(ބުދަ ދުވަހާ ގުޅޭ)
މަނަވަރުގެ އެއްވެސް ފަޅުވެރިޔަކަށް އެ އެއްޗެއް ނުފެނެއެވެ. އެއީ މައިންއެކެވެ. އޭގައި އެއްޗެއް ޖެހިއްޖެ ނަމަ ގޮވާ ކަހަލަ ބޮމެކެވެ. ކަނޑަށް މައިން އަޅަނީ ދުޝްމަނުންގެ އުޅަނދުތަކަށް ހުރަސްއެޅުމަށް ޓަކައެވެ. ދެވަނަބޮޑުހަނގުރާމައިގައި ގައުމުތަކުން ކަނޑަށް އެޅި މައިންތައް ނެގުމުގެ މަސައްކަތް ދިޔައީ ކުރެވެމުންނެވެ. ބައެއް މައިން އޮޔާ އެކި ދިމަދިމާއަށް ދިޔައެވެ. ނ. މާފަރަށް ވެސް އެއްޗެއް ލެއްގިއެވެ. ވީލްހައުސްގައި އުދަރެހަށް ބަލަހައްޓައިގެން ހުރި ކެޕްޓަން އޭނާ ހިފައިގެން ހުރި ކޮފީ ތަށިން އެތިފޮދެއް ބޮއިލިއެވެ.
ކައިވެނީގެ ރޭ ދޮންކަމަނަ ލަނީ ހަފީޒާގެ ދިވެހި ލިބާހެކެވެ. އިސްކޮޅާއި ރޫފައިގެ ގޮތުން ދޮންކަމަނަ އާއި ހަފީޒާ ދާދި އެއްވަރެވެ. ލިބާހަށް ގެންނަން ޖެހޭ ކުދިކުދި ބަދަލުތައް ގެނައީ ހަފީޒާގެ ބެލުމުގެ ދަށުންނެވެ. އެނދުމަތީގައި ބާއްވާފައި އޮތް ލިބާހުގެ ކަސަބު ބޯވަޅުގައި ފިރުމަން ހަފީޒާ އިންދައި އިރުކޮޅަކުން މަންޒަރު ފުސްވާން ފެށިއެވެ. ލޯ ފުހެލުމަށް ފަހު ހަފީޒާ ފުން ނޭވައެއް އެތެރެއަށް ދަމައިލިއެވެ. ހަފީޒާ ހަނދާން ނައްތައިލުން ނޫން ގޮތެއް ނެތްކަން އާދަނަށް އިހުސާސް ކުރުވީ ހަފީޒާއެވެ. ފަހުން އެ ކަމާ ރޯން ޖެހުނަސް ވެހެވެ. އެ ރޭ އާދަނު ހިތުގަ ޖައްސާފައި ގޭތެރެއަށް ހަފީޒާ ވަނީ އުފަލުން ހެމުންނެއް ނޫނެވެ. ހަފީޒާ ރުއީއެވެ. އެ ހަނދާން ހަފީޒާގެ ހިތުގައި އާވިއެވެ.
"ތި ކުރީ ރަނގަޅު ކަމެއް ނޫން ހަފީޒާ!" ދޮށީމަނިއްޕުޅު އެ ރޭ ވެސް ވިދާޅުވިއެވެ. "ހަފީޒާއަށާއި އަހަންނަށް ދެރަވާ ކަހަލަ އެއްވެސް ކަމެއް އާދަނެއް ނުކުރާނެ. އަހަރެންނަށް މި ވަގުތު ހަފީޒާ ކުރިމަތީގަ މި ހުރެވެނީ އާދަނުގެ ހެޔޮކަމުން. މީހުންތައް އަރައިގަތް ވަގުތު އާދަނު ހުރަސްނޭޅި ނަމަ އަހަރެން ދާނީ ހަމީދު ވަޑައިގަތް މަގުން. އެހާ ހެޔޮ މީހަކަށް ތި ދެވުނީ ވަރަށް ބޮޑު އަނިޔާއެއް."
"އެނގެޔޭ!" ތަންކޮޅެއް ބާރަށް ހަފީޒާއަށް ބުނެވުނެވެ. "އެކަމަކު އޭނަ މީހަކާ ނީނދެ އެ ހުންނަނީ ކީއްވެ؟ އަހަންނަށޭ އޭނަ އިންތިޒާރު ކުރަނީ. އަހަންނަށް އެ ކަން އެނގޭ. އަހަރެންގެ ފިރިމީހާއަށް ވެސް އެ ކަން އެނގޭ. އާދަނުގެ އާއިލާއަށް ވެސް އެ ކަން އެނގޭ. އެއް ފަހަރަކު، ދެ ފަހަރަކު ނޫން، ތިން ފަހަރު އާދަނުގެ ދައްތަ އެ ވާހަކަ ދައްކައިފި. އަހަރެން މި ކުރި ކަމެއް ކުރީ އާދަނަށް ރަނގަޅަކަށް. ފަހުން އާދަނު އުފާވާނެ."
"އެހެންވެގެން އަހަރެން ވެސް ތި ކަމުގަ ބައިވެރިވީ،" މަނިއްޕުޅު ވިދާޅުވިއެވެ. "އެކަމަކު އާދަނު އެކަންޏެއް ނޫން. ހަފީޒާ ވެސް ޖެހޭނެ އުފާވާން. ރޯނެ ކަމެއް ނެތް. ހުއްޓާލާ!"
ދޮންކަމަނަގެ ލިބާހަށް ބަލަހައްޓައިގެން ހަފީޒާ އިން އިރު ވެސް ރުއިން ހުއްޓައިލަން ހަފީޒާ ވަރަށް މަސައްކަތްކުރިއެވެ. އިނދެވެނީ އިރުކޮޅަކުއެވެ. އަނެއްކާ ވެސް ރޮވެން ފަށައެވެ. ލޯކުރިމަތީގައި އޮތް ހެދުން ލައިގެން ހުއްޓައި ހަފީޒާއަށް ފެންނަނީ ހަފީޒާއެވެ. އާދަނުގެ އަތުގައި ދޮންކަމަނަ ހިފިޔަސް، އަނެއް އަތުގައި ހިފާއްޓައިގެން ހުންނަން ހަފީޒާގެ މޮޔަ ހިތް އާދޭސްކުރަނީއެވެ.
"އަޅުގަނޑަށް ގޮވިންތޯ؟" ދޮންކަމަނަގެ އަޑުއިވުނެވެ.
ހަފީޒާ ސިއްސައިގެން ގޮސްފައި، ސިއްރުސިއްރުން ލޯ ފުހެލިއެވެ.
"އާނ!" ހަފީޒާ ބުންޏެވެ. "ލިބާސް މި އޮތީ ނިމިފަ. އާދެބަލަ ބަލައިލަން."
ދޮންކަމަނަ ދުވެފައި ކަހަލަ ގޮތަކަށް އައެވެ. ހެދުން ރީތިވެގެން ހެދުމުގައި ފިރުމަން ފެށިއެވެ.
"ހަމަ ހަފީޒާ ތުރުކުރައްވާ ކަހަލަ ހެދުމެއް ދެއްތޯ؟" ދޮންކަމަނަ ބުނެލިއެވެ. "ވަރަށް ނަލަ!"
ހަފީޒާ ހިތަށް އެރިއެވެ. ތީ ހެދުމެއް ނޫނެވެ. އަހަންނެވެ.
"ހެޔޮވަރުތޯ ޔަގީން ކޮށްލާތި!" ހަފީޒާ ބުންޏެވެ. "އެންމެ ފަހު ވަގުތު މައްސަލައެއް..."
ހަފީޒާ ވާހަކަ ދައްކަދައްކައި ހުއްޓައި ދޮންކަމަނަ ހެދުން ބަދަލުކޮށްލިއެވެ. ދޮންކަމަނައަކީ އެ މިޒާޖުގެ ކުއްޖެކެވެ. އަންހެނެއް ނަމަވެސް، މީހެއް ކުރިމަތީގައި ހެދުން ބަދަލުކުރުމަކީ ހަފީޒާ ދުވަހަކު ވެސް ކުރާނެ ކަމެއް ނޫނެވެ.
"ރީތިތޯ؟" ހިނިތުންވެލާފައި ދޮންކަމަނަ އެއްސެވެ.
އެ ހެދުމުގައި ރަކިވެފައި ހުންނަ އިރު، ދޮންކަމަނަގެ ކުލަފަތިކަން ދެ ގުނައަށް އިތުރުވެފައިވެއެވެ. އާދަނަށް ލިބެން ޖެހޭނީ އެ ފަދަ ރީތި ކުއްޖެއް ކަމަށް ހަފީޒާއަށް ގަބޫލުކުރެވެއެވެ. އެހެނަސް ދޮންކަމަނަގެ މިޒާޖާ ދޭތެރޭ، ފުރަތަމަ ފަހަރަށް ހަފީޒާއަށް ޝައްކު ކުރެވުނެވެ. ހިތަށްއެރިއެވެ. ދޮންކަމަނައަކީ ކޮން ކަހަލަ މާހައުލެއްގައި ކިހިނެއް ތަރުބިއްޔަތު ކޮށްފައިވާ ކުއްޖެއް ހެއްޔެވެ؟ އާދަނަށް މި ދެވެނީ ދެރައެއް ނޫންބާއެވެ؟
"ވަރަށް ނަލަ،" ހަފީޒާ ބުންޏެވެ. "ދެން ހެދުން ބަދަލުކޮށްފަ ތި ހެދުން ގެނޭ ދޮންނަން."
ދޮންކަމަނަ އަނެއްކާ ވެސް އުޅުނީ ހެދުން ބަދަލުކޮށްލާށެވެ.
"މި ތާކު ހުރެއެއް ނޫން ބަދަލުކުރާނީ،" ހަފީޒާ އެދުނެވެ. "ކޮޓަރިއަށް ގޮސް ބަދަލުކުރޭ!"
ލާނެތް ގޮތަކަށް ދޮންކަމަނަ ހިނިތުންވެލިއެވެ.
"އަޅުގަނޑު ބޭނުން އެއްޗެއް އަހާލަން،" ކުއްލިއަކަށް ހަނދާންވެގެން ބުނާ ކަހަލަ ގޮތަކަށް ދޮންކަމަނަ ބުންޏެވެ. "ކުރީ ރޭ ވެސް އަހަން އުޅުނިން. ފަހުން ހަނދާން ނެތުނީ. ރަނގަޅު ކައިވެންޏެއްތޯ މި ކުރެވެނީ؟ އާދަނަކީ ރަނގަޅު މީހެއްތޯ؟"
ހަފީޒާގެ ހިތް ނިކަން ބާރަށް ތެޅިގަތެވެ.
"ކީއްވެ އަހަރެން ކައިރީ ތި އެހީ؟" ހަފީޒާ ސުވާލުކުރިއެވެ.
"އެހާ ގިނަ ދުވަހު އެއްކޮށް އުޅުނީމަ އެނގޭނެ ނޫންތޯ؟" ދޮންކަމަނަ ބުންޏެވެ. "ކުރިން ކައިވެނިބައްލަވައިގަންނަން އުޅުއްވީ އާދަނާ ނޫންތޯ!"
ހަފީޒާގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. އާދަނާއި ހަފީޒާއާ ދެމެދު ގުޅުމެއް އޮތްކަން ދޮންކަމަނައަށް އެނގޭކަށް ހަފީޒާ ބޭނުމެއް ނޫނެވެ. ދެން ނުކުންނާނެ މައްސަލަތައް ހަފީޒާއަށް ވިސްނެއެވެ.
"ކޯފާވީތޯ؟" ހަފީޒާގެ މޫނަށް ވެރިވި ކުލަވަރު ދޮންކަމަނައަށް ފެނިގެން އެހިއެވެ.
"އާދަނުތަ ބުނީ؟" ހަފީޒާ ސުވާލުކުރިއެވެ.
"ލައްބަ!" ދޮންކަމަނަ ޖަވާބުދިނެވެ. "އާދަނަށް ހަފީޒާ އަންނައުނު ދެއްވި ވާހަކަޔާ، ފެންއެޅި ފުއްޕާހަމެއް ދެއްވި ވާހަކަޔާ، އާދަނު މޫދަށް ފުންމާލި ވާހަކަ ވެސް ބުނި. އަދި ބުނި..."
"ހޫނ ދެން ހެވޭ!" ހަފީޒާ ބުންޏެވެ. "އެއްވެސް މީހެއް ގާތު ތި ވާހަކަތައް ނުދައްކާތި! ދެން ދޭ!"
ދޮންކަމަނަ ހެދުން ހިފައިގެން ދުވަމުން ނުކުތެވެ. ތިމާއަށް މި ކުރެވުނީ ކިހައި ވަރެއްގެ ކަމެއްކަމެއް ދޮންކަމަނައަކަށް ނުވިސްނެއެވެ. ހިތްހަމަނުޖެހިފައި ހަފީޒާއަށް ލޯމަރައިލެވުނެވެ. ހިތަށްއެރިއެވެ. އާދަނު އެ ވާހަކަތައް ބުނަން ޖެހޭ ހެއްޔެވެ؟ ދޮންކަމަނަގެ ހިތް މިހާރު އޮންނާނީ ޝައްކުން ފުރިފައެވެ.
ދޮންކަމަނަ ކުރިން ލައިގެން ހުރި ހެދުން އަތުން ހިފައިގެން އަވަސް ހިނގުމެއްގައި ދަނިކޮށް، ބަގީޗާގައި ފޮޅިފައި އިން ފިނިފެންމަލެއް ފެނުނެވެ. އެ މާ ބިންނަން ގަސްތަކު ތެރެއަށް ވަނެވެ. ވާކޮށް ފެތުރިފައިވާ އެނބޫ ގަސްގަނޑެއް އެ ދިމާގައި އޮތެވެ. ދޮން އެނބޫ ވެސް ހުއްޓެވެ. ނިމެން ކައިރިވެފައިވާ ގޭގެ މަސައްކަތުގައި އުޅެފައި، ފެންބޮވައިގަނެގެން އާދަނު ގެއިން ނުކުތެވެ. ދޮންކަމަނަ ފެނޭތޯ ބަލައިލިއެވެ. އާދަނުގެ ލޮލުގައި އަޅައިގަތީ ގަސްތަކު ތެރޭގައި ހުރި "ހަފީޒާ" އެވެ. ހަފީޒާ ހުރީ އާދަނަށް ފުރަގަސްދީގެން ފިނިފެންމަލަކުން ވަސްބަލާށެވެ. ހަފީޒާގެ ދޮން ކަނދުރާގައި ބީހެމުންދިޔަ ރަން އަވީގެ ނަސީބާ މެދު އާދަނު ހަސަދަވެރިވާ ވަރު ވިއެވެ. އިއްޔެ ނަމަ އާދަނު ލާނެތް ސަމާސާއެއް ކޮށްލީހެވެ. އާދަނު ހަނދާންވީ އާދަނުގެ ބޮލުގަ އެޅިފައިވާ ޒިންމާއެވެ. ދެ ފިކުރެއްގައި ހުރެގެން ގޮސް ހަފީޒާއަށް އަޑުއިވޭ ހިސާބު ތަންކޮޅެއް ދުރުގައި މަޑުކޮށްލިއެވެ.
"މިހާ އަވިގަދަ ވަގުތެއްގަ އެނބޫގަސް ކައިރީގަ ހުންނެވުން ރައްކާތެރިއެއް ނުވާނެ،" އާދަނު ބުންޏެވެ. "ގޭތެރެއަށް ވަޑައިގަންނަވާ!"
ފުރަތަމަ ދޮންކަމަނައަށް ލިބުނީ ހައިރާންކަމެކެވެ. މާތް ބަހުރުވައިން އާދަނު ވާހަކަ ދެއްކީމައެވެ. ހަމަ އެ ވަގުތު ދޮންކަމަނައަށް ވިސްނެން ވެސް ވިސްނުނެވެ. އެއްޗެއް ނުބުނެ، ބޮލުގެ އިޝާރާތުން ދޮންކަމަނަ ނޫނެކޭ ބުންޏެވެ. ކޮނޑުމަތިން ފުރަގަހަށް ފިނިފެންމާ ދިއްކޮށްލިއެވެ. އާދަނަށް ޖެހިލެވުނީ އެއް ފިޔަވަޅު ފަހަތަށެވެ.
"ތީ ވަރަށް ހުތުރު ކަމެއް،" އާދަނު ބުންޏެވެ. "އެއްގޮތަކަށް ވެސް ހަފީޒާއަކާ ނުގުޅޭ!"
ދޮންކަމަނަ ކުއްލިއަކަށް ފަހަތަށް މާ އެއްލިއެވެ. ބޭއިހުތިޔާރުގައި އާދަނަށް މާ ހިފުނެވެ. އެހެނަސް އާދަނަށް ހީވީ އަނގުރުން ހަދާފައިވާ މަލެއް ހެންނެވެ. ހިފަންނުހިފަން އުޅެނިކޮށް މާ ވެއްޓުނެވެ. ދޮންކަމަނަ ހީނގަތް އަޑުއިވުނެވެ. ހައިރާންވެފައި އާދަނު ހުއްޓައި ދޮންކަމަނަ ހެމުންހެމުން އައެވެ.
"މީ މަށޭ! ސާބަސް އާދަނަށް." ދޮންކަމަނަ ބުންޏެވެ.
ހަފީޒާގެ ސިފައިގައި އާދަނަށް ދޮންކަމަނަ ފެނި، އެ ކަން ބޭޒާރު ވެސް ވީއެވެ. އެ ކަމާ ދޮންކަމަނަ އަޅައެއްނުލިއެވެ.
"ކައިވެނިރޭ ލާ ހެދުން ދެއްވީ ހަފީޒާ!" ހެދުން ދެއްކުމަށް ޓަކައި ކޮޅުކޮޅަށް އެނބުރެމުން ދޮންކަމަނަ ބުންޏެވެ. "ކިހާ ނަލަ؟ ހީވަނީ ހަމަ ހަފީޒާ ހެން ދޯ؟ އާދަނަށް ރަނގަޅެއްނު!"
ދޮންކަމަނަ ހެމުންހެމުން ދިޔައެވެ. ގާވެފައި އާދަނަށް ހުރެވުނެވެ. ދޮންކަމަނަ ދިނީ އެ ކަހަލަ ދަނޑިވަޅެއްގައި ގިނަ އަންހެންކުދިން ދޭނެ ކަހަލަ ރައްދެއް ނޫނެވެ.
އެޗް.އެމް.އެސް މާލޮއި އާއި ކޮޅުނބާ ގުޅުންކެނޑުނެވެ. އެ ގޮތަށް ގުޅުން ކެނޑޭ ކޮންމެ ފަހަރަކީ ނުރައްކަލެއްގެ އަލާމާތެއް ނޫނެވެ. މަނަވަރުތަކުގެ މުއާސަލާތީ ވަސީލަތްތަކާއި ގައުމުތަކުގައި ގާއިމުކުރެވިފައިވާ މަރުކަޒުތަކުގެ ފެންވަރު ހުންނަ ގޮތުން، އެއްކޮޅުން އަނެއްކޮޅަށް ފޮނުވާ މެސެޖުތައް ނުލިބޭ ފަހަރު އާދެއެވެ. ދެމެދުގެ ގުޅުން ވަރުގަދަވުމުގައި އުޅަނދު އޮންނަ ހިސާބާއި ވަގުތު މުހިންމު ދައުރެއް އަދާކުރެއެވެ.
ދޮންކަމަނަ ރަންކިއީ ދިހަ ރުފިޔާއަށެވެ. އަދަދު ހަމަޖެއްސެވީ އާދަން ކަލޭފާނެވެ. އެ ކުޑަކުޑަ ހަފުލާ އޮތީ ހަވީރުގެ ވަގުތު ހަފީޒާގެ ގޭގެ ފެންޑާގައެވެ. ހެކިވެރިންނާއި އާދަން ކަލޭފާނުގެ އިތުރުން އެ ތަނުގައި ތިބީ ދޮންކަމަނަ އާއި އާދަނެވެ. ހިނިތުންވެފައި ދޮންކަމަނައަށް ބަލަން އާދަނު ސާބިތުވެ ހުއްޓެވެ. ހަފީޒާ ހުރީ ދޮރުފޮތިގަނޑެއްގެ ބިއްދޮށުގައެވެ. އާދަނާ ދިމާއަށް ނުބަލަން ހަފީޒާއަށް ކުރެވޭނެ ހުރިހައި މަސައްކަތެއް ހަފީޒާ ކުރިއެވެ. އެކަމަކު އިރުއިރުކޮޅާ އާދަނަށް ބެލެއެވެ. ނޭވާ އަވަސްވެއެވެ. އެ ތަނުން ދާން އުޅެވެއެވެ. ނުއެއް ދެވެއެވެ.
"މި ކަން ވެސް މި ނިމުނީ،" ކަލޭފާނު ބުނުއްވިއެވެ. "މާދަމާ ރޭ ކައިވެނި ކުރާނީ. އަނެއް ދުވަހު އެބަ ފުރަންޖެހޭ! އެހެން ނޫން ނަމަ މަނިއްޕުޅު ވަޑައިގަންނަވަންދެން ލަސްކޮށްލީމުސް."
ކޮޅުނބަށް އެޗް.އެމް.އެސް މާލޮއިއެއް ނައެވެ. އެ މަނަވަރަކަށް ނުވެސް ގުޅުނެވެ. އެ ޚަބަރު އައްޑޫގެ އާރު.އޭ.އެފަށް ލިބުނެވެ. އައްޑޫން މާލެއަށް ޚަބަރު ފޮނުވި އިރު އިރުއޮއްސެނީއެވެ. އާދަނާއި ދޮންކަމަނަގެ ކައިވެނީގެ ކުޑަކުޑަ ހަފުލާއަށް ގޯތި ތެރެ އޮތީ ތައްޔާރުވެފައެވެ. (ނުނިމޭ)