އަޑޯބީ ފްލޭޝް މުޅިން ހުއްޓާލާ ގޮތަށް އެ ކުންފުނިން ނިންމައިފި އެވެ. ފްލޭޝް ހުއްޓާލުމާ ބެހޭ ގޮތުން އަޑޯބީން އާންމުކުރި ދިގު ލިޔުމެއްގައި ބުނެފައި ވަނީ، ފްލޭޝް އަށް ސެކިޔުރިޓީ ޕެޗް ފޯރުކޮށްދިނުން ފަދަ ސަލާމަތީ އެއްވެސް އަޕްޑޭޓެއް 2020 އަށް ފަހު ނުދޭނެ ކަމަށެވެ.
އެޕަލް މެކް ކޮމްޕިއުޓަރުތަކުގައި، އަޑޯބީ ފްލޭޝް މިހާރު ބޭނުމެއް ނުކުރެ އެވެ. އެ ކުންފުނިން ވަނީ 2010 ވަނަ އަހަރުން ފެށިގެން ފްލޭޝްއާ ދުރުވެފަ އެވެ.
ސްޓީވް ޖޮބްސް ވިދާޅުވި ގޮތުގައި ފްލޭޝް އަކީ އެޕަލްގެ އުފެއްދުންތަކުގައި އެއްގޮތަކަށް ވެސް ބޭނުންކުރެވޭ ވަރުގެ އެއްޗެއް ނޫނެވެ. އައިފޯން، އައިޕެޑް އަދި އައިޕޮޑް ޓަޗް އުފައްދާފައި ވަނީ އަޑޯބީ ފްލޭޝް އަށް އެއްގޮތަކަށް ވެސް ބޭނުންޖެހޭ ގޮތަކަށް ނޫނެވެ. އެޕަލް ސަފާރީގައި ފްލޭޝް ބޭނުންކުރެވޭނެ ކަމަށް ހީކޮށް އިންސްޓޯލްކުރި ނަމަވެސް، ފްލޭޝް ބަލައިގަތުމުގެ ކުޅަދާނަކަން ސަފާރީގެ ތަބީއަތުގައި ނުހުރެ އެވެ.
އެޕަލް ދެކެ އަޑޯބީ އެއިރު ވަރަށް ރުޅިއަ އެވެ. ފްލޭޝް އަކީ މުޅި ދުނިޔެ ބަލައިގެންފައިވާ ސޮފްޓްވެއާއަކަށް ވެފައި، އެޕަލް އިން ކަންކުރި ގޮތުން ފްލޭޝް އަށް އޮތް މާކެޓް ގެއްލިގެންދާނެތީ އެވެ.
ފްލޭޝް އަކީ ވެބް އެނިމޭޝަނާއި، ވިޔަފާރި އިސްތިހާރު އަދި ކާޓޫނާއި އިންޓަރެކްޓިވް މީޑިއާ އުފައްދަން ކުޅަދާނަ ޕްރޮގްރާމެކެވެ. އެ ފަދަ ބޭނުންތަކަށް ފްލޭޝް އަށް ވުރެ ގިނައިން ޑޮވެލޮޕަރުން ބޭނުންކުރި އެޕްލިކޭޝަނެއް އެއިރު ނެތެވެ. އެހެން ނަމަވެސް ފްލޭޝްގެ ކުރިމަގާ މެދު އެެއިރު ވެސް ބައެއް ޑިވެލޮޕަރުން ސުފާލު އުފެއްދި އެވެ. އެއީ، ސްޓީވް ޖޮބްސް ވިދާޅުވިހެން، އިންޓަނެޓް އެޕްލިކޭޝަންތަކަށް ތަކާ ވަރަށް ވުރެ ބަރުހެލި ޕްރޮގްރާމަކަށް ވާތީ އެވެ.
އަޑޯބީން އާންމުކުރި ލިޔުމުގައި ބުނެފައިވާ ގޮތުގައި، ފްލޭޝް އަށް ބޭނުންނުޖެހޭ ވަރަށް ޒަމާނީ ވެބް އިންޖީނުތައް ވަނި ތަރައްގީވެފަ އެވެ. ފްލޭޝް އަށް ވުރެ މުއްސަނދި ކޮންޓެންޓްސް އުފެއްދުމުގެ ގާބިލްކަން ޑިވެލޮޕަރުންގެ ކިބައިގައި ހުރިކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ފްލޭޝް ހުއްޓާލަން އަޑޯބީން ނިންމުމާ ގުޅިގެން، މައިކްރޮސޮފްޓް، ގޫގުލް، ފޭސްބުކް އަދި އެޕަލް އިން ވެސް ވަނީ އެ ކަމަށް ތައްޔާރުވާން ފަށާފަ އެވެ. އެ ތާރީޚް ލައިގަތުމުގެ ކުރިން އެހެން ވަސީލަތްތަކަށް އެނބުރުމަށް ޑިވެލޮޕަރުންނަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.