26 ނޮވެމްބަރ 2017 - 06:32
އިންޑިޔާގައި ދުއްވާ އޫބާ ޓެކްސީތައް، ކަރަންޓް ކާރަށް ބަދަލުކުރުމަށް އެ ކުންފުނިން ގަސްދުކޮށްފި އެވެ. އޫބާއިން ބުނި ގޮތުގައި، އަންނަ އަހަރު މާޗު މަހުގެ ކުރިން، ދިއްލީ އަދި ހައިދަރުއާބާގުދައި ޕައިލެޓް ޕްރޮގްރާމްތައް ފަށާނެ އެވެ.
އިންޑިޔާގައި، ޚާއްސަކޮށް ދިއްލީގައި، ވައި ތަޣައްރުވުން ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ. ތަންދޮރު ނޭނގޭ ވަރަށް މަގުތައް ނުސާފުވުމުގެ ސަބަބުން އެކްސިޑެންޑްތައް ގިނަވެ، ޑްރައިވަރުންނަށް އަދި ދަތުރުވެރިންނަށް ވަނީ އަނިޔާވެފަ އެވެ. އެއްގަމު އުޅަނދުފަހަރުން އަރާ ދުމުގެ ސަބަބުން ސަރަހައްދު އެންމެން ތިބީ ކޮށިއަރާ ހާލުގަ އެވެ.
މަހިންދްރާ ގްރޫޕާ ގުޅިގެން އިންޑިޔާގައި ކަރަންޓް ކާރު ދުއްވަން އޫބާއިން ފެށުމަކީ، އިންޑިޔާއިން ކަރަންޓް ކާރަށް ބަދަލުވުމަށް ރަސްމީކޮށް ކުރާ މަސައްކަތްތަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ އެވެ. އިންޑިޔާއިން ނިޔަތްގަނެފައި ވަނީ 2030 އައުމުގެ ކުރިން، ކަރަންޓް ކާރަށް ބަދަލުކުރުމަށެވެ. އޫބާއިން ބުނި ގޮތުގައި، ކަރަންޓް ކާރުތައް އުފެއްދުމުގައި އިންޑިޔާ އަށް ޚާއްސަ އަދި އިންޑިޔާ މީހުންނަށް ކަމުދާ މޮޑެލްތައް ތައާރުފުކުރާނެ އެވެ. އަދި ޑްރައިވަރުންނަށް އެ ކާރުތައް ގަނެވޭނެ ފަސޭހަ ނިޒާމެއް ގާއިމުކުރާނެ އެވެ.
އިންޑިޔާގެ މަގުތަކުގައި ކަރަންޓް ކާރުތައް އާންމުވާންވާއިރަށް، ފަސޭހަކަމާ އެކު ކާރުތައް ޗާޖުކުރެވޭނެ ޓެކްނޮލޮޖީ ގާއިމުކުރުމަށް ރަސްމީ އިދާރާތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޫބާއިން މި މަސަކަތްތަކުގައި ބައިވެރިވުމަކީ ރަސްމީ އިދާރާތަކަށް ވެސް ލިބޭނެ ބޮޑު ހިތްވަރަކަށް ވާނެ އެވެ. މަގުތަކަށް ކަރަންޓް ކާރުތައް ނެރެން އަވައްޓެރި އިންޑިޔާއިން ތަރައްގީކުރާ ޓެކްނޮލޮޖީން ރާއްޖެ އަށް ވެސް ހެޔޮ ފައިދާކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
26 November 2017
މިހާރުވެސް މުމްބައިގައި ވަރަށް ގިނަ ޓެކްސީކާރުތައް ދުއްވަނީ ގޭހުންނެވެ. އަދި ކުރީގެ ޓެކްސީތައް ހުސްކުރަން މުއްދަތެއް ދީފައިވެއެވެ. އެކަމަކު އޮޓޯ ނުވަތަ ކުރޮޅި ހުސްކުރުން ވަރަށް މުހިންމެވެ.
ކާރު
26 November 2017
ރާއްޖެއަށް އެކަންޏެއްނޫން. އެހެން ގައުމުތަކަށްވެސް ބޮޑުފައިދާއެއްކުރާނެ. އަވަސްކުރޭ