ހަވީރު ފިންޏަށް ހިނގާލަން ނުކުންނަ ވަގުތެވެ. އެއްބަޔަކު މިސްރާބުޖެހީ އަލިރަސްގެފާނު ޒިޔާރަތާ ދިމާއަށެވެ. މާލޭ ގޮނޑުދޮށުން ފެށިގެން ޒިޔާރަތާ ހަމައަށް ތިން ސަތޭކައެއް ހައި ފޫޓުގެ ދިގު ގާފާލަމެއް އޮވެއެވެ. ކުދީންގެ އަތުގައި ހިފައިގެން، ފަނަރަ ވަރަކަށް ފޫޓު ފުޅާ އެ ފާލަމުން ޒިޔާރަތާ ހަމައަށް ހިނގައިލުމަކީ، ކޮންމެ މީހެއްގެ ވެސް ހިތަށް ފިނިކަންލިބޭ ކަމެކެވެ. ރާޅުބޮޑު މޫސުމުގައި ފާލަމުގެ އެއްފަރާތުން އަނެއް ފަރާތަށް ރާޅުބިންދުމުގެ ސަބަބުން ބައެއް ހިސާބުތަކުން ފާލަން ހަލާކުވެފައި ހުއްޓެވެ. މަންމައިން އެ ކަމަށް ވަރަށް ސަމާލުވެއެވެ.
އަނެއްބަޔަކު ދިޔައީ ބޮލިހިލަން ފަރަށެވެ. ކަނޑުތޮށްޓާ ހަމައަށް ހިކިފައިވާ ފަރުގެ ތަންތަންކޮޅުގައި، ކަނޑިކި ކޮށިކޮށްލައިގެން އަންހެނުން ބޮލިހިލަނީއެވެ. އިރުއޮއްސުމުގެ ކުރިން ގެއަށް ދިޔުމުގެ އުންމީދުގައެވެ. ދޫނިތަކާއި، ރިޔަލުދޯނިތަކުގައި ތިބި މަސްވެރީންގެ އުންމީދަކީ ވެސް އެއީއެވެ. މަސްވެރިންނަށް ލިބުނު މަސްކޮޅުން ގަރުދިޔަ ކައްކައި، ހޫނުކޮށް ހުއްޓައި، ލުނބޮޔާއި މިރުސް ފިތައި ބަނޑުފުރާލައިގެން ބޮޑުއަށީގެ އޮށޯވެލުމެވެ.
އުމުރުން ސޯޅަ އަހަރުގެ އާދަނުގެ ވިސްނުން ވަރަށް ތަފާތެވެ. އޭނަ އޮތީ މޫދުގައެވެ. ފީނުމަކީ އާދަނު އެންމެ ކުރާ ހިތްވާ ކަންތަކެވެ. ހިނގާލަން ދިޔުމަށް ވުރެ މޫދަށް އެރުން އާދަނަށް މާ މުހިންމެވެ. ޅައުމުރުގައި އާދަނުގެ ރައްޓެހިން އާދަނަށް ފީނާއާދަނު ކިޔަނީ ސަބަބެއް ނެތިއެއް ނޫނެވެ. އާއިލާ ފަގީރު ނަމަވެސް ހިތް މުއްސަނދި އާދަނަކީ ހިތްވަރުގަދަ، މުރާލި ޒުވާނެކެވެ. އޯގާވެރި، ހިތްހެޔޮ އެހެނަސް ރުޅިއަތުވެއްޖެ ނަމަ ވަރަށް ރުޅިގަދަ، ދީން ދެކެ ލޯބިވާ، ދީނީ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭ ކުއްޖެކެވެ. އިރުއޮއްސުމުގެ ކުރިން އާދަނު މޫދުން އަރާނެއެވެ. ފެންވަރައިގެން މިސްކިތަށް ގޮސް ޖަމާއަތުގައި ނަމާދުކުރާނެއެވެ. އެންމެ ނަމާދެއް ވެސް ވަގުތުގައި ނުކުރެވިއްޖެ ނަމަ އާދަނުގެ މުޅި ދުވަސް ހަރާބުވީއެވެ.
އާދަނުގެ ކާފަ ދޮށީހުއްތުއަކީ ރަނަހަމައިދީ ކަލޭފާނެވެ. ރަނަހަމައިދިކަމަކީ ސަރުކާރުން ދެއްވާ މަގާމެކެވެ. ދޮށީހުއްތުގެ ދަރިންނަކީ އައިމިނައިދީ އާއި އަޒީޒާ އާއި ސަކީނާއެވެ. ފީނާއާދަނަކީ އަޒީޒާގެ ދަރިއެކެވެ. އާދަނުގެ މަންމަ އަޒީޒާ އިނީ އީސާފުޅާއެވެ. އައިމިނައިދީ އިނީ ނޫނުތާއާއެވެ. ނތ ގެ މާނައަކީ ނޫމަރާގަނޑުވަރު ތުއްތުމަނިއްޕުޅެވެ. އޭރުގައި އޮންނަ ގަވާއިދުން، އެއިން ބޭފުޅަކާ އިނދެފިއްޔާ އެ ހިސާބުން ދެން ބޭފުޅަކަށް ވީއެވެ. މަނިއްޕުޅުންނަކީ ހަތްކޮޅުނަގާ ބޭފުޅުންނެވެ.
މަންމަ ނިޔާވުމުން ބައްޕަ އީސާފުޅާ އެކުގައި އާދަނު ހުންނަނީ ދައްތައެއްކަމުގައިވާ ހަބީބާ ކައިރީގައެވެ. ވަޒީފާ އަދާކޮށްގެން އީސާފުޅަށް ލިބެނީ ވަރަށް ކުޑަ މުސާރައެކެވެ. އޭނައަކީ ފަގީރެކެވެ. އާދަނުގެ އެއްބަނޑުއެއްބަފާ ފަސް ކުދިން ތިބެއެވެ. އީސާފުޅުގެ އަތްމަތި ދަތިވާ އެއް ސަބަބަކަށް އެ ކަން ވެސް ވެއެވެ. ކުދިން ގިނަކަމެވެ. އަނެއް ސަބަބަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ތަދުމަޑުކަމެވެ. ލިބޭމީހުންގެ އަތްމަތި ވެސް އެހައި ދައްޗެވެ.
ސަރުކާރުން ކޮންމެ މީހަކަށް ހަނޑޫ ލާއްސެއް ދެމުން އައިސް، ހަނޑުލުގެ ބަދަލުގައި ގޮވާމުގެ އެހެން ބާވަތްތައް ދޭން ފެށިއެވެ. ފަހުން ލާހި ބައިލާއްސަށް ވެ، ބައި ލާހި ވެސް ދެބައިކުރިއެވެ. ދެން ދިނީ ޒުވާރި އާއި، ގޮދަނާއި، ހިތިފުށެވެ. ހަތަރު އިރު ސުފުރާމަތި ފުރިފައި އޮންނަނީ އެންމެ ބޭފުޅެއްގެއެވެ. އެއީ މުޙައްމަދު ހަމީދެވެ. ދިވެހިރާއްޖޭގެ ވެރިމީހާއެވެ. އާދަނު ދެކޭ ގޮތުގައި ހަމީދަކީ ރަހުމު ކުޑަ، ދެއްކުންތެރި، ވިސްނުންތޫނު ބޭފުޅެކެވެ. އާދަނުގެ އެއްބަނޑުއެއްބަފާ ކުދިން، ހަޔާތާ މެދު ފުންކޮށް ވިސްނަމުންގެންދާއިރު އާދަނުގެ ޝައުގުވެރިކަން ހުންނަނީ މާލޭގައި ހިނގާ ކަންކަމަށެވެ. ތަނެއްގައި ކަމެއް ހިނގާ ނަމަ އެ ތަނަކަށް އާދަނު ދާ ހިތްވެއެވެ. އާދަނުގެ ލޮލުގައި ހަފީޒާ އަޅައިގަތީ އެ ފަދަ ތަނަކުންނެވެ.
މާލެއަކީ މާމެލާމެލީގެ ބަގީޗާއެކެވެ. ހާއްސަކޮށް ދެނަމާދު ވަގުތަކީ މާލޭ މަގުތަކުގައި މާމެލާމެލިން ހުވަނދު ލެވިފައި އޮންނަ ވަގުތެކެވެ. ހުވަނދުމަލާއި ކަނީރުމަލެވެ. ފިނިފެންމަލާއި ގުލްހަޒާރުމަލެވެ. މަޣްރިބުނަމާދުން ފައިބައިގެން އާދަނު ދިޔައީ ގަލޮޅުމައިޒާނަށެވެ. އެ ތަނުގައި ހުރި ފިނިފެންމާ ގަހުން މަލެއް ބިނދެގެންސަނިއްޔާއާ ދިމާއަށް ހިނގައިގަތެވެ. ހިތަށްއެރިއެވެ. މި ފަހަރު މި ކަން ކުރާނަމެވެ. ސަނިއްޔާގައި "ޗޭނު" ނަމަކަށް ކިޔާ ޖަމިއްޔާއެއް އޮވެއެވެ. ކޮންމެ ހަފުތާއެއްގެ ތިން ރޭ ޖަމިއްޔާގެ އެކި ހަރަކާތްތައް އޮވެއެވެ. ހަފީޒާއަކީ އެ ޖަމިއްޔާގެ ދަރިވަރެކެވެ. މުށުތެރޭގައި ފިނިފެންމާ ފޮރުވައިގެން ސަނިއްޔާ ފެންނަ ހިސާބުގައި އާދަނު މަޑުކޮށްލިއެވެ. އަވަސްވަމުންދާ ހިތުވިންދާ މެދު ހަދާނެ ގޮތެއް ނޭނގި ކަންބޮޑުވެފައިވާ ހާލުގައެވެ. އިރުކޮޅަކުން ހަފީޒާ ނުކުތެވެ. ނަސީބަކުން އެކަނިމާއެކަންޏެވެ. އެ ދަނޑިވަޅަށް އާދަނު އިންތިޒާރުކުރާތާ އެތައް ދުވަހެއްވެއްޖެއެވެ.
"ދުވަހަކު ވެސް މި ކަން ވަންޏާ މިރޭ ވާނެ." ހިތާހިތުން އާދަނު ބުނެލިއެވެ.
"އޭ އާދަނާ!" ދޮންމަނިކުގެ އަޑުއިވުނެވެ.
ހުރި ފިޔަވަޅު މައްޗަށް ހުއްޓިފައި އާދަނަށް ދެލޯމަރައިލެވުނެވެ. އެހެނަސް ރުޅި އަންނާނީ ކިހިނެއް ހެއްޔެވެ؟ ދޮންމަނިކަކީ އާދަނުގެ އެންމެ ގާތް އެކުވެރިޔާއެވެ.
"އަހަނ ދޮންމަނިކާ!" ހިނިތުންވެލާފައި ދޮންމަނިކާ ދިމާއަށް އެނބުރެމުން އާދަނު ފުރަގަހަށް ފިނިފެންމާ ވައްޓައިލިއެވެ. "މި ވަގުތު މި ތާ ކޮން ވަޑާމެއް؟"
"މަ ވެސް ހަމަ ތިހެން އަހަން މި އުޅެނީ،" ވަރަށް ހިނިއައިސްފައި ދޮންމަނިކު ބުންޏެވެ. "ކަލޭ ތީ ފަރީދިއްޔާގަ އުޅޭ މީހެއް. ބުޅަލެއް މަސްގަނޑަށް ބަލަހައްޓައިގެން އޮންނަ ހެން މި ތާ ހުންނާކަށް ނުޖެހެއެއްނު. ހިނގާބަލަ ގުރީން ގަހުވައަށް ލުނބޯހުތުފަނިތަށްޓެއް ބޯލަން. ކަރު ހިއްކައިގަނެގެން މި އުޅެނީ. މަށޭ ދޭނީ."
ގުރީންގަހުވަ ހުންނަނީ މަޖީދީމަގާއި އަލިކިލެގެފާނުމަގު ގުޅޭ ހަތަރުއަނގޮޅީގެ ކަންމައްޗެއްގައެވެ. މަޖީދީމަގުން ހިނގާފައި ތަންކޮޅަކަށް ނުދެވެނީސް މުޙައްމަދު ހަމީދު ބައިސްކަލުގައި ވަޑައިގަންނަވާ ތަން ފެނުނެވެ.
"ހިތަށްއަރާ ބައިސްކަލު ފުރޮޅު ތެރެއަށް ލަކުޑިގަނޑެއް ކޮއްޕާލަފާނަމޭ!" ދޮންމަނިކު ދަތްކުނޑިވިކާލާފައި މަޑުމަޑުން ބުންޏެވެ. "މަ ހާދަހާ ރުޅިއެއްއަންނަ މީހެކޭ!"
"ލަކުޑިގަނޑެއް ކޮއްޕާލެވިދާނެ. އޭނަ ވައްޓާ ވެސް ލެވިދާނެ،" ވިސްނައިދޭ ރާގަކަށް އާދަނު ބުންޏެވެ. "ދޮންމަނިކުގެ ނަސީބު ރަނގަޅިއްޔާ އެތިފަހަރެއް ވިހެލެވި ވެސް ދާނެ. ދެނޯ؟"
އަދަބުވެރިކަމާ އެކު އިސްޖަހާލައިގެންކަމަށް ހެދިގެން އާދަނާއި ދޮންމަނިކު ތިއްބައި ހަމީދު ހުރަސްކޮށްފައި ވަޑައިގަތެވެ. ދެ އެކުވެރިން ހިނގައިގަތެވެ.
"ދެނޯއޭ؟" ދޮންމަނިކު އެހިއެވެ. "ބޭނުން ކަންތައްވީނު! އެ ނިމުނީނު!"
"އާނ ބޭނުން ކަންތައްވީ! އެކަމަކު ނުއެއް ނިމޭނެ،" އާދަނު ބުންޏެވެ. "އެ ހިސާބުން އެ ފެށުނީ. ބުރިން ހަންނަގާފަ ދޮންމަނިކު އަށިގެއަށްލާ އަނދަގޮނޑިޖެހީމަކަލޭ މަންމަގެ ލޮލަށް ނިދިއަންނާނެ؟ ބައްޕަގެ އަރުން އެއްޗެއް ދިރޭނެ؟ ނުދިރޭނެ."
"ތީތާ މައްސަލައަކީ،" ދޮންމަނިކު ބުންޏެވެ. "އަދި މި އުޅެނީ މީހަކާ ވެސް ނީނދެ. އެކަމަކު ބައްޕައަށް ނުހައްގުން ހާދަހާ އަދަބެކޭ އޭނަ ދިނީ."
"އަޅާލާނެކަމެއް ނެތް،" ގުރީންގަހުވަގެ ދޮރުމައްޗަށް ހުއްޓެމުން އާދަނު ބުންޏެވެ. "މި އޮތީ އާދެވިފަ. ލާރި ނަގާ!"
ދުވަހަކީ އާދަޔާހިލާފަށް ހޫނުގަދަ ދުވަހެކެވެ. ހެނދުނު ހޭލި އިރު ވެސް އާދަނު މަދަރުސާއަށް ދާ ހިތެއް ނެތެވެ. ހައިބަނޑާ ހުރެގެން ކިޔަވާނެ ގޮތެއް އާދަނަކަށް ނުވިސްނެއެވެ. ހެނދުނު ސަޔަށް ގެއިން ލިބުނީ ހުސް ރޮށްޓަކާއި ސައިފަތު ފެންތަށްޓެކެވެ. ސައިބޮއިގެން މޫދަށްއެރި ފީނަނިކޮށް ކުލަވެއްޓިފައިވާ އަނގޮޓިއެއް ފެނުނެވެ. ހަފީޒާއަށް ދޭނަމޭ ހިތައި އަންބޮޑިއަށް ޖަހައިގެން މައްޗަށް އަރައި ނޭވައެއް ބޭރުކޮށްނުލެވިގެން އުޅެނިކޮށް ބޮޑުދައިތަ ފެނުނެވެ.
"މި އޮތީ ދޯ؟" އެއްގަމުގައި ހުރި ބޮޑުދައިތަ ބުންޏެވެ. "ދޭބަލަ ގެއަށް. ބައްޕަ ދޭނެ އެއްޗެއް. ހިފައިގެން އާދޭ!"
މޫދުން އަރައިގެން ތެތާ ހުރެ ގެއަށް ވަންނަނިކޮށް ބައްޕަޔާ ދިމާވިއެވެ. ބައްޕަ ދިނީ ހިކަނދިފަތްގަހެކެވެ. ގަސް ހިފައިގެން ބޮޑުދައިތަގެއާ ދިމާއަށް އާދަނު ހިނގައިގަތެވެ. އޭރު މެދުޒިޔާރަތްމަގުން "ކަށްވަޅުއަޒާބު" އާދެއެވެ. އޭނަގެ އާންމު ނަމަކީ އެއީއެވެ. އެއީ ކަޅު، ވަރުގަދަ މީހެކެވެ. އޭނަގެ ކޮނޑުގައި ހަކުރުބަސްތާއެއް އޮތެވެ. ގާތުގައި ހުރި ބޮޑުކަތްދަސޮރު ކޮނޑުގައި އޮތީ ހަނޑޫބަސްތާއެކެވެ. އެ މީހުން ދިޔައީ ބުންބާމީހެއްގެ ފިހާރައިން އެއްޗެހި ހިފައިގެން ރޯޝަނީހޮޓަލަށެވެ. ރޯޝަނީހޮޓަލަށް ކާޑުގެ ބާވަތްތައް ލިބެނީ ބުންބާމީހުންގެ ފިހާރަތަކުންނެވެ.
އެ މީހުން ހުރަސްކުރި ގެއަކުން ދެ މަނިއްޕުޅުން ނުކުމެވަޑައިގެންނެވިއެވެ. އެ ބޭފުޅުން ގެއިން ނުކުމެވަޑައިގަތުމުގެ ކުރިން، ބަސްތާ ހިފައިގެން ދިޔަ ދެ މީހުން އެ ގެ ފަހަނައަޅައި ހިނގައްޖެއެވެ. އެ މީހުންނަކަށް މަނިއްޕުޅުންނެއް ނުފެނެއެވެ. އެކަމަކުއާދަނަށް އެ މަންޒަރު ފެނުނެވެ. ދެން ކުރީގައި ތިބީ ބަސްތާ ހިފައިގެން ތިބި ދެ މީހުންނެވެ. ދެ މަނިއްޕުޅުން ވަޑައިގަތީ އެ މީހުންގެ ފަހަތުންނެވެ. އެ ކުރެވުނީ ބޮޑު ކުށެކެވެ. ކުރީގައި ތިބެން ޖެހޭނީ މަނިއްޕުޅުންނެވެ.
ބަސްތާ ހިފައިގެންދިޔަ ދެ މީހުން ގޭބަންދުކުރިއެވެ. ދަރަޖައިގެ ތަފާތުކުރުން ހުރި ވަރަކީ އެއީއެވެ. އާދަނު ހިތަށްއެރިއެވެ. ކޮނޑަށް ބަސްތާއެއް ލައިގެން ދާ އިރު، ފަހަތުން ބަޔަކު އާދޭތޯ ބެލޭނީ ކާކަށްހެއްޔެވެ؟
"އެ މީހުންގެ ކުށަކީ ކޮބާ ބޮޑުދައިތާ؟" މައްސަލަ ހިފައިގެން އާދަނު ދިޔައީ ބޮޑުދައިތަ ގާތަށެވެ.
"އާދަނު ކައިރީގަ ކިތައް ފަހަރު ބުނެފިން އެ ކަހަލަ ކަންކަމާ ނުވިސްނާށޭ؟" ބޮޑުދައިތަ ބުންޏެވެ. "ކިޔެވުމަށް ސަމާލުކަންދީބަލަ! ތިހެން އުޅެނިކޮށް މަދަރުސާއިން ކަނޑާލައިފިއްޔާ..."
"ނުކެރޭނެ ކަނޑައިލާކަށް،" ޔަގީންކަމާ އެކުގައި އާދަނު ބުންޏެވެ. "އަހަރެން ކަނޑާލައިފިއްޔާ ފަރީދިއްޔާއަކަށް ފީނުމުން އެއްވަނައެއް ނުލިބޭނެ. މުބާރާތް މި އޮތީ ޖެހިފަ."
މަދަރުސާތަކުގެ މެދުގައި ބާއްވާ ފީނުމުގެ މުބާރާތުގެ ފުރަތަމަ ދުވަހެވެ. މާލޭގެ މަގުތައް އިރަށް ދޮންކުރަމުންއައި އިރު މަދަރުސާކުދިންތައް ބައިބަޔަށް މޫދު ކައިރިއަށް ޖަމާވިއެވެ. އަތިރިމަތި އޮތީ ދިދަފަތި ދަމައި ޒީނަތްތެރިކޮށްފައެވެ. ތަދުދުވަސްވަރަކަށްވީތީ ކެއުންބުއިމުގެ މާ ބޮޑު އިންތިޒާމެއް ނެތެވެ. ބުއިމަކަށް ހުރީ ލުނބޯހުތުފަންޏާއި ފެނެވެ.
އަންހެންފިރިހެން ވާދަކުރަނީ ވަކީންނެވެ. ތަށި ގެންދާނީ ފަރީދިއްޔާކަން އެންމެނަށް ވެސް ޔަގީނެވެ. ޝައްކީ އާދަނަށެވެ. އާދަނުގެ ނަޒަރު ހުރީ، ތަންކޮޅެއް ދުރުގައި ކުރިޔަށްދިޔަ އަންހެންކުދިންގެ މުބާރާތަށެވެ. ފީނަން އަޑިއަށް ގޮސްފި ނަމަ ހަފީޒާއެއް ނުފެންނާނެއެވެ. އެއްވަނައަށް ނުގޮސްފި ނަމަ މަދަރުސާއިން ކަނޑައިލަފާނެއެވެ. އާދަނަކަށް ހެޔޮ އެއްގޮތެއް ވެސް ނެތެވެ.
"ހާދަ ހާސްވެފަ؟" އާދަނުގެ ކޮނޑުގައި ޖަހާލާފައި ދޮންމަނިކު ބުންޏެވެ. "ކަލޭ ނޫން މީހަކު ފީނުމުން އެއްވަނައަށް އަތުވެއްޖެއްޔާ އަހަރެން ލޮނުލައިގެން ބަތެއްނުކާނަން. ދެން ކޮން ހާހެއް؟"
"ފެންބަތް ކާން ތައްޔާރުވޭ!" އާދަނު ބުންޏެވެ. (ނުނިމޭ)