(އާދިއްތަ ދުވަހާ ގުޅޭ)
"އަހަރުމެން ދެ މީހުން މި ގެއަކު ބައްދަލެއް ވެސް ނުވޭ!" ދޮށީމަނިއްޕުޅު ވިދާޅުވިއެވެ.
"މަނިއްޕުޅު ފަދަ ބޭފުޅަކު އަޅުގަނޑު ކަހަލަ މީހެއް ގާތު ވިދާޅުވާނެ ސިއްރެއް އޮންނާނެތޯ؟" އިސްޖަހާލައިގެން އިނދެ އާދަނު ބުންޏެވެ. "އަޅުގަނޑަކީ މިހާރު އިތުބާރު ގެއްލިފަ ހުރި މީހެއް."
"އަހަންނަށް އިތުބާރު ނުކުރެވޭ މީހަކު މި ގެއަކަށް ނުވައްދާނަން،" މަނިއްޕުޅު ވިދާޅުވިއެވެ. "އަހަންނަކީ މީހުންނަށް އޮޅުވައިލާ މީހެއް ނޫން. ދޮގު ހަދާ މީހެއް ވެސް ނޫން. ކޮންމެ ނިޔަތެއްގަ މި ކަން ކުރިޔަސް، މި ކަމަކީ އަހަރެންގެ އުސޫލުތަކާ..."
ދޮށީމަނިއްޕުޅުގެ ވާހަކަ މެދުކަނޑައިލެއްވީ ނޯކަރަކު އައުމާ ގުޅިގެންނެވެ. ނޯކަރު އައިސް، ކައިރީގައި ހުރި ކުޑަމޭޒު މަތީގައި ދެ ތަށި ބަހައްޓާފައި ދިޔައެވެ. އާދަނު ހިތަށް އެރިއެވެ. މަނިއްޕުޅު ވިދާޅުވާން އެ އުޅޭ ވާހަކައަކީ ނޯކަރަކަށް ވެސް އިވެން ނުޖެހޭ ވާހަކައަކީތާއެވެ. އެ ވާނީ ބޮޑު ސިއްރަކަށެވެ. މަނިއްޕުޅު ދެ ތަށި ނެންގެވުމަށް ފަހު، އެއް ތަށި އާދަނަށް ދިއްކޮށްލައްވާފައި، މަނިއްޕުޅުގެ ތަށިން އެތިފޮދެއް ހިއްޕެވިއެވެ. އާދަނު ވެސް އާދަނުގެ ތަށިން ރަހަ ބަލައިލިއެވެ. ތަށީގައި ހުރީ ކުރުނބާފެނެވެ. ފެނުގައި ފޮނިކަމެއް ނެތް ތަނުގައި، ކުޑަ ލޮނުކަމަކާއި ވަޅޯ ރަހައެއް ވެސް ހުއްޓެވެ.
"ހާދަ ފޮނި ކުރުނބައެކޭ ދޯ؟" ދޮށީމަނިއްޕުޅު ވިދާޅުވިއެވެ.
"ލައްބަ!" އާދަނު ބުންޏެވެ.
"މީ އަހަރުމެން ދެ މީހުންގެ މިޒާޖު އެއްގޮތްވާ ގޮތަކީ،" މަނިއްޕުޅު ވިދާޅުވިއެވެ. "އަހަންނަށް އެނގިފަ އޮތް ގޮތުން އާދަނަކީ ވެސް މީހުންނަށް އޮޅުވައިލާ، ދޮގު ހަދާ މީހެއް ނޫން. އެކަމަކު ތި ބުނީ ކުރުނބާ ފޮންޏޭ. އަހަންނަށް ކަށަވަރު ފޮންޏެއް ނުވާނެކަން. އިހަލުގަ އޮތް ވަޅޯ ކުރުނބައެއް ވިއްޔަ އަހަރެން ދެއްކީ. އެކަމަކު ހާލަތު ނިޔާކުރާ ގޮތުން ތިމާގެ އުސޫލަކާ ޚިލާފުވާން ޖެހޭ ފަހަރެއް އަތުވެދާނެ. އާދަނަށް ތި ވީ އެހެން. އަހަންނަށް ވެސް އެހެން ވެގެން މި އުޅެނީ. އަޑުއަހާ!"
އާދަނުގެ ދޮށީގައި މަހެއް ގަތެވެ. މާލޭ އުތުރު ފަރާތު ފަޅަށް އޮތީ މުށިމަސް ވަދެފައެވެ. ހެނދުނުގެ ވަގުތެވެ. ފަޅުތެރެ އޮތީ ފާންވެފައެވެ. ކުދި ދޯންޏާއި ކަނދުފަތީގައި ވެސް މީހުން ނުކުމެ، ހޭވައްޓައިލާފައި މުށިމަސް ބާނަނީއެވެ. އާދަނުގެ ދޮށީގައި ގަތް މުށިމަހުން ބުޅި ނައްޓައިލުމަށް ފަހު ބޮއްކުރާ ތެރެއަށް މަސް އެއްލިއެވެ. ނުބަލައި އެއްލުމުން މަސް ވެއްޓުނީ މޫދަށެވެ. ނަސީބަށް ޝުކުރު ކުރަމުން އެ ސޮރު އަޑިއަށް ފީނައިގަތެވެ. އާދަނު ފީނަމުންދިޔައީ މާޒީގެ މާ ފުން ކަނޑެއްގައެވެ. އެއް ދުވަސް ކުރިން ދޮށީމަނިއްޕުޅު އެދިވަޑައިގަތް ކަންތައް ކޮށްދޭން އާދަނު ބޭނުމެވެ. އެކަމަކު އެ ކަން ކުރާނެ މަގެއް އާދަނަކަށް ނުފެނެއެވެ. އާދަނަށް ވިސްނޭ ގޮތުގައި، އާދަނަކީ އެ މަސްއޫލިއްޔަތު އެންމެ ހަވާލުނު ކުރާންވީ މީހާއެވެ.
ކޮންމެ އަތަކުން ތިން މަސްފަތި ހިފައިގެން، ނިކަން ބާރަށް ހިނގާފައި ގެޔާ ދިމާއަށް އާދަނު ދިޔައެވެ. ހަފީޒާޔާ ދިމާވާކަށް އާދަނު ބޭނުމެއް ނޫނެވެ. އެހެނަސް، ހިނގާފައި ދެވުނީ ހަފީޒާގެ ގޭ ކުރިމަތިންނެވެ. އެ ވާ ގޮތެއް އާދަނަކަށް ނޭނގެއެވެ. ބައްދަލުވާން ބޭނުން ނުވާ މީހާ ދެކެން ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ ހަނދާން ނައްތައިލަން ބޭނުންވާ މީހާ ހަނދާންވަނީ ކީއްވެގެން ހެއްޔެވެ؟
"އާދަނާ އާދަނާ!" އަތްތިލަބަޑިޖަހާފައި މީހަކު ގޮވައިލި އަޑުއިވުނެވެ.
އާދަނު ބަލައިލި އިރު އާދަން ކަލޭފާނު މަގުގެ އެއްފަރާތެއްގައި މީހަކާ ވާހަކަ ދައްކަވަން ހުންނެވިއެވެ. ކަލޭފާނު މާލެ ދުރުވި ކަމެއް އާދަނު ނުދެނަ ހުއްޓެވެ. މުޙައްމަދު ހަމީދުގެ ވެރިކަން ނިމުމާ އެކު ކަލޭފާނުގެ ވަޒީފާއަށް ލޮޅުން އެރިއެވެ. ނަޚުދާކަން ނަންގަވައި އަތޮޅުވެރިކަން ދެއްވިއެވެ. މާލެއާ ކައިރި އަތޮޅެއްގައި ދުވަސްކޮޅަކު ބަހައްޓަވާފައި ދުރު އަތޮޅަކަށް ފޮނުވައިލެއްވި ވެސް މެއެވެ. ހަގީގަތުގައި އެއީ ރަށަކަށް އަރުވައިނުލައްވަން ވެގެން ސަރުކާރުން ކުރެއްވި ކަމެކެވެ. އާދަނު ބަލައިލުމުން ކަލޭފާނު އަތުން އިޝާރާތް ކުރެއްވިއެވެ. އައުމަށް އެދިލެއްވިއެވެ. ނުގޮހެއް އާދަނަކަށް ނުކެރުނެވެ.
"ހާދަ މުށިމަހެކޭ!" ކަލޭފާނު ބުނުއްވިއެވެ. "ފައްޗެއް ކިހާ ވަރަކަށް؟"
ހަފީޒާގެ ބައްޕައަށް މަސް ވިއްކާކަށް އާދަނަކަށް ނުކެރުނެވެ.
"ވިއްކާ އެއްޗެއް ނޫން،" އާދަނު ބުންޏެވެ. "ބޭނުން ފައްޗެއް ބުނުއްވާ!"
"އެކަމަކު ހަދިޔާއެއް ދެވިދާނެތާ!" ދެ އަތް ހައްޔަރުވެފައިވާ އާދަނުގެ ގަމީހު ޖީބަށް އެއްޗެއް ލައްވަމުން ކަލޭފާނު ބުނުއްވިއެވެ. "އާދަނު ގަޔާވާ ފައްޗެއް ގެންގޮސް ބަދިގެއާ ހަވާލުކޮށްލާ! އަހަންނަށް ހަމަ މުށިމަހު ކިރުގަރުދިޔަ ވަރެއް ނޯވޭ!"
ފުރަތަމަ ސިކުންތުގައި އާދަނު ބޭނުންވީ ހަފީޒާގެ ގެއަށް ނުވަންނާށެވެ. ދެވަނަ ސިކުންތުގައި ހިޔާލު ބަދަލުވިއެވެ. ދެ ފަޔަށް ބާރުލައިފައި ގޮސް ހަފީޒާގެ ގެއަށް ވަނެވެ. ދޮރުން އެތެރެއަށް ފިޔަވަޅު އެޅުމާ އެކު މާޒީގެ މާތައް މަތިން އޮހިގަތެވެ. ކޮންމެ ދިމާއަކަށް އެނބުރިލިޔަސް އާދަނަށް ފެންނަނީ ހަފީޒާގެ ހަނދާންތަކެވެ. ލޯބި މޫނެވެ. ރީތި ހިނިތުންވުމެވެ. މާޒީގެ ތެރެއަށް ގެއްލިފައި އާދަނު ހުއްޓައި ކުނިކަހާ އަޑުއިވެން ފެށިއެވެ. ބަލައިލި އިރު ދާދި ގާތުގައި ހަފީޒާ ފުރަގަސްދީގެން ކުނިކަހަން އޮތެވެ. ލައިގެން ހުރީ، ވަރަށް ފަހުން ތައާރުފުކުރި ދިގު ހެދުމެކެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، އަންހެނުން ލައި އުޅުނު ކަސަބު ބޯވަޅު ހެދުމުގެ ސާމާނު ނުލިބިގެން ސަރުކާރުން އުފެއްދެވި ހަރަދު ކުޑަ ހެދުމެކެވެ. ތިން ނަންބަރެއްގެ ހެދުން އުފެއްދެވިއެވެ. މުއްސަނދިކަން ރަމުޒު ކޮށްދޭ ކަސަބާ ނުލައި ފަރުމާކުރި ހެދުން މަހުޖަނުންނަކަށް ކަމަކު ނުދިޔައެވެ. ބައެއް މީހުން ނުވެސް ލިއެވެ. އާދަނަށް ގަބޫލުކުރެވޭ ގޮތުގައި ހަފީޒާ ހިމެނޭނީ އެ ފަންވަތުގައެވެ. ހަފީޒާ ދިގުހެދުމެއް ނުލާނެއެވެ.
"އައްސަލާމް އަލައިކުމް!" ޝައްކު މަތީގައި ހުރެ އާދަނު ބުންޏެވެ.
އޭނާ އެނބުރުނެވެ. އާދަނަށް ފެނުނީ ހަފީޒާއާ ވައްތަރު ގޮތެއް ހުރި ކުއްޖެކެވެ. ކުލަ އާއި އިސްތަށިގަނޑާއި އިސްކޮޅާއި ރޫފައެވެ. މޫނު އެއްގޮތަކަށް ވެސް ވައްތަރެއް ނޫނެވެ.
"ހަފީޒާއެއް ނޫން ދޯ؟" އާދަނަށް ބުނެވުނެވެ.
"ހަފީޒާ އެބަ އުޅުއްވާ އެތެރޭގަ،" އޭނަ ބުންޏެވެ. "ދަންނަވަންވީތޯ؟"
"ތީ ކާކު؟" އާދަނު އެހިއެވެ.
"ދޮންކަމަނަ،" އޭނަ ބުންޏެވެ. "އިއްޔެ މި ގެއަށް އައީ. ތީ ކާކު؟ ބާޒާރުކުރާ ދޮހުއްތު؟ ހަފީޒާ ވިދާޅުވި ދޮހުއްތު ބާޒާރު ކޮށްގެން އަންނާނޭ. ގެނޭ! ކޮން ތާކު ބަހައްޓަންވީ؟"
"އުހުނ!" އާދަނު އިންކާރު ކުރިއެވެ. "އޭރުން މުޅި ގައިން ދުވާނީ މަސް ވަސް. ހިނގާ ބަދިގެ ދޮށަށް. ތިހާ ނަލަ ހެދުމެއް ލައިގެން ހުއްޓާ ހެދުމުން މަސް ވަސް ދުވީމަ ޔޯ؟"
ދޮންކަމަނަ ހެމުންހެމުން ހިނގައިގަތެވެ. އާދަނަށް އެ ހިނގުން ވެސް ހަފީޒާއާ ވައްތަރެވެ. މަސްފަތި ގެންގޮސް ތެއްޔަކަށް ލާފައި އާދަނު ނުކުންނަން ހިނގައިގަތެވެ.
"ދެން ކާކު މަސްތައް ކަނޑަނީ؟" ދޮންކަމަނަ ސުވާލުކުރިއެވެ.
"ނޭނގެ އަހަންނަކަށް. ދޮންކަމަނައެއް ނޫންތަ؟" އާދަނު ބުންޏެވެ. "އަހަންނަކަށް ނުކެނޑޭނެ. އަހަރެން މީ ބާޒާރުކުރާ ދޮހުއްތުއެއް ނޫނޭ. އަހަންނަށް ކިޔަނީ އާދަނު. ފަޅަށް މުށިމަސްގަނޑެއް ވަދެގެން އުޅޭތީ އެ ތަނުން މަސް ބާނައިގެން ދަނިކޮށް ކަލޭފާނު ބުނުއްވީމަ މަސްފައްޗެއް ލާން މި އައީ."
"ދެން ސަމާސަ ނުކުރޭ!" ދޮންކަމަނަ ޗޮކެއް ކަނޑާފައި ބުންޏެވެ. "އަތަށް ކަށްޓެއް ހެރުނު ފަހުން މުށިމަސް ކަނޑަން ވަރަށް ބިރުގަނޭ! އަޅެ ކަނޑާދީބަލަ!"
މޫނު ވައްތަރު ނޫނަސް ދޮންކަމަނައިގެ އަޑުގައި ވެސް ހަފީޒާ ހަނދާންވާ ގޮތެއް ހުރިކަން އާދަނަށް ފާހަގަކުރެވުނެވެ. އިންކާރު ކުރާކަށް ނުކެރުނެވެ. މަސްގޮނޑި ހިފައިގެން މަސްކަނޑަން އިށީނެވެ. ދޮންކަމަނަ އިލޮށިފަތި ހިފައިގެން އިށީނީ އެލުވާފައި ހުރި ޖޯއްޔެއްގައެވެ. އާދަނު ވައްކަޅިން ދެ ފަހަރަކު ދޮންކަމަނައަށް ބަލައިލިއެވެ. ދޮންކަމަނަ އިލޮށިފަތިން މަދިރިފޮޅައިލަފޮޅައިލާ އިނެވެ.
"އާދަނު ގަޔަކު މަދިރިއެއް ނަހަފާތަ؟" ދޮންކަމަނަ އެހިއެވެ.
"ލޭ ހުސްވެފަ،" އާދަނު ބުނެލިއެވެ. "ދެން ކީއްކުރަން ހަފަނީ؟ މަދިރިއަށް ވެސް މީހުންނާ ގަމީހުންނާ އެނގޭނެ. ދޮންކަމަނަ ކީއްކުރަން މާލެ އައީ؟"
"މީހަކާ އިންނާށޭ ކިޔައިގެން މަންމަ ކުސްތަޅާތީ!" އެއީ މާ ބޮޑު ކަމެއް ހެން ހީނުވާ ކަހަލަ ރާގެއްގައި ދޮންކަމަނަ ބުންޏެވެ. "ކަލޭފާނުބޭ ބުނުއްވައިފި ތި ކަން ކޮށްދީފާނަމޭ!"
"ފިސާރި ތެދެއް؟" އާދަނު ސުވާލުކުރިއެވެ. "ދޮންކަމަނަ ބޭނުންތަ މީހަކާ އިންނަން؟ ކޮން ކަހަލަ މީހެއް ތި ހޯދަނީ؟"
"މާލޭ ބޭފުޅެއް ރަނގަޅީ،" ޖެހިލުމެއް ނެތި ދޮންކަމަނަ ބުންޏެވެ. "ލާރި ހުރިއްޔާ ވަރިހަމަ މުސްކުޅިއަކަސް. ބަންގާޅަށް ދަތުރުކޮށްލާ، ފާޑުފާޑު ފޮތި ގަނެގެން ހެދުން ކަނޑާލާ. އަހަރެން ވަރަށް ވޭ ރަން އަޅާ ހިތް ވެސް. ރަން ފަށްޓަރުބަޔަކަށް ރަން ކިޔާނީ. ޖެހޭނެ އަހަންނަށް ގަނޑުވަރެއް އަޅައިދޭން."
އާދަނު ހިތަށްއެރިއެވެ. ދޮންކަމަނަ ހަމަ އެކަނި ހަފީޒާއާ ވައްތަރުވެލާ ކަމެވެ. ހަފީޒާ މިޒާޖުގައި ހުންނަ ރީތި ސިފަތަކުން ކުނޑިފުކެއް ވެސް ނެތެވެ. އާދަނު އިތުރު ސުވާލެއް ނުކުރެއެވެ. ބެލީ އަވަހަށް މަސްތައް ކަނޑައި ނިންމޭތޯއެވެ.
"އަދި އެނގޭތަ؟" ދޮންކަމަނަ ބުންޏެވެ. "ހެކިވެރިން ފޮނުވާ އިރު އަހަންނަށް ހަދިޔާއަކަށް ހަނދު ގެނެސްދޭން ޖެހޭނެ."
އާދަނު ހައިރާންވެފައި ބަލައިލުމުން ދޮންކަމަނަ ހޭން ފެށިއެވެ. އާދަނު ހަނދާންވީ ހަފީޒާ ހޭނ ގޮތެވެ. ހަރަކާތްތަކުގައި މާ ބޮޑު ތަފާތެއް ނެތެވެ.
"އެއީ ސަމާސާއަކަށް ބުނި އެއްޗެކޭ!" ދޮންކަމަނަ ބުންޏެވެ. "ބޭފުޅުން ދެކެ އަހަރެން ވަރަށް ފޫހިވޭ!"
އެ ވަގުތު ކަލޭފާނު ދުރުވުމުން ދޮންކަމަނަ އެ ތަނުން ދިޔައެވެ. ބައްޕައަށް ގޮވަމުން، ހެމުން، ދުވަމުން ހަފީޒާއަށް ވެސް އާދެވުނީ އެ ތަނަށެވެ. މަސްކަނޑަން އާދަނު އިނދެދާނެ ކަމަކަށް ހަފީޒާ ކުޑަކޮށް ވެސް ހިޔެއް ނުކުރެއެވެ. ލައިގެން ހުރި ކަސަބު ބޯވަޅު އެޅި ކަޅު ދިވެހި ލިބާހުގެ ސަބަބުން ހަފީޒާގެ ކުލަ އަލިވެފައި ނަލައެވެ. ފަރިވެފައި ރީއްޗެވެ. ކުލަފަތިކަން އިންތިހާއެވެ. ހަފީޒާއަށް ބަލާކަށް އާދަނަކަށް ނުކެރުނެވެ. ނުބަލައެއް ނީދެވެއެވެ. ބޭއިހުތިޔާރުގައި އިނގިލީގައި ވަޅި އެޅި ތަންކޮޅެއް ކަނޑައިގެން ދިޔައެވެ.ހަފީޒާ ހީނހީނފައި ދެއްކީ ފެނުނު ހުވަފެނެއްގެ ވާހަކައެވެ. ވާހަކައިގެ މެދުތެރެއިން، ދޮށީމަނިއްޕުޅު ވަޑައިގަތް ތަން ފެނުމުން އެ ދިމާއަށް ގޮސް އާދަނުގެ ލޯމަތިން ގެއްލުނެވެ. ކަލޭފާނު ދުރުވެ ޖޯލީގައި އިށީންނެވިއެވެ.
"ނަސީބެއް އަހަރެން އައުމުގެ ކުރިން ދޮންކަމަނައާ ދިމާވިކަން،" ކަލޭފާނު ބުނުއްވިއެވެ. "އެއީ އާދަނު އިންނަން އަހަރެން ގެނައި ކުއްޖެއް. ކަމުދޭތަ؟"
ދޮންކަމަނަ ފެނުމުން ހަފީޒާ ހަނދާންވާ ސަބަބު އާދަނަށް ވިސްނުނެވެ.
"އުމުރުން އެއްވަރު، ގެވެހި ކުއްޖެއް،" ކަލޭފާނު ބުނުއްވިއެވެ. "ވަރަށް ކިޔަމަންތެރިވާނެ. ވަރަށް ލާނެތް ވެސް ވާނެ. ކީކޭ ބުނަނީ؟" (ނުނިމޭ)