ވަންޕްލަސް ނޯޑް: ގޫގުލްގެ އެޕްލިކޭޝަންތައް ގިނަވާނެ

"ވަންޕްލަސް ނޯޑް" އަކީ ވަންޕްލަސް އިން އުފައްދައި، މާކެޓްކުރާ ސްމާޓްފޯނެކެވެ. މި ފޯނު އާންމު މާކެޓަށް ތައާރުފުކުރަން ވަންޕްލަސް އިން ހަމަޖައްސާފައި ވަނީ މިއަދެވެ. މިއީ އެ ކުންފުނިން ވިސްނާފައި އޮތް ގޮތެވެ.


ވަންޕްލަސް ނޯޑް މާކެޓަށް ނެރޭ ދުވަސް ޖެހުނުއިރު ވެސް، މި ފޯނާ ބެހޭ ގޮތުން ދައްކަން ހުރި ވާހަކަތައް ނުނިމެ އެވެ. ވަންޕަސް އިން ގަބޫލުކުރާ ގޮތުގައި، މިއީ ގިނަ ބަޔަކު ތަރުހީބުދޭނެ ފޯނެކެވެ. ސަބަބަކީ، ވަންޕްލަސް އިން ބުނާ ގޮތުން ނަމަ، ބަޖެޓް ފޯނަކަށް ވުމެވެ.

ވަންޕްލަސް އަކީ އަގާ ނުބައްދަލު މޮޅު ފީޗާތައް ފޯނުތަކުގައި ހިމަނާ ކުންފުންޏެކެވެ. ވަންޕްލަސް މަޝްހޫރުވެފައި ވަނީ މި ސިފައިގައި ކަމަށް ވި ނަމަވެސް، ފަހަކަށް އައިސް ވަންޕްލަސްގެ ފޯނުތައް އަގު ހެޔޮ ގިންތި އަށް ފައްތަން ވަނީ ދަތިވެފަ އެވެ. އެ އަށް ވުރެ އަގުތައް އުފުލިފައި ވާތީ އެވެ.

"ވަންޕްލަސް ނޯޑް"އާ ބެހޭ ގޮތުން މި ފަހަރު ލިޔަންޖެހުނީ، ވަންޕްލަސް އިން ދިން އާ މެސެޖެއް އިއްވާލުމަށެވެ. ވަންޕްލަސް އިން ވިސްނާފައި ވަނީ، މި ފޯނުގައި ވަންޕްލަސްގެ އަމިއްލަ އެޕްލިކޭޝަންތަކަށް ވުރެ، ގޫގުލްގެ އެޕްލިކޭޝަންތައް ގިނަކުރުމަށެވެ.

އިންސްޓަގްރާމްގައި ވަންޕްލަސް ނޯޑާ ބެހޭ ގޮތުން ބުނެފައި ވަނީ، މެސެޖްކުރުމަށް އަދި ފޯންކޯލްކުރުމަށް ގޫގުލްގެ އެޕްލިކޭޝަންތައް ބޭނުންކުރެވޭނެ ކަމަށެވެ. އެއީ ގޫގުލްގެ "މެސެޖަސް" އަދި "ފޯން" މި ދެ އެޕްލިކޭޝަނެވެ. މި ފޯނުގައި ބޭނުންކުރެވޭ ވީޑިއޯ ޗެޓް އެޕްލިކޭޝަނަކީ ވެސް ގޫގުލްގެ އުފެއްދުމެކެވެ. އެއީ "ޑުއޯ" އެވެ.

ވަންޕްލަސް ނޯޑްގައި ކުންފުނީގެ އަމިއްލަވަންތަކަން ދަށްކޮށް ދަރަޖަކޮށްފައި ވަނީ ކޮން ބޭނުމަކުތޯ، ކޮމެންޓްކުރި މީހަކު ސުވާލުކުރުމުން ވަންޕްލަސް އިން ބުނީ، އެންޑްރޮއިޑް ފޯނުތަކަށް އެންމެ ކަމުދާނީ ގޫގުލް އެޕްލިކޭޝަންތައް ކަމަށެވެ. ފޯނުގެ ހިނގުން އަވަސްވެފައި ބޭނުންކުރާ މީހުންނަށް މާ ބޮޑަށް ވެސް ކަމުދާނެ ކަމަށެވެ.

ވަންޕްލަސް އަކީ ދެ ގިންތިއަކަށް ބަހާލައިގެން ފޯނުތައް މާކެޓްކުރާ ކުންފުންޏެކެވެ. އެހެން ނަމަވެސް އަގުތަކުގައި މާ ބޮޑު ތަފާތެއް ނެތް ކަމަށް ބުނެވެން ފެށުމުން، ޖަވާބަކަށް ކަމުދާނެ ކަމަށް ބަލައި ވަންޕްލަސް އިން އުފެއްދީ ސްމާޓްފޯނެކެވެ. އެއީ "ނޯޑް" އެވެ.