ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާމިޒު އަތުން ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ ނެންގެވި ފައިސާތަކެއްގެ މައްސަލަ ރާމިޒުގެ ފަރާތުން ކޯޓަށް ހުށަހެޅުމަށް ވަކީލަށް ދައްކަން ޖެހުނު ފައިސާ ތަސްމީނު ދައްކަން ނުޖެހޭނެ ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އުވިދިޔަ މަޖިލީހުގައި ޑީއާރުޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ރާމިޒުގެ ފަރާތުން ތަސްމީނާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ އޭނާ އަތުން ތަސްމީނު ނެންގެވި 20،000 ޑޮލަރު (ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ) އަނބުރާ ހޯދުމަށާއި އެ މައްސަލަ ކޯޓަށް ހުށަހަޅަން ވަކީލަށް ޚަރަދު ކުރަންޖެހުނު 30،000ރ. ތަސްމީނު އަތުން ހޯދުމަށެވެ. ސިވިލް ކޯޓުން 2016 ގައި ނިންމީ 20،000 ޑޮލަރާއި ވަކީލަށް ޚަރަދު ކުރި 30،000ރ. ތަސްމީނު ދައްކަންޖެހޭނެ ކަމަށެވެ.

އެ ހުކުމް ތަސްމީނުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރީ ރާމިޒުގެ ފަރާތުން ވަކީލަށް ޚަރަދުކުރި 30،000ރ. ދައްކަން ތަސްމީނުގެ މައްޗަށް އެ ހުކުމުގައި އަންގާފައި އޮތުމުންނެވެ. ރާމިޒު އަތުން ނެންގެވި 20،000 ޑޮލަރު އަނބުރާ ދައްކަން އެ ހުކުމުގައި އެންގި ބަޔަށް ތަސްމީނު ދެކޮޅެއް ނުހައްދަވަ އެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ ވަކީލަށް ޚަރަދު ކުރަންޖެހޭ ފައިސާ ނަގައިދިނުމާ ގުޅޭގޮތުން ދެ ފަރާތުގެ ދެމެދުގައި ކުރިން އެއްބަސްވުމެއް ވެފައި ނެތް ނަމަ، ވަކީލުގެ ފީ ދައުވާލިބޭ ފަރާތުގެ އަތުން ނަގައިނުދެވޭނެ ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށެވެ. އަދި ރާމިޒާއި ތަސްމީނާ ދެމެދު ކުރި މުއާމަލާތުގައި ވެސް ފައިސާ ނުދެއްކިއްޖެ ނަމަ، ކުރަންޖެހޭ ގާނޫނީ މަސައްކަތަށް ވަކީލަކަށް ދައްކަން ޖެހޭ ފައިސާއާ ބެހޭގޮތުން ދެ ފަރާތުންް ކުރިން އެއްބަސްވުމެއް ވެފައި އޮތްކަން އެނގެން ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެންވެ، އެ މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި ރާމިޒުގެ ފަރާތުން ވަކީލަށް ޚަރަދުކުރި 30،000ރ. އަކީ ތަސްމީނު ދައްކަން ޖެހޭނެ ފައިސާއެއް ނޫން ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ހުކުމުގެ އެ ބައި ބާތިލްކުރާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

އެ މައްސަލަ އިސްތިއުނާފްކުރީ ތަސްމީނު ކަމަށް ވިޔަސް، ތަސްމީނުގެ ފަރާތުން ބަދަލުގައި ހައި ކޯޓަށް ހާޒިރުވާ ފަރާތުން ކޯޓަށް ހާޒިރު ނުވުމުން އެ މައްސަލަ ނިންމީ ތަސްމީނުގެ ޣައިރު ހާޒިރުގަ އެވެ.