26 ނޮވެމްބަރ 2020 - 08:06
އާދަޔާހިލާފު މޮޅު ކުރު ވީޑިއޯކޮޅު ތައްޔާރުކުރެވޭ ގޮތަށް ސްނެޕްޗެޓުން "ސްޕޮޓްލައިޓް" ގެ ނަމުގައި އާ ފީޗާއެއް ތައާރަފުކޮށް އޭގެ އެހީގައި ކޮންމެ ދުވަހަކު މިލިއަން ޑޮލަރު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
"ސްޕޮޓްލައިޓް" މި ވަގުތު ތައާރަފުކޮށްފައި ވަނީ އެމެރިކާ އާއި އާއި ކެނެޑާ އާއި އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑާއި އިނގިރޭސިވިލާތާއި އަޔަލެންޑާއި ނޯވޭ އާއި ސްވިޑްން އާއި ޑެންމާކާއި ޖަރުމަނާއި ފްރާސަށެވެ. އެކަމަކު ވަރަށް އަވަހަށް އިތުރު ސަރަހައްދުތަކަށް ވެސް އެ ފީޗާ ތައާރަފުކުރާނެ އެވެ.
"ސްޕޮޓްލައިޓް" ގެ މައިގަނޑު ބޭނުމަކީ ގިނަ ބަޔަކު ޝައުގުވެރިވާ ޒާތުގެ ތަފާތު އަދި މޮޅެތި ވީޑިއޯތައް ކްރިއޭޓަރުން ލައްވައި ހަދައި، އެ ޕްލެޓްފޯމްގެ ކޮންޓެންޓް ވަރުގަދަކުރުމެވެ. އެގޮތުން ތައްޔާރުކުރާ ވީޑިއޯތައް ސީދާ "ސްޕޮޓްލައިޓް" އަށް ނުވަތަ ސްނެޕްޗެޓްގެ "އަވާ ސްޓޯރީ" އަށް ޕޯސްޓްކުރެވޭނެ އެވެ. އަދި އެ ވީޑިއޯތައް ވާން ޖެހޭނީ 13 އަހަރުން މަތީގެ މީހުންނަށް ހާއްސަ އުފެއްދުންތަކަށެވެ. ވީޑިއޯ ތައްޔާރުކުރަން ޖެހޭނީ 60 ސިކުންތު ނުވަތަ އެއް މިނިޓަށް ވުރެ ދިގު ނުވާ ގޮތަށް ވާޓިކަލްކޮށެވެ.
Introducing Spotlight 🔦
— Snapchat (@Snapchat) November 23, 2020
The best of Snapchat. Sit back and take it all in, or submit your video Snaps and you could earn a share of more than $1,000,000 a day. Happy Snapping!https://t.co/U7eG7VNJqk pic.twitter.com/mxGWuDSdQk
އަލަށް ހުޅުވާލި ފުރުސަތާ އެކު ކޮންމެ ދުވަހަކު ވެސް އެންމެ މޮޅު ވީޑިއޯއެއް އުފައްދާ ކްރިއޭޓަރަކަށް 1،000،000 ޑޮލަރު ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. އެކަމަކު އެއީ 16 އަހަރުން މަތީގެ މީހަކަށް ވާންޖެހޭނެ އެވެ. ސްނެޕްޗެޓުން ބުނި ގޮތުގައި މި ފުރުސަތު "ސްޕޮޓްލައިޓް" މިހާރު ލިބޭ ހުރިހާ ސަރަހައްދުތަކުގެ މީހުންނަށް ހިފޭނެ އެވެ.
މޮޅު ވީޑިއޯކޮޅުތައް ތައްޔާރުކޮށްގެން ކޮންމެ ދުވަހަކު މިލިއަން ޑޮލަރު ހޯދޭ ފުރުސަތު މި އަހަރު ނިމެންދެން ސްނެޕްޗެޓުން ކުރިއަށް ގެންދާނެ އެވެ. ކޮންމެ ދުވަހަކު ވެސް އިނާމު ލިބޭ ވީޑިއޯ ހޮވާނީ އެކަމަށް ހާއްސަ ގައިޑްލައިންތަކަށް ބަލައި، އެ ވީޑިއޯއަކަށް ލިބޭ މަގުބޫލު ކަމަށް ވެސް ބަލައިފަ އެވެ. އެގޮތުން ވީޑިއޯތައް ވަޒަންކުރުމުގައި ސްނެޕްޗެޓްގެ އެލޮގްރިދަމް ބޭނުންކުރާނެ އެވެ. ސްނެޕްޗެޓުން ބުނި ގޮތުގައި "ސްޕޮޓްލައިޓް" އާ އެކު އެ ޕްލެޓްފޯމަށް ކޮންމެ ދުވަހަކު އަންނަ ވީޑިއޯތަކުގެ އަދަދު ހަތަރު މިލިއަނަށް އަރާނެ ކަމަށް އުންމީދުކުރެވެ އެވެ.
ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކުން ވެސް ވަނީ އުފެއްދުންތެރި މޮޅެތި ކޮންޓެންޓް ތައްޔާރުކުރާ މީހުންނަށް ފައިސާގެ އިނާމު ދޭން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުނެޕު
26 November 2020
މެޕިންގ އަށް މޮޅު ގޮތެއް... ގިނަ ޑޭޓާ ތަކެއް ނޭނގި ހޯދޭނެ ގޮތެއް...