ފުޅިފުޅީގައި ބަންދުކޮށްފައި ހުންނަ ފެންފުޅި ގަތުމުގެ ބަދަލުގައި، އާދައިގެ ފެން އަޅައިގެން ފިލްޓަރުކޮށްގެން ބޭނުންކުރާނެ ފުޅިއެއް ބާޒާރަށް ނެރެން ތައްޔާރުވެއްޖެއެވެ.

ކުއާޓްޒްގެ މި ފެންފުޅިއަކީ ލެޑް ލައިޓެއްގެ އެހީގައި ޖަރާސީމުގެ 99.99 ޕަސެންޓް ނައްތާލާ ފުޅިއެކެވެ.

ސާފު ބޯފެން ބުއިމުގެ މަގްސަދުގައި ގިނަ ބަޔަކު ބޭނުންކުރަނީ ފުޅިފުޅީގައި ބަންދުކޮށްފައި ހުންނަ ފެނެވެ. ނަތީޖާއެއްގެ ގޮތުން ކުނި ގިނަވެ، އެއްލައިލާ ފުޅިތަކުން މުޅި ތިމާވެށި ޚަރާބުވަނީއެވެ. ކުއާޓްޒް ފެންފުޅިއަކީ އޭގައި އެކުލވިފައިވާ ހާއްސަ ސިފައެއްގެ ސަބަބުން އަމިއްލައަށް ފެން ފިލްޓަރުކޮށްދޭ އެއްޗެކެވެ. މި ފިލްޓަރު އޭގެ އެންމެ ފުރިހަމަ ބާރުގައި ދެތިން މަސްދުވަހު މަސައްކަތްކުރެއެވެ. ގިނަ ފުޅިތައް ނުގަނެ ފުދުނީއެވެ. ތިމާވެއްޓަށް ލުޔަކަށް ވެސް ވާނެއެވެ.

ދުވާލަކު 8 ތަށި ފެން ބުއިމަށް ޑޮކްޓަރުން ލަފާދެއްވަނީ އިންސާނުންގެ ދުޅަހެޔޮކަމަށްޓަކައެވެ. ނަމަވެސް ގިނައިން ފެން ބުއިމަށްޓަކައި، ގެންގުޅޭ ފެންފުޅިއަށް ކިތަންމެ ސާފުބޯފެނެއް އެޅިޔަސް ދުވަސްކޮޅަކުން ފުޅިތެރޭގައި ނުބައި ވަހެއް އަށަގަނެއެވެ. ކުއާޓްޒް ފެންފުޅި އުފައްދާފައިވަނީ މިފަދަ ވަހެއް އުފެދުމުގެ ފުރުސަތު ބަންދުކޮށްދޭ ގޮތަށެވެ. މީގައި ހުންނަ އަލްޓްރާ ވައިލެޓް ލެޑް ލައިޓުން އުފައްދާ ފޮޓޯކެމިކަލް ރިއެކްޝަނުން، ހޮސްޕިޓަލެކޭ އެއް ފެންވަރަށް ސްޓެރިލައިޒްކޮށްލައެވެ. ކޮންމެ ހަތަރު ގަޑިން ހަތަރު ގަޑިން ލެޑް ލައިޓް ދިއްލި، ފުޅިތެރެ ސާފުކޮށްދެއެވެ. ބާ އިސްޕަންޖުގަނޑެއް ފުޅިތެރެއަށް ލައިގެން ދޮންނަން ނުޖެހި ފުޅި ރައްކާތެރިކޮށްދެވުނީއެވެ.

މީގެ ފުޅިއަކީ ދުނިޔޭގެ ކޮންމެ ތާކުވެސް ގެންގުޅެވިދާނެ ފުޅިއެކެވެ. ކޮންމެ ތާކުން ކޮންމެ ފެންވަރެއްގެ ފެނެއް ލިބުނަސް ސްޓެރިލައިޒކުރުމާއި ފިލްޓަރުކުރުމަކީ ފުޅީގެ ޒިންމާއެކެވެ. އެއްވެސް ހާސްކަމެއް ނެތި ފެން ބޮމުން ގެންދަންވީއެވެ.