މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ހިދުމަތް ދޭ އުސޫލަށް މިއަދުން ފެށިގެން ބަދަލު ގެނެސްފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މިހާތަނަށް ހިދުމަތް ދެމުން އައީ ދުވާލަކު 100 ނަމްބަރު ދޫކޮށްގެންނެވެ. ލައިސަންސްގެ ކަންތަކާއި ރަޖިސްޓްރީގެ ކަންތައްތަކުގައި ހިދުމަތް ހޯދުމަށް ގިނަ ބަޔަކު ޖެހެނީ އޮފީސް ހުޅުވުމުގެ މާ ކުރިން އެތަނުގައި ކިޔޫ ޖެހޭށެވެ. އެ ޝަކުވާ އޮތީ ވަރަށް ބޮޑުވެފަ އެވެ.
ޓްރާންސްޕޯޓުން ބުނީ ކުރިއާ ހިލާފަށް ދެން ހިދުމަތް ދޭނީ ކޮންމެ ދުވަހަކަށް ވަކި އަދަދެއް ކަނޑައަޅައިގެން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ޓްރާންސްޕޯޓުން ވަނީ ހިދުމަތް ދޭނެ ވަކި ވަގުތެއް ކަނޑައަޅާފަ އެވެ.
އެގޮތުން އެކި ޚިދުމަތްތަކަށް ރަސްމީ ދުވަސްތަކުގެ ހެނދުނު 8 އިން 11 އަށް ނަމްބަރު ދޫކުރާނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތައް ޒަމާނީ ނުވުމާއި ހިދުމަތް ލަސްވުމަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ.