ތިލަމާލެ ބްރިޖުގެ މާލެ އާއި ވިލިމާލެއާ ދެމެދުގެ އެންމެ ފަހު ސެގްމެންޓާއެކު، މާލެއާއި ވިލިމާލެ ގުޅުވާލައިފި އެވެ.
ބްރިޖުން މާލެ އާއި ވިލިމާލެ ގުޅުވާލާ ފަހު ސެގްމަންޓް ކާސްޓު ކުރުމުގެ މަސައްކަތް ފެށީ މިއަދު ހެނދުނު 11:00ގަ އެވެ.
ހައުސިން މިނިސްޓްރީން ބުނީ ތިލަމާލެ ބްރިޖުގެ މާލެ އާއި ވިލިމާލެއާ ދެމެދުގެ އެންމެ ފަހު ސެގްމެންޓް ލޯންޗުކޮށް، މާލެއާއި ވިލިމާލެ ގުޅުވާލެވިފައިވާ ކަމަށެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި، އެ ގައުމުގެ އެފްކޮންސް ކުންފުނިން ހަދަމުން އަންނަ 6.7 ކިލޯމީޓަރުގެ މި ދިގު ބްރިޖުގެ 76 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އެ ބްރިޖު އެޅުމަށް މޫދުގެ އަޑީގައި ކުރަން ޖެހޭ ހުރިހާ މަަސައްކަތެއް ވެސް މިހާރު ވަނީ ނިމިފަ އެވެ.
މިއީ ރާއްޖޭގެ ފުރަތަމަ ބުރިޖު، ސިނަމާލެ ބްރިޖަކަށް ވުރެ ހަ ގުނަ ބޮޑު ބްރިޖަކަށް ވުމާ އެކު، މަސައްކަތް ކުރިއަށް ގެންދިއުމުގައި ގިނަ ދަތިތަކަކާ ކުރިމަތިވި އެވެ.
މާލެ ސަރަހައްދުގައި މިހާރު ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ.
އެއީ، އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދީފައިވާ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.