(ބުދަ ދުވަހާ ގުޚޭ)

"މީދަލަކަށް ދުވަހެއް އައްޔާ ހިކަންޖަކަށް ވެސް ދުވަހެއް އަންނާނެ." އާދަނު ބުންޏެވެ. 

"ހިކަނދި ދުނިޔޭގަ އޮވެއްޖެއްޔާތާ!" މަލާމާތުގެ ރާގަކަށް ހަސަން ކަލޭފާނު ބުނެލިއެވެ. 

އާދަނު ހައްޔަރުކޮށްފައި އޮއްވައި ދޮންއަލިފުޅު ވެސް އަށިގޭގައި ބަންދުކުރިއެވެ. ދޮންއަލިފުޅަކީ އާދަނާ ދުރުތާ ތިމާގެ މީހެކެވެ. 

"އަހަނ! ކަލޭ ވެސް؟" އާދަނު ބުންޏެވެ. ކަލޭ ކީއް ކުރީ؟"

"ކީއްނުކުރަންވީ؟" ރުޅި އައިސްފައި ދޮންއަލިފުޅު ބުންޏެވެ. "މާލޭގެ ހުރިހާ އަންހެނުންނާ އިނދެގެން އުޅެންވީ އެންމެ މީހެއް. ހަމީދު. އެހެން ފިރިހެނުން ތިބެންވީ ހުސްހަށިބަޔަށް. ރުޅި އަންނާނެއްނު! ހާދަހާ ޖެއްސުމެކޭ ކުރީ. މަ ހެދި ވަޑާމަކީ ގޮހޮރު ކޮތަޅެއް ހޫރާލީ. ސީދާ ހަމަ އޭނަގެ މެޔަށް އަމާޒުވީ!"

"ދެން ފަހަރަކުން ވެސް، ކަންޏާ ކުޑަ ކާށްޓެއް ނުކާތި!" ނަސޭހަތުގެ ރާގުގައި އާދަނު ބުންޏެވެ. "އަހަރެންގެ ރޭވުން ކާމިޔާބުވި ނަމަ، ފަސްގަނޑު ދަށުގަ ހަމީދު އޮންނެވީހީ."

"އާދަނާ ކަލޭތީ ފިސާރި ފިރިހެނެއް،" ދޮންއަލިފުޅު ބުންޏެވެ. "ހާދަ ބިރުކުޑައޭ!"

ދޮންއަލިފުޅު އާދަނަށް ވަރަށް ތައުރީފުކުރިއެވެ. ރަށު ތެރޭގައި ދެއްކެވޭ ވާހަކަތަކާއި، އާދަނަށް ޓަކައި މީހުން ހެޔޮދުއާކުރާ ވާހަކަ އާއި، މިނިވަން ވާނެ ދުވަހަކަށް އެތައް ބަޔަކު އިންތިޒާރުކުރާ ވާހަކަ ވެސް ބުންޏެވެ. 

"ހަމީދު މިހާރު ހަފީޒާޔާ އިނީ ދޮތަ؟" ދޮންއަލިފުޅު ވަރަށް ގަޔާވެފައި އެހިއެވެ. 

"އަހަންނެއްނު ކަލޭ ގާތުގަ ތިހެން އަހަންވީ،" އާދަނު ބުންޏެވެ. "އެކަމަކު އެ ދެ މީހުން އިނދެގެން އުޅުނަސް ކަލޭ ނުބުނާތި އިނދެގެނޭ އުޅެނީ. އަހަރެންގެ ހުރިހާ ވެސް ހިތްވަރަކީ އެއީ. ހަފީޒާ މީހަކާ އިނދެފިއްޔާ އަހަރެން މި ތަނުން ނުކުތުމުގެ އެއްވެސް ބޭނުމެއް ނެތް."

ތަޅައި އަނިޔާކޮށް، އާދަނަށް ދިން ކަހަލަ ބޮޑެތި އަދަބުތަކެއް ދޮންއަލިފުޅަކަށް ނުދެއެވެ. އެހެނަސް އަދަބު ބޮޑުވެގެނެއް އާދަނުގެ ޝަކުވާއެއް ނެތެވެ. އާދަނުގެ ނަޒަރުގައި އާދަނަކީ ހަމީދު މަރާލަން އުޅުނު މީހެކެވެ. އެހެންވީމައި، އެއާ އެއްވަރުގެ އަދަބަކީ އާދަނު ވެސް މަރައިލުމެވެ. އެ އުސޫލު އާދަނު ގަބޫލުކުރެއެވެ. މަރަށް މަރެވެ. އެހެނަސް، އާދަނާއި ހަފީޒާގެ ލޯތްބަށް ހަމީދަށް ނުފޫޒު ފޯރުއްވެވިގެން ނުވާނެއެވެ. ހުރިހާ ކަމެއްގެ ތެރެއަކަށް ހަމީދުގެ އަތްޕުޅެއް ވެސް ނުބޭނުއްވޭނެއެވެ. 

ކެޔޮޅުބޭ މިނިވަންވިއެވެ. އޭގެ ސަބަބުން، ފަންޑިތަ ހެއްދި ބައެއް މީހުން ވަރަށް މާޔޫސްވިއެވެ. 

"ދެން އަހަރުމެން ސަލާމަތެއް ނުވާނެ،" އެ މީހުން ކިއެވެ. "މަރުވަންދެން މި ތާ ތިބޭނީ."

އަށިގެއަށް ފުން ހިމޭންކަމެއް ވެރިވިއެވެ. އެކަކު ވެސް އަނެކަކާ ވާހަކައެއް ނުދައްކައެވެ. ބިތްޖެހިފައި ތިބެނީއެވެ. ކޮންމެ ދުވަހެއް ދެ ދުވަހަށް، ކޮންމެ ރެޔެއް ދެ ރެޔަށް ބަދަލުވި ކަހަލައެވެ. ދޮންމަނިކު މޮޔަ ގޮވަން ފެށިއެވެ. ޔޫސުބުގެ ކަމަކީ ރުއިމެވެ. ދޮހޮއްކޮ ހުއްޓުން އަރާފައި އޮންނަން ފެށިއެވެ. އާދަނު ހިތަށް އެރިއެވެ. އަށިގޭގައި ތިބި މީހުން މަރުން ސަލާމަތްކުރަން ބޭނުން ނަމަ، ކެޔޮޅުބެއެއް އަށިގެއަށް އެބަ ގެންނަން ޖެހެއެވެ. 

"ކޮބާ ރޮދިތަކާ، ސޯރުފޮތި ތައްޔާރުތަ؟" އެންމެނަށް އިވޭ ވަރަށް އާދަނު ބުނެލިއެވެ. "ގެނޭ އަހަރެން އަތަށް."

"އާދަނު ވެސް ދޮންމަނިކު ހެން މޮޔަގޮވަން ފެށީ؟" މީހަކު ބުނި އަޑުއިވުނެވެ. 

"ބަލަ ކެޔޮޅުބޭ ކޮންމެ ރެޔަކު ފަންޑިތަ ހަދަން އައިސް އިންނަނީ އަހަރެން ކުރިމަތީގައޭ!" އާދަނު ބުންޏެވެ. "ހީވޭތަ އަހަރެން އެ ކަން ދަސްނުކޮށް ހުންނާނެ ހެން؟ އަމުދަކުން އޭނަ ދިޔައީ އަހަންނަށް އެ ކަން ދަސް ވެސް ކޮށްދީފަ."

"ނާ ހަމަ ރަނގަޅަށް؟" ވަރަށް އުންމީދާ އެކު އެހެން ދިމާއަކުން މީހަކު ބުނެލިއެވެ. 

ދެތިން މީހަކު ތެދުވެގެން އާދަނު ގާތަށް އައެވެ. ބިޑި އަޅުވައިފައި އޮތް އާދަނުގެ އަތަށް ރޮދިތަކާއި ފޮތިކޮޅުތައް ލިއެވެ. ކެޔޮޅުބޭ ކިއި އެއްޗެއް، ހަގީގަތުގައި އާދަނަކަށް ނޭނގެއެވެ. އެ ކަމަކަށް އާދަނު ޝައުގުވެރިކަމެއް ނުވެސް ދެއެވެ. އާދަނު ކިޔެވީ ކުރުސިއެވެ. ދެން ވެސް އާދަނު ދަންނަ ސޫރަތްތަކާއި ޒިކުރުތަކެވެ. އެއަށް ފަހު ފުމެލާފައި ކޮންމެ ރޮދިގަނޑަކާއި ސޯރުފޮތިކޮޅެއްގައި ގޮށެއް ޖެހިއެވެ. 

"އިރާދަކުރެއްވިއްޔާ ހަތް ދުވަހެއް ނުވާނެ،" ކޮންމެ މީހެއް ގާތު ވަކިވަކީން އާދަނު ބުންޏެވެ. "ކަލޭ ސަލާމަތްވާނެ."

އަށިގެއަށް އަނެއްކާ ވެސް ދިރުން އައެވެ. މީހުންގެ އުންމީދު އާވިއެވެ. އެހެނަސް އާދަނަށް ކުރިމަތިލާން ޖެހުނީ ވޭންދެނެވި ދުވަސްތަކަކާއެވެ. ކޮންމެ ރެޔަކު އާދަނު އަށިގެއިން ބޭރަށް ނެރެ ދުއްރައިން ތަޅަން ފެށިއެވެ. ދުއްރައަކީ ހައްދު ޖެހުމަށާއި އަދަބު ދިނުމަށް ހަމުން ހަދާފައި އޮންނަ އެއްޗެކެވެ. އާދަނަށް އަދަބު ދެނީ ކުރާ ސުވާލަށް ހަމީދު ބޭނުންފުޅުވާ ޖަވާބު ނުދިނީމައެވެ. 

އާދަނަށް މުހިންމު ތަޖުރިބާއެއް ކުރެވުނެވެ. ތެޅީމައި ގައިގެ ތަންތަން ހަލާކުވެ، ވޭން އެޅުމުން ރޮއި ހަޅޭއްލަވައިފައި، ކުރި ސުވާލަށް ޖަވާބު ދީފިއްޔާ އެހެން ސުވާލުތަކުގެ ޖަވާބު ހޯދަން ވެސް ދުއްރައިން އަނެއްކާ ތަޅައެވެ. އެހެން ހަދައިގެން ވާހަކަ ދެއްކުވޭނެކަން އެނގޭތީއެވެ. ހުތްކިބަ ފެލައިލުމުން ހުތް އަންނަންޏާ އަނެއްކާ ވެސް ފެލައިލާ އުސޫލުންނެވެ. ތެޅީމައި ކިތަންމެ ތަދުވިޔަސް ހިތްވަރު ކޮށްލައިގެން ހުރެއްޖެއްޔާ މާ ގިނައިން ތަޅާކަށް ނުކެރެއެވެ. އަނގަ ނުހުޅުވާނެކަން އެނގޭތީއެވެ. ދެން ހުތް ނާންނާނެކަން އެނގެންޏާ ލުނބޯހުތްކިބަ އެއްލައިލާ އުސޫލުންނެވެ. އެ އުކުޅު ކާމިޔާބު ކުރެވެނީ ހަމަ އެކަނި އާދަނަށެވެ. އާދަނު ހިތްވަރުގަދަވީމައެވެ. އެހެން މީހުން މާ ފިނޑީއެވެ. އެހެނަސް އާދަނުގެ ސާބިތުކަމުގައި ރެނދުއަޅުވައިލަން ހަމީދު އިންތިހާއަށް ބޭނުންފުޅުވިއެވެ. 

"ރޯނުގަ ފެންލައިގެން ގެނޭ!" ހަމީދު އަމުރު ކުރެއްވިއެވެ. "ތިހެން ފާޑުފާޑެއް ނުކުރެވޭނެ."

އާދަނު ހިތަށްއެރިއެވެ. އެ އުޅެނީ އަހަރެން އެލުވަންބާއެވެ؟ ސިފައިން ރޯނުގައި ފެންލައިގެން ގެނައެވެ. 

"ރޯނުގަނޑު ބިންމައްޗަށް ވައްޓާލާ!" އެ ތަނުގައި ހުރި ހަސަން ކަލޭފާނު ބުންޏެވެ. "ރަނގަޅަށް ކަށިވެލިލާފަ އޭނަގެ އަތް ބަނދެލާ!" 

ހަމަ އެހެން ބުނުމާ އެކު ރޯނުގަނޑު ބިންމައްޗަށް ވައްޓައިލައި، ވެލިލައިފައި އާދަނުގެ ދެއަތް އެކުގައި ފިސާރި ބާރަށް ބަނދެލިއެވެ. ބަނުމަށް ފަހު ރޯނުގަނޑުގެ ކޮޅު ހިފޭއްޓުމަށް ޓަކައި އަސްޖަހަން ވެގެން އާދަނުގެ އަތަށް ފައިން އަރާފައި ރޯނުގަނޑު ބާރުކޮށްލި ވަގުތު ހަންގަނޑާއި މަސްގަނޑު ނޮޅިގެން އެރިއެވެ. ކޮންމެ ފަހަރަކު ފައި އަޅާފައި އެ ގޮތަށް ދަމައިގަތީމައި ރޯނުފަށް ދަނީ އެނބުރިގެންނެވެ. އާދަނުގެ މުޅި އަތް ދިޔައީ ޅިޔަ އެޅެމުންނެވެ. އަތުގެ މަސްގަނޑަށް ލިބުނު އަނިޔާގެ ވޭން ބޮޑުކަމުން އާދަނުގެ ލޮލުން ފެންއައެވެ. އެ ވަރުން ވެސް އާދަނުގެ އަނގައިން އެންމެ ބަހެއް ވެސް ނުނިކުތެވެ. ދުއްރައިން ތަޅަން ހުރީ އިބްރާހީމްފުޅެވެ. އޭނަ ތަޅަން ފެށިއެވެ. ކުޅިވަރެއް ބައްލަވާ ފަދައިން އެ މަންޒަރު ބައްލަވަން ހަމީދާއި އަރިސް ބޭފުޅުން ތިއްބެވިއެވެ. 

"އަޅުގަނޑުމެންގެ މާތް ވެރިޔާ މަރާލަން ހައްގުވެއްޖޭ ބުނި މީހާގެ ދޫ ވެސް ދަމައިގަންނަންވީ!" ހަމީދަށް އިވިވަޑައިގަންނަވާ ވަރަށް ހަސަން ކަލޭފާނު ބުންޏެވެ. "ގައުމުގެ މާތް ވެރިޔާއަށް އިހާނެތި ބަސް ބުނީތީ ދަތްކޮޅު ވެސް ދުއްވާލަންވީ!"

އާދަނަށް އެ ހުރިހައި ވާހަކައެއް އަޑުއިވެއެވެ. ހިތަށްއެރިއެވެ. ހަސަން ކަލޭފާނު އެ ބަނދިވަރުތައް ކިޔަނީ އެންމެ ބޭނުމަކުއެވެ. ހަމީދަށް ވައި އަޅުވާށެވެ. އެހެން ނޫން ނަމަ އޭގައި އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ ހަމީދު ބޭނުންފުޅުވި ވަރަށް ތަޅައި، އަނިޔާކޮށް ނިމުނު އިރު، އާދަނުގެ ދެފައި ހީވަނީ އަނދާފައިވާ ޕާނެއް ހެންނެވެ. އޮތީ ދުޅަވެ، ފަޅަފަޅައިގެންގޮސް، ނޫފައިގެންފައެވެ. މުންޑު ވެސް އޮތީ ފަޅަފަޅައިގެން ގޮސް ލެއިން ތަތްތެޅިފައެވެ. އެ ތަނުގައި ދިއްލާފައިހުރީ ބިގަރެކެވެ. އާދަނު ހުރީ ބިގަރަށް ފުރަގަސްދީގެންނެވެ. ސާބިތުކަމާ އެކުގައި ކޮޅަށެވެ. 

"ޖެހިޖެހީނުން ވައްޓާލަބަލަ!" ހަމީދު ޗޮކެއް ކަނޑުއްވާފައި ވިދާޅުވިއެވެ. 

އަނެއްކާ ތަޅަން ފެށިއެވެ. އެތައް އިރަކު ތެޅުމުން ވެސް އާދަނު ވައްޓައެއް ނުލެވުނެވެ. އަރި އަޅައެއް ވެސް ނުލިއެވެ. 

"މި ކޮޅަށް އަނބުރާލަބަލަ!" ހަމީދު އަމުރު ކުރެއްވިއެވެ. 

ހަމީދު ބޭނުންފުޅުވީ އާދަނު ރޮއިތޯ ބައްލަވާށެވެ. ހަސަން ކަލޭފާނު އާދަނު އަނބުރައިލިއެވެ. އާދަނުގެ މޫނު ފެނުނު އިރު ކަރުނައިގެ އެއްވެސް އަސަރެއް ނެތުމުން ހަމީދު ވަރަށް މާޔޫސްވެވަޑައިގަތެވެ. ޖެހިލުންކުޑަކަމާ އެކު ހަމީދުގެ މޫނުފުޅަށް އާދަނު ނިކަން ރަނގަޅަށް ބަލައިލިއެވެ. އާދަނު ހިތަށްއަރައެވެ. ނާއިންސާފުން މީހުންނަށް ދޭ އަދަބުގެ ބަދަލު ހަމީދަށް ކޮންމެވެސް ދުވަހަކުން ދައްކަވާނެއެވެ. އާދަނު ހިތާހިތުން ދުއާއެއް ކުރިއެވެ. މާތް ރަސްކަލާކޯއެވެ. އެ ދުވަސް މި އަޅާގެ ލޮލަށް ދައްކަވައިދޭވެއެވެ. އެ ވަގުތު ދެ ފައިން ވާގިދޫވާން ފެށުމުން އާދަނު މަޑުމަޑުން އިށީނެވެ. 

"ދޭ އަށިގެއަށް!" ހަމީދު އަމުރުކުރެއްވިއެވެ. 

ތެދުވަން އާދަނު ވަރަށް މަސައްކަތްކުރިއެވެ. އެކަމަކު ކޮޅަކަށް ނުހުރެވުނެވެ. ފަޔަކު ވަރެއް ނެތެވެ. ތެދުވާ އިރަށް ވެއްޓެނީއެވެ. ސިފައިން އައިސް އާދަނުގެ ހަތަރަސްފައިގައި ހިފައިގެން ގެންގޮސް ބޮލިގުދަނުގެ ބިއްދޮށުގައި، ފާރުބުޑުގައި ބޭއްވިއެވެ. ގައިން ހަލާކުވެފައި ހުރި އެއްވެސް ތަނަކަށް ފަރުވާއެއް ނުކުރެއެވެ. އަތުގައި އައްސާފައިހުރި ރޯނުތައް މޮހައިލީ ވެސް ދެ ގަޑިއިރު ފަހުންނެވެ. އަތުގެ އެ ތަންތަން ހުރީ ޅިޔައަޅާފައިހުރި ހެން ފުންކޮށް ކެނޑިފައެވެ. ފައިގެ ތަންތަން ފަޅައިގެން ދިޔަކަން އެއީ ނަސީބެކޭ އާދަނު ހިތަށް އެރިއެވެ. އޭގެ ސަބަބުން ފައިގެ ކަޅުކުލަ ވަރަށް މަޑުވިއެވެ.

އާދަނު "ފަންޑިތަހަދައިދިން" މީހުންގެ ތެރެއިން ފަހަރަކު މީހަކު މިނިވަން ވާން ފެށިއެވެ. އެ ކަމަކީ އާދަނު ހިލޭ ކޮށްދޭ ކަމެކެވެ. އެކަމަކު ހަދިޔާއެއްގެ ގޮތުން، ކާން ގެންނަ ހިތިފުށުގެ ރޮށިން ކުޑަ އެތިކޮޅެއް އެ މީހުން އާދަނަށް ދެއެވެ. ގެންނަ ރޮށި ކުޑަކަމުން މާ ބޮޑު އެއްޗެއް ދެވެން ނޯންނަނީއެވެ. އެންމެން ދޭ އެތިކޮޅު އެއްކޮށްލުމުން ކޮންމެވެސް އެއްޗަކަށް ވެއެވެ. ވަކީން ވެސް ހިތިފުށް ދެއެވެ. އެއަށް ފުއްލޮނުކޮޅެއް ލައިގެން ކައިލަނީއެވެ. ހިތިފުށުގެ ރޮށްޓެއް ލިބިއްޖެއްޔާ މަސްހުނި ގޮތަށް ފުއްލޮނުކޮޅެއް ނަގައިގެން ކާލަނީއެވެ. ކެޔޮޅުބޭ ވެސް ފަންޑިތަ ހެދީ ކާއެތިކޮޅުގެ ބޭނުމުގައިކަން އާދަނަށް ވިސްނުނެވެ. 

ފައިގެ ފާރުތައް ފަސޭހަ ނުވަނީސް އަނެއްކާ ވެސް ދުއްރައިން ތަޅަން، އަތުލަފިކޮށްގެން އަށިގެއިން އާދަނު ނެރުނެވެ. ހާމައަށް ފެންނަން ހުރި ޒަހަމުތަކުގެ މަތީގައި ދުއްރައިން ޖެހޭކަށް އާދަނު ބޭނުމެއް ނޫނެވެ. އާދަނު ކޮޅަށް ބަހައްޓާފައި އެހެން މީހުން ދުރަށް ޖެހިލިއެވެ. އާދަނު ހިތްވަރު ކޮށްލައިގެން ހުއްޓެވެ. އޭރު އަދި ހަމީދު ވަޑައެއް ނުގަންނަވައެވެ. އިރުކޮޅެއްވީ އިރު ވެސް ދުއްރަޔަކުން ނުއެއް ޖެހިއެވެ. ހައިރާންވެގެން އާދަނު ބަލައިލިއެވެ. ދުއްރަ ހިފައިގެން ހުރި އިބްރާހިމްފުޅުގެ ދެ ލޮލުން އޯގާތެރިކަމުގެ އަސަރު ފާޅުވެފައިވާ ތަން އާދަނަށް ފެނުނެވެ. (ނުނިމޭ)