22 އެޕްރީލް 2020 - 00:14
އެޕްލިކޭޝަންތަކުގައި ބޭނުންކުރާ އެނިމޭޝަންތައް ހެދުމަށް ބޮޑު ފަސޭހައެއް ގެނެސްދިން ސްޓާޓްއަޕެއް ކަމަށްވާ، ދިވެހި ޑިވެލޮޕަރުން ވެސް ހިއްސާވާ ލޮޓީފައިލްސް އަށް "އަޑޯބީ ފަންޑް ފޯ ޑިޒައިން" އިން ފަންޑު ލިބިފައިވާ ކަމަށް އެ ސްޓާޓްއަޕުން ބުނެފި އެވެ.
ތަފާތު އެކި ދާއިރާތަކުން ކާމިޔާބު މީހުންގެ ވާހަކަ ގެނެސްދޭ، "ޔުއަ ސްޓޯރީ" އަށް އެ ސްޓާޓަޕުން ބުނީ ފަންޑު ބޭނުންކުރާނީ މިހާރަށް ވުރެ ފަސޭހައިން ބޭނުންކުރެވޭނެ ޕްލެޓްފޯމެއް ހަދަން ރިސާޗް ކުރުމަށް ކަމަށެވެ. އަދި މިހާރަށް ވުރެ ވަރުގަދަ ޕްލެޓްފޯމެއް ހަދަން މަސައްކަތް ކުރާ ކަމަށް ވެސް ބުނެފައި ވެ އެވެ.
އަޑޯބީގެ ދަށުން ހިންގާ "އަޑޯބީ ފަންޑް ފޯ ޑިޒައިން" އިން ޑިވެލޮޕަރުންނާއި ސްޓާޓަޕްތަކަށާއި ކްރިއޭޓިވް އެކި ކަންކަމަށް 10 މިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމާފައިވެ އެވެ.
ކުއާލާ ލަމްޕޫރު އަދި ކެލިފޯނިއާގައި ލޮޓީފައިލްސްގެ ސްޓާޓަޕްގެ އޮފީސް ހުންނައިރު 60 އަށް ވުރެ އަށް ވުރެ ގިނަ ގައުމުން މިހާރު ވެސް އަންނަނީ، އެނިމޭޝަން ބޭނުންކުރަމުންނެވެ.
ކޯ ފައުންޑަރެއްގެ ގޮތުގައި ދިވެހި ޑިވެލޮޕަރު ނަސްރުﷲ އަދުނާން (ނައްޓު) ހިމެނޭ ލޮޓީފައިލްސް ކުންފުންޏެއްގެ ގޮތުގައި މިހާރު ހިންގަމުން އަންނައިރު މި މަސައްކަތުގައި ނައްޓުއާ އެކު ރާއްޖޭގެ ޑިވެލޮޕަރުން ކަމަށްވާ ޖާވިޝް ހަމީދު، ސޮފްވަތު، ޝާފިއީ، ކަރަމް، މާޒިން، ނަޝާތު، ޝާރިފް އަދި ނާއިލް ވަނީ ބައިވެރިވެފަ އެވެ.
މި ސްޓާޓަޕް އިން ހަދާ އެނިމޭޝަން ހުންނަނީ އާއްމުންގެ މެދުގައި މަގުބޫލު ގިފް އަށް ވުރެ ސައިޒުގެ ގޮތުން 600 ގުނަ ކުޑަކޮށެވެ.
ދިވެހި ޑިވެލޮޕަރު ނަސްރުﷲ އަދުނާން (ނައްޓު) އިތުރުން ދެން ހުންނަ، ލޮޓީފައިލްސް ކޯ-ފައުންޑަރު އަދި ސީއީއޯ ޝިތިޖް މިންގްލަނީ ބުނިގޮތުގައި ދުނިޔޭގެ 32،000 އަށްވުރެ ގިނަ ކުންފުނިން މިހާރު ވެސް ލޮޓީފައިލްސް ބޭނުންކުރަމުން އާދެ އެވެ. އޭގެ ތެރޭގައި، އެއާބީއެންބީ، ގޫގުލް، ޓިކްޓޮކް، ހޮޓްސްޓާ ހިމެނެ އެވެ.
ޔުއާ ސްޓޯރީ އަށް ނައްޓު ކިޔައިދީފައިވާ ގޮތުގައި ޑިޒައިނިން ޓޫލްތަކާއި އެއާ ގުޅޭ ކަންކަން ދަސްކުރުމަކީ ޑިވެލޮޕަރުން ކުރަންޖެހޭ ވަރަށް ބުރަ މަސައްކަތެކެވެ. މިކަމަށް ލޮޓީފައިލްސް އިން ހައްލު ހޯދައިދެނީ ގިނަ ފަންކްޝަންތައް ފުރިހަމަކުރުމަށް އެންމެ ކޯޑް ލައިނެއް ވެސް ލިޔެލަން ނުޖެހޭ ގޮތަށްކަން ނައްޓު ފާހަގަކޮށްފައިވެ އެވެ.
ވެބްސައިޓްތަކާއި އެޕްލިކޭޝަންތައް ހަދާ މީހުން ހިތް އެދޭ ގޮތަށް އެނިމޭޝަނެއް ތައްޔާރުކުރުމަކީ ވަރަށް ބޮޑު ކަމެކެވެ. މި އެނިމޭޝަންތަކާއި މޯޝަން ގްރެފިކްސްތައް އަޑޯބީ އާފްޓަ އިފެކްޓްސް ކަހަލަ ސޮޕްޓްވެއާއަކުން ހަދައި ކޮންވާޓްކުރަން ޖެހެނީ މޫވީ ފޯމެޓަށެވެ. މިއީ އެނިމޭޝަން ކަމުދޭތޯ އެހެން މީހުންނަށް ދައްކާލުމަށެވެ. އެކަމަކު މި އެނިމޭޝަން ވެބްސައިޓެއްގައި ނުވަތަ އެޕެއްގައި ބޭނުންކުރަން އަނެއްކާވެސް އިތުރަށް އެތައް މަސައްކަތެއް ކުރަން ޖެހެ އެވެ. އެކަމަކު ތިން ހަތަރު މެގަބައިޓް މޫވީ ފައިލެއް ވެބަށް ނުވަތަ މޯބައިލް އެޕަކަށް ލައިގެން ގުޑާނުލައިނެތީ ދެން އަނެއްކާވެސް ޖެހެނީ އެތައް ބައިވަރު ކޯޑެއް ކޮށްގެން އެނިމޭޓް ކުރާށެވެ.
ލޮޓީފައިލްސް ވެބްސައިޓްގެ ސްކްރީންޝޮޓެއް
އާފްޓައިފެކްޓްގައި ހަދާ އެނިމޭޝަން މޫވީ ނޫން ޑޭޓާ (ޑިވެލޮޕަރުންނަށް ފަސޭހަ) ފޯމެޓަކަށް މިހާރު ކޮންވާޓު ކުރެވެ އެވެ. މިކަން ކުރެވެނީ އެކަމަށް ތައްޔާރުކޮށްފައިވާ ހާއްސަ އެކްސްޓެންޝަނެއް ބޭނުންކޮށްގެނެވެ. އަދި މި އެނިމޭޝަންތައް ވެބް އަދި މޯބައިލް ޕްލެޓްފޯމްތަކުގައި ބޭނުންކުރެވެ އެވެ. މި ފައިލްތައް މޯބައިލް ޕްލެޓްފޯމްތަކުގައި ބޭނުންކުރެވޭ ގޮތަށް ހެދީ ދުނިޔޭގެ މަޝްހޫރު ކުންފުނި އެއާބީއެންބީގެ ޑިޒައިނަރުންނާއި ޑިވެލޮޕަރުން ގުޅިގެންނެވެ. އަދި އެއަށް "ލޮޓީ"ގެ ނަން ދީ އާންމުކޮށް ބޭނުންކުރުމަށް ހުޅުވާލި އެވެ. އެއާ އެކު ޑިވެލޮޕަރުންގެ މަސައްކަތް ކިތަންމެ ފަސޭހަވި ނަމަވެސް، ޑިޒައިނަރުން މިފައިލްތައް ބަލަން ޑިވަލޮޕަރުންގެ އެހީ ހޯދަންޖެހެ އެވެ. މިކަން ހައްލުކޮށްދިނީ ދިވެހި ޑިވެލޮޕަރުންގެ "ލޮޓީފައިލްސް" އެވެ.
ލޮޓީފައިލްސް ވެބްސައިޓަށް މި އެނިމޭޝަން ފައިލް "ޑްރެގް އެންޑް ޑްރޮޕް" ކޮށްލުމުން ނިމުނީ އެވެ. އެނިމޭޝަނެއް މަސައްކަތް ކުރޭތޯ ބަލައިލަން ޑިވެލޮޕަރުންގެ އެހީ ހޯދުން ނިމުމަކަށް އައީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔައައްޔަ
24 April 2020
ރާއްޖޭގަ ބޮޑެތި ކުންފުނި ތަކަށް އެއްވެސް ބައެއް ނޫން ޑިވެލޮޕަރުން ނަކީ ޑެލިވަރީ ސިސްޓަމެއްވެސް ލާރި ނުދޭންވެގެން މެނޭޖު ކުރަނީ ވައިބަރގަ ދެންގޮވަނީ އަތައް އޯޑަރ އައިމަ
ޓެކު މީހާ
22 April 2020
ކަންކުރާމީހުން ރާއްޖޭގެ އަސްދަނޑިން ބޭރަށް، ބާކީތިބި މީހުން ގޭގައި ދަނޑުހައްދަން!
އާދިލު
22 April 2020
ހޫން. މި މީހުން ނޫން ބަޔަކު މި ގައުމުގައި ނެތްތަ؟
އިސްރާއު
22 April 2020
ރާއްޖޭގައި ތިބި ކުދިންކޮޅު ބޭރަށް ގެންދިޔުން ހުއްޓުވުމަށް ސަރުކާރަށް ގޮވާލަން. މިތާ ތިބި މޮޅެތި އެންމެން ގެންގޮސް ހުސްވެއްޖެ.
ނާނާނާ
22 April 2020
މިހެންވަނީ ރާއްޖޭގައި ޒުވާނުންނަށް ފަހި ފުރުސަތު ނެތީމާ. ބޯދާ ހިޔާލުގެ މީހުން ތަންތަނުގެ ވެރިންނަށް އައްޔަންކުރީމަ ވާނެ ހައެތި މިވަނީ
ހުތް އާދަނު
22 April 2020
ކަލެއަށް އެނގޭތަ ރާއްޖޭގައި ސަރުކާރުން ޑިވެލޮޕަރުން ނަށް ދޭ މުސާރަ. އާދައިގެ އެޑްމިން މުވައްޒަފަކަށް ދޭ މުސާރަ . ރާއްޖޭގައި ޑިވެލޮޕަރުން ކުރާ މަސައްކަތް ބަލައެއް ނުގަނޭ .
އެދުރުބެ87
22 April 2020
ބަރާބަރު