޮތަސް. ގެންގޮސް އަށިގެއަށް ވައްދާ! އެ އަމުރު މިހާރު ބާތިލުވެއްޖެ!"

އާދަނު އަލުން އަށިގެއަށް ވެއްދިއެވެ. އާދަނު ކެއުން އިއާދަކުރިއެވެ. ހިނގަން ފަރިތަކުރިއެވެ. އެ ދުވަސްވަރު އިބްރާހީމްދީދީ އަށިގޭގައި ހައްޔަރުކުރިއެވެ. އޭނައަކީ ވަރަށް ހިތްހެޔޮ މީހެކެވެ. އާދަނަށް އޭނާ ވަރަށް އެހީވިއެވެ. އާދަނުގެ މުންޑު ހިފައިގެން އަތިރިމައްޗަށް ނުކުމެ މުންޑު ދޮވެދެއެވެ. ލޮނުން ފޯކޮށްގެން މުންޑު ގެނެސް އާދަނުގެ ކަކޫ ބޮނޑިތާންކޮށްދެއެވެ. އޭގެ ސަބަބުން ތަދު ވަރަށް ކުޑަވިއެވެ. 

މޯގަލުއާދަނު އަށިގެއަށް ލީ ވެސް އެ ދުވަސްވަރުއެވެ. ދުއްރައިން ތެޅުމަށް ފަހު، ނުހިނގިގެން މޯގަލުއާދަނު ގެނައީ ގޮނޑިއެއްގައި ބައިންދައިގެންނެވެ. ރޭގަނޑުގެ ވަގުތެވެ. އަށިގެ ތެރެ ވަރަށް އަނދިރިއެވެ. 

"ދެން އޮވޭ ތި ތާ!" މީހަކު ބުނި އަޑުއިވުނެވެ. 

އަށިގެ ތަޅުލުމުން ތަނަށް ހަމަހިމޭންކަން ވެރިވިއެވެ. 

"ކޮން ކުއްޖެއް؟" ފީނާއާދަނު އެހިއެވެ. 

"މޯގަލުއާދަނު،" އޭނަ ބުންޏެވެ. "ތީ ފީނާތަ؟" 

"އާނ! ކަލޭ ކީއްކޮށްގެން ކުށްވެރިވީ؟" ފީނާއާދަނު އެހިއެވެ. 

"ސުކޫލު ކުއްޖަކާ ރައްޓެހިވީމަ،" މޯގަލުއާދަނު ބުންޏެވެ. "ޒިނޭކުރި ނަމަވެސް މި ވަރުގެ ބޮޑު އަދަބެއް ނުލިބޭނެ. ކަނޑައެޅިފައިވާ ވަރަށް ހައްދުޖެހީމަ އަދަބު ނިމޭނެ. އަހަރެން އައިމިނަ ގައިގަ އަތް ވެސް ލީކީ ނޫނޭ! ހަމަ ރައްޓެހިކަން އޮތީ! ހެޔޮނުވާނެއްނު މި ވަރު ކޮށްލަން."

"ކުރާނެއްނު!" ފީނާއާދަނު ބުންޏެވެ. "ކަލޭމެންނަކަށް ނުކެރޭ ކަމެއް ކުރާކަށް."

"ތިހެން ނުބުނޭ ފީނާ!" މޯގަލުއާދަނު ވައިއަޑުން ބުންޏެވެ. "މާލެ ތެރޭގަ ސިއްރުން ވަރަށް ގިނަ ކަންކަން އެބަ ހިނގާ! ވަރަށް ވަރުގަދަ ކަމަކަށް އެ ތައްޔާރުވަނީ. އެ ސައްލާގަ މަ ވެސް ބައިވެރިވަމޭ! ދެން ނެތް މާ ގިނަ ދުވަހެއް. ރާވާފަ އޮތް ގޮތް ކިޔައިދެންތަ؟" (ނުނިމޭ)