(ބުދަ ދުވަހާ ގުޅޭ)
މި ކަން ހިނގަމުންދިޔަ އިރު، ރަށުގެ ވެރީން އެ ކަން މަނައެއް ނުކުރިއެވެ. ވެރީން ތިބީ ގޮތް ހުސްވެފައެވެ. ސަރުކާރާ ދެކޮޅު ހަރަކާތްތައް މަނާކުރަން އުޅެފި ނަމަ ތިމާއާއި ތިމާގެ އާއިލާއަށް ލިބިދާނެ ގެއްލުމަކަށް ބިރުގަތީއެވެ. އަނެއްކޮޅުން، ދޮށީމަނިއްޕުޅަކީ އަވަހާރަކޮށްލި މުޙައްމަދު ހަމީދުއާ ވަރަށް ގާތް ބޭފުޅެކެވެ. ހަމީދުގެ ނާއިންސާފު އަމުރުފުޅުތަކަށް ދޮށީމަނިއްޕުޅު ތާއީދު ނުކުރެއްވުމާއި ނުފޫޒުގަދަވުމާއި އިންސާފަށް ލޯބި ކުރެއްވުމާއި އަތްމަތި ތަނަވަސްވުމަކީ، ވެރިކަމުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތާއީދު މަނިއްޕުޅަށް ފުރިހަމައަށް ލިބިވަޑައިގަތް ސަބަބުތަކެވެ. ހަމީދުގެ ނިންމެވުންތަކަށް ފާޑުވިދާޅުވާ އިރު ވެސް ދޮށީމަނިއްޕުޅު މެދުއުޑުގައިފިޔަޖެހީ މަނިއްޕުޅުގެ ގާބިލުކަމުގެ ސަބަބުންނެވެ. މަނިއްޕުޅުގެ ހަށިކޮޅަށް ގެއްލުމެއްވެއްޖެއްޔާ ރަށުގެ ވެރީން ޖަވާބުދާރީވާން ޖެހޭނެކަން ވެރީންނަށް ރަނގަޅަށް އެނގެއެވެ.
ވާނެ ގޮތް ކުރިޔަށް ލަފާކޮށްފައި ބައެއް ވެރީން ވަގުތުން މަގާމުން އިސްތިއުފާދިނެވެ. އަމިއްލަ ސަލާމަތް ހޯދުމަށް ޓަކައެވެ. އިސްތިއުފާދިން ވާހަކަ އާއި ދޮށީމަނިއްޕުޅާ ދިމާކުރުމަށް ޓަކައި ބަޔަކު ދޯނިތަކެއްގައި ނުކުންނަ ޚަބަރު ސިޓީއަކުން އަތޮޅުވެރީންނަށް ފޮނުވިއެވެ. އެ ކަން ހިނގީ ވަރަށް ސިއްރުންނެވެ. ސިޓީ ހިފައިގެން ދިޔަ މީހާ ދިޔައީ އެކަނިމާއެކަނި، ފައިމަގުގައެވެ.
ރުޅި އައިސްގެން ހިތަދޫން ދޯނިތަކުގައި ނުކުތް މީހުންނަކަށް އިނގިރޭސީންގެ ބާރަށް ދުވާ ބޯޓެއް ނުފެނުނެވެ. އެ މީހުން ގަމަށް ލެފީ ފަތިހު ފަހެއް ޖެހި އިރުއެވެ. އޭރު އަތޮޅުވެރީންގެ ފަރާތްޕުޅުން ދޮށީމަނިއްޕުޅަށް ޚަބަރު ލިބިވަޑައިގެން މޭޖަރު ފިލިޕްސްގެ ހިމާޔަތް ހޯއްދެވިތާ އިރުކޮޅެއް ވެއްޖެއެވެ. ގަމުގެ އޮފީހުގައި ތިބީ އޮފީހުގެ މުވައްޒަފުންގެ ތެރެއިން އެ ވަގުތަށް ބޭނުންވި ހައެއްކަ މުވައްޒަފުންނެވެ. ހިތަދޫ ރައްޔިތުންގެ ތެރެއިން އެއް ބަޔަކު އޮފީހަށް ވަދެ، އެއްވެސް ސުވާލެއް ނެތި ތަޅައިފޮޅައިގަތެވެ. ދޮށީމަނިއްޕުޅަށާއި ދިވެހި ސަރުކާރަށް ހިތަށްއައިހާ އެއްޗެއް ގޮވިއެވެ. އަނެއް ބަޔަކު ނުކުތީ ދޮށީމަނިއްޕުޅު ހޯދާށެވެ. ފެނިއްޖެ ނަމަ ހަދާނެ ވަކި ގޮތެއް ނެތެވެ. އެއްވެސް ރޭވުމެއް، އުސޫލެއް ނެތެވެ. އާދަނު ކަންބޮޑުވިކަމަކީ އެއީއެވެ. އެހެނަސް، ދެއަތް ފުރަގަހަށް ލައިގެން އަތިރިމަތީގައި ހިނގައިލަހިނގައިލާ ހުރުން ފިޔަވައި އާދަނަށް ކުރެވޭނެ ކަމެއް ނެތެވެ.
މީހުންތައް އޮފީހަށް ވަދެގަތްތާ ހައެއްކަ މިނިޓު ތެރޭގައި އިނގިރޭސި ސިފައިން އެ ތަނަށް އައެވެ. ލޮރީގެ ހަރުކޮށްފައި ހުރި އަލިގަދަ ބައްތިން އަލިކޮށްލިއެވެ. މީހުންތައް ހުއްޓުންއެރިއެވެ. އެ ވަރުގެ އަލިގަދަ ބައްތިއެއް ބައެއް މީހުންނަށް ފެނުނީ އަލަށެވެ. އެ އުޅެނީ ގަޔަށް ބަޑި ޖަހަން ކަމުގައި ވެސް ބައެއް މީހުންނަށް ހީވިއެވެ.
"އޯކޭ!" ލޯރިން ފޭބި ސިފައިންގެ އޮފިސަރު ދިން "ސިގުނަލަކީ" އެއީއެވެ.
ލިބުނު ހުއްދައާ އެކު ދެން އުފެދުނީ މާ ގަދަ ފޯރިއެކެވެ. އޮފީހުގައި ހުރި އެއްޗެހިތައް ހަލާކު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވާން ވެސް އިނގިރޭސި ސިފައިން ޖެހިލުމެއް ނުވިއެވެ. އެ މީހުން ފެނަށް ދިރިފައިވާ ވަރަކީ އެއީއެވެ. އިމާރާތުގައި އަލިފާން ރޯކުރަން ބަޔަކު ދެ ފަހަރަށް އަލިފާންދަނޑި އެޅިއެވެ. އެއް ފަހަރު ރޯ ވެސް ކުރިއެވެ. ކޮންމެ ފަހަރަކު ވެސް އެ ތަން ނިއްވައިލަނީ ހުޅުދޫ ޒުބޭރު އާއި އޭނާގެ އެކުވެރީންނެވެ.
އެންމެ ބޮޑަށް އަނިޔާކުރި އެކަކީ އޮފީހުގެ ސަރުދާރު ތުރުކީ ދޮންތުއްތުއެވެ. އޭނާއަށް ކުރެވުނު ހާނީއްކަ ކުޑަވެގެން ދޯންޏަކަށް ލާފައި، މާރަކުން ދޯނީގެ ކަތްޕާ އެކުގައި އައްސަން ވެސް އެއްސިއެވެ. އޮފީހުގެ އަނެއް ސަރުދާރު ސަރަނގު މުޙައްމަދު ވެސް ރޯނުގަނޑަކުން އައްސާފައި، ތަޅައި އަނިޔާކުރިއެވެ. އަޙްމަދު ރަޝީދު ދޯންޏަކަށް ލައިގެން ގެންދިޔައީ ހިތަދޫއަށެވެ. އެއްވެސް ވަރަކަށް އަނިޔާ ނުވާ ހަމަ އެކަކަކު ވެސް އޮފީހަކު ނެތެވެ. ހައިޖާނު އެންމެ ހޫނުވީ ވަގުތު ދިވެހި ދިދަ ފަތްޖަހާލައިފައި، ގަމުގައި ހުންނަ ސީއޯއަށް ހަދިޔާކުރިއެވެ. އެ ކަން ކުރީ އައްބެއްޔާގެ ތުއްތީދިއެވެ. އޭނަ ބޭނުންވީ ދިވެހި ދިދައިގެ ބަދަލުގައި އިނގިރޭސި ދިދަ ނަގާށެވެ. އިނގިރޭސީންގެ ދެފައި މައްޗަށް ވެއްޓިގަންނާށެވެ. އަމިއްލައަށް އެދިގެންނެވެ.
"ތި ކަމެއް ނުކުރެވޭނެ،" ވަރަށް ސާބިތުކަމާ އެކުގައި ސީއޯ އިނގިރޭސިބަހުން ބުންޏެވެ. "އޭރުން ދިވެހީންގެ ދާހިލީ ކަންކަމުގެ ތެރެއަށް އަހަރުމެން ވަންކަން ސާބިތު ކުރެވޭނެ. އެއީ އެއްބަސްވުމާ ހިލާފު ކަމެއް."
"ކާކަށް އެނގޭނީ؟" އިނގިރޭސި ދަންނަ ތުއްތީދި ސުވާލުކުރިއެވެ.
"ކަލޭމެން ތެރޭގަ ޖާސޫސުން އެބަ ތިބި،" ސީއޯ ބުންޏެވެ. "ދިވެހި ސަރުކާރަށް ވަފާތެރި މީހުން އެބަ ތިބި. އަހަރުމެންނަށް އެ ކަން އެނގޭތީ މި ބުނަނީ."
"ނަން ބުނޭ!" ތުއްތީދި އެދުނެވެ. "ގެންދާ ގޮތަށް ގެންގޮސް ކަނޑުފައްތާނަން."
ސީއޯ އެއްވެސް ނަމެއް ހާމައެއް ނުކުރިއެވެ. އޭރު ވެސް އޮފީސް ތެރެ ހީވަނީ މާރުކޭޓެއް ހެންނެވެ. އޮފީހުގައި ހުރި ތިޖޫރި ނެރެގެން ގެންގޮސް ދޯންޏަކަށް ލުމުން ދެން ވީ ގޮތް ގިނަ މީހުންނަކަށް ނޭނގެއެވެ. ލިބުނު މީހަކަށް ލިބުނީއެވެ. ދަގަނޑު އަލަމާރިއެއްގައި ވެސް ފައިސާ ރައްކާ ކޮށްފައި ހުރި ކަމަށް ވާހަކަ ދެކެވިގެން އެ އަލަމާރި ފަޅައިލި އިރު ލައްކައެއް ހައި ރުފިޔާ ހުއްޓެވެ. އެއީ ވަރަށް ބޮޑު އަދަދެކެވެ. އެ މީހަކަށް ނެގުނު ވަރަކަށް ނަގައިގެން ގެންދިޔައީއެވެ. ރަސްމީ ހުރިހައި ލިޔެކިޔުންތައް ވީދައި އަންދައިލިއެވެ. އޮފީހުގެ ސަލާމަތްވީ އޮނިގަނޑެވެ. ފާރު ވައްޓައިލަން ވެސް އުޅުނެވެ.
"ތީ އަހަރުމެންގެ އިމާރާތެއް،" އިނގިރޭސިއަކު ގޮވައިލިއެވެ. "ތިއަށް ގެއްލުން ނުދީ!"
އެ ބުނި އެއްޗެއް ދޭހަވި މީހާ ރައްޔިތުންނާ އެތައް ގޮތަކަށް ވާހަކަ ދައްކައިގެން ފާރުތައް ސަލާމަތްވިއެވެ. އޮފީހުގައި ހުރި ގުދަނެއްގައި ހަނޑޫތަކެއް ހުރި ކަން އެނގިގެން އެއާ ވެސް ދިމާކޮށްލިއެވެ. މުޅި ރަށް އޮތީ ބަނޑަށް ޖެހިފައެވެ.
"ތީ ވެސް އަހަރުމެންގެ އެއްޗެއް،" އިނގިރޭސިއަކު ބުންޏެވެ. "ތިއެއް ނުގެންދެވޭނެ."
ވަގުތުން އެ ކަން ވެސް ހުއްޓުނެވެ. މުވައްޒަފުން ނިދަން ތިބޭ "މާރަނގަ" އަށް ވަދެ، އަލަމާރިތައް ހަލާކުކޮށް، އަންނައުނުތައް އެންމެންގެ މެދުގައި ބަހައިލީއެވެ. އަންނައުނު ތަދުކަމުން އެ ހަލާކުކޮށްލާކަށް ނުކެރުނެވެ.
ދޮށީމަނިއްޕުޅު ވީ ތަނެއް ރައްޔިތުންނަކަށް ނޭނގުނެވެ. އެ މީހުންގެ ރުޅިގަނޑު މައިތިރިއެއް ނުވިއެވެ. މަނިއްޕުޅު ހޯދަން ދިޔަ މީހުންނަށް ފެނުނީ އަންވަރު ހިލްމީއެވެ. އެއްވެސް ކުށަކާ ނުލައި ހިލްމީ ގައިގައި ތަޅައިގަތެވެ. ވަރަށް އަނިޔާކުރިއެވެ. ވައިގެބަނދަރުގެ ފެންހޮޅި ލާން ކޮނެފައިވާ ކޯރެއްގެ ތެރެއަށް ވައްޓައިލިއެވެ. އޭރު އޭނާގެ ހަށިގަނޑަކު އެއްވެސް ފޭރާމެއް ނެތެވެ. އާރުއޭއެފްގެ ސިފައިންނަށް އެ ތަނަށް ނާދެވުނު ނަމަ ހިލްމީގެ ފުރާނަ ސަލާމަތެއް ނުވީހެވެ.
ވަކި ހިސާބަކުން، ދޮށީމަނިއްޕުޅު ވީ ތަން ފަޅާއެރިއެވެ. މަނިއްޕުޅު ހުންނެވީ ބަނދަރުގައި އޮތް އާގުބޯޓެއްގައެވެ. ދޯނިފަހަރުތައް ދެން މިސްރާބު ޖެހީ އެ ދިމާއަށެވެ. އެ ފަހަރު އިނގިރޭސީން ހުރަސްއެޅިއެވެ. ބާރަށް ދުވާ އުޅަނދެއް ކަމުގައިވާ "ސީކުއެސްޓު" ގައި އައިސް ދޯނިތައް ވަށައި ވަރަށް ބާރަށް ދުއްވަން ފެށުމުން ބޮޑެތި ބާނިތަކެއް އުފެދުނެވެ. ދޯނިތައް ހީވީ ބަންޑުންޖަހައިލަފާނެ ހެންނެވެ. އެ ހިސާބުން ގިނަ ދޯނިތައް އަނބުރައި ހިތަދޫއަށް ދިޔައީއެވެ. ފާރަޔަށް ތިބި ބަޔަކު ދުރުގައި މަޑުކޮށްގެން ތިއްބެވެ.
ހިތަދޫއަށް ދިޔަ ދޯނިތަކުން އާދަނަށް ލިބުނީ ބުހުތާނު މައުލޫމާތެވެ. ދޮށީމަނިއްޕުޅު ފަހަތުން ފަހައި ގޮސް ތަޅައި، އަނިޔާކޮށް މޫދަށް އެއްލައިލައިފިއެވެ. މަނިއްޕުޅުގެ އަނބިކަނބަލުންނަށް ވެސް ހެދީ ހަމަ އެހެންނެވެ. އާދަނު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހިތަށްއެރިއެވެ. އާދަނަށް މަނިއްޕުޅު ހުއްޓުވުނު ނަމަ އެހެނެއް ނުވީހެވެ. ބޭކާރު ގޮތުގައި ހަފީޒާ ހުވަފަތްވީއެވެ. އެ ތަނުގައި އާދަނަށް ހުރެވުނު ނަމަ މަނިއްޕުޅު ސަލާމަތް ކުރެވުނީހެވެ. ދެން ހިތަށް އެރިއެވެ. އެއީ ދޮގަކަށް ވެސް ވެދާނެއެވެ.
އިރުއެރުމުން ވެސް ދޯނިތަކެއް ނުދިޔައެވެ. އެންމެން ތިބެނީ ކޮޅަށެވެ. އެ މީހުންގެ ސާބިތުކަން ހުރި ވަރަކީ އެއީއެވެ. އެ ގޮތަށް ބަލަހައްޓައިގެން ތިއްބައި ދޮށީމަނިއްޕުޅު އާގުބޯޓުން ބާލާނެ ގޮތެއް އެކަކަށް ވެސް ނޭނގުނެވެ.
"ރައްކާތެރިކަމާ އެކީގަ އަހަރުމެންނަށް މަނިއްޕުޅު ރަށާ ހަމައަށް ގެންދެވިދާނެ،" މޭޖަރު ފިލިޕްސް ބުންޏެވެ. "އެއަށް ވުރެ ދުރަކަށް އަހަރުމެންނަކަށް ހިމާޔަތެއް ނުދެވޭނެ. އެއީ މައްސަލައަކީ."
"އިންޒާރު ދޭން މޫދަށް ބަޑިޖަހަމާ!" އިނގިރޭސި އޮފިސަރަކު ލަފާދިނެވެ.
"ކަމަކު ނުދާނެ،" ދޮށީމަނިއްޕުޅު ދެކޮޅު ހެއްދެވިއެވެ. "ބައެއްގެ ލޭ އޮހޮރިއްޖެއްޔާ ދެނެއް ކޮންޓުރޯލެއް ނުކުރެވޭނެ. ކަލޭމެންނަށް ވުރެ ރަނގަޅަށް ދިވެހީން އެނގޭނީ އަހަންނަށް. އަތޮޅުވެރީން ގެންނަވާ!"
އަތޮޅުވެރީން ގެންނެވި އިރު، މޭޖަރު ފިލިޕްސްގެ އެދުމަކަށް ޢަބްދުﷲ އަރީފު ވެސް ގެނައެވެ. އަރީފަކީ ހަމަނުޖެހުމުގެ މުގުލެވެ. އަރީފު ބޭނުންވަނީ އިނގިރޭސީންގެ އެހީއާ އެކު އަމިއްލަ ސަރުކާރެއް ގާއިމުކުރާށެވެ. އެހެނަސް، އަރީފުގެ ވިސްނުން އެއް ގޮތެއްގައި ސާބިތެއް ނުވެއެވެ. ބައެއް ފަހަރު ހީވަނީ ދުވަހަކު ވެސް ދިވެހިސަރުކާރަށް އަމާން ނުދޭނެ ހެންނެވެ. އަނެއްބައި ފަހަރު ބުނެލާ އެއްޗަކުން، ދެންމެދެންމެ އަމާންދީފާނެ ހެން ވެސް ހީވެއެވެ. ދެކޮޅުވެރީންގެ ތެރެއިން ބައެއް މީހުން އަރީފަށް ބަލަނީ ޝައްކާ އެކުގައި ލޮލުގެ ހިމަކޮޅުންނެވެ.
އާގުބޯޓަށް އަރީފު ދަތުރު ފެށުމާ އެކު ރަށު ތެރޭގައި ވާހަކަތައް ފެތުރެން ފެށިއެވެ. އަރީފު އެ އުޅެނީ ސަރުކާރާ އެއްބައިވާށެވެ. ދޮށީމަނިއްޕުޅަށް ބައިއަތު ހިފާށެވެ. އަރީފަށް ވަފާތެރިވި އެންމެންގެ ލިސްޓެއް ދިވެހި ސަރުކާރަށް ލިބި، ކުށްވެރީންތައް ބަލައި ސަރުކާރުގެ ނަވެއް ފުރައިފިއެވެ. އެންމެން ހައްޔަރު ކޮށްގެން އަށިގެއަށް ގެންގޮސް އަނދަގޮނޑިޖަހާނެއެވެ. ދުއްރައިން ތަޅާނެއެވެ. އެއްވެސް ހަގީގަތެއް ނެތް އެ ވާހަކައިން ކުރިނުފަޅައި ބޮޑު ގަހެއް ފަޅައި، އޮފިތައް އެކި ދިމަދިމާއަށް ފެތުރިގަތެވެ. އަރީފުގެ ގެ ތަޅައިލަން ބަޔަކު ދުއްވައިގަތެވެ. ބުއްދިވެރި އިނގިރޭސި ސިފައިން ތިބީ ކުރިޔަށް ދެ ފިޔަވަޅު އަޅައިގެންނެވެ. ގެއާ ދިމާއަށް ދިޔަ މީހުންތަކަށް ފެނުނީ އަރީފުގެ ގެ ވަށައިގެން އިނގިރޭސި ސިފައިން ފާރަޔަށް ތިބި ތަނެވެ. އެއްވެސް ދިމާއަކުން ކައިރިއެއް ނުވެވުނެވެ.
މަރަދޫއަށް ޚަބަރު ދިޔުމާ އެކު އަތޮޅުއޮފީސް ހަލާކުކޮށްލައި، ފާލަމުގެ ތަނބުތައް ބިމާ ހަމަކޮށްލިއެވެ. އޭގެ އުނދަގޫ ތަހައްމަލުކުރަން ޖެހޭނީ ތިމާމެންކަން ވިސްނައިލާނެ މީހަކު ނެތެވެ. ފާލަންގެ ތަޅައިލުމަށް ފަހު ރަތްވިލާގެ އަންދައިލިއެވެ. އެ ކަމުގައި އިސްކޮށްއުޅުނީ މޮހޮދާއެވެ. އައްޑޫގެ އެކި ރަށްރަށުގައި އެކި ވަރުވަރުގެ ހަމަނުޖެހުން ހިނގިއެވެ.
އަތިރިމަތީ އަވިގަނޑުގައި ފޫހަރައިގެން އިން އާދަނު ފުންމައިގެން ތެދުވިއެވެ. ދެކޮޅު ހޯދައިލި އިރު އާދަނަށް ފެނުނީ ބޮއްކުރައެކެވެ. އޭގައި ފަލި ވެސް ހުއްޓެވެ. ދުވެފައި ގޮސް ބޮއްކުރާގެ ވާ މޮހައިލިއެވެ. ބޮއްކުރައަށް އަރައި ފަލިޖަހަން ފެށިއެވެ.
"އަހަރެން މި އަންނަނީ ހަފީޒާ!" ހިތާހިތުން އާދަނު ބުނެލިއެވެ. (ނުނިމޭ)