(ބުދަ ދުވަހާ ގުޅޭ)
"ހެޔޮނުވާނެ މީހަކަށް މިހާ އަނިޔާދޭން." ވައިއަޑުން ބުނި އަޑުއިވުނެވެ.
"ލައްބަ!" އެހެން ބުނި އަޑު ވެސް އާދަނަށް އިވުނެވެ. "އެކަމަކު އަޅުގަނޑުމެން ކީއްތޯ ކުރާނީ؟ އެ މަނިކުފާނު ކަން ކުރައްވާނީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނޫންތޯ؟ މީ ނޫންތޯ މިހާރު ގައުމަށް ދިމާވެގެން މި އުޅޭ މައްސަލައަކީ."
ބިޑި ނައްޓައިލާފައި އެ މީހުން ދިޔުމުން އާދަނަށް ވަރަށް ބޮޑު ލުޔެއް ލިބުނެވެ. ގައިގެ ރިހޭ ތަންތަނުގައި ފިރުމައިލަން މަގުފަހިވިއެވެ. ގައިގެ ހިރުވާ ތަންތަން ކަހައިލައި، އަތުގެ ވާޅުފިލުވައިލެވުނެވެ. އެހެނަސް، ފައިގައި ރިހޭ ވަރުން ފައި ދަމައިލަން ބޭނުންވެ، އަނދަގޮނޑީގައި އޮތުމުން އެ ކަމެއް ނުވިއެވެ.
"ކީއްކޮށްފަ އެ މީހުން އެ ދިޔައީ؟" އަނދިރިގަނޑު ތެރެއިން މީހަކު ބުނި އަޑުއިވުނެވެ.
އެ ސުވާލަށް އެކަކު ވެސް ޖަވާބު ދިން އަޑެއް ނީވެއެވެ.
"އާދަނާ!" ދޮހޮއްކޮ ގޮވައިލި އަޑު އިވުނެވެ.
"އަހަރެން އެބަ އޮތިން." އާދަނު ޖަވާބުދިނެވެ.
އިރުއެރުމުގެ ކުޑަ އިރުކޮޅެއް ކުރިން މީހަކު ވަދެފައި އާދަނު އަތުގައި އަނެއްކާ ވެސް ބިޑި އެޅުވިއެވެ. އާދަނަށް ހޭލެވުނެވެ. އެކަމަކު އަނދިރިކަމުން އެ މީހެއްގެ މޫނެއް ނުފެނެއެވެ.
"ތީ ކުޅޭ ކުޅިވަރެއްތަ؟" އާދަނު މަޑުމަޑުން ބުންޏެވެ.
"އަހަންނަކަށް ތި ސުވާލުގެ ޖަވާބެއް ނުދެވޭނެ އާދަނާ!" އެ މީހަކު ބުންޏެވެ. "އަހަރުމެންނަކީ ބުނީމަ ބުނި ކަމެއް ކުރަން ތިބޭ މީހުން. މީ ނުވާ ކަމެއް ކަމަށް ހަދާލައިގެން އޮވޭ!"
ޖެހިގެން އައި ދުވަހު ހުސެއިން މަނިކު ވެސް އަށިގެއަށް ލިއެވެ. ހުސެއިން މަނިކަކީ ކުޑައިރުއްސުރެ އާދަނުގެ ރައްޓެއްސެކެވެ. މިޒާޖުގައި ދަހިވެތިކަމެއް ހުންނަ މީހެކެވެ. އޭނަގެ ކުށަކީ ކަށިކުނޑިއަށް ވެލި އަޅައިގެން ވިއްކުމެވެ. އެތައް ފަހަރަކު އޭނަ އެ ކަމެއް ކުރިއެވެ. ކަށިކުނޑިއަކީ، ގަރުދިޔަ ކައްކާފައި ނަގާ މަހުގެ ކަށިތައް ހިއްކައި، ހިމުންކޮށް ތަޅައި މުގުރާފައި، ކޮތަޅުގައި ބަންދުކޮށްފައި ބޭރަށް ފޮނުވީމައި ރަނގަޅު އަގު ލިބޭ އެއްޗެކެވެ. މަސް ލިބޭ ލެއް މަދުކަމުން ބަރުދަން އިތުރު ކޮށްލަންވެގެން ވެލި އެޅީއެވެ.
"ކަލޭ މަރާލާނީ ތިހެން ބާއްވައިގެން،" ހުސެއިން މަނިކު ބުންޏެވެ. "މަ ބުނީތީ ވެސް ބަލާތި!"
"އެއްވެސް މީހަކަށް އަހަންނެއް ނުމެރޭނެ. ދައްކާ ވާހަކަ. ވަގުތު ޖެހުނީމަ، ﷲ އަމުރުފުޅަށް، ފުރާނައިގެ މަލާކަތާ ވަޑައިގެން މަރު ހިއްޕަވާނީ. އެ ކަމުގަ ހަމީދެކޭ، ކަލެއެކޭ، އަހަންނެކޭ ވާނީ އެއްވަރު. ރަށުތެރޭގެ ޚަބަރުތަކަކީ ކޮބާ؟"
"ޖުމުހޫރީ ދުވަހެއް އަންނާތީ އެ ކަމެއްގަ އެންމެން ހޭބޯނާރާ އުޅެނީ،" ހުސެއިން މަނިކު ބުންޏެވެ. "ރީތީގެ މުބާރާތާ، ބޮކްސިން މުބާރާތް ވެސް އޮވެޔޯ ކިޔާ! މަތިންދާބޯޓާ، މަނަވަރު ވެސް އާދެޔޯ!"
"ސިލޯނުގަ ކިޔަވަން ތިބި ކުދިން ވެސް އާދޭތަ؟" އާދަނަށް އެހުނެވެ.
"އަންނާނެއްނު!" ހުސެއިން މަނިކު ޖަވާބު ދިނެވެ. "ކަލޭގެ ދޮންކަބުލޮ ވެސް އަންނާނެ. މީ ރަނގަޅު ފުރުސަތެއް. ކަލޭ ވެސް ހަމީދު ދައްކަވާ އެއްޗެއްގަ ސޮއިކޮށްފަ، ބުނާ ހުރިހާ އެއްޗަކަށް އާނހޫނކިޔާފަ މި ތަނުން ނުކުންނަމާ ބަހީނ. އެހެން ނޫނީ، ހަމަ ތެދެއް މި ބުނީ، އަށިގެއިން ނެރޭނީ ކަލޭގެ ސަންދޯއް."
"ތީ ހަމަ ހީވާ ގޮތް ހުސެނިކާ!" ޗޮކެއް ކަނޑާފައި އާދަނު ބުންޏެވެ. "ހަސަން ޢިއްޒުއްދީން މާލެ ވަޑައިގަންނަވާ އިރު ގާޑިޔަލެއް ގެންނަވާތީ، ގާޑިޔާކޮޅު ދުއްވިޔަ ނުދޭން މަޖީދީމަގާ، ސޯސަންމަގާ، އޯކިޑުމަގުގަ، ތިން ބަރިއަށް ގަސް ވެސް އިންދިއެއްނު! ކަލޭ ރަނގަޅަށް ހަނދާން ހުންނާނެ. ދިއްގާދަނޑިޔާ، ހިރުނދުދަނޑި ގެނައީ ވިލިނގިލިންނާ، ވިހަމަނާފުށިންނާ، ހުޅުލެއިން. ބޭނުންވީ މާލޭގަ އެ ގާޑިޔާކޮޅު ނުދުއްވޭ ގޮތް ހަދަން. ގަސްތައް އިންދަން ވެސް އިންދި. އަނެއް ކޮޅުން ހުރީ ގަނޑުވަރަށް ވަޑައިގަންނަވާ މަގަށް ކަށިވެލިލައި، ދަނޑިޖަހައި، ހުދު ފޮތި ދަމާފަ. ބޮޑުފާލަމުން ފެށިގެން ގަނޑުވަރަށް ސަނދުވާ ވެސް ދެމި. ޢިއްޒުއްދީން ވަޑައިގެންނެވި ބޯޓަށް އަރަން ބަޔަކު ދިޔައިމަ ކިހިނެއްވީ؟ ސިޑި ވެސް ތިރި ނުކުރި. އެ ތިބެނީ ހަމީދަށް ވެސް ބޭނުން ހައި ގޮތެއް ނުހެއްދެވޭނެ ބޭފުޅުން. ބޯޓުން ބާލިދީއަކަށް ލާފަ ތިރިކުރީ ހަސަން ޢިއްޒުއްދީނުގެ ސިޓީފުޅެއް. އެއީ ބައްޕާފުޅަށް ރައްދުކުރަން ދެއްވި ސިޓީފުޅެއް. އިރުކޮޅެއް ނުވެ ބަޔަކު ނުކުމެ ގަސްތައް ލުހެލީ. ނޫންތަ އަޅެ؟ ގާޑިޔާކޮޅު ވެސް ބޭލި. ހަމަ އެ މަގުތަކުގަ ދުއްވެވީ. މާނައަކީ، ހަމީދު ބޭނުންފުޅުވާ ގޮތަށް ހުރިހާ ކަމެއް ނުކުރެވޭނޭ! އެ ކަމެއް ވާން އޮންނަ ގޮތަކަށޭ ވާނީ."
"ހޫނ! އެކުން ދެން މާ އަނގަބޮޑު ނުކުރޭ! ފާރުގަ ވެސް ކަންފަތް ހުންނާނެ." ހުސެއިން މަނިކު ބުންޏެވެ.
ގާލީގެ ތާރު އެޅި މަގެއްގައި، މަޑު ދުވެއްޔެއްގައި ދުވަމުންދިޔަ އަހުގެ މޮށްގަނޑުން ހިތްގައިމު މިޔުޒިކެއް އުފެދިފައިވާ ކަހަލައެވެ. ތިރި ގޮފިތައް ފެތުރިފައިވާ ޕިނިމާރާ ގަސްތަކާއި ބޯކޮށް ހެދިފައިވާ ކެޔޮގަސްތަކާއި ބަރިބަރިއަށް އެތުރިފައިވާ ރުއްތަކުގެ ތެރެއިން ބިމަށް ފޯރާފައިވާ ރަންކުލައިގެ ކޮކާއަވިން ހަފީޒާ ފެން ވަރުވާ ކަހަލައެވެ. އިންޑިޔާ ކަނޑުން ގޮނޑުދޮށަށް ބިންދައިލާ ރާޅުގެ ލޮނުވަހާއި އިސްތިއުމާރީ އިނގިރޭސީން ގުދަންކޮށްފައިވާ ސައިފަތް ގުދަންތަކުން ފެތުރިފައިވާ ސައިފަތްވަހާއި ފޮޅި ބަރާވެފައިވާ ރަތް ގުލްޗަންޕާގެ މަސްހުނިވަހުން ޖައްވުގައި ވަނީ މަސްތުކުރަނިވި ހުވަނދެއް ލެވިފައެވެ. އެއް ފަހަރު މޮރިސް މައިނޯސް ކާރެއް ދިޔައްޔާ އަނެއް ފަހަރު ދަނީ އޮސްޓިން އޭ ސާޅީހުގެ ކާރެކެވެ. ގަދަ ކުލަތަކުގެ ކޮޓަން ސާޅި ލައި، އިސްތަށިގަނޑު ހުވަނދުމަލުން ޒީނަތްތެރިކޮށް، އަބުއި ހިނގުމެއްގައި ހިނގާ އަންހެނުންގެ ކޮނޑާއިކޮނޑު ޖެހޭ ހިސާބުގައި، ލިނަން ފަޓުލޫނާއި ކޮޓަން ހުދު ގަމީސް ދަށަށް ޖަހައިގެން ސާބިތުވެ ހިނގާ ފިރިހެނުން ވެސް އާނ ދޮގޭއޭ ބުނާ ކަހަލައެވެ. އެކަމަކު، ލީލޭންޑު މަރުކާ ދެބުރި ބަހުގެ ކުޑަދޮރުތަކުން ބޯދީގެން ބަލާ ދަތުރުވެރީންގެ ލޮލުގައި އަޅައިގަންނަނީ ހަފީޒާ އިށީނދެގެން އިން ޝާހީ އަސްގާޑިޔަލެވެ. އެ ގާޑިޔަލުގައި އަސްދުއްވަން އިނީ އާދަނެވެ. ނޫނެކެވެ. އެއީ ހަފީޒާއަށް ހީވި ގޮތެވެ. ހަފީޒާ އެންމެ ބޭނުންވި ގޮތެވެ. ގާޑިޔާ ދުއްވީ ސިލޯނު މީހެކެވެ. ގާޑިޔަލުގައި ހަފީޒާޔާ ޖެހިގެން އިނީ، ޝަރަފިއްޔާއެވެ. ސިލޯނުގައި ކިޔަވަން ތިބި ކުދިންގެ ތެރެއިން ހަފީޒާޔާ އެންމެ ގުޅޭ، ކަމުދިޔަ އެކުވެރިޔާއެވެ. ދޮށީ މަނިއްޕުޅަކީ ކާކުކަން ޝަރަފިއްޔާއަށް ހަފީޒާ ކިޔައިދީ ނިންމައިލިއެވެ.
"ދެން ކޮބާ މައްސަލައަކީ؟" ޝަރަފިއްޔާ ބުންޏެވެ. "އޭނަ ހެދުން އަޅާ ގޮތް ބަދަލުކޮށްފި. ކޯރުގަ ބައްތެލި ދުއްވާ ހިތްވާކަން އެނގުނީމަ އެ ކަން ކޮށްދީފި. ގާލީގަ އަސްގާޑިޔާ ދުއްވާ ހިތްވީމަ އެ ކަން ކޮށްދީފި. ރީތި، ގަދަރުވެރި، ބާރުގަދަ ބޭފުޅެއް. އެންގޭޖުވެއްޖެ! މަ ނަމަ ކިޔަވުން ހުއްޓާފަ ގޮސް އިނދެލާނަން."
"ޝަރަފިއްޔާ މީހަކާ ހިތާވެގެންތަ އުޅެނީ؟" ހަފީޒާ އެހެން އެހުމުން ޝަރަފިއްޔާ ނޫނެކޭ ބުނުމުގެ ގޮތުން ބޯހަލުވައިލިއެވެ. "އަހަރެން ލޯބިވާ މީހަކު އެބަ ހުއްޓޭ! ފުރަތަމަ ލޯބި ކިހިނެއް ހަނދާން ނައްތާލާނީ؟"
"އަހަންނަކަށް ނޭނގެ ލޯތްބަކީ ކޯޗެއް ކަމެއް،" ވިސްނާލައިފައި ޝަރަފިއްޔާ ބުންޏެވެ. "އެކަމަކު އެނގޭ އެއްޗެއް ބުނެފާނަން. މީ މަންމަ ބުނި އެއްޗެއް. ގަދަރުވެރި ފިރިޔަކާ އެކީގަ ނޫނީ އަބުރުވެރި ދިރިއުޅުމެއް ނޫޅެވޭނެ. ހާއްސަކޮށް މާލޭގަ."
ހަފީޒާ ވިސްނައިލިއެވެ. އާދަނު ވެސް ވިސްނަން ހުއްޓެވެ. ރޭގަނޑު ބިގަރުތައް ދިއްލައި އަލިކުރުމަށް ފަހު އާދަނާ ކުރަނީ، ކުރިން ވެސް ކުރި ސުވާލެވެ. އާދަނު ސަލާމަތް ކޮށްދޭން ދަނޑިވަޅަކަށް ބަލަބަލާ ތިބީ ކޮން ބައެއް ހެއްޔެވެ؟ ބަޔަކު ނެތް ކަމަށް އެތައް ފަހަރަކު އާދަނު ބުނެފިއެވެ. ގަބޫލެއް ނުކުރިއެވެ. ދެން ހަދަންވީ ދޮގެކެވެ. އެކަމަކު، ބަޔަކު އެބަ ތިއްބޭ ބުނާ އިރަށް ދެން އަހާނީ އެ މީހުންގެ ނަންކަން އާދަނަށް އެނގެއެވެ. ނެތް ބަޔެއްގެ ނަމެއް ނުބުނެވޭނެއެވެ. އަނެއްކާ ވެސް ތަޅަން ފަށާނެއެވެ.
"އަޅުގަނޑު ދޭނެ ޖަވާބެއް ނެތް." އާދަނު ބުންޏެވެ.
ހަމީދުގެ އަމުރުފުޅަށް އާދަނުގެ ބުރަކަށީގައި ދުއްރައިން ތަޅަން ފެށިއެވެ. ކޮންމެ ފަހަރަކު ވެސް ޖަހަންވާ ދިމާ ދައްކަވަނީ ހަމީދެވެ. އާދަނުގެ ފައި ތުރުތުރުއެޅިއެވެ. ފަރުވާ ނުލިބުމާއި ކާން ނުލިބުމުގެ ސަބަބުން އާދަނުގެ މޫނުމައްޗަށް އަނދިރިވާން ފެށިއެވެ. ފުރާނަ ލުހިދާނެޔޭ ހިވާން ފެށިއެވެ. ޒިކުރުކުރުން ފިޔަވައި އެހެން އައްޑަނައެއް އާދަނު އަތަކު ނެތެވެ. ކުރިން ވި އަނިޔާގެ ސަބަބުން އާދަނުގެ ބައެއް ކަށިތައް ހުރީ ބަލިކަށިވެފައެވެ. ދުއްރައިގެ ބާރު ދެތިން އެތިފަހަރު ދޯންގަށް އެރުމާ އެކު ކަކުލު ހުޅުން ނެއްޓިގެން އާދަނު ވެއްޓުނެވެ. ހަމީދަށް ހީފުޅުވީ ގުރުސް ފެންމަތިވި ހެންނެވެ.
"ސާބަހޭ އިބްރާހިމްފުޅާ!" ހަމީދު ހަރުއަޑުން ވިދާޅުވިއެވެ.
ދެން ތިބި ތިން މީހުންނަށް ވެސް ވަރަށް ހަސްކާދިނެވެ. އެކަކަށް ވެސް ފަރުވާއެއް ނުކުރެއެވެ. ގެނެސް އަށިގޭގައި އަނދަގޮނޑި ޖަހާފައި ބެއިތިއްބިއެވެ. އެންމެން ކުކުރަކުކުރާ ތިބީއެވެ. އެ ރެޔަކީ އާދަނަށް ނުނިދުނު ރެޔެކެވެ. ވޭންއަޅާ ވަރުންނެވެ. ހުޅުން ނެއްޓިފައިވާކަން ޔަގީން ވާތީ ގުޑުމެއް އަރުވައިލަން ވެސް އާދަނަކަށް ނުކެރެއެވެ. ދަންވަރު މީހަކު އައިސް ބިޑި ނައްޓައިލަދެއެވެ. އެ ލުއި ވެސް އާދަނަށް ރަންވަޅެކޭ އެއްފަދައެވެ.
ހެނދުނުވީ އިރު ޔޫސުބާއި ދޮހޮއްކޮގެ ހާލު ވަރަށް ދެރަވިއެވެ. އެކައްޗެއް ވެސް ނުކެވެއެވެ. އެ ދެ މީހުން މާ ގިނަ ދުވަހު ދުނިޔޭގައި އޮންނާނެއެކޭ އާދަނުގެ ހިތެއް ނުބުނެއެވެ. މާ ބޮޑަށް ހިތްވަރު ދެރައީއެވެ. އާދަނާއި ދޮންމަނިކަށް ކެވެއެވެ. ކަނީކީ ނޫނެވެ. އަނގަޔަށް އަޅާފައި، ހަފާފައި، ދިރުވައިލަނީއެވެ. ފަޑުއްކަ ފުށުގެ ރޮށްޓެއް ތެރެއަށް ފުއްލޮނު އަޅައިގެން ހެފުމަކީ އަދަބެކެވެ. ދިރުވުމަކީ ވެސް އަދަބެކެވެ.
އާދަނުގެ އަނދަގޮނޑިން ދޭތެރެއަކުން މިނިވަންކުރެއެވެ. ތެދުވެގެން ނުހިނގޭނެކަން ޔަގީންވާތީއެވެ. ތެދެކެވެ. އަނދަގޮނޑިން ނެގިޔަސް އާދަނު އޮންނަ ގޮތަށް އޮންނަނީއެވެ. ކަކުލުހުޅު އޮތީ ދުޅަވެފައެވެ. ބައެއް ފަހަރު ހިއްސުކެނޑޭ ހެން ވެސް ހީވެއެވެ.
މެންދުރުފަހު އަށިގެއަށް މަނިއްޕުޅު ވަޑައިގަތެވެ. ހަމަ އެކަނި އާދަނުގެ ހާލުބަލައިލުމަށް ޓަކައެވެ. އާދަނު ފެނުމުން މަނިއްޕުޅު ހިތާމަފުޅުކުރެއްވިއެވެ. އާދަނަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރެއްވިއެވެ.
"ކޮން ކަމެއް އާދަނު ބޭނުމީ؟" މަނިއްޕުޅު ސުވާލުކުރެއްވިއެވެ. "ބޭހެއް ނުކޮށްދެވޭނެ. އަދަބު ނުދޭނެ ގޮތެއް ވެސް ނެހެދޭނެ. އާދަނު މިނިވަންކުރުމަކީ ވެސް އަހަރެންނަށް ކޮށްދެވޭނެ ކަމެއް ނޫން. އެހެން ކަމެއް އޮތިއްޔާ ބުނޭ!"
އާދަނު ބޭނުން ކަމެއް އޮތެވެ. (ނުނިމޭ)