ސޮފްޓްވެއާ ކުންފުނި އަޑޯބީ އުފައްދައި، ޕީޑީއެފާއި ފޮޓޯޝޮޕް ފަދަ އަގުހުރި ސޮފްޓްވެއާތައް ގެނެސްދެއްވުމުގެ އެއް މޭސްތިރި ކަމަށްވާ ޑރ. ޗާލްސް (ޗަކް) ގެޝްކޭ ހުކުރު ދުވަހު އެމެރިކާގެ ކެލިފޯނިއާގައި އަވަހާރަވެއްޖެ އެވެ.
އޭނާގެ މަރާ ގުޅިގެން އަޑޯބީގެ ސީއީއޯ ޝަންތަނޫ ނަރަޔެން ވިދާޅުވީ ޗާލްސް، 81، ވަކިވެދިއުމަކީ މުޅި އަޑޯބީ ކޮމިއުނިޓީ އަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް އަދި ފޫބުނެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ.
"އެއީ ޓެކް އިންޑަސްޓްރީގައި ހީރޯއެއް. އަދި އަހަރެމެންނަށް އިރުޝާދު ދެއްވުމުގައި ދެގޮތް ނުވެ މަސައްކަތްކުރެއްވި ބޭފުޅެއް،" އޭނާ ވިދާޅުވި އެވެ.
އަޑޯބީ އަކީ 1982 ގައި ޗަކް އާއި ޖޯން ވާނޮކް ގުޅިވަޑައިގެން އުފެއްދެވި ކުންފުންޏެކެވެ.
ޝަންތަނޫ ވިދާޅުވި ގޮތުގައި އަޑޯބީ އަކީ ޗަކް އާއި ޖޯން ޓެކް ދާއިރާ އަށް އިންގިލާބެއް ގެނެސްދެއްވި ދެ ބޭފުޅުން ކަމަށާއި އެ މީހުންގެ ހިދުމަތްތައް ދުނިޔެ އަބަދު ވެސް ވަޒަންކުރާނެ ކަމަށެވެ. ޖޯންގެ އުމުރަކީ މިހާރު 80 އަހަރެވެ.
އެ ބޭފުޅުން ވުޖޫދަށް ގެނެސްދެއްވި އުފެއްދުންތަކުގެ ތެރޭގައި އެކްރޮބެޓް، އިލަސްޓްރޭޓާ، އިލަސްޓްރޭޓާ، ޕްރީމިއާ ޕްރޯ އަދި ފޮޓޯޝޮޕް ހިމެނެ އެވެ. ޓެކް ދާއިރާ އަށް ކޮށް ދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ޗާލްސް އާއި ޖޯން އަށް ނެޝަނަލް މެޑަލް އޮފް ޓެކްނޮލޮޖީ ދީފައިވެ އެވެ.
ޗަކްގެ ހަޔާތުގައި 1992 ގައި ވަރަށް ހިތްދަތި، ބިރުވެރި ހާދިސާއަކާ ވެސް ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެއީ ބޮޑު އަދަދަކުން ފައިސާ އަށް ޑިމާންޑްކޮށް އޭނާ ކިޑްނެޕްކޮށްގެން ހަތަރު ދުވަހަށް ހިފަހެއްޓުމެވެ. އެ ހާދިސާ ހިނގީ ޗާލްސް އޮފީހުގައި ހުންނަވަނިކޮށް ބަޑިން ބިރު ދެއްކުމަށް ފަހު އެވެ. އަދި ކިޑްނެޕްކުރި މީހުން އޭނާ ދޫކުރީ 650،000 ޑޮލަރު އަތުލުމަށް ފަހު އެވެ.