ކަސްރަތާއި ކުޅިވަރަށް ދުވާ ޓްރެކު ހުޅުވާލާއިރު އެ ތަން ބޭނުންކުުރުމުގެ އުސޫލެއް ހަދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ރަނގަޅުވާން ފެށުމުން މާދަމާއިން ފެށިގެން ބޮޑެތި ލުއިތަކެއް ދޭން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި، ކެފޭ ރެސްޓޯރެންޓުތައް ހުޅުވައިގެން ކެއުން ބުއިމުގެ ހިދުމަތް ދިނުމާއި މިސްކިތްތައް ހުޅުވައިގެން ޖަމާއަތުގައި ނަމާދުކުރުމުގެ އިތުރުން ކަސްރަތާއި ކުޅިވަރަށް ހުޅުވާލުން ހިމެނެ އެވެ.

އެކަމާ ގުޅިގެން އެޗްޕީއޭއިން މިއަދު ބުނީ ފަތިހު 4:00 އިން ރޭގަނޑު 8:0 ޖަހަންދެން އެކަނި ކުރާ ކަސްރަތުތަކަށް ހުއްދަ ދެވޭނެ ކަމަށެވެ. ހަމައެއާއެކު، އެއްފަހަރާ ވަދެވޭނެ މީހުންގެ އަދަދު ކަނޑައަޅައި އުސޫލުތައް ހެދުމަށްފަހު ދުވާ ޓްރެކް ހުޅުވަން އަންގާފައި ވެ އެވެ.

ކަސްރަތު ކުރުމުގެ ހުއްދަ ދިނުމާއެކު މީގެ ކުރިން ވެސް އެންމެ ބާރުބޮޑުވި އެއް ތަނަކީ ދުވާ ޓްރެކެވެ. ނަމަވެސް، ރައްކާތެރިވުމަށް އެއްވެސް އުސޫލެއް އޭރު ހަމަޖައްސާފައި ނެތެވެ. އެކަމަކު، ވިޔަފާރިތަކާއި މިސްކިތްތައް މީގެ ކުރިން ވެސް ހުޅުވީ އުސޫލުތައް ހަމަޖެއްސުމަށްފަހުގަ އެވެ.

އެ ލުއިތަކުގެ އިތުރުން، ލޮކްޑައުން އުވާލުމާއި ކާފިއު ނޫން ވަގުތުތަކުގައި ފާސް ނުނަގައި ބޭރުގައި އުޅެވުމާއި ކޮވިޑަށް ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީހުން ފެށިގެން 60 ދުވަސް ހަމަނުވާ މީހުންނަށް ކަރަންޓީންވުމަކާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވުން ހިމެނެ އެވެ.